ހަތް ލަނޑުޖަހައިގެން ރަންބޫޓް ހޯދި ތިން ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނޭ
ލ. އޭއީސީގެ ޓީމުގެ ކެޕްޓަން އަޙްމަދު ސަޖުލް ޝުއައިބުގެ ހުނަރާމެދު ދެބަސް ވާނެ މީހަކު ނެތެވެ. ނިމިގެން ދިޔަ ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ، އެ މުބާރާތުން ވިދާލި އެންމެ ހުނަރުވެރި ދަރިވަރަކީ އެއީއެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗާއި ސެމީގައި ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާ، އެންމެ ގިނަ ލަނޑުޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ ލ. އޭއީސީގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅުނު 16 އަހަރުގެ ސަޖުލްއެވެ. އަދި އެއީ އެ މުބާރާތުގެ ޑްރީމް ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.
" ކުލަބު ލެވެލްގެ ފުޓްބޯޅައަށް މިހާރު އެ ހުރީ ފައްކާވެފައި" މުބާރާތުގެ އެންމެ މޮޅު ކޯޗް، އަދި ފާއިތުވި 9 އަހަރު ތެރޭގައި ސަޖުލްގެ ހުނަރު ތަރައްޤީ ކުރުމުގެ މޭސްތިރިއެއްގެ ގޮތުން މަސައްކަތް ކުރި މުޙައްމަދު އަނަސް ބުންޏެވެ.
ސަޖުލް ބުނި ގޮތުގައި، މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުން ބަލިވުމުން ލިބުނު ހިތްދަތި ކަމަށް ނިމުމެއް ގެންނަން މަސައްކަތް ކުރީ ކަށިން ހިތްވަރު ނެރެގެންނެއެވެ. މީގެ ދެ މަސް ކުރިން ޕްރެކްޓިސް ފަށައި، ކޯޗް އަނަސްގެ ބެލުމުގެ ދަށުން އެކުލަވާލެވުނު ޓީމާ މެދު އޭނާއަށް ސައްތައިން ސައްތައިގެ ޔަޤީންކަމެއް އޮތެވެ.

" މުބާރާތަށް ދިޔައިރު ވެސް ފައިނަލާ ހިސާބަށް ދެވޭނެ ކަމުގެ ޔަގީންކަށް އޮތް. ކޯޗްގެ މަސައްކަތް ބަރާބަރު ވެފައި ޓީމް ވޯކް އެހާ ރަނގަޅު. އަދި މޮޅު ކުޅުންތެރިޔާއަށް ވުމަށް އެހާމެ ބުރަކޮށް މަސައްކަތް ކުރިން. އޭގެ ނަތީޖާ އެ ލިބުނީ" މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މަޤާމް ލިބުމުން ހިތްހަމަޖެހިފައި ހުރި ސަޖުލް ބުންޏެވެ.
ފައިނަލުގައި ސަޖުލްގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނީ ޙަމަދު ސްކޫލާައެވެ. ތަށި އުފުލާލީ 1-3ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ލާމަސީލުލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ސަޖުލް ކުޅުނު މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ އެންމެ މެޗަކުންނެވެ.
ސަޖުލް ބުނި ގޮތުގައި، މި ފަހަރުގެ މުބާރާތުގައި ކުޅެން އެންމެ އުނދަގޫވީ ސެމީގައި މާމެންދޫ ސްކޫލާ ދެކޮޅަށެވެ. ސެމީގައި، މާމެންދޫ އަތުން ލ. އޭއިސީ މޮޅުވީ 2-3ންނެވެ. އެ މެޗްގައި ވެސް ސަޖުލް ލަނޑެއް ޖެހިއެވެ. ލ. އޭއީސީން ތިން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި، މާމެންދޫ ސްކޫލުން ކައިރި ކައިރީގައި ދެ ލަނޑު ޖެހިއެވެ. އެ ހިސާބުން ޓީމުގެ ކުޅުންތެރިން ޕްރެޝަރަށް ވެއްޓުނު ކަމަށާއި، އެކަމުން އަރައިގަންނަން ކެޕްޓަނެއްގެ ހައިސިއްޔަތުން ނެގި ޒިންމާއާއި ކޯޗް ދިން އިރުޝާދާއެކު ކުރި ބުރަ މަސައްކަތް ސަޖުން ފާހަގަކުރިއެވެ. އެ މެޗްގެ މޮޅު ކުޅުންތެރިޔަކީ ވެސް ސަޖުލްްއެވެ.

" މާމެންދޫ ސްކޫލްގެ ޓީމަކީ މޮޅެތި ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. ކޮންފިޑެންސް އޮތް ނަމަވެސް ޕްރެޝަރަށް ވެއްޓިގެން ދިޔަ ހާލަތުގައި ފަހަތަށް ފައިބައިގެން މަތިން ބޯޅަތަށް ޕާސްކޮށްގެން ސަލާމަށް ވެވުނީ" މެޗްގެ އޮއިވަރު ދިޔަ ގޮތުން ސަލާމަތްވި ގޮތް ސަޖުލް ކިޔައިދިނެވެ.
ސަޖުލް ބުނީ، ފައިނަލް މެޗްގައި ލަނޑެއް ޖަހައިގެން ރަންބޫޓް އޭނާއަށް އެކަނި ހޯދެން އޮތް ކަމަށެވެ. އެކަމަކު އޭނާ ބޭނުންވީ، ކެޕްޓަންގެ ޒިންމާ ނަގައިގެން އެޓޭކިން މިޑްފީލްޑަރެއްގެ ހައިސިއްޔަތުން ޓީމް ލައްވައި ކުޅުވާށެވެ.
" ލަނޑު ޖަހަން ބޭނުންވި ނަމަ އެކަން ވީސް. އެކަމަކު އެއަށްވުރެ ތަށި މާ މުހިންމު"
ސަޖުލް ބުނި ގޮތުގައި، އޭނާ ގެ ވިސްނުން ހުރީ ގުރޭޑް 10އެއް ނިންމާފައި ފުޓްބޯޅަ ކުލަބަކާ ގުޅޭށެވެ. އޭގެ ފަހުން ކިޔެވުން ވެސް ކުރިއަށް ގެންދާށެވެ.

" ފުޓްބޯޅައިގެ ތެރޭގައި އުޅެމުން ކިޔެވުން ކުރިއަށް ގެންދާ ވިސްނުމެއް މި ގެންގުޅެނީ. އެކަމަކު އަދި ކުރިއަށް ދާނެ ދާއިރާއެއް ނުނިންމަން" ބީޓެކް ސްޓްރީމްގައި ކިޔަވަމުން އަންނަ ސަޖުލް ބުންޏެވެ.
ފުޓްބޯޅައަށް ސަޖުލްގެ ޝަޢުޤު އުފެދުނީ އުމުރުން ހަތް އަހަރުގައެވެ. ތަމްރީނު ވަމުން ދިޔައީ ކޯޗް އަނަސްގެ ފުޓްބޯޅަ އެކަޑަމީގައެވެ.
" ކޯޗް އަނަސްގެ މަސައްކަތުން މި ހިސާބަށް އާދެވުނީ. ހުރިހާ ޝުކުރެއް އޮތީ ވެސް ކޯޗް އަނަސްއަށް" ސަޖުލްގެ ހިތުގައި އޮތީ ކޯޗް އަނަސްއަށް ޚާއްޞަ ލޯތްބެކެވެ.
މެސީއާއި އަޝްފާގަށް ސަޕޯޓް ކުރާ ސަޖުލް ބުނީ، މޮޅު ކުޅުންތެރިއަކަށް ވުމަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޯޗްގެ ބެލުމުގެ ދަށުން ޕްރެކްޓިސް ކުރިއަށް ގެންދާ ކަމަށެވެ. ގަޑިއަށް ދިއުމާއި ކޯޗް ދޭ އިރުޝާދުތަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރަން ޚާއްޞަ އިސްކަމެއް ދިން ކަމަށް ސަޖުލް ބުންޏެވެ.
ސަޖުލްގެ ޝަޢުޤުވެރިކަމާއި ޕްރެކްޓިހަށް ދޭ ސަމާލުކަން ކޯޗް އަނަސް ވެސް ފާހަގަކުރިއެވެ.

އަނަސް ބުނީ، ސަޖުލްއަކީ ހިތްވަރާއެކު ކުރިގެން ކުރިއަށްދާން މަސައްކަތް ކުރާ ހުނަރުވެރި އަޚްލާގު ރަނގަޅު ކުއްޖެއް ކަމަށެވެ.
" ގަޑިއަށް އަންނާނެ. ބަރާބަރަށް ޕްރެކްޓިސް ކުރާނެ. ބުނެދޭ ގޮތަށް އެކަމެއް ކުރެވޭތޯ ވަރަށް މަސައްކަތް ކުރާނެ. އެންމެ މުހިންމު ކަމަކީ ފުޓްބޯޅައަށް ދޭ ސަމާލުކަން" އަނަސް ބުންޏެވެ.
އަނަސް ބުނީ، ސަޖުލްއަށް މިހާރު ބޭނުން ވަނީ މޮޅެތި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތެވެ.
" މިހާރު ހުރި ލެވެލްއިން އިތުރު ލެވެލްއަކަށް ދާނަމަ ފެންވަރުގެ ގޮތުން މަތީ ފަންތީގެ ކުޅުންތެރިންނާއެކު ކުޅެން އެބަޖެހޭ. އެކަން ކުރެވޭނީ ކުލަބަކާ ގުޅިގެން. އޭރުން މިހާރު ހުރި ހުނަރު އިތުރަށް ތަރައްޤީ ކުރެވޭނީ" އަނަސް ބުންޏެވެ.
ލާމަސީލުލާމުން ފެނުނު ލާމަސީލު އެ ހުނަރު ޤައުމީ ފެންވަރުގެ މުބާރާތްތަކުން ފެންނާނެ ދުވަހަކީ ސަޖުލްގެ ވެސް މިހާރުގެ އުއްމީދެވެ. ސަޖުލްއަށް ކުރިއަށް އޮތީ ވެސް އުއްމީދީ ދުަވަސްތަކެވެ.
advertisment
ހިޔާލު