ޅޮހީ ސްކޫލްގައި އަތްދޮންނަން ބެހެއްޓި ލަނކުޑީގެ ސިންކުތަކުން ދައްކުވައިދިން ޒަމާނީ ހުނަރު

ކޮވިޑާއެކު ބަންދު ކުރި ސްކޫލްތަކުގެ ކިޔެވުން ބުދަދުވަހު ފެށިއިރު، ނ. ޅޮހީ ސްކޫލްގެ ގޯތިތެރޭގައި އަތް ދޮންނަން ބެހެއްޓި ލަކުނޑީގެ ސިންކުތަކުން ދައްކުވައިދިނީ އެ ސްކޫލްގެ އިދާރީ މުވައްޒަފުންގެ ޒަމާނީ ހުނަރެވެ. ސްކޫލްތައް ހުޅުވިއިރު، ހުރިހާ ސްކޫލްތަކުންވެސް އެންމެ އިސްކަން ދިން އެއް ކަމަކީ ދަރިވަރުންނާއި މުއައްޒަފުންނަށް ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

އަތް ދޮންނަ އިންތިޒާމް ސްކޫލްތަކުގައި ހަމަޖެއްސިއިރު، އޭގެ ތެރެއިން އެންމެ އަޅައިގަތީ ޅޮހީ ސްކޫލްގެ ހަތަރު ސަރަހައްދެއްގައި ބަހައްޓާފައިވާ ލަކުނޑީގެ ސިންކުތަކަށެވެ. ސްކޫލްތެރޭގައި ޒަމާންތަކެއް ވަންދެން ބަހައްޓާފައިހުރި ލަކުޑިތައް ބޭނުންކޮށް ވީހާވެސް ޚަރަދު ކުޑަކޮށް ސިންކުތަކެއް ހެދުމުގެ ޚިޔާލު އައީ އެ ސްކޫލްގެ އިދާރީ މުއައްޒަފުންގެ ފަރާތުންނެވެ. އެ މަސައްކަތް ކުރީވެސް އެ މުއައްޒަފުންނެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަލީ ޒާހިރު ވިދާޅުވީ ލަކުޑިން ސިންކު ހެދި ނަމަވެސް ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަށް ޑިޒައިނާއި ފެންހަރުލާނެ ހެން މެރިން ވާނިޝް ބޭނުންކޮށްފައިވާ ކަމަށެވެ.

" އިންޓަރނެޓުން ބަލައިގެން އޭގެ ދިރާސާއެއްކޮށް އެންމެ ފަހުން އަމަލީ ގޮތުން މަސައްކަތް ފަށައިގަތީވެސް. މިފަދަ ކަމެއް ކުރުމުގައި ޚަރަދާއި ތިމާވެއްޓާއި އަދި އޭގެ ރީތިކަމަށްވެސް ބަލައިގެން މަސައްކަތް ކުރިއަށް ގެންދިޔައީ" އަލީ ޒާހިރު ވިދާޅުވިއެވެ.

ޅޮހީ ސްކޫލްގެ އެ މަސައްކަތް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ފާހަގަވެސް ކުރައްވާފައެވެ.
ޅޮހީ ސްކޫލްގެ އިތުރުން އެހެން ސްކޫލްތަކުގައިވެސް އަތް ދޮންނަ އިންތިޒާމް ހަމަޖެއްސުމުގައި ތަފާތު ހުނަރުތަކެއް ވަނީ ބޭނުންކޮށްފައެވެ.

ޅޮހީ ސްކޫލްގެ ދޮރާށިން އެތެރެއަށް ވަންނަ ކޮންމެ މީހަކަށް ވެސް ފެންނާނީ ތިމާވެއްޓަށް ދޭ ސަމާލުކަމާއި އެ ސްކޫލްގެ ދަރިވަރުންނާއި ސްޓާފުންގެ ހުނަރުވެރި މަސައްކަތްތަކެވެ. މީގެ ތެރެއިންވެސް " ނާސްތާ މާލަމް" ފާހަގަކޮށްލެވެއެވެ. މިއީ ދަރިވަރުން ހެނދުނުގެ ނާސްތާއަށް ޚާއްޞަ ކޮށްފައިވަ މާލަމެކެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސުކޫލްގެ ގޯތިތެރެ އައްވަނުމުން ތިމާވެއްޓަށް ދެވޭ ސަމާލުކަން ފާހަގަ ކުރެވެއެވެ އަތްދޮންނަތަށިން މުޅި ރާއްޖެެއިން ލާމަސީލު ސުކޫލަކަށް ހޮވެއެވެ އިތުރުހަރަކާތް ތަކުން ދެވަނައެއް ނުވާފަދަ ސުކޫލަކަށް ހޮވެއެވެ ހިތާމަޔަކީ މިފަދަ މޮޅު ސުކޫލުގަ ދަރިވަރުންގެ ކިޔެވުމާއި އަޙުލާގު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާކަމެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *