ޝީޝާ ލާމަސީލު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒު (ލ. އޭއީސީ) އާއި ހަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް ހިނގެއްޖެއެވެ.
ލ. އޭއީސީ ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، މާމެންދޫ ސްކޫލާ ބައްދަލު ކުރި މެޗު 2-3 ގެ ތަފާތަކުން މޮޅުވެގެންނެވެ. މާމެންދޫ ސްކޫލުން ޖެހި ލަނޑުޖެހީ ލ. އޭއީސީން ތިން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައެވެ. މެޗްގެ ފުރަތަމަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ލ. އޭއީސީގެ އަލީ އަބާން އަބްދުއް ރަހީމެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ މެޗްގެ ފުރަތަމަ ފަނަރަ މިނެޓްގެ ތެރޭގައެވެ. ތިން ވަނަ ލަނޑުޖެހީ 60 ވަނަ މިނެޓްގެ ތެރޭގައެވެ.
ލ. އޭއީސީގެ ދެވަނަ ލަނޑު ޖެހީ 49 ވަނަ މިނެޓްގައި، މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި، ޖާރޒީނަމްބަރު 10 އަހްމަދު ސާޖިދު ޝުއައިބެވެ.
މާމެންދޫން ދެ ލަނޑުވެސް ޖެހީ ކައިރިކައިރީގައެވެ. ފުރަތަމަ ލަނޑު 62 ވަނަ މިނެޓްގައި ޖެހީ މުޙައްމަދު އަޔުސް ސަލީމެވެ. އޭގެ ދެ މިނެޓް ފަހުން ދެވަނަ ލަނޑު 64 ވަނަ މިނެޓްގައި ޖެހީ ހުސައިން ނާއިލެވެ.
ޙަމަދު ސްކޫލް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި މިރޭ، ދަނބިދޫ ސްކޫލާ ވާދަކޮށް 5-3 ގެ ތަފާތަކުން މޮޅުވެގެންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު، ޙަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 21 އިބްރާޙިމް ނަސީޙް ޖެހީ މެޗް ފެށިތާ ފަސް މިނެޓް ނުވަނީހެވެ. ޙަމަދު ސްކޫލުން ލީޑް ނެގިތާ އަށް ވަނަ މިނެޓްގައި ދަނބިދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 7، އަޙްމަދު ރުވާއު ހިލޭ ޖެހުމަކުން ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗްގެ ފަނަރަ ވަނަ މިނެޓްގައި ޙަމަދު ސްކޫލުގެ އިބްރާޙިމް ނަސީޙް އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗް ނަތީޖާ އެ ސްކޫލުގެ ކޮޅަށް އަނބުރާލިއެވެ.
ޙަމަދު ސްކޫލުން ދެން ލަނޑުޖެހީ މުޙައްމަދު ރިފްދާން އަލީއާއި ނޫޙް އިސްމާއިލެވެ. ރިފްދާން ވަނީ ދެ ލަނޑު ޖަހާފައެވެ.
ދެވަނަ ހާފް ފެށިތާ، ދެ ވަނަ މިނެޓްގެ ތެރޭގައ ދަނބިދޫގެ ދެ ވަނަ ލަނޑު ޖެހީ ޖޯޒީ ނަމްބަރު 10 މުޙައްމަދު ޚަލަފެވެ. ޚަލަފުގެ ދެ ވަނަ ލަނޑު ޖެހީ ޙަމަދު ސްކޫލުގެ ހާފްގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހެމަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޙަމަދު ސްކޫލުގެ އިބްރާޙިމް ނަސީޙެވެ.
advertisment
ހިޔާލު