އައު ޢާންމު ހާލަތާއެކު ސްކޫލްތަކުގައި ކިޔެވުން ފަށައިިފި
މިއަދު ކިޔެވުން ފެށީ ގުރޭޑް1ން ފެށިގެން 12އާ ހަމައަށެވެ. ހުރިހާ ސްކޫލެއްވެސް ވަނީ އައު ޢާންމު ހާލަތަށް ތައްޔާރުވެ ފުރިހަމަ މަރުޙަބާއެއް ދަރިވަރުންނަށް ކިޔާފައެވެ.

މިއަދު ކިޔެވުން ފެށިއިރު، ސްކޫލްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ދަރިވަރުންނަށް ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. ކުލާސްތަކުގައި ތިބީ ގިނަވަގެން 15 ކުދިންނެވެ. ކުރިން އެއް ދަންފަޅިއަށް ހިންގި ސްކޫލްތައް ދެ ދަންފަޅިއަށް، ދެ ދަންފަޅިއަށް ހިންގި ސްލޫލްތައް ހަތަރު ދަންފަޅިއަށް ހިންގަން ވަނީ ފަށާފައެވެ.

މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގައި މިއަދު ކިޔަވައިދޭން ފެށީ ގުރޭޑް 9ން 12އަށެވެ. ސީއެޗްއެސްސީގައި ކޮންމެ ކުއްޖަކުވެސް ކިޔަވަން ދާން ޖެހެނީ ހަފުތާއަކު ދެ ދުވަހުއެވެ.
ސްކޫލްތައް ހުޅުވަންވާއިރަށް އައު ޢާންމު ޙާލަތުގައި ސްކޫލްތަކަށް ބޭނުންވާ ސާމާނުގެ ތިން މަހުގެ ސްޓޮކެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ރޭ ވިދާޅުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، މާލެ ސަރަހައްދުގެ ސްކޫލުތަކަށް ހުއްދަ ދީފައި ވަނީ ގުރޭޑް 9ން މަތީގެ ގުރޭޑްތަކަށް ކިޔަވައިދިނުމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ކޮންމެ 14 ދުވަހަކުން ރިވިއުކުރުމަށްފަހު، އިތުރު ގުރޭޑްތަކަށް ކިޔަވައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ކުރިން ނިންމާފައި ވަނީ ފަހަރަކު ގުރޭޑްތަކަށް އިތުރުވާ ގޮތަށް ހުރިހާ ގުރޭޑްތަކަށް ކިޔަވައިދޭން ކުރިއަށް ގެންދާށެވެ.




advertisment
ހިޔާލު