މާދަމާ ސްކޫލްތައް ހުޅުވޭއިރު، އައު ޢާންމު ޙާލަތުގައި ބޭނުން ކުރުމަށް ކޮންމެ ސްކޫލެއްގައިވެސް ތިން މަހުގެ ސްޓޯކެއް ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައު ޢާންމު ހާލަތުގައި ބޭނުން ކުރާ ވަރަށް ފޮނުވި ތަކެތީގެ ސްޓޮކް ހުސްވާވަރަކަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑަށް ސަމާލުކަން ދެނީ ދަރިވަރުން އަތް ދޮވުމުގެ އިންތިޒާމް ހަމަޖައްސައިދޭން ކަމަށާއި، ބާރު އަޅަނީ ސައިބޯނި ލައިގެން އަތް ދޮންނަންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތް ދޮވެވޭނެ އިންތިޒާމްތައް ސްކޫލްތަކުގައި ހަމަޖައްސާފައިވާ ކަމަށާއި، ސެނިޓެއިޒާއާއި ތަމޯމީޓަރުވެސް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ.
" އަޅުގަނޑުމެން ގަސްދުކޮށްެގެން ތިބީ ދަރިވަރުން ވީމާ ބޮޑަށް ވަސްނުދުވާ ކަހަލަ ޑިސްއިންފެކްޓެންޓް ހޯދަން. އެކަމަކު އެ ލިބުނީ ރޭގައި. މިއަދު ސްކޫލްތަކަށް ފޮނުވަން ފަށައިފިން" މިނިސްޓަރު ވިދާޅުވިއެވެ. " އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ސްކޫލަތަކެއްގައި ވެސް ޑިސްއިންފެކްޓް ކުރާނެ ގޮތުގެ އިރުޝާދު އަޅުގަނޑުމެން ވާނީ ދީފައި"
މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވަން ތައްޔާރުވެފައި އޮތް މިންވަރު ފެނިވަޑައިގެންނެވުން ވަރަށް އުފާވި ކަމަށާއި، އެޑިއުކޭޝާނުން ކަނޑައެޅި އުޞޫލާ އެއްގޮތަށް ހުރިހާ ކަމެއްހެން ސްކޫލްތަކުން ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ މާލޭ ހިމެނޭ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ވަޑައިގެން ސްކޫލްތައް ތައްޔާރުވެފައި އޮތް ގޮތުގެ މައުލޫމާތު ހޯއްދަވާފައެވެ. އަދި އަތޮޅު ތެރޭގައިވާ ސްކޫލްތަކުގެ މައުލޫމާތު ޕްރިންސިޕަލުންގެ ފަރާތުން ހޯއްދަވާފައެވެ.
advertisment
ހިޔާލު