ޑރ. ޝާފިޔާގެ ކަންބޮޑުވުން: "ހިލޭ ޑިގްރީ ދިނީމާ، އިތުރަށް މަސައްކަތް ކޮށްފައި، ޕާޓްޓައިމްއަށް ކިޔަވަން އައުން"

ރާއްޖޭގެ ތަޢުލީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުޞަތު ތަނަވަސްކޮށް ދިނުމުން، ފުލްޓައިމް ވަޒީފާ އަދާކޮށްފައި، ކިޔެވުން ޕާޓްޓައިމް ކަމެއްގެ ގޮތުގައި ހެދުން ކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑީޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރު، ޑރ. އާމިނަތު ޝާފިޔާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ކިޔަވާ ދަރިވަރުންގެ ފެންވަރަށް ވަރަށް ބޮޑު އަސަރެއް ކުރަމުންދާ ކަމަށެވެ.

" ކުދިން ކިޔަވަން އަންނަނީ ޕާޓްޓައިމްއަށް، ފުލްޓައިމް ވަޒީފާ އަދާކޮށްފައި. އޭގެ ސަބަބުން ކުދިންގެ ފެންވަރަށް ވަރަށް ބޮޑު އަސަރެއް އެބަ ކުރޭ"

ޑރ. ޝާފިޔާ ވިދާޅުވި ގޮތުގައި، ކޯސްތައް ފަރުމާކޮށްފައި ހުންނަނީ ކުދިން ކިޔަވާ ގަޑި ވެސް ހިމަނައިގެންނެވެ. ކޮންމެ ކޯހެއްގެ ޔުނިޓް އައުޓްލައިން މޮޑިއުލް ޑިޒައިން ކޮށްފައި އޮންނާނީ ކިޔެވުމަށް ދަރިވަރުންނަށް ވަގުތު ދެވިގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއީ ދުނިޔޭގެ ހުރިހާ ޔުނިވަރސިޓީތަކާ އެލައިން ކޮށްފައި ކޯސްތައް ޑިޒައިން ކޮށްފައި އޮންނަ ގޮތް ކަމަށެވެ.

" ކޮންމެ ކޮންޓެކްޓް އަވަރއަކަށް، މާނައަކީ ވީކް ތެރޭގައި އޮންނަ ހަތަރު ގަޑިއިރަށް 10 ގަޑިއިރު އަސްލު ކުދިން ހޭދަކުރަން ޖެހޭނީ ކިޔެވުމުގެ މަސައްކަތުގައޭ. އެކަމަކު މިހާރުގެ ކުދިންނަކަށް އެ ވަގުތެއް އަސްލު ނުދެވޭ. އޭގެ ސަބަބުން މި ވާގޮތަކީ، އިތުރަށް ރީޑިންއެއް ކިޔާފައި މަސައްކަތެއް ދީފިއިއްޔާ، އެކުދިންނަށް އެ މަސައްކަތެއް ނިންމާކަށް ވަގުތެއް ނުލިބުން. ކުދިންގެ ފެންވަރަށް ވަރަށް ބޮޑު އަސަރެއް އެބަކުރޭ ޕާޓްޓައިމްގައި ކިޔަވާ އުޞޫލުން ކިޔަވާތީވެ. ކުދިން ހުސްވެ ނުތިބޭ ކިޔެވުމަކަށް"

ޝާފިޔާ ވިދާޅުވީ، ހިލޭ ޑިގްރީ އިއުލާން ކުރީމާ އުއްމީދު ކުރެއްވީ ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑު ފަހިކަމެއް އަންނާނެ ކަމަށެވެ. އެކަން ކުރީ ވަރަށް ބޮޑު ތަޞައްވުރެއް އޮވެގެން ކަމަށް ވި ނަމަވެސް ހިލޭ ޑިގްރީއާ އެކީ އެހެން ގޮންޖެހުމެއް އައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިލޭ ޑިގްރީގެ މަޤްޞަދަކީ ބެލެނިވެރިންގެ ޖީބަށް ލުއިކޮށްފައި ކުދިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ. އެކަމަކު އެއާ ޚިލާފަށް ހިލޭ ޑިގްރީ ދިނީމާ މައިންބަފައިންގެ ޖީބަށް ލުއިވުން ނުވަތަ އެ ލުޔާ އެކު ޒިންމާ ނެގުމުގެ ބައި ކުޑަވެއްޖެ ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.

" ކިޔަވާނެ އިރަކުން ކިޔަވަންވީ. ކިޔެވުމުގެ ވެލިޔު ދަށްވީ" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

އެކަމަށް މިސާލެއް ވެސް އޭނާ ޖެއްސެވިއެވެ. " މުސްކުޅިން ބުނާ ހަރުބަހެއްގައި އޮވޭ ޖީބުން ޚަރަދު ކުރީމައޭ ޚަރަދު އެނގޭނީ ވެސް"

" ހިލޭ ޑިގްރީއަށް ހަ އަހަރު ވެގެންދާއިރު ކިޔެވުމުގެ ފެންވަރު އިތުރުވީހެއްޔޭ؟ ނޫނީ ކުދިންގެ ޖޯޝް އިތުރުވީހެއްޔޭ؟" އެއަށް ދިރާސާއެއް ހަދައިފިއްޔާ އެ ހަގީގަތް ފެންނާނެ ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.

ޑރ. ޝާފިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ހިލޭ ސްކޮލަރޝިޕެއްގެ ފުރުޞަތު ދޭ ކަމަށް ވަންޏާ ފެންވަރު ރަނގަޅު ތައުލީމަށް މަގުފަހިވާނެ ކަންތައްތަކެއް ފުރިހަމަ ކޮށްފައި އޮންނަން ޖެހެއެވެ. ސްކޮލަރޝިޕެއްގެ ދަށުން ކިޔަވައި ދަރިވަރަކަށް މަސައްކަތް ކުރެވޭ މިންވަރެއް ކަނޑައަޅާފައި އޮންނަން ޖެހެއެވެ. އެފަދަ ސްކޮލަރޝިޕްތައް ދޭން ޖެހޭނީ ޓާގެޓް ތަކަކަށް އަމާޒު ވެސް ކޮށްގެންނެވެ.

" ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް މިހެން ދެވޭ އިންސެންޓިވްތަކަކީ ނުވަތަ އިމްތިޔާޒާތު ތަކަކީ ސީދާ ޓާގެޓް ކުރުން. މިސާލަކަށް ފްރީ ޑިގްރީގެ ބޭނުމަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދޭން ކަމަށްވަންޏާމު، އެ ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކަމަށް ވަންޏާމު، މަސައްކަތް ކުރަންޖެހޭ ވަގުތު އޮންނަން ޖެހޭނީ ލިމިޓް ކޮށްފައި. އޮސްޓްރޭލިޔާ ނިއުޒިލެންޑް ފަދަ ޤައުމު ތަކުގައި ފުލްޓައިމް ސްކޮލަރޝިޕެއްގައި އުޅޭ މީހަކަށް ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތެއް ނުކުރެވޭނެ. އޭގެ ބޭނުމަކީ ކިޔަވަން ވަގުތު ދިނުން" ހިލޭ ޑިގްރީއަކީ ސްކޮލަރޝިޕެއްކަން ފާހަގަކުރައްވައި ޑރ. ޝާފިޔާ ވިދާޅުވިއެވެ.

" އަޅުގަނޑުމެން ރާއްޖޭގައި މިޖެހީ އިދިކޮޅަށް. ޑިގްރީ ހިލޭ ކުރީމާ، ކުދިން އިތުރަށް މަސައްކަތް ކޮށްފައި ޕާޓް ޓައިމްގައި ކިޔަވަން އަންނަނީ"

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހިލޭ ޑިގްރީ ސްކީމް ހަރުދަނާކޮށް، ކުދިން ކިޔެވުމަށް ހުސްވާނެ ގޮތެއް ހޯދަން ޖެހެއެވެ. އެހެން ނޫނީ ޑިގްރީ ނިންމާފައި ނުކުންނަ މީހުން ދާނީ އިތުރުވަމުންނެވެ. އެކަމަކު ފެންވަރު ދާނީ ދަށަށެވެ.

މަތީ ތައުލީމަށް އާ ފުރުޞަތު ތަކާއި އާ ސްކީމްތައް ހުޅުވުމަކީ މުހިންމު ކަމެއް. ހަރުދަނާ ނެޝަނަލް ޕްލޭނެއް ނެތި ހުޅުވާލެވޭ ލޯން ސްކީމްތައް އެބައާދޭ. އޭގެ ސަބަބުން މުޅި ތަޢުލީމީ ނިޒާމަށް ބުރުލެއް އެބަ އަރާ" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

" ބައެއް ކަހަލަ ޕްލޭންތަކާ މެދު އަޅުގަނޑުމެން އެބަ ޖެހޭ ވިސްނަން. މިސާލަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަކި މާއްދާތަކުގެ ޓީޗަރުން މަދުވާ ކަމަށް ވަންޏާ އެއަށް އަމާޒުކޮށްގެން ލޯން ސްކީމެއް ދީފައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ނޫން ތަމްރީނު ކުރަން ޖެހޭނީ. އެކަން ކުރަން ޖެހޭނީ ރާއްޖޭގައި. އަދި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮން ދާއިރާތަކެއްތޯ ބަލައި، ބޭސްލައިން އެނަލިސިސްއެއް ހަދާފައި ބޭނުންވާ ދާއިރާތަކުން ލޯން ސްކީމް ދޭން ޖެހޭނީ. ބައިވަރު ލޯން ސްކީމްތައް ތަޢާރަފު ކުރީމާ ކުދިން ބޭނުންވާ އެއްޗެއް ހަދަން ދަނީ. ޤައުމަށް ބޭނުން ވަނީ ކޮންއެއްޗެއްތޯ ބަލާފައި އެނަލިސިސްއެއް ހެދިފައެއް ނޯވޭ"

ވަކި މާއްދާތަކުން މުދައްރިސުންނަށް ވާނެ މީހުން ނުލިބޭ

ޑރ. ޝާފިޔާ ވިދާޅުވީ، ސްކޫލްތަކުގައި ކިޔަވައިދޭން ބޭނުންވާ މުދައްރިސުން ތަމްރީނު ކުރަން ބަލާއިރު، ވަކި މާއްދާތަކުން މުދައްރިސުންނަށް ވާނެ މީހުން ނުލިބޭ ކަމަށެވެ. އެތައް ފަހަރަކު އިއުލާން ކޮށްގެން، ސާނަވީ ގުރޭޑް ތަކުގެ ބައެއް މާއްދާތަކުން ތަމްރީނު ވާނެ މީހުން ނުވެގެން އެ ކޯސްތައް ކުރިއަށް ނުގެންދެވޭކަން ޑރ. ޝަފީއާ ފާހަގަކުރެއްވިއެވެ.

ވަކި މާއްދާތަކަށް ބަލާއިރު، ކިޔަވާނެ ކުދިން ނުވާ މާއްދާތަކުގެ ތެރޭގައި ޑރ. ޝާފިޔާ ފާހަގަކުރެއްވީ، އިންކުލޫސިވް އެޑިޔުކޭޝަންއާއި ސޯޝަލް ސްޓަޑީޒާއި ފިޒިކަލް އެޑިޔުކޭޝަނެވެ. މިފަދަ މާއްދާތައް ކިޔަވައިވައިދޭން ދިވެހިން ނުނުކުންނާތީ އެ މާއްދާތައް ކިޔަވައިދޭން ގެންނަން ޖެހެނީ ބިދޭސީ މުދައްރިސުންނެވެ.

" ސެކަންޑްރީގައި ވަކިވަކި ސަބްޖެކްޓް އެބަހުރޭ، އަޅުގަނޑުމެން އެތައް ފަހަރަކު އިއުލާން ކޮށްގެން ވެސް އެ މާއްދާތައް ހަދާނެ ކުދިން ނުވާ. އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ވެސް ވަރަށް މަދުން ކުދިން ލިބެނީ. ހިލޭ ޑިގްރީ ހެދޭއިރު ވެސް ކޯހަކަށް ވާ ވަރަށް ކުދިންނެއް ނުލިބޭ. ސޯޝަލް ސްޓަޑީޒާއި ފިޒިކަލް އެޑިޔުކޭޝަން ކަހަލަ މާއްދާތަކަކީ ސްކޫލްތަކަށް ވަރަށް ބޮޑަށް މުދައްރިސުން ބޭނުންވާ ދާއިރާތައް. ކިޔަވާނެ ކުދިން ނުލިބުމަކީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް" ޑރ. ޝާފިޔާގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވިއެވެ.

2000 ވަނަ އަހަރުން ފެށިގެން، މުދައްރިސުން ތަމްރީނު ކުރުމަށް ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ވިދާޅުވި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން މުދައްރިސް ކަމުގެ ކޯސްތަކުގައި ކިޔަވަމުން ދިޔަ ދަރިވަރުން ވަރަށް ގިނައެވެ. ކުލާހެއްގައި އޭރު 125 އެއްހާ ދަރިވަރުން ކިޔަވަމުން ދިޔައެވެ. އެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައި، ޑރ. ޝާފިޔާ ވިދާޅުވީ، ކޯ ސަބްޖެޓް ތަކާއެކު މިހާރު ކިޔަވާނީ 50 އެއްހާ ކުދިން ކަމަށެވެ.

ޑރ. ޝާފިޔާ ވިދާޅުވީ، ކިޔަވާނެ ދަރިވަރުން ނުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ފެކަލްޓީން ހިންގާ ޕްރޮގްރާމްތައް ރިވައިސް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ޕްރޮގްރާމްތައް އެކްސްޗޭންޖްކޮށް، ފުޅާ ކުރެވޭނެ ގޮތްތައް ވެސް ބައްލަވަމުން އަންނަ ކަމަށެވެ.

" ކޯސްތައް މާކެޓް ކުރަން ވެސް ތަފާތު އެޕްރޯޗްތައް ގެންގުޅެން. ކެރިއަރ ގައިޑެންސް ޕްރޮގްމްތައް ސްކޫލްތަކަށް ގޮސްގެން އެބަ ހިންގަން"

ޑރ. ޝާފިޔާ ވިދާޅުވީ، މުދައްރިސުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތްތަކެއް ސްކޫލްތަކަށް ޒިޔާރަތް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެއީ ޑިގްރީ ނަހަދާ މުދައްރިސުން ތިބީ ކޮން ދާއިރާތަކެއްގައި ތޯ ބަލައި، ޑިގްރީ ނަހަދައި ތިބި މުދައްރިސުންނަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ކަމަށެވެ.

" އަރލީ ޗައިލްޑް ހުޑް، ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދޭ މުދައްރިސުންގެ ތެރޭގައި ވަރަށް ބައިވަރު މުދައްރިސުން ޑިގްރީ ނަހަދާ އެބަތިބި. އެއީ އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއް ދާއިރާ. އެ ދާއިރާއިން ކުދިންނެއް ނުވެސް އާދޭ ޑިގްރީ ހަދާކަށް. އިއުލާން ކުރީމާ އެކެއް، ދޭއް ނޫނީ ތިނެއް ކުރިމަތި ލަނީ ވެސް"

ވަކިވަކިން ސްކޫލްތަކަށް ޒިޔާރަތްކޮށް، މިހާރު ކިޔަވައިދެމުން ގެންދާ މުދައްރިސުންނަށް ފަސޭހައިން ޑިގްރީ ހެދޭނެ އިންތިޒާމެއް ހަމަޖެސުމަކީ އެއީ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މި އަހަރު ކުރަންނިންމާފައިވާ އެންމެ މުހިންމު އެއް މަސައްކަތެކެވެ.

" ބޭނުމަކީ ކޯހަށް ދަރިވަރުން ހޯދުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު ވިސްނުމަކީ ޤައުމެއްގެ ޖީލު ބިނާކުރުމުގެ އަސާސަކީ ފައުންޑޭޝަން ސްޓޭޖް. ފައުންޑޭޝަން ސްޓޭޖްގައި ކިޔަވައިދޭ މުދައްރިސުން، އެންމެ ތިން މަހުގެ ކޯހެއް ހަދާފައި ތިބީމާ ހަޤީގަތުގައި ރަނގަޅު ފައުންޑޭޝަނެއް އަޅާ ނުދެވޭނެ. އޭގެ އަސަރު ކުރޭ ކުއްޖާ ކިޔަވާ އެ މަރުހާލާއަށް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *