ތައްޔާރީތައް ބައްލަވަން އެޑިއުކޭޝާން މިނިސްޓަރު ސްކޫލްތަކަށް

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވާލާއިރު، ސްކޫލްތަކުން ވަމުންދާ ތައްޔާރީތައް ބައްލަވާ ލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ސްކޫލްތަކަށް ޒިޔާރަތްކުރައްވަން ފައްޓަވައިފިއެވެ.

ސްކޫލްތަކުގެ ތައްޔާރީތާއް ބައްލަވާލެއްވުމަށް މިނިސްޓަރުގެ ދަތުރު ފެއްޓެވި މަޖީދިއްޔާ ސްކޫލުންނެވެ. ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ހުޅުވާން ނިންމިއިރު، މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ގުރޭޑް 9ން މަތީގެ ގުރޭޑް ތަކަށެވެ. އެއީ ފުރަބަންދުގެ ހާލަތު އެކީ އުވާލާފައި ނުވާތީއެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނުގައިވާ ގޮތުން ލޮކްޑައުންގައި އޮންނަ ރަށްރަށުގައި ކިޔަވައިދޭން ފަށާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެެވެ.

ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު ސްކޫލް މާހައުލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި (ސެނިޓައިޒާ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) މިމިނިސްޓްރީއިން މިދަނީ ސްކޫލްތަކަށް ފޮނުވަމުންނެވެ. އަދި މިތަކެތި ގިނަ ސްކޫލްތަކަށް މިހާރުވާނީ ލިބިފަ އެވެ. މީގެ އިތުރުން ސްކޫލްތަކުގައި ގާއިމުކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާއިރު ސްކޫލްތައް ހުޅުވެންވާއިރު ހުރިހާ ސްކޫލެއްގައި ގާއިމުކޮށް ނިމޭނެއެވެ.

ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލެވިފައިވާނެއެވެ. މީގެ އިތުރުން ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު މޭޒުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓިފައިވާނެއެވެ.
ޖުލައި 1 ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވާލަން ނިންމާފައިވާ އިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތައް ހުޅުވޭނީ ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ނެތް ރަށް ރަށުގައި ގްރޭޑް 1 ކުން ފެށިގެން މަތީގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *