"މިވަގުތު ނެގެން އޮތީ ވަގުތީ މުދައްރިސަކަށް" ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ދެއްވި ޖަވާބު އެއީ ފާތުމަތު ރަޝީދާ ( ފާތުން މިސް) އަށް މައްސަލައަކަށް ނުވިއެވެ. އިސްކަންދަރު ސްކޫލުގެ ވަގުތީ މުދައްރިސެއްގެ ވަޒީފާ ދޫކޮށްލެއްވުމަށްފަހު، ހުރަވީ ސްކޫލަށް ނުކުންނެވީ އެކަން ކުރަން ބޭނުންވެގެންނެވެ. އޭގެ ކުރިން މާލޭގައި ހުރި އެތައް ސްކޫލެއްގެ ވަޒީފާއަށް އޭނާ ކުރިމަތި ލިއެވެ. ކޮންމެ ފަހަރަކު ވެސް ވަޒީފާގެ މެދަށް ވަންނަނީ ތަޖުރިބާގެ މައްސަލައެވެ. ވަޒީފާ ނުލިބުމުގެ އުޒުރަކަށް ދައްކަނީ ވެސް ތަޖުރިބާއެވެ.
" މުދައްރިސެއްގެ ވަޒީފާއަށް އިއުލާން ކުރީމާ ކުރިމަތިލާ ކޮންމެ ފަހަރަކު ވެސް އެކްސްޕީރިއަންސް ނެތޭ ކިޔާފައި ނުއެއް ނަގާ. އެކްސްޕީރިއަންސް ލިބޭނީ ވެސް ވަޒީފާގައި އުޅެގެންތާ" މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ކުޑައިރުއްސުރެ ވެސް ފާތުން ކުރި އުއްމީދެއެވެ.

" ކިޔައިވައި ދިނުމަކީ އެއީ ކުޑައިރުއްސުރެ ކުރާހިތްވި މަސައްކަތް. އެއީ ގަޔާވެގެން ވަރަށް ލޯބިން ކުރާހިތުން ކުރާކަމެއް"
ދިވެހި މުދައްރިސް ކަމުގެ ކޯސް ފާތުން ނިންމެވީ 2016 ވަނަ އަހަރުއެވެ. އޭގެފަހުން 2018 ވަނަ އަހަރު ވަގުތީގޮތުން (ކޮންޓްރެކްޓް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އިސްކަންދަރު ސްކޫލުގައެވެ.
ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރަން ޖެހުމުން ވަޒީފާ ވެސް ހުޅުމާލެއަށް ބަދަލުކުރަން ފާތުންއަށް މަޖުބޫރުވިއެވެ. ވަގުތީ މުދައްރިސެއްގެ ގޮތުގައި ހުރަވީ ސްލޫލާ ގުޅިވަޑައިގެންނެވީ އެހެންވެއެވެ.
ވަގުތީ މުދައްރިސެއްގެ ގޮތުގައި ކިޔަވައި ދެއްވަމުން ގެންދެވިތާ މާ ގިނަ ދުވަހެއް ނުވަނީސް ދާއިމީ މުދައްރިސަކު ބޭނުން ވެގެން އެ ސްކޫލުން އިއުލާން ކުރިއެވެ.
" ދާއިމީ ވަޒީފާއަށް އިއުލާން ކުރީމާ ކުރިމަތިލައިގެން ހޮވުނީ" ފާތުން ވިދާޅިވިއެވެ. " އޭރު ގާތްގަނޑަށް ވާނީ އެއް ޓާމު . އެއީ 6 މަސް ދުވަސް"
ފާތުން ވިދާޅުވި ގޮތުގައި ހުރަވީ ސްކޫލުގެ މުދައްރިސެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދެވެ.
" ސަރ އަބަދުވެސް ހިތްވަރު ދޭނެ، ކުރިއަށްދާން. ރަނގަޅު މުދައްރިސަކަށްވެވޭނެކަން. ކުދިންނަށް ނަމޫނާއަކަށް ވާން"

ޕްރިންސިޕަލުގެ ދޭ އިރުޝާދާއި ދޭ ހިތްވަރުން ފާތުން ވަޑައިގެންނެވީ ކުރިއަށެވެ. އެހެން މުދައްރިސުންނަށް ނަމޫނާ ދައްކަވައި ދެއްކި ހުނަރާއި މަސައްކަތަށް ދިން ޝަޢުޤުވެރިކަމުގެ ނަތީޖާއަކީ ލީޑް ކުރާ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމެވެ. ކީ ސްޓޭޖް އެކެއް ދޭއްގެ ދިވެހި މާއްދާ އެންމެ އިސްކޮށް ބަލަހައްޓަވަނީ މިއަދު ފާތުންއެވެ.
އޭނާ އެންމެ އުފާ ވަނީ ކިޔަވައިދިން ދަރިވަރުންގެ ފަރާތުން ލިބޭ ހިތްހެޔޮކަމެވެ. އެކުދިންގެ ލޯތްބެވެ. އެއީ މުދައްރިސަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.
" މަގުމަތިން ފެނުނަސް މިސްއޭ ކިޔާ ގޮވާލާފައި ވާހަކަ ދައްކާފައި ދާނީ" ފާތުންއާ ދަރިވަރުންނާ އޮތް ގާތް ގުޅުން ސިފަކޮށްދިނެއެވެ.
ހުރަވީ ސްކޫލަކީ ފާތުންގެ ދެ ވަނަ ގެއެވެ. އެހާ ވެސް އެތަނަށް އޮތް ލޯބި ބޮޑެވެ. ރާއްޖޭގެ އެތައް ރަށަކުން އެތައް ސަތޭކަ ކުދިންނާއި މުދައްރިސުން މިއަދު އެ ސްކޫލުގެ ހިޔާވަހިކަން ހޯދަމުންދެއެވެ. ހަތަރު އަހަރުވިއިރު، މިހާރު އެ ސްކޫލް ފެންނަނީ އެއް އާއިލާއެއްގެ ގޮތުގައެވެ. ފާތުން އަކީ އެ އާއިލާ އެއް މެމްބަރެވެ. އެއީ ވަކިވުމެއް ނެތް ހިތާ ހިތުގެ ގުޅުމެވެ.
advertisment
ހިޔާލު