ކޮވިޑާ ގުޅިގެން ސްކޫލަށް ކިޔަވަން ނުދާނެ ކުދިންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑު: އެޑިއުކޭޝަން

ކޮވިޑް19އާ ގުޅިގެން ސްކޫލަށް ނުދާ ކުދިންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފު ގުޅިގެން އެކުލަވާލި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)ގައި ވަނީ ބުނެފައެވެ.

މިއީ ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރި އަސަރު ދެނެގަނެ އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެކުލަވާލި ތަފުޞީލީ ޕުލޭނެވެ. މި ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލާފައި ވަނީ ފަސްކަމަކަށެވެ. އެއީ ސްކޫލު މާހައުލުގެ ސަލާމަތްތެރިކަމާއި، ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންކަންތައްތައް ނުހުއްޓި ކުރިއަށް ގެންދިއުމާއި، ތަފާތު ސަބަބުތަކާ ހުރެ މުޖުތަމައުގައި ބާކީވެފައި ތިބި ކުދިންނަށް އެހީތެރިވުމާއި، ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި، ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކޮށް އެކި ދާއިރާތަކުން އެކުގައި ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މައްޗަށެވެ.

މި ޕްލޭނުގައި ބުނެފައިވާ ގޮތުން ތައުލީމީ ދާއިރާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ތެރޭގައި ހިމެނެނީ ކުދިންގެ ޝަޢުޤުވެރިކަން ގެއްލުމާއި ސްކޫލުން ވަކިވާ ކުދިންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އޮތުމެވެ. އެ ފުރުޞަތު އިތުރުވާނެ ކަމަށް ބުނެފައި ވަނީ މީގެ ކުރިން ޔުނިސެފުން ހަދާފައިވަ ދިރާސާއަކަށް ބުރެވެއެވެ. އޭގައި ބުނެފައިވާ ގޮތުން ޕްރައިމަރީ ގުރޭޑްތަކާއި ތިރީ ސާނަވީ ގުރޭޑްތަކުގައި ކިޔަވަމުން އަންނަ އުމުރުގެ 600އަށްވުރެ ގިނަ ކުދިން ސްކޫލަށް ނުދެއެވެ. އޭގެ ތެރެއިން 60އިންސައްތަ ފިރިހެން ކުދިން އަދި 40 އިންސައްތައަކީ އަންހެން ކުދިންނެވެ. މިއާ ހަވާލާދީ ބުނެފައި ވަނީ މި ކޮވިޑްގެ މި ހާލަތާއެކު އެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި އެކުދިންނާ ހަމައަށް ވާޞިލް ވުމަކީވެސް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިންވެސް ތިރީ ސާނަވީ ކުދިންނަށް ކިޔެވުމުގައި ބައިވެރިވުމުގެ ފުރުޞަތު ކުޑަވާނެ ކަމަށް ބުނެފައިވެއެވެ.

ސްކޫލްތައް ބަންދުކުރަންޖެހުމާއި، ކިޔަވައިދޭ ގޮތަށް ގެނައި ބަދަލާއެކު ދިރިއުޅުމުގެ ހުނަރާއި ކުށްކުށަށް އަރައިގަތުމުގެ ފުރުސަތު ބޮޑު ވެގެން ދާނެ ކަމަށްވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު، އޮންލައިންކޮށް ދިޔައީ ދަރިވަރުންނަށް ކިޔަވައި ދެމުންނެވެ. އަދި ޓެލިކިލާސްގެ ނަމުގައި ކުލާސްތައް ބްރޯޑްކާސްޓްވެސް ދިޔައީ ކުރަމުންނެވެ.

ސްކޫލަށް ނުގޮސް ގޭގައި ކިޔަވަންޖެހުމުގެ ސަބަބުން ދަރިވަރުންގެ ފިޒިކަލް އެޑިއުކޭޝަނަށް ދެވޭ ސަމާލުކަން ހުއްޓި، ގޭތެރޭގެ މާހައުުލުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އޮތް ޝަޢުޤާއި ދެވޭ ސަމާލުކަން ދަށްވި ކަަމަށްވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.
މިކަމަށް އަރައިގަތުމަށް އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ބުނެފައި ވަނީ އެކަން ގާތުން ބެލުމާއި، ދަރިވަރުންގެ ބައިވެރިވުމާއި ހާޒިރީއަށް ބަދަލެއް އަންނަކަމަށް ފާހަގަކުރެވޭނަމަ އެކަން ވީހާވެސް އަަވަހަށް ރިޕޯޓް ކުރުމަށެވެ.

ސްކޫލްތައް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވިގެންދާއިރު، ޕްރީސްކޫލް އުމުރުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔވަމުންދާ 86075 ދަރިވަރުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިއީ ރަސްމީ ތައުލީމުގެ ތެރޭގައި އަސަރު ކުރި ކުދިންގެ އަދަދު ކަމަށްވިޔަސް ނާސަރީ ގުރޭޑްތަކުގައި ކިޔަވަމުންދާ ކުދިންނާއެކު ކޮވިޑްއާ ގުޅިގެން އަސަރުކުރި ކުދިންގެ އަދު 91000އަށް ވުރެ މައްޗަށް އަރާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *