ސްކޫލު ހޯލުގައި ރިވެލިވުމުގެ މައްސަލަ ހައްލުކޮށްދިނީ ހުރަވީ ސްކޫލުގެ ސްކައުޓުން

ހޯލު ތަކުގެ އަޑު ރިވެލިވުމުގެ މައްސަލައަކީ ގިނަ ސްކޫލަތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ބައެއް ސްކޫލްތަކުން އެކަމަށް ކޮންމެ ވެސް ވަރެއްގެ ހައްލުތަކެއް ހޯދައެވެ. މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު އެއް ސްކޫލަށް ދިމާވި މި މައްސަލައަށް ހައްލު ހޯދީ ޑރ. ޙަސަން ހަމީދު، އޭނާގެ ބްލޮގްގައި ލިޔުއްވި މަޒުމޫނެއްގައި، އެކަން ހައްލުކުރެވޭނެ ކަމަށް ދީފައިވާ އިރުޝާދަށް ބަލައިގެން ކުރި މަސައްކަތުންނެވެ.

" މިސްކިތްތަކާއި ކިލާސް ކޮޓަރިތަކުގައި އަޑު ސާފުކުރާނެ ގޮތް " ޑރ. ހަސަންގެ އެ މަޒުމޫނުގައި، އަޑު ރިވެލިވާ މައްސަލަ ހައްލުކުރާނެ ގޮތް ވަރަށް ތަފްޞީލުކޮށް ލިޔުއްވާފައިވެއެވެ. ޤައުމީ ޔުނިވަރސިޓީގެ ބައެއް ހޯލުތަކުންނާއި ސެމިނަރ ރޫމްތަކުގައި ދިމާވި އެ މައްސަލަ ހައްލުކުރަން ކުރެއްވި މަސައްކަތް އަމަލީ ތަޖުރިބާގެ އަލީގައި ޑރ. ހަސަން ގެނެސްދެއްވާފައިވެއެވެ.

އަޑު ރިވެލިވުމަކީ، އަޑު އައިސް ތަނެއްގައި ޖެހިފައި އަނބުރާ ދިއުމެވެ. އެކަން އެހެން ދިމާ ވަނީ ޑރ. ހަސަން ލިޔުއްވާފައިވާ ގޮތުގައި އިމާރާތް ކުރާއިރު އެކަމަށް ސަމާލުކަން ދީފައި ނުހުންނާތީއެވެ.

ޑރ، ހަސަންގެ އެ މަޒުމޫނަކީ ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދަށް ލިބިވަޑައިގެންނެވި ލުޔެކެވެ. ދުވަސްވީ ކަމެއްގެ ބޮޑު ފަރުވާއެކެވެ.

ޑރ. ހސަންގެ މަޒުމޫނުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް އެ މަސައްކަތް ކުރަން ފުރަތަމަ ރޭވީ އެ ސްކޫލުގެ ސްޓާފުންގެ ތެރެއިން ޓީމެއް އެކުލަވާލައިގެންނެވެ. ސްޓާފުން ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަކު އެ ސްކޫލުގެ ސްކައުޓުންނާ ހަވާލުވެ ހުރި ޓީޗަރު، މިފްތާޙް އަޙްމަދު ބޭނުންވީ ސްކައުޓުން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި އެކަން ސްކައުޓުންނަށް ދޫކޮށްލާށެވެ. އެއީ އިޖްތިމާއީ އެފަދަ މަސައްކަތެއް ކުރަން ސްކައުޓުން ރާވާފައި އޮތުމާ ވެސް އެކުގައެވެ. މިފްތާޙް އެދުނު ގޮތަށް އެކަން ދޫކޮށްލީ ސްކައުޓުންނަށެވެ. ސްކޫލުން ފޯރުކޮށްދިނީ އެކަމަށް ބޭނުންވާ ސާމާނާއި ތަކެއްޗެވެ.

މިފްތާޙް ބުނި ގޮތުގައި، ޑރ. ހަސަން އިރުޝާދު ދީފައި އޮތް ގޮތަށް، މުޅި ހޯލަށް ބޭނުންވާ ޕެނަލްތައް ހަދާނެ ގޮތް ފުރަތަމަ ކުރަހާލީއެވެ. ހޯލުގެ ތިން ފަރާތުގައި ހަރުކުރަން 79 ޕެނަލް ހަދަން ޖެހުނެވެ. ފުރަތަމަ ހެދީ 79 ޕެނަލް ހަދަން 2 ފޫޓް 4 ފޫޓްގެ ލަކުޑި އޮނިގަނޑުތަކެވެ. އެ އޮނިގަނޑުގައި ހަރުކުރީ ތުނި ފިލައެވެ. ތުނިފިލާ ލަކުޑި އޮނިގަނޑުގައި ހަރުކުރުމުގެ ކުރިން އޭގައި ދެ ސައިޒެއްގެ ލޯވަޅު އެޅިއެވެ. އެއީ 5 މިލިމީޓަރާއި އަށް މިލިމީޓަރުގެ ލޯވަލުތަކެވެ. ޕެނަލެއްގައި 817 ލޯވަޅެއެވެ. ލޯވަޅުތަކުގެ ޖުމްލަ އަދަދަށް ބަލާނަމަ އެއީ 64،543 ލޯވަޅެއެވެ.

އޮނިގަނޑު ހަދަން ލަކުޑިތައް ބާރާބަރު މިނަށް ބުރިކޮށް، ފިލާތައް ކިހާ، އޮނިގަނޑު ތައްޔާރުކޮށް، އެ ހުރިހާ ޕެނަލެއްގައި ކުލަލީވެސް ދަރިވަރުންނެވެ. އެ މަސައްކަތް ކުރިއަށް ދިޔައިރު މިފްތާހު ހުރީ ސްޕަވައިޒަރެއްގެ ގޮތުގައި ބަލާށެވެ. އެކުދިން ކަންކުރާ ގޮތް ކައިރިން ބަލައި އިރުޝާދު ދިނުމުގައެވެ.

މިފްތާހު ބުނީ ދަރިވަރުން މަސައްކަތް ކުރީ ކުރާހިތުންނެވެ. ކަމާވެގެން އެންމެ ރަނގަޅަށް އެކަން ކޮށް ނިންމާލުމުގެ އަޒުމުގައި ކަމަށެވެ.

" ކުދިންނަށް އެންމެ އިންޓްރެސްޓްވީ ފިލާތަކުގައި ލޯވަޅު އަޅަން" މިފްތާޙް ބުންޏެވެ.

ސްކައުޓުންގެ އިތުރުން ކެޑޭޓުގެ ބައެއް ކުދިންނާއި އެކްސްޓްރާ ކުލާސްތައް ނިންމާފައި، ބައެއް ކުދިން އައިސް މަސައްކަތުގައި އަތްގާތްކޮށްދީ ހެދިއެވެ.

ހުރިހާ ފްރޭމްތައް ހަރުކޮށް ނިންމައި، ހުރަވީ ސްކޫލުގެ ސްކައުޓުން ދޫކޮށްލި ފުން ނޭވަޔަކީ އެ ސްކޫލުގެ އާއިލާއަށް ލިބުނު ބޮޑު ފަސޭހައެކެވެ. ހައްލުނުވެ އޮތް މައްސަލައަށް ލިބުނު ބޮޑު ހައްލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *