ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާތަކުގައި ޢާންމު ކުރާނަމަ އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ކުދިން ކުރާ އުމުރާ ނުގުޅޭ ކަންކަމާއި އަޚުލާޤީ މައްސަލަތައް ފޮޓޯއާއި ވީޑިއޯ އާންމު ކުރުމާއި، ކުދިންގެ ޒާތީ މައުލޫމާތު ޢާންމު ކުރުމަކީ ކުޑަކުދިންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއް ކަމަށެވެ. ޖެންޑަރ މިނިސްޓްރީން މިފަދަ ބަޔާނެއް ނެރުނީ ކުޑަ ދެކުއްޖަކު އުމުރާ ނުގުޅޭ އަމަލުތަކެއް ހިންގާ މަންޒަރު ތަކެއް ހިމެނޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ދަނޑިވަޅެއްގައެވެ. އަދި އެ ވީޑިއޯ ވައިރަލް ވަމުންދާތީ އެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ މައުލޫމާތު، ފޮޓޯ އަދި ވީޑިއޯ ސޯޝަލްމީޑިއާގައި އާއްމުކުރާ ނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާ އިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން ކަށަވަރު ކުރުމުގެ ގޮތުން އެ ގާނޫނުގައި ބުނެފައި ވަނީ ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ ކަމަށެވެ.
ގާނުނުގައި ބުނެފައިވާ ގޮތުން ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އެޅުމަކީ އެ މިނިސްޓްރީއަށް ލާޒިމްކޮށްފައިވާ ކަމެކެވެ.
ކުޑަކުދިން ނުރައްކަލަކަށް ހުށަހަޅޭ ފަދަ އަމަލުތަކާއި އަނިޔާ ދިނުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގާނޫނުގައި، އާއިލާ އާއި ބެލެނިވެރިންނާއި މުޖުތަމައު އާއި ދައުލަތަކަށް ޒިންމާތަކެއް މަތިކޮށްފައިވެ އެވެ. އެހީތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރި މާހައުލު ކަށަވަރު ކޮށްދޭން ވެސް ލާޒިމް ކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
advertisment
ހިޔާލު