2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހުރަވީ ސްކޫލު ހުޅުވީ އެއް ދަންފަޅީގެ ސްކޫލެއްގެ ގޮތުގައެވެ. އޭރު އެ ސްކޫލުގެ އާބާދީއަކީ 740 ދަރިވަރުންނެވެ. ކިޔަވައިދޭން ފެށީ އެލްކޭޖީން ފެށިގެން ގުރޭޑް ނުވައަކާ ހަމައަށް، އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުގެ ބަހުރުވައިން ނަމަ "ވަރަށް ހަމަޖެހިލައިގެން، އޮމާން ކަމާއެކު" ކިޔަވައިދޭން ފެށި ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް ހުޅުމާލެއަށް ޖަމާވަމުން ދިޔަ އާބާދީއާ އެކު، އެ ސްކޫލުގެ އާބާދީ ރާސްލާފައި އިތުރުވީ ހިންދެމިލާނެ ވަގުތެއް ވެސް ނުލިބިއެވެ.
2019 ވަނަ އަހަރު ނިމުނުއިރު، ހުރަވީ ސްކޫލުގެ އާބާދީ 1،200 ފަހަނަ އެޅިއެވެ. ކޮވިޑް 19ގެ ތެރޭގައި ދިރާސީ އަހަރަށް ގެނައި ބަދަލާއެކު 2021 ވަނަ އަހަރުގެ ޖޫން އާ ހަމައަށް ދިޔައިރު، އެ އަދަދު 1،700 ފަހަނަ އަޅައި ހިނގެއްޖެއެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީގައި، އެއް ދަންފަޅިން ނުވެގެން ދެ ދަންފަޅިއަށް ބަދަލުކުރިއިރު، ދަރިވަރުންގެ އަދަދު 2،200 އަށްވުރެ މައްޗެވެ. އޭގެ ފަހުން 2،700އަށް ވެސް އިތުރުވިއެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޞަލާޙުއްދީން ސްކޫލް ހުޅުވި ފަހުން އެ އަދަދު 2500ގައި މިހާރު ހުރީ ހިފެހެއްޓިފައެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، ހާހުން އިތުރުވަމުން ދިޔަ އާބާދީއަށް ކިޔަވައި ދިނުމަށް، އެ ސްކޫލުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހުނީ، ދަރިވަރުން ކުލާހުގައި ބޭތިއްބުމާއި ކިޔަވައިދޭނެ މުދައްރިސުން ހަމަޖެއްސުމަށެވެ.
" އެންމެ ފުރަތަމަ ސަމާލުކަން ދިނީ، ކޮންމެ ކުއްޖަކު ވެސް ކިޔަވަން އިށީންނާނެ ގޮނޑި، މާނައަކީ ކުލާހުގައި އެކުއްޖާ އެކޮމޮޑޭޓް ކުރުމަށާއި އަދި ކިޔަވައި ދޭނެ މުދައްރިސުން ހަމަޖައްސަން"
ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް މީހުން އާބާދުވާން ފެށިއިރު، އެ ތަނުގައި ސްކޫލެއް އިމާރާތް ކުރެވިފައި ނެތުމާއެކު، އެކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރަން ޖެހުނު ސްކޫލަކީ ހުރަވީއެވެ.

" މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުން ވިދާޅުވޭ، ދެ ދަންފަޅިއަށް ގޮސްގެން ނަމަވެސް އެބަޖެހެއޭ މިވެނި ވަރަކަށް ކޭޓާ ކޮށްދޭން. މީގެ ދެ އަހަރުކުރިން ގުރޭޑް އެކެއްގައި އޮންނާނީ ހަތް ކުލާސް ކަމަށް އަޅުގަނޑުމެން ކަނޑައެޅީ. އެކަމަކު އެގާރަ ކުލާހަށް ކުދިން ވައްދަން ޖެހުނު. އަދި ކޮންމެ ޓާމެއް ފަށާއިރު ހަތަރު ފަސް ސަތޭކައެއްހާ ކުދިން އިތުރަށް ތިބޭ" ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އެ ހާލަތު އަބްދުﷲ ރަޝީދު ސިފަކުރެއްވިއެވެ.
" ކަނޑުދަތުރު ކުރާއިރު ބުނަމެންނޫންތޯ، އޮނޑި ފައްތާނުލައި އެ ރާޅެއްގެ ފެން އެ ރާޅެއްގެ ބޮލަށް އަޅަމުންނޭ ދިޔައީ. ބައެއް ފަހަރު އެ ކަހަލަ އިހުސާސްވެސް ވި"

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، އާބާދީ އިތުރުވަމުން އައިއިރު، ސްކޫލެއް ވަންތަކަން، ސްކޫލެއްގެ ސިފަ ޖައްސަން ކުރަން ޖެހުނު މަސައްކަތް އެންމެ ރަނގަޅަށް ނުކުރެއްވެއެވެ. އެހެން ދިމާވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން " އެއް ކަލްޗަރއެއްގައި" ގެންގުޅެން އުނދަގޫވުމުންނެވެ. އެ އެއްމެންގެ މެދުގައި ހުންނަ ސިންދަފާތު އެހާމެ ބޮޑުވުމުންނެއެވެ.
" މި އެންމެން ހުރަވީ ސްކޫލަށް، އިނގިރޭސި ބަހުން ކިޔާ ބިލޯންގިންގްނެސް ނުވެސް ހުންނާނެތާ. ކުރީގެ ސްކޫލްގެ ވާހަކަ އަބަދުވެސް ކިޔޭނީ. އެ ސްކޫލް އެހެންނޭ މި ސްކޫލް މިހެންނޭ. އަޅާކިޔުމުގައި އަދި ދިމާވާ ކަމެއް، އަޅުގަނޑުމެންގެ ރިސޯސަސް މަދުވުން. އަޅުގަނޑުމެން މި ތިބީ އިނީޝިއަލް ސްޓޭޖްގައި. އެ ހާލަތުގައި ކޮވިޑްގެ ކަންތައްތައް ވެސް އޭގެ ތެރެއަށް ވަނީ"
ހުޅުމާލޭގައި މިހާރު ނިމެމުންދާ އެތައް ފުލެޓަކަށް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ބަޔަކު ވަންނާނެއެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ފުލެޓްތަކާއި ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ ފުލެޓްތައް ހިމެނެއެވެ. އަދި އަމިއްލަ ފަރާތްތަކުން އަޅަމުންދާ ފުލެޓްތައް ވެސް އޭގެ ތެރެއަށް އިތުރުވާނެއެވެ. މި ހުރިހާ ފުލެޓަކަށް މީހުން ވަންނައިރު، އެއީ ސްކޫލްތަކުގެ އާބާދީއަށް ވެސް އަންނާނެ ލޮޅުމެކެވެ. ހުޅުމާލޭގައި އޮތް ބޮޑު އާބާދީއަށް ޚިދުމަތް ދޭން މި ވަގުތު ހުރީ ޕްރީ ސްކޫލް ވެސް ހިމެނޭހެން ސަރުކާރުގެ އެންމެ ހަ ސްކޫލެވެ. އެހެންވެ އަބްދުﷲ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ހުރަވީ ސްކޫލުގެ އާބާދީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 3،000އަށް އަރާނެއެވެ.

" ކުދިންގެ އާބާދީ 3،000އާ ހަމައަށް ގޮސްދާނެ. އެކަމަކު ކުރިން ވީހެން، ކޮންމެ ޓާމަކު 500 ކުދިންނެއް ދެން ނާންނާނެ. އެ ކެޕޭސިޓީއެއް ސްކޫލަކު ނުހުންނާނެ. ދެން އަންނާނެ ހަމައެކަނި ޗެލަންޖަކީ ސްކޫލްތައް ފުޅާވަމުންދާ ވަރަކަށް، ފޭސް ޓޫގައި އިތުރު ސްކޫލެއް އަޅައިފިއްޔާ ނުވަތަ ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ގޮސްފިއްޔާ، މި ސްކޫލުން 300 އެއްހާ ކުދިން ދާނެ. ދާއިރު އަނެއް 300 ކުދިން ވަންނާނެ އެހެން ދިމަދިމާލުން އައިސް. އެކަމަކު އެއީ ކުޑަ އަދަދެއް"
ސްކޫލްތައް ފައްކާވެފައި ހުންނަނީ އެއް ދުވަހުން ދެ ދުވަހަކުން ނޫނެވެ. އެއީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިތްވަރުން އެތައް ދުވަހަކުން ކުރެވޭނެ ކަމެކެވެ. އަބްދުﷲ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ހުރަވީ ސްކޫލަށް އިތުރުވި އާބާދީ މިހާރު އެ ހުރީ ހިފަހައްޓާލެވިފައެވެ. މިހާރު ތިބި ގިނަ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން އެ ދަނީ އެ ސްކޫލަށް ހޭނެމުންނެވެ. އެ ސްކޫލުގެ އުޞޫލުތަކާއި ހަމަތަކަށް ފެތެމުންނެވެ. މި ހުރިހާ ދައްޗެއްގެ ތެރެއިން އެއް ވާނެއްގައި ހިފަހައްޓަން ހުރަވީން ދަނީ މަސައްކަތް ކުރަމުންނެވެ. ސްކޫލެއް ވަންތަކަމާއި ނަތީޖާ، ފެންނަން ފަށާނީ އެއަށްފަހުއެވެ.

" ސްކޫލް ފެށިގެން އަންނައިރުގައި މިދެންނެވި ހުރިހާ ގޮންޖެހުންތަކެއް ހުރި. ތަފާތު ދާއިރާތަކުން ތަފާތު ބެކްގްރައުންޑްތަކުން އަންނަ ދަރިވަރުން. ތަފާތު ދާއިރާތަކުން އަންނަ މުދައްރިސުން، އެހެނިހެން މުވައްޒަފުން، ބެލެނިވެރިން، މި އެއްމެންގެ ވިސްނުން އެއްގޮތް ކުރަން ވަރަށް އުނދަގޫ. އެހެން ނަމަވެސް މިހާރު ބުނެވިދާނެ ސްކޫލެއް ވަންތަކަން އެބަހުއްޓޭ، ސްކޫލްގައި ކަންތައް ކުރާ ގޮތް ލިޔެވިފައި އެބަހުއްޓޭ، އެއްވާނަކަށް އަޅުގަނޑުމެން އެބަދަމޭ. އެހެން ނަމަވެސް ވަރަށް ބައިވަރު ގޮންޖެހުންތައް އަދިވެސް އެބަހުރި"
advertisment
ހިޔާލު