އޯލެވެލްގެ ނަތީޖާ ދަނީ ބޭނުންވާ މިސްރާބަށް، އަދި ބޭނުންވާ ހިސާބަކަށް ނުދޭ

އޯލެވެލްގެ ނަތީޖާ ދަނީ ބޭނުންވާ މިސްރާބަށް ކަމަށާއި ބޭނުންވާ ހިސާބަކަށް އަދި ނުދާ ކަމަށް ހުރަވީ ސްކޫލުގެ ޕްރިންސިޕްލް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ދަރިވަރު ނޫހުގެ މަދަރުސީ ވެއްޓަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ސްކޫލާ ގުޅެނީ ރާއްޖޭގެ އެކި ދިމާލުން އަންނަ އެކި ފެންވަރުގެ ކުދިން ކަމަށާއި އޭގެތެރޭގައި މޮޅެތި ދަރުވަރުން ހިމެނޭ ކަމަށެވެ. އެ ހުރިހާ ކުދިން އެއް މިސްރާބަކަށް ގެންދިއުމަކީ އެއީ ކުރަން އުނދަގޫ މަސައްކަތެއް ކަމަށް އަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.

އޯލެވެލްގެ އެ ސްކޫލުގެ ފުރަތަމަ ބެޗްގައި 45 ދަރިވަރުން ބައިވެރިވިއެވެ. އާބާދީ އަށް އަންނަ ބަދަލާއެކު އެ އަދަދު ފާއިތުވި ތިން އަހަރު ތިން ގުނަ މައްޗަށް ދިޔައެވެ. ދެ ވަނަ އަހަރު 87 ދަރިވަރުން އޯލެވެލްގައި ބައިވެރިވިއިރު، ޖެހިގެން އައި އަހަރު އެ އަދަދު 120އަށް އެރިއެވެ. އަންނަ އަހަރު އޯލެވެލް ހަދާނެ ކުދިންގެ އަދަދު ހުރީ 200އަށްވުރެ މަތީގައެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު، އޯލެވެލްގެ ނަތީޖާ ބޭނުންވާ ހިސާބަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި: ފޮޓޯ: ރިޝްވާން މުޙައްމަދު | ދަރިވަރު

" ސެކަންޑްރީ ގުރޭޑް ތަކަށް ލިބޭ ކުދިންނަކީ މި ސްކޫލުގެ ކުދިންނެއް ނޫން. ގުރޭޑް 9އާ އަލަށް ގުޅޭ ކުއްޖާ މި ސްކޫލުގައި އުޅޭނީ އެންމެ ދެ އަހަރު. ބެޗަކަށްފަހު ބެޗެއް ދެން ދާނީ ރަނގަޅު ވަމުން. މަތީ ގުރޭޑްތަކަށް ދާނީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް"

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ އަސްލު ނަތީޖާ ފެންނަން ފަށާނީ އަހަރު ތަކެއް ފަހުންނެވެ. އެ ސްކޫލުގެ ގުރޭޑް އެކަކަށް ވަން ކުދިން، ގުރޭޑް ދިހައެއް ނިންމައި އޯލެވެލްގައި ހޯދާ ނަތީޖާއަކީ އެ ސްކޫލުގެ ކާމިޔާބީގެ ވަޒަން ހަމަކޮށްދޭނެ ނަތީޖާއެކެވެ.

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށް އެބަގެންދެވެއެވެ. ޓީޗަރުންގެ ތެރޭގައި ވެސް ނަތީޖާ ނެރެދެއްވާ ފެންވަރުގެ ގޮތުން މޮޅު ޓީޗަރުން އެބަތިއްބެވިއެވެ.

" ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. އަޅުގަނޑުމެންގެ އެސްއެމްޓީ ވަރަށް ސްޓްރޯންގް. ވަކިވަކި ސަބްޖެކްޓްތަކަށް ބަލަންޏާ ވެސް، ނަތީޖާ ނެރެދެއްވާ މޮޅު ޓީޗަރުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި" ޕްރިންސިޕަލް އަބްދުﷲ ރަޝީދު ދެއްވީ ޔަގީން ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *