ހުރަވީ ސްކޫލް: ސައްތައިން ސައްތަ ދިވެހި މުދައްރިސުން ކިޔަވައިދޭ ސްކޫލް

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި 2500 އެއްހާ ދަރިވަރުން މިއަދު ކިޔަވަމުން އަންނައިރު، އެ ސްކޫލަކީ ސައްތައިން ސައްތަ ދިވެހި މުދައްރިސުން ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. މިއީ އެ ސްކޫލުން ހޯދި ބޮޑު ކާމިޔާބީއެކެވެ. 300 އެއްހާ މުވައްޒަފުން އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނައިރު، އެއީ ދަމަހައްޓަން ފަސޭހަ ކަމެއް ނޫނެވެ.

ހުރަވީ ސްކޫލުގެ ކިޔެވުން ފެށި ދުވަސްވަރު ކޮންމެވެސް ވަރަކަށް ބިދޭސީ މުދައްރިސުން ތިބި ނަމަވެސް، މިއަދު ކިޔަވައިދޭން ތިބީ ދިވެހި މުދައްރިސުންނެވެ. ދިވެހި މުދައްރިސުންނަށް ފަހި ކުރި މާހައުލުގެ ނަތީޖާ ސްކޫލުން މިއަދު އެ ދަނީ ފެންނަމުންނެވެ.

"އަބަދުވެސް އިސްކަންދޭ ކަމެއް އެއީ ދިވެހި މުދައްރިސުން ގެންގުޅެން. އެކަމަކު އެއީ ފަސޭހަކަމެއް ނޫން" ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
"ޓީޗަރުން ހޯދަން ދަތި ދާއިރާތައް އެބަހުރި، އެއިން ދާއިރާއަކުން ޓީޗަރަކު ހޯދަންވެއްޖިއްޔާ ބިރު އޮވޭ އެ މަގާމަށް ޓީޗަރަކު ނުލިބިދާނެ ކަމުގެ"

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ދިވެއްސާއި އިސްލާމާއި ޤުރުއާން ކިޔަވައިދޭނެ މުދައްރިސުން ލިބުން ފަސޭހައެވެ. އެއިން މަގާމަކަށް ހުޅުވާލާ ކޮންމެ ފަހަރަކު 15 ނޫނީ 20 މީހުން ކުރިމަތިލައެވެ. އެއާ ޚިލާފަށް ޓީޗަރުން ހޯދަން ދަތި ދާއިރާތައް އެބަހުއްޓެވެ. ފިޒިކްސްއާއި ކޮމްޕިއުޓަރ ސްޓަޑީޒްއާއި ޓްރެވަލް އެންޑް ޓޫރިޒަމާއި އާރޓް އެންޑް ޑިޒައިނަކީ މުދައްރިސުން ތަދު ދާއިރާތަކެވެ. އެއިން ދާއިރާއަކުން މުދައްރިސަކު ހޯދުމަކީ މަދު ފަހަރެއްގައި ނޫނީ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެ ދާއިރާތަކުން އެކަށީގެންވާ ވަރަށް ތަމްރީނުވެފައި ދިވެހިން ނެތީމައެވެ.

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، ކުރިން މަސައްކަތް ކުރެއްވި، ދެ ސްކޫލެއްގައި ވެސް ދިވެހިންނަށް ފުރުޞަތު ފަހިކޮށް ދިނުމުގެ ނަތީޖާ ނުކުންނެވީ ވަރަށް ފަހިކޮށެވެ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގެ ހެޑްމާސްޓަރަކަށް ހުންނެވިއިރު، އެ ސްކޫލުގެ 600 އެއްހާ ދަރިވަރުންނަށް ކިޔަވައި ދޭ މުދައްރިސުންގެ ތެރޭގައި ބިދޭސީ 16 މުދައްރިސުން ތިއްބެއެވެ. އެ ސްކޫލުގައި ވެސް ދިވެހިންނަށް ފުރުޞަތު ފަހިކޮށް ދިނުމުގެ ނަތީޖާއަކީ އެ އަދަދު 4 އަށް ތިރިކޮށް ލެވުމެވެ. އޭގެ ފަހުން ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތުން އެ ސްކޫލުގައި މަސައްކަތް ކުރި ބިދޭސީ 16 މުދައްރިސުންގެ އަދަދު އަށަކަށް މަދުކޮށްލެވުނު ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، ދިވެހި މުދައްރިސުން ހޯދުމުގައި ތަފާތު "އެޕްރޯޗެއް" ހުރަވީ ސްކޫލުން ގެންގުޅޭ ކަމަށެވެ. ދިވެހި މުދައްރިސުންގެ ސައްތައިން ސައްތައިގެ ނަތީޖާ އެ ސްކޫލަށް ދެމެހެއްޓެނީ އެފަދަ ފޯމިއުލާއިން ނެރެވޭ ނަތީޖާ ރަނގަޅުވުމުން ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.

މުދައްރިސަކު ބޭނުންވާ ކޮންމެ ފަހަރަކު ސަރުކާރުގެ ގެޒެޓްގެ އިތުރުން، އެ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުރޫޕްތަކުގައި އެކަން އިސްތިހާރު ކުރެއެވެ. ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުޞަތު އޮތްކަން އަންގައިދިނުމެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، އިއުލާން ކުރާ މަޤާމްތަކަށް އެންމެ އެކަށީގެންވާ މުދައްރިސުން ނުލިބުގެ ފުރުޞަތު އޮންނާތީ، މުދައްރިސުން ނެގުމުގައި ވެސް ގިނަ ކަންތައްތަކަށް ބަލަން ޖެހޭ ކަމަށެވެ.

" ބޭނުންވާ ދާއިރާއިން ކިޔަވާފައި ހުންނަ ޓީޗަރަކު ނުލިބިދާނެ. އެފަދަ ހާލަތެއްގައި ވަގުތީ މުދައްރިސެއްގެ ގޮތުގައި ނަމަވެސް ގުޅުން ހުރި ދާއިރާއިން ކިޔަވާފައި ހުންނަ މީހަކު ނަގަންޖެހޭ ހާލަތަށް އާދޭ"

އަބްދުﷲ ރަޝީދު ވިދާޅުވީ ކިޔަވައިދިނުމުގެ ދާއިރާގެ ޑިގްރީއެއް ނެތަސް، ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް އޮންނަ މީހަކަށް މަސައްކަތް ކުރެވޭ ގޮތަށް އޮނިގަނޑުން ފުރުޞަތު ފަހިކޮށް ދިނުމުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

" މުދައްރިސަކަށް ނުވާތީ، އެ ލިބޭ މުސާރައެއް ޑިގްރީ ނިންމާފައި އަންނަ ކޮންމެ މީހަކަށް ނުއެއް ލިބޭ، ވަގުތީ މުދައްރިސުންގެ އުޞޫލަށް ގެނައި ބަދަލާއެކު މިހާރު މަދުވެގެން ބާރަ ހާހެންހާ ރުފިޔާ ލިބޭނެ. އެއީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް"

އަބްދުﷲ ވިދާޅުވީ އާންމުކޮށް އޮންނަ އޮނިގަނޑުގެ އިތުރަށް ތަޢުލީމީ ދާއިރާގެ ސަނަދުތައް ގުޅުވުމުގައި ބަލާ މިންގަނޑު ކިޔާ މިންގަނޑެއް އޮންނަ ކަމަށެވެ. އެއީ ވެސް މުދައްރިސުންގެ ދަތިކަން ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށް އަބްދުﷲ ރަޝީދު ދެކެވަޑައިގަންނަވައެވެ.

"މިސާލަކަށް ބުނާކަމަށް ވަންޏާ ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ނޫނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފަދަ ދާއިރާތަކުން ކިޔަވާފައި ހުންނަ ޓީޗަރަކު ބިޒްނަސް ޓީޗަރަކަށް ހަމަޖެއްސިދާނެއޭ. މިހެން ލިޔެފައި އޮންނަ އުޞޫލެއް އޮންނާނެ. އަރަބި ޓީޗަރަކީ ހަމަޖައްސަން އުނދަގޫ މަގާމަކަށް ވާތީ، އެމީހަކު ކިޔަވާފައި ހުރީ އަރަބި މީޑިއަމް ކަމަށްވެފައި، އެމީހެއްގެ ޓްރާންސްކްރިޕްޓުން އަރަބި ބަހުގެ އަސާސީ ބައިތައް ފުރިހަމަކޮށްފައި ހުރި ކަމަށްވަންޏާ އޭނާ ހެދި ކޯހަކީ އިސްލާމް މުދައްރިސް ކަމުގެ ކޯހެއް ކަމަށް ވިޔަސް އޭނަ އަރަބި ޓީޗަރެއްގެ މަޤާމަކަށް ހަމަޖެއްސިދާނެއޭ" އެ މިންގަނޑުގެ ދަށުން މުދައްރިސުން ހަމަޖެއްސުމުގައި ޕްރިންސިޕަލުންގެ ޚިޔާލު ސިވިލްސާވިސް ކޮމިޝަނުން ވެސް ހޯއްދަވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މުދައްރިސުން ނަގަން، އިންޓަވިއު ޕެނަލްގައި ތިއްބަވާ ލީޑިންގ ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް އަބަދުވެސް ހަނދާން ކޮށްދޭ އެއްކަމެއްގެ ވާހަކަ އަބްދުﷲ ވިދާޅުވިއެވެ. އެއީ ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ކޮލިޓީ މީހަކު ނުލިބިދާނެކަން ހަނދާނުގައި ބެހެއްޓެވުމެވެ.

"އަޅުގަނޑު އަބަދުވެސް ބުނަން. ވިސްނާށޭ މިއެންގަލުން. އެމީހަކު ނަގައިގެން ގެންގުޅެގެން ރަނގަޅު ކުރެވޭނެ ހެއްޔޭ. އެމީހެއްގެ އެ ކެލިބާއާ އެ އެޓިޓިއުޑާއި ޕޮޒިޓިވް މައިންޑް ސެޓެއް ހުރެއްޖިއްޔާ އެމީހަކީ އެންމެ ޤާބިލު މިހާ ކަމަށް ނުވިޔަސް އޭނަ ނަގައްޗޭ، ނަގައިގެން ގެންގުޅެގެން، ފީޑްބެކް ދީގެން، ކުރިއަށް ގެންދެވޭނެ ކަމަށް ވަންޏާ." ދިވެހި މުދައްރިސުންނަށް އިސްކަން ދެއްވާ އަބްދޫﷲ ރަޝީދު ވިދާޅުވިއެވެ.
"އެހެން ނަގާފައި ހުންނަ ޓީޗަރުންގެ ވާހަކަ ދޭތެރެދޭތެރެއިން އަހާލާއިރު،  ސަރ އޭ މިހާރު ވަރަށް އިންޕްރޫވްއޭ ބުނެލާނެ. އެއީ ވަރަށް އުފާވާ ކަމެއް"

 

އަބްދުﷲ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ހުރަވީ ސްކޫލަކީ "ލާރނިންގ ގްރައުންޑެއް"ގެ ގޮތުގައި މުވައްޒަފުންނަށް ދައްކައިދީގެން ކުރިއަށް ދިއުމުގެ ނަތީޖާ އެ ސްކޫލުން އެ ދަނީ ފެންނަމުންނެއެވެ. މަތީ ތައުލީމު ނިންމި ނަމަވެސް ކިޔަވައި ދިނުމުގެ ސަނަދެއް ނެތި އެ ސްކޫލުގައި ކިޔަވައި ދޭން ފެށި އެތައް މުދައްރިސުން ނެތް މިއަދު ދަނީ، މުދައްރިސްކަމުގެ ޑިގްރީއާއި މާސްޓަރސް ނިންމައި، އެ ސްކޫލަށް ޚިދުމަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *