ފުރަތަމަ ފަހަރަށް ދޭން ފެށި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް" އެވޯޑް ރެހެންދި ސްކޫލުގެ ފާޠިމަތު އާލާ އަބްދުالله ޞާލިޙް ހޯދައިފިއެވެ. އަދި އެންމެ ޙަރަކާތްތެރި (މޯސްޓް އެކްޓިވް ހިއުމަން ރައިޓްސް) ކްލަބްގެ އެވޯޑް ލިބިފައިވަނީ އައްޑޫ ހައި ސްކޫލަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އަދި ޔޫއެން މޯލްޑިވްސްއާއި ގުޅިގެން"ލެންސް އޮން ހިއުމަނިޓީސް ޖާނީ" ގެ ނަމުގައި ފޮޓޯ މައުރަޒަކާއި ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް، ދޭ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮތީ އެސްއެމްއީ ހަބްގައެވެ. މި ރަސްމިއްޔާތު ބޭއްވީ އެވޯޑް ދިނުމުގެ އިތުރުން، އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރު (ޔުނިވާސަލް ޑެކްލަރޭޝަން އޮން ހިއުމަން ރައިޓްސް) އަށް 75 އަހަރު ފުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަން ޤާއިމްކުރިތާ 20 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.

އެޗްއާރްސީއެމްގެ ފަރާތުން ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށް އަމާޒުކޮށް، ދިން "ބެސްޓް ހިއުމަން ރައިޓްސް ކްލަބް' ގެ އެވޯޑާއި 'ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް" އެވޯޑަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ސްކޫލްތަކުގެ ހިއުމަންރައިޓްސް ކްލަބްތަކުންނާއި ކްލަބްގެ ދަރިވަރުންކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ހަރަކާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ތަޢާރަފް ކުރި އެވޯޑެކެވެ.
"ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް" އެވޯޑް ހޯދި، އާލާ ބުނި ގޮތުގައި އޭނާއަށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރަން ހިތްވަރު ލިބުނީ ސްކޫލްގެ އެތެރޭގައި ދިމާވި ގަނާގެ ޝިކާރައަކަށް އަމިއްލަ ނަފްސު ހުށަހެޅި، އަމިއްލައަށް އެކަން ތަޖުރިބާ ކުރަން ޖެހުމުންނެވެ.
އަމިއްލަ ނަފްސާއި އެހެން ދަރިވަރުން ގަނާގެ ޝިކާރައަކަށް ވުމަށް އޮތް ފުރުސަތުތައް ހުއްޓުވުމަށް އަމިއްލަ އުފަލަކަށްވި ކަމީ އެހެން ދަރިވަރުންގެ ދިފާޢުގައި ބަސްބުނުމަށް އާލާ ހިތްވަރު ހޯދި ކަމެކެވެ. ދުވަސްތައް ހޭދަވަމުން ދިޔަވަރަކަށް އޭނާ ބުނި ގޮތުން އޭނާގެ ހިތް އިންސާނީ ޙައްޤުތަކުގެ އަސާސްތަކުގެ މައްޗަށް ލެބެން ފެށިއެވެ. އަދި އަމިއްލައަށް ނަފްސު ދިފާޢު ކުރުމަށް އުދަގޫ ދަރިވަރުންގެ އަޑެއްކަމުގައި އޭނާވުމަކީ އޭނާ ވަށައިގެންވާ މާހައުލުގައި އިންސާފު ހޯދުމަށް ލިބޭ ބާރެއް ކަމުގައި ވިއެވެ.

އާލާ ކިޔައި ދިންގޮތުގައި ރެހެންދި ސްކޫލްގެ ހިއުމަން ރައިޓްސް ކްލަބްގެ މެންބަރަކަށް އޭނާ ވި ހިސާބުން ފެށިގެން ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިންނާއި އަދި ކްލަބްގެ މުދައްރިސުންގެ ފަރާތުން އޭނާއަށް އިތުރު ފިލާވަޅާއި ތަޖުރިބާތައް ހޯދައި ކޮންމެ ޙައްޤަކާއި އެކު ޒިއްމާތަކެއް ވާނެކަން އޭނާއަށް ދަސްވިއެވެ. އަދި ކުދިކުދި ފިޔަވަޅުތަކުން ކަންކަން ހާސިލްކުރުމުގެ މަތީޖާއަކީ އޭނަ މިއަދު އައިސް ފުރަތަމަ "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް" އަށް ވުމަށް މަގުކޮށައި ދިނުމެވެ. އޭނާގެ މިދަތުރުން ކޮންމެ ފަރުދަކީ ވެސް އިޙްތިރާމާއި ކަރާމާތް ލިބިގެންވާ އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރިއުޅެވޭނެ މީހެއް ކަމުގައިވާން ޖެހޭކަން ދެނެގަނެވުމެވެ.
އެހެން ދަރިވަރުންނާއި އަދި މި އެވޯޑަށް މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުންނަށް އާލާ ދޭ މެސެޖަކީ "އެއްވެސް ވަރަކަށް ނާ އިންސާފު ބަލައި ނުގަންނާތި. އެކަންކަމާއި ކެރުމާއި،ހިތްވަރާއި އެއްގޮތެއްގައި ދެމިހުރެ ކުރިމަތިލާ.އަދި ރަޙުމަތްތެރިންނާއި އެހެނިހެން ކުދިންނަށް ހިތްވަރުދީ، ދިރިއުޅޭ މުޖުމަތަޢުއަކީ އެކުވެރި އަޅާލާ އޯގާތެރި، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުވެފައި އޮތް އިންސާފުވެރި ހަމަހަމަ މުޖތަމަޢުއަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރޭ."
އާލާ، އޭނާގެ ފަށާ ތަޢުލީމު ފުރިހަމަ ކުރީ ހުޅުމާލޭ ޕްރީސްކޫލް، ކިޑްސް ހައުސް ފުވައްމުލަކުންނެވެ. ޕްރައިމަރީ ގްރޭޑްތައް ފުރިހަމަކުރީ މުޙައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ޏ. ފުވައްމުލަކުންނެވެ. އޭނާ މެދު މަދަރުސީ ތަޢުލީ ހަޞިލް ކުރީ ރެހެންދި ސްކޫލުންނެވެ. އާލާއަކީ 2023/2022 ވަނަ އަހަރު ރެހެންދި ސްކޫލްގެ އަންހެން ކެޕްޓަނެވެ. މަތީ ސާނަވީއަށް ކިޔަވަމުން ދަނީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގައެވެ.
ހިއުމަން ރައިޓްސް ކްލަބަކީ ސްކޫލްތަކުގެ ދަރިވަރުން އިންސާނީ ޙައްޤަށް އަހުލުވެރިކުރުވާ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޢަމަލީ މަސައްކަތުގައި އުޅުމަށް ބާރުއަޅުވައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޘަޤާފަތެއް މުޖުތަމަޢުގައި އުފެއްދުމުގެ މަޤްޞަދުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތަޢާރަފް ކޮށްފައިވާ ކްލަބް ތަކެކެވެ. ހިއުމަންރައިޓްސް ކްލަބްތައް ސްކޫލުގައި އުފައްދައި ހިންގަނީ ސްކޫލް މަދަރުސާތަކުންނެވެ.
advertisment
ހިޔާލު