މުދައްރިސުންނަށް ލައިސަންސެއް ދޭއިރު، މުދައްރިސުން ރަޖިސްޓްރީ ކުރަން މިނިވަން ކައުންސިލެއް އޮތުން މުހިންމު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.
ތައުލީމުގެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްވަމުން އާތިޔާ ވިދާޅުވީ މިހާރު ބިލު ފަރުމާ ކޮށްފައިވާ ގޮތުން އެ ކައުންސިލް އުފެއްދަން ބާރު ދީފައި އޮތީ ތައުލީމީ ވުޒާރާއަށެވެ. ޓީޗަރުން ރަޖިސްޓްރީކޮށް ރަޖިސްޓްރީވުމާބެހޭ އުޞޫލުތަކާއި ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދި ކައުންސިލް އެކުލެވިގެންވާ ގޮތް ކަނޑައެޅުމުގެ ބާރު ދީފައި ވަނީ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާ ހަވާއިދެއްގެ ދަށުން ތައުލީމީ ވަޒީރަށެވެ.
ޕްރިންސިޕަލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ އާތިޔާ ވިދާޅުވި ގޮތުގައި މުދައްރިސުން ރަޖިސްޓްރީ ކުރުމަކީ މިނިވަން ކައުންސިލަކުން ކުރުން މުހިންމު ކަމެކެވެ. އޭނާ ވިދާޅުވީ ސައުތު އޮސްޓްރޭލިއާއަށް ބަލާއިރުވެސް މުދައްރިސުން ރަޖިސްޓްރީ ކުރުމުގައި ގަވަރުނަރު އައްޔަން ކުރައްވަނީ މިނިވަން ކައުންސިލެއް ކަމަށާއި، އެ ކައުންސިލުގައި ތިއްބަވަނީ ގިނަ ދާޢިރާތަކުން ހޮވާލެވޭ ފަރާތްތައް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކިޔަވައިދެ މުދައްރިސުންނަކީ ފެންވަރު ރަނގަޅު ކޮލިޓީ ބަޔަަކަށް ހެދުމަށް ޓީޗަރސް ލައިންސަންސް އޮތުން މުހިންމު ކަމަށެވެ.
" ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް "ޓީޗާ ލައިސަންސް" މުހިއްމު" ތައުލީމާބެހޭ ވަޒީރު ވިދާޅުވިއެވެ.
އާތިޔާ ވިދާޅުވި ގޮތުގައި ލައިސަންސް ދޭއިރު، މުރާޖައާ ކުރާނެ މުއްދަތެއް ކަނޑައެޅުމާއި، ލައިސަންސް އަތުލެވޭނެ ގޮތްތަކެއް ވެސް ބަޔާންކޮށްފައި އޮންނަން ޖެހޭނެއެވެ.
ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ލައިސަންސް ދޭއިރު، މުދައްރިސުން ހޯދާ ލައިސަންސާ ދޭ މުސާރައާވެސް ގުޅުވާލެވިދާނެ ކަމަށާއި، މަތީ ލެވެލްގެ ލައިސަންސް ދޭ ފަރާތްތަކަށް ދެވޭ މުސާރަ ތަފާތެއް ގެނެވިދާނެ ކަމަށެވެ.
ތައުލީމުގެ ބިލުގައި މިހާރު އެކުލަވާލާފައިވާ ގޮތުން ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ނުކޮށް ނުހިންގޭނެއެވެ. ބިލް ގާނޫނަކަށްވާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ މުދައްރިސުން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.
advertisment
ހިޔާލު