ނިއު ނޯމަލްގައި ކިޔަވައިދޭނީ ތިން ކެޓަގަރީއަކަށް، ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށް ކަމަށް މިނިސްޓްރީން އޮފް އެޑިއުކޭޝަނުން ނިންމައި އެކަން ސްކޫލްތަކަށް އަންގައިފިއެވެ.
އަންނަ މަހުގެ ތެރޭގައި ނިއު ނޯމަލްގައި ކިޔަވައިދޭން ތައްޔާރު ވަމުން ދިޔަ ނަމަވެސް ކިޔެވުން ފަށާނެ ދުވަހެއް ކަނޑައަޅާފައި ނުވާކަމަށާއި، ދުވަހެއް ކަނޑައަޅާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ދުވަހެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް19އާ ގުޅިގެން، ސްކޫލްތައް ބަންދުކޮށްފައިވާއިރު، ނިއު ނޯމަލްގައި ސްކޫލްތަކުގައި އަންނަ މަހުގެ ތެރޭގައި ކިޔަވަން ފަށާއިރު، ކިޔަވައިދޭނީ ތިން ކެޓަގަރީއަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ބުނެފައެވެ.
ފުރަތަމަ ކެޓަގަރީ – ހިމެނެނީ ކޮވިޑް19އާ ގުޅިގެން ފުލް ލޮކްޑައުންގައި ހިމެނޭ ރަށްރަށްތަކުގައި ހުރި ސްކޫލްތަކެވެ.
ދެވަނަ ކެޓަރގަރީ – މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގައި ކިޔަވައިދޭނީ ގްރޭޑް 9ން ފެށިން ގުރޭޑް12އާ ހަމައަށެވެ.
ތިންވަން ކެޓަގަރީ – ކޮވިޑްގެ އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭނެއެވެ.
އެޑިއުކޭޝަންގެ ސާކިއުލާގައި ބުނެފައި ވަނީ ކޮންމެ ގުރޭޑަކަށްވެސް ކިޔަވައިދޭނީ ހަފުތާއަކު ހަތަރު ދުވަހު ދުވާލަކު ހަތަރު ގަޑިއިރު، 45 މިނިޓްގެ ހަތަރު މާއްދާ ކަމަށެވެ. އަދި ބާކީ ހުރި ގަޑިތައް ކުދިން ހޭދަކުރާނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީއަށާއި، އަތް ދޮވުން ފަދަ ސާފުތާހިރުކަމާ ގުޅޭ ކަންކަމަށެވެ.
ނިއު ނޯމަލްގައި ހަފުތާއަކު އެއް ދުވަސް ޚާއްޞަކޮށްފައި ވަނީ ކިޔަވައިދޭނެ މެޓީރިއަލް ތައްޔާރު ކުރުމަށް މުދައްރިސުންނަށެވެ. މި ދުވަހު ކިޔެވުމެއް ނޯންނާނެއެވެ. ނިއު ނޯމަލްގައި ސީދާ ކްލާސްރޫމުގައި ކިޔަވައިނުދެވޭ ބައިތައް ފުރިހަމަކުރަން ގޫގުލް ކްލާސްރޫމް ބޭނުންކުރަން ޖެހޭނެއެވެ. އޭގެ އިތުރުން ކޮންމެ ދެ ހަފުތާއިން އެއް ފަހަރު ޓީޗަރުންނަށް އޮންލައިން ކްލާސްތައް ގެންދަން ޖެހެއެވެ.
ސްކޫލަށް ހާޒިރުވާން ޖެހޭ އަދި ނުޖެހޭ ދަރިވަރުން، ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިންކޮށް ކިޔަވައިދޭ ސެޝަންތަކުގައި ބައިވެރިވުން އޮތީ މަޖުބޫރު ކޮށްފައެވެ. އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދަރިވަރަކަށް ވިއަސް ޓެލިކިލާސް އަދި ގޫގުލް ކްލާސްރޫމް ނުވަތަ އޮންލައިން ކްލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ހާޒިރީ މާކްކުރަން ޖެހޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ.
ސްކޫލްތައް ހުޅުވަންވާއިރަށް، ހުން ބެލުމާއި، އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ތަކެތި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަޔަކާ ހަވާކުކޮށްފައެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
advertisment
ހިޔާލު