ކޮވިޑް19އާ ގުޅިގެން ބަންދުކޮށްފައިވާ ސްކޫލްތަކުގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ސްކޫލްތަކަށް އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިއު ނޯމަލްފައި ސްކޫލްތަކުގެ ކިޔެވުން ފަށާއިރު އަމަލުކުރުމަށް ޚާއްޞަ ގައިޑްލައިނެއް އެކުލަވާލައި ސްކޫލްތަކާ ހިއްސާކޮށްފައެވެ.
އެ ގައިޑްލައިނުގައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންމެ ސްކޫލަކުން އެ ސްކޫލުން އަމަލުކުރާނެ އެސްއޯޕީއެއް އެކުލަވާލައި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އަދި އެކަންތައްތައް ކުރިއަށް ގެންދިއުމަށް ކޮންމެ ސްކޫލެއްގައި ސްކޫލްގެ މުވައްޒަފުން ހިމެނޭ ޓާސްކް ފޯހެއް އުފައްދަން ޖެހެއެވެ. މި ޓާސްކްފޯހުގެ ބެލުމުގެ ދަށުން ކޮންމެ ދުވަހަކު 2-4 ފަހަރު ސްކޫލް ޑިސްއިންފެކްޓް ކުރަންޖެހެއެވެ.
ދަރިވަރުން ސްކޫލަށް ރިޕޯޓްކުރުމުގެ ކުރިން ދަރިވަރުންނާއި މުވައްޒަފުންގެ ތެރެއިން ކޮވިޑް 19 ޖެހުނު މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްޓުވި މީހުން ނުވަތަ ކުރިން ކަރަންޓީންކުރި މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރާ ބައްޔެއް ހުރި ކުދިން ދެނެގަނެ އެފަދަ މީހުންނަށް ސްކޫލަށް ދިއުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަން ބުނެފައިވެއެވެ.
މި ގައިޑްލައިންގައި ބުނެފައިވާ ގޮތުން ސްކޫލަށް ދަރިވަރުން ހާޒިރުވުމުގެ ފަނަރަ މިނިޓް ކުރިން މުވައްޒަފުންނާއި މުދައްރިސުން ސްކޫލަށް ހާޒިރުވާންޖެހޭނެއެވެ. ސްކޫލްގެ ޓީޗަރުންނާއި ހެލްތް އެސިސްޓެންޓުންނާއި ސަޕޯޓް ސްޓާފުން އޮފީސް ސްޓާފުން އަންގިއާއި މާސްކު ބޭނުން ކުރަންޖެހޭނެއެވެ. ހެލްތު އެސިސްޓަންޓުން ފޭސް ޝިލްޑު ބޭނުން ކުރަންޖެހޭއިރު ސަޕޯޓް ސްޓާފުން ޕީޕީއީ ބޭނުން ކުރަންޖެހޭނެ ކަމަށް އެ ގައިޑްލައިނުގައި ބުނެފައިވެއެވެ. ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ފިނިހޫނުމިން ޗެކްކޮށް 37 ޑިގްރީ ސެލްސިއަސްއަށްވުރެ މަތި ނަމަ އެ ދަރިވަރަކު އައިސޮލޭޓް ކުރަންޖެހެއެވެ. އައިސޮލޭޓް ކުރަންޖެހިއްޖެ ހާލާތެއްގައި އެކަން ކުރެވޭނެ ވަކި ތަނެއްވެސް ހަމަޖައްސާފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މި ގައިޑްލައިނުގައި ބުނެފައި ވަނީ ސްކޫލަށް ދަރިވަރުން ދާނީ މާސްކުއަޅައިގެން ކަމަށާއި، ކޮންމެ ދުވަހަކުވެސް އަޅަންޖެހޭނީ އާ މާސްކެއް ކަމަށާއި، ސްކޫލަށް ދާއިރު އިތުރު މާސްކެއް ގެންދަންޖެހޭނެ ކަމަށެވެ. އުމުރުން ދެ އަހަރުގެ ދަރިވަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން މާސްކު އަޅާކަށް ނުޖެހެއެވެ.
މި ގައިޑްލައިނުގައި ވަނީ ގައިދުރުކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކޯޑިނޭޝަން ބައްދަލުވުންތަކާއި ބެލެނިވެރިންގެ ބައްދަލުވުންތައް އަދި އެހެނިހެން ވެސް ބައްދަލުވުންތައް ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށް ބާއްވަން ކަނޑައަޅާފައެވެ. އެއްވެގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވަންޖެހިއްޖެ ހާލަތެއްގައި ބާއްވަން ޖެހޭނީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ.
ނިއުނޯމަލްގައި ސްކޫލަށް ދިއުމުގައި ރަސްމީ ޔުނީފޯމުގެ ބަދަލުގައި ސްޕޯޓްސް ޔުނީފޯމުގައި އައުމުގައި ލުއިތަކެއް ދޭންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސްކޫލްތައް ހުޅުވާނެ ވަކި ދުވަހެއް ހާމާނުކޮށް، އެޑިއުކޭޝަން މިނިސްޓަރު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުވި ސަރކިއުލަރގައި ވިދާޅުވެފައި ވަނީ ސްކޫލްތައް ހުޅުވާނެ ދުވަސް ކަނޑައަޅާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންކަމަށެވެ.
advertisment
ހިޔާލު