އޭޝިޔާ ފައުންޑޭޝަނުން ކުރިއަށް ގެންދާ "ލެޓްސް ރީޑް" ޕޮރޮގްރާމުގެ ދަށުން އޮންލައިންކޮށް ޝާއިޢު ކުރާ ފޮތްތައް ދެވަނައަށް އެންމެ ގިނައިން ކިޔާފައިވާ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
ދެވަނަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިގެން ދިޔައީ ނިމި ދިޔަ މެއި މަހުގެ ތެރޭގައި 21097 ފޮތް ކިޔައިގެންނެވެ. މި ލިސްޓްގެ އެއްވަނަ ލިބުނު އިންޑޮނީޝިޔާއިން ކިޔާފައި ވަނީ 150،025 ފޮތެވެ. ތިން ވަނަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ މިޔަންމާއެވެ. އެގައުމުން ކިޔަފައި ވަނީ 13360 ފޮތެވެ. ރާއްޖެއިން މިހާތަނަށް 68145 ފޮތެއް ވޭތުވެދިޔަ މުއްދަތުގައި ކިޔާފައި ވެއެވެ.
މިޕްރޮގްރާމުގެ ދަށުން 33 ގައުމެއްގެ ބަހަށް ފޮތްތައް ތަރުޖާމާ ކުރަމުންގެންދެއެވެ. އަދި އެ ފޮތްތައް އޮންލައިން މަންސާގައި އެންމެންނަށް ކިޔުމުގެ ފުރުޞަތު ހިލޭ ފަހިކޮށްދީފައި ވެއެވެ. މި މަންސާގައި ތަރުޖަމާ ކޮށްފައި ހުންނަ ފޮތްތައް ކިޔާ އަދަދު ކޮންމެ މަހަކު އެއް ފަހަރު އާންމުކުރެއެވެ. މިހާތަނަށް އެކި ބަސްބަހުން ލިޔެފައިވާ 70އަށް ވުރެ ގިނަ ފޮތް ވަނީ ދިވެހި ބަހަށް ތަރުޖަމާކޮށް މި މަންސާގައި ހިމަނާފައެވެ.
އޭޝިޔާ ފައުންޑޭޝަނާއި ގައުމީ ޔުނިވަރސިޓީގެ އިސްނެގުމުގެ މަތިން އެންއައިއީ އާއި ދިވެހިބަހުގެ އެކެޑެމީއާއި ނެޝަނަލް ލައިބްރަރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ކޮންމެ މަހަކު ވެސް ދަނީ އެކި ބަސްބަހުން ލިޔެފައިވާ ފޮތްތައް ތަރުޖަމާ ކުރަމުންނެވެ.
ނެޝަނަލް ޔުނިވަރސިޓީގެ ލައިބްރޭރިއަން ފާތުމަތު ނަޝްފާ ވިދާޅުވީ ފޮތްތައް ތަރުޖަމާކުރުމަށާއި، އެޑިޓްކުރުމަށް ވަކި ޓީމެއް މަސައްކަތް ކުރާކަމަށާއި އެ މަސައްކަތްތައް ނިމޭ ވަރަކުން ލެޓްސްރީޑް ވެބްސައިޓުން ތަރުޖަމާ ފޮތްތައް ކިޔެން ހުންނާނެ ކަމަށެވެ.
" މިއީ ފުރަތަމަ ފިޔަވަހި. މި ފިޔަވަހީގެ ދަށުން ތަރުޖަމާ ކުރަމުންދަނީ ކަނޑައަޅާފައިވާ ވަކި ޓީމެއް. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފޮތްތައް ތަރުޖަމާ ކުރަން އާންމުންނަށް ވެސް ހުޅުވާލާނަން. އޮންލައިންކޮށް ގެނެސްދޭ ފޮތްތައް ޕްރިންޓްކުރުމަށް ވެސް މި ދަނީ ވިސްނަމުން. އަދި އެއަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ." ލެޓްސްރީޑް ޕްރޮގުރާމްގެ ކަންކަން އިންތިޒާމު ކުރުމުގައި އުޅުއްވާ ނަޝްފާ ވިދާޅުވިއެވެ.
ލެޓްސް ރީޑް ޕްރޮގްރާމުގެ ދަށުން އެކި ބަސްބަހުން ތަރުޖަމާ ކުރަމުން ދަނީ ކުޑަކުދިންގެ ފޮތްތަކެވެ. މިހާތަނަށް 33 ބަހެއްގެ 4012 ފޮތެއް އެކި ބަސްބަހަށް ވަނީ ތަރުޖަމާކޮށްފައެވެ. އެންމެ ގިނަ ފޮތް ތަރުޖަމާ ކޮށްފައި ވަނީ އިނގިރޭސި ބަހަށެވެ. އެބަހަށް 616 ފޮތެއް ވަނީ ތަރުޖަމާކޮށްފައެވެ.
މި ޕްރޮގްރާމް ރާއްޖޭގައި ފެށީ މި އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ކޮވިޑް19އާ އެކު ގޭގައި ތިބި ދަރިވަރުންނަށް "ލެޓްސް ރީޑް" އަކީ މުހިންމު ސައިޓަކަށް ވާނެއެވެ.
advertisment
ހިޔާލު