އަންވަރު ސަރގެ ޢީދު ހަދިޔާ: ވައިބަރ ސްޓިކަރތަކެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ދާރިސް ނުވަތަ ގިނަ ދަރިވަރުންތަކެއްގެ ދިވެހި މުދައްރިސް އަންވަރު އިބްރާހީމް (އަންވަރު ސަރ) ވައިބަރ ސްޓިކަރތަކެއް ތަޢާރަފުކޮށްފިއެވެ. ޢީދު ތަހުނިޔާގެ މި ވައިބަރ ސްޓިކަރތަކަކީ ފުރަބަންދުގައި އަންވަރު ސަރ ކުރެއްވި ތަފާތު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

" އަސްލު މި ޚިޔާލު އައީ އާއިލީ ކުއްޖަކު ތައްޔާރު ކުރި އިނގިރޭސި ވައިބަރ ސްޓިކަރތަކެއް ފެނުމުން. އެހެންވެ ހިތަށް އެރީ ދިވެހި ބަހުން ވެސް މިކަން ކޮށްލެވިދާނޭ. އެހެން ހިތަށް އަރައި ވައިބަރ ސްޓިކަރތަކެއް ހެދުމުގެ ވިސްނުން އައީ. ކުރިއަށް އޮތީ ޢީދުކަމަށްވާތީ ޢީދަށް އަމާޒުކޮށް މި ސްޓިކަރތައް ހަދާން ނިންމީ" ސްޓިކަރތައް ހެދުމުގެ ވިސްނުން އައި ގޮތް އަންވަރު ސަރ ހިއްސާކުރެއްވިއެވެ.

އަންވަރު ތައްޔާރުކުރެއްވި ވައިބަރ ސްޓިކަރ ޕެކްގައި 22 ސްޓިކަރ ހިމެނޭއެވެ. އޭގެ ތެރޭގައި ތަފާތު އެކި ޑިޒައިންތަކުގެ ސްޓިކަރ ހިމެނެއެވެ. އެ ސްޓިކަރތަކުން އެންމެ ފާހަގަ ކުރެވުނީ ތާނައަކުރު ބޭނުންކޮށްފައިވާ ގޮތާއި ފަރުމާއެވެ.

" ސްޓިކަރތަކުގައި ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރު. ނަމަވެސް ޢަރަބި އަކުރު ލިޔުމުގެ ސްޓައިލަކަށް ފަރުމާކުރީ. އެކަން ކުރުމަށް ފުރަތަމަ މި ހެދި ގޮތަކީ އަމިއްލަ އަތުން ގަނޑެއްގައި އެ ލިޔުންކޮޅު ބޭނުންވާ ފަރުމާގައި ލިޔެލަނީ. އެއަށްފަހު ފޮޓޯއެއް ނަގައި ކޮންޕަށް ގެންގޮސް، އެ ފަރުމާއަށް އިތުރު ބަދަލު ގެންނަނީ. ދެން އެކި ކުލަތައް ބޭނުން ކޮށްގެން ރީތިކޮށްލަނީ" ފަރުމާކުރުމުގެ މަސައްކަތް ކުރެއްވި ގޮތް އަންވަރު ސަރ ހިއްސާ ކުރެއްވިއެވެ.
އަންވަރުގެ ޢީދު ހަދިޔާއަކީ ހިލޭ ލިބޭގޮތަށް ދޫކޮށްލާފައިވާ ވައިބަރ ސްޓިކަރތަކެކެވެ.

" އަސްލު މިއީ ހަމަ ޢީދު ހަދިޔާއެއް. އެހެންވެ ހިލޭ ދޫކޮށްލާފައި މިވަނީ ވެސް. ކޮންމެ މީހަކަށް ވެސް ކޮންމެ ކުއްޖަކަށް ވެސް މި ހަދިޔާ ބޭނުންކޮށްގެން އެހެން މީހަކަށް ޢީދު ތަހުނިޔާ ފޮނުވާލެވިދާނެ. އުންމީދަކީ އެކަން ކުރުން. އަމިއްލަ މާދަރީ ބަހާއި އަކުރު ބޭނުން ކޮށްގެން އުފާވެރިކަން ފާޅުކުރުން" ބަހުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައި އަދަބީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އަންވަރު ސަރ ބުނުއްވިއެވެ.

މި ފުރަބަންދުގައި އަންވަރު ސަރ ވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ވެސް މީސްމީޑިއާއިން މުޖުތަމަޢަށް ހަދިޔާ ކޮށްފައެވެ. އެގޮތުން ތަފާތު ޅެންތަކާއި، ދަރިވަރުންގެ ހުނަރުވެރިކަން ފެންނަ ވީޑިއޯ ކްލިޕްތަކާއި ކުޑަކުދީންގެ ވާހަކަ ފޮތެއް ވަނީ ތަޢާރަފުކޮށްފައެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *