ނިއު ނޯމަލްގައި ކިޔަވައިދިނުން: ހަތަރު ދަންފަޅިއަށް، ކުލާހެއްގައި 15 ކުދިން

ކޮވިޑާއެކު ނިއު ނޯމަލްގައި އުޅެން ދަސްކުރަން މި ވަނީ ޖެހިފައެވެ. ނިއު ނޯމަލްގައި އެންމެ ބޮޑު ބަދަލެއް އަންނާނީ ސްކޫލްތަކަށެވެ. ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށެވެ.

ތައުލީމާބެހޭ ވަޒީރު ވިދާޅުވީ ނިއު ނޯމަލްގައި ސްކޫލްތައް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް ކުރަމުންދާ ކަމަށާއި، އެ ޕްލޭނާ އެއްގޮތަށް ކިޔަވައި ދިނުން ކުރިއަށް ދާއިރު، ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

ކޮވިޑަށްފަހު، ހުޅުވި ރާއްޖެއިން ބޭރުގެ ސްކޫލްތަކެކޭ އެއްގޮތަށް ސްކޫލްތަކުގެ ގޭޓް ކައިރިން ދަރިވަރުންގެ ހުން ބެލުމުގެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެކަމަށް ބޭނުންވާ ތާމޯ މީޓަރު ހެލްތް މިނިސްޓްރީން ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއެކު އަތް ދޮވެވޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ސްކޫލްތަކުގައި ފަށާފައެވެ.

ނިއު ނޯމަލްގައި ކިޔަވައި ދޭން ނިންމާފައި ވަނީ ފޭސްޓު ފޭސް މޯޑާއި، ޑިސްޓެންސް މޯޑުގައެވެ. މީގެ ތެރެއިން ގިނަ ވަގުތު ދަރިވަރުން ހޭދަކުރާނީ ޑިސްޓެންސް މޯޑުގައެވެ.

" ކުދިން ފޭސްޓު ފޭސްކޮށް މުދައްރިސާ ބައްދަލުކުރާނީ މަދު ވަގުތުކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ލެސަން ނަގައިދޭނީ ޑިސްޓެންސް މޯޑުން،" ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާއިރު، ބައެއް ސްކޫލްތަަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކަށް ވާނީ ޖާގައިގެ ދަތިކަމެވެ. 2000 ދަރިވަރުން ކިޔަވަމުންދާ ސްކޫލްތަކުގައި ހަތަރު ސެޝަނަށް ކިޔެވުން ކުރިއަށް ގެންދަންޖެހެއެވެ. މިހާރު ކުލާހެއްގައި ގިނަ ވެގެން 32 ކުދިން ކިޔަވަމުން ދިޔަ ނަމަވެސް އާ ބަދަލާއެކު ކުލާހެއްގައި ކިޔަވަމުންދާނި 15 ވަރަކަށް ކުދިންނެވެ. މޭޒުތައް ހުންނާނީ ވެސް ދުރުދުރުގައެވެ.

މި ހުރިހާ ކަމަކާއެކުވެސް ކިޔައިދިނުން ކުރިއަށް ގެންދާއިރު، ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މި ހާލަތަށް މުދައްރިސުން ހޭނުއްވުމެވެ. ރާއްޖޭގައި ކިޔަވާ ދެއްވާ ޓީޗަރުންނަކީ ފޭސްޓް ފޭސްޓްކޮށް ކިޔަވަދި ދެއްވަން އާދަވެފައި ތިއްބެވި ބައެކެވެ. އެ ޓީޗަރުންނަށް އިތުރު ތަމްރީނެއް ނެތި މިފަދަ ހާލަތެއްގައި ޑިސްޓެންސް މޯޑަށް ކިޔަަވައި ދިނުމަށް އުނދަގޫތަކެއް ކުރިމަތިވާނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

" ގިނަ ޓީޗަރުންނަކީ ދަރިވަރުންނާ ދިމާވެގެން ނޫން ގޮތަކަށް ކިޔަވައިދޭން ތަމްރީނުވެފައި ތިބި ބައެއް ނޫން. އާ މޯޑަކަށް ކިޔަވައިދޭން އިތުރު ތަމްރީނުތައް ބޭނުންވޭ. އެ މަސައްކަތް ފަށައިގެން އެބަ ގެންދަން. މިހާރުވެސް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް އެބަގެންދަން. ތަމްރީނުތަކަށް އެކި ދިމާލުން ފައިސާ ހޯދުމުގެ މަސައްކަތްތައްވެސް މިނިސްޓްރީން ކުރިއަށް އެބަގެންދަން" ވަޒީރު ވިދާޅުވިއެވެ.

ނިއު ނޯމަލްގައި ކިޔެވުން ކުރިއަށް ގެންދާއިރު، ކުދިން ބަލައި ދިއުމުގައިވެސް ތޮއްޖެހުން ކުޑަވާނެ ގޮތަކަށް ގަޑިތައް ހަމަޖައްސުމަކީވެސް މުހިންމު ކަމެކެވެ. އާންމު ގޮތެއްގައި ސްލޫލްތައް ނިމޭ ގަޑިއަކީ ތޮއްޖެހިފައި އޮންނަ ގަޑިތަކަށްވާތީ އެކަމަށް އެކަށީގެންވާ ހައްލެއް، ގެންނާނެ ކަމުގެ ޔަގީންކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

ސްކޫލްތައް ހުޅޫވާލާއިރު، ދިރާސީ ކަލަންޑަރަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *