ނިއު ނޯމަލްއަށްދާއިރު، ސްކޫލްތަކަށާއި ކުލާސްރޫމްތަކަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން އައި މި ހާލަތުގައި ކިޔަވައިދޭން ފެށި ގައުމުތަކުގެ ހާލަތާއި އެމީހުންގެ ތަޖުރިބާތައް ހޯދަމުންދާ ކަމަށާއި، އެކަމުގެ ޕްލޭންތައް މިހާރު ކުރަމުންދާއިރު، މުހިންމު ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
" ގައިމުވެސް ކުރީގައި އޮތް ނޯމަލްއަކަށް ނޫން ދާނީކީ. ވަރަށް ގިނަ ކަންތައްތަކުން މަހުރޫމްވާނެ. އަތް ދޮވުމާއި، ސްކޫލްތެރޭގައި ޖެނެރަލް ހައިޖިންއަށް ވަރަށް ޚާއްޞަ އިސްކަމެއް ދޭނެ" މިނިސްޓަރު ވިދާޅުވިއެވެ. " ފިޒިކަލް ފިޒިކަލް ޑިސްޓެންސްއަށް ޚާއްޞަ ސަމާލުކަން ދޭންޖެހޭނެ. އެއާއެކު ކުލާސްރޫމްތަކުގައި ތިބޭ ކުދިންގެ އަދަދަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ"
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޑިސްޓެންސް ލާރނިންގ ގޮތުގައި ކޮންމެވެސް ބައެއް ކިޔަވާދޭންޖެހޭ ކަމަށާއި، އެކަމަށް މުދައްރިސުން ތައްޔާރު ކުރުމާއި އޮންލައިން ރިސޯސަސް ތައްުޔާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވޭނެ ދުވަހެއް ނޭނގޭއިރު، ދަރިވަރުންނަށް ކިޔަވައިދިނުމަށް ފެށި މަސައްކަތް އަލުން ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި މުދައްރިސުން ގޭގައި ތިއްބަވައިގެން، ޓެލިކިލާސްތައް ރެކޯޑްކޮށްގެން ޗެނަލްތަކުން ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށްދާ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުފައެވެ.
ސްކޫލްތައް ބަންދު ކުރުމާ ގުޅިގެން ފެށި ޓެލިކިލާސްތައް ހުއްޓާލީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް މިހާރުވެސް އޮންލައިންކޮށް ދަނީ ސްކޫލްތަކުން ކިޔަވައި ދެމުންނެވެ.
advertisment
ހިޔާލު