13 އަހަރުން ދަށުގެ ފައިނަލުގައި ރެހެންދިއާއި އިސްކަންދަރު
15 އަހަރުން ދަށުގެ ފައިނަލުގައި އަޙްމަދިއްޔާއާއި ޣިޔާޘުއްދީން
17 އަހަރުން ދަށުގެ ފައިނަލުގައި ޣިޔާޘުއްދީނާއި އިސްކަންދަރު
އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްތައް މާދަމާ ކުޅޭނެއެވެ. ފައިނަލުގައި ކުޅޭ ޓީމްތައް ކަށަވަރުވީ މިއަދު ކުޅުނު ސެމީ ފައިނަލްގެ މެޗްތަކަށް ފަހުއެވެ.
13 އަހަރުން ދަށުގެ ފައިނަލުގައި ވާދަކުރާނީ ރެހެންދިއާއި އިސްކަންދަރެވެ. ރެހެންދި ފައިނަލަށް އައީ ސެމީގައި މިއަދު ހިރިޔާއާ ވާދަކޮށް 26-30ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ރެހެންދި ސްކޫލުގެ އައިޝަތު އީލިޔާ ބިންތި މުޙައްމަދެވެ. އިސްކަންދަރު ފައިނަލަށް އައީ ސެމީގައި ޣިޔާޘުއްދީނުގެ މައްޗަށް 17-29ގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އިސްކަންދަރުގެ އައިޝަތު ކަރިން ސައިޒަންއެވެ.
15 އަހަރުން ދަށުގެ ފައިނަލުގައި ވާދަކުރަނީ އަޙްމަދިއްޔާއާއި ޣިޔާޘުއްދީނެވެ. އަޙްމަދިއްޔާ ފައިނަލަށް ދިޔައީ ސެމީގައި ހިރިޔާގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. މިމެޗްގެ ނަތީޖާއަކީ 14-26 އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އަޙްމަދިއްޔާގެ ޒީކް އިސްމާއިލް މުޙައްމަދެވެ. ޣިޔާޘުއްދީން ފައިނަލަށް ދިޔައީ އިސްކަންދަރާ ވާދަކޮށް 30-39ން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޣިޔާޘުއްދީނުގެ ކެޕްޓަން އައިޝަތު މަލާއިކާ އަލީއެވެ.
17 އަހަރުން ދަށުގެ ފައިނަލުގައި ކުޅެނީ ޣިޔާޘުއްދީނާއި އިސްކަންދަރެވެ. ޣިޔާޘުއްދީން ފައިނަލަށް ދިޔައީ ސެމީގައި ހިރިޔާ ސްކޫލާ ވާދަކޮށް 25-49 ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޣިޔާޘުއްދީނުގެ މަރިޔަމް ސަރާހް އިސްމާއިލެވެ. އިސްކަންދަރު ފައިނަލަށް އައީ މިއަދު ހަވީރު ކުޅުނު މެޗްގައި އަމީނިއްޔާގެ މައްޗަށް 34-63ން ކުރި ހޯދައިގެންނެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކީ އިސްކަންދަރުގެ ކެޕްޓަން އައިޝަތު އީޝަލް އަލީއެވެ.
advertisment
ހިޔާލު