ދިވެހި މުޖުތަމަޢުގައި ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ކުދިން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމަކީ މިހާރު އެންމެން ދަންނަ ޙަޤީޤަތެކެވެ. މިއީ ޤައުމީ ފެންވަރެއްގައި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ދައުލަތުގެ މުވައްސަސާތައް ހިމެނޭގޮތަށް މުޅި މުޖުތަމަޢުގެ އެންމެހާ ފަރުދުން އެކުވެގެން މަސައްކަތްކޮށް ޙައްލު ހޯދަންޖެހިފައިވާ ބޮޑު ޤައުމީ މައްސަލައެއް ވެސްމެއެވެ. މިކަމަށް ހެޔޮ ބަދަލެއް މުސްތަޤުބަލުގައި ގެންނަން އެދޭނަމަ، އަޅަންވީ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހިބަހާ މެދު ލޯބި އުފެއްދުން ކަމުގައި ދިގު މުއްދަތެއްގައި ދިވެހިބަސް ކިޔައިދެއްވި މުދައްރިސެއް ކަމަށްވާ ޙުސްނާ ފަހްމީ (ޙުސްނާ މިސް) ވިދާޅުވެއެވެ. އެކަމަށް ޓަކައި ކުރެވިދާނެ މުހިންމު އެއް ކަމަކީ، އެހެން ބަސްބަހުން ވެސް އެކަން ކުރަމުންދާ ފަދައިން، ބަހާމެދު ދަރިވަރުން ޝައުޤުވެރިވާނެ ފަދަ، ކިޔާހިތްވާ ތަފާތު ލިޔުންތަކާއި ފޮތްތައް އުފައްދައި މުޖުތަޢަށް ނެރެދިނުމެވެ. އެ ގޮތުން ކިޔުންތެރިކަމުގެ ތެރެއިން ބަހާމެދު ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމެވެ.

ޙުސްނާ ފަހްމީ އަކީ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބަހުގެ ދާއިރާއިން ޙުސްނާ ވަނީ ބެޗްލަރ އޮފް އާރޓްސް ދިވެހި ލޭންގްވިޖް، ޕޯސްޓްގްރޭޖުއޭޓް އިން ޓީޗިންގ އަދި މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ ޙާސިލްކުރައްވާފައިވެއެވެ. އަދި ދައުލަތަށް މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާތީ 2021 ވަނައަހަރު ރައީސުލް ޖުމްހޫރިއްޔާގެ އިނާމު އަދި އިޖުތިމާޢީގޮތުން ބާރުވެރިކުރުވުގެ ދާއިރާއިން ރެހެންދި އެވޯޑު 2023 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ނިސްބަތްވާ އާއިލާއަކީ ވެސް ދިވެހި ޢަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ "ހުތް" އާއިލާއެވެ. ދިވެހިބަހުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވި އަލްމަރުޙޫމް ހުތް ޢަލިދީއަކީ ޙުސްނާގެ ކާފައެވެ.
ޙުސްނާއަކީ "އަރާކުރި ސީރީޒް" ގެ މުޞައްނިފު ވެސްމެއެވެ.
"އަރާކުރި ސީރީޒް" އަކީ، ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކޮށްގެން ތަފާތު އުމުރުފުރާތަކުގެ ކުދިންނަށް ޚާއްޞަ ފޮތްތަކެއް ދިވެހިބަހުން ލިޔެ މުޖުތަމަޢަށް ފޯރުކޮށްދެމުން އަންނަ މަޤްބޫލު ފޮތް ސީރީޒެކެވެ. މި ސީރީޒުގައި މިހާތަނަށް 40 ފޮތް ނެރެފައިވެއެވެ. މިއިން ކޮންމެ ފޮތަކީ ވެސް އޭގެ ގޮތުގައި އާންމުންގެ މެދުގައި ވަރަށް މަޤުބޫލު ބޭނުންތެރި ފޮތެކެވެ. "އަރާކުރި ސީރީޒް" ގެ މިހާތަނަށް ނެރެ އާންމުކުރެވުނު ފޮތްތަކުގެ ތެރޭގައި ނާސަރީ ކުދިންނަށް ޚާއްޞަ ހ. ށ އަކުރުތައް ދަސްކޮށްދޭ ފޮތާއި އަދި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދު މަދްރަސީގެ ގްރޭޑަތަކުގެ (ކީސްޓޭޖު 2،1 އަދި 3) ކުދިންނަށް ޚާއްޞަކުރެވިފައިވާ ދޭހައިގެ ފޮތްތަކާއި މަސައްކަތު ފޮތްތަކާއި ތަފާތު ޢިބްރަތްތެރި، މަޖާ ވާހަކަ ފޮތްތައް ހިމެނެއެވެ.
އަރާކުރި ސީރީޒުގައި މިހާތަނަށް ނެރުނު ފޮތްތައް:
އަކުރު ދަސްކުރަމާ! (ދިވެހިބަހުގެ ހ،ށ ގެ އަކުރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ފޮތެއް)
*ކިޔަންދަސްކުރަމާ (ދިވެހިބަހުގެ ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތެއް. ޖަވާބުތަކާއެކު)
* ލިޔަން ދަސްކުރަމާ 2،1، (ގްރޭޑް 1، 2 ގެ ކުދިން ޝައުޤުވެރިވާނެ ތަމްރީނުތައް ހިމެނޭ މަސަތްކަތު ފޮތްތަކެއް)
*-ކިޔަން ފަށަމާ 5،4،3،2،1 (ގްރޭޑް1 ށް ޚާއްޞަ ދޭހަ ގޮތަށް ކިޔުމާއި ބަސްކޮށާރަށް ޚާއްޞަ)
*ކިޔަމުން ލިޔަމާ 3،2،1 (ގްރޭޑް 2 ން މަތީގެ ކުދިންނަށް މަސަތްކަތު ފޮތްތަކެއް – ޖަވާބުތަކާއެކު)
*ވާހަކަ ދޭހަ 5،4،3،2،1 (ގްރޭޑް 1 ން 5 ގެ ކުދިންނަށް ޚާއްޞަ ދޭހަ ފޮތް ތަކެއް)
*ކިޔުމުގެ ދޭހަ 2،1 (ގްރޭޑް 6 އަދި 7 އަށް ޚާއްޞަ ދޭހަ ފޮތް ތަކެއް – ޖަވާބުތަކާއެކު)
*އުފެއްދުންތެރި ލިޔުން3،2،1 (ގްރޭޑް 4 ން މައްޗަށް. މަސައްކަތު ފޮތްތަކެއް- ޖަވާބުތަކާއެކު)
*ވާހަކަ: ކަޖޫބޭގެ މަޖާ 4،3،2،1 (ފޮތެއްގައި މަޖާ 14 ވާހަކަ. ގްރޭޑް 3 ން މަތީ އުމުރުފުރާއަށް. ސުވާލުތަކާއެކު)
*ތިއްތި ވާހަކަތައް 4،3،2،1 (ފޮތެއްގައި ޢިބްރަތްތެރި 5 ވާހަކަ. ގްރޭޑް 2 ން މަތީ އުމުރުފުރާއަށް. ސުވާލުތަކާއެކު)
*މާމަގެ ޢިބްރަތްތެރި ވާހަކަތައް 2،1 (ފޮތެއްގައި ޢިބްރަތްެތެރި 15 ވާހަކަ. ގްރޭޑް 3 ން މަތީ އުމުރުފުރާއަށް)
*ކާފަގެ ޢިބްރަތްެރިވާހަކަތައް 2،1 (ފޮތެއްގައި ޢިބްރަތްެތެރި 15 ވާހަކަ. ގްރޭޑް 3 ން މަތީ އުމުރުފުރާއަށް)
*ކަޔާގެ ކިޔަވާ މޭޒު (ޢިބްރަތްތެރި 3 ވާހަކަ ގްރޭޑް 1 ން މަތީ ކުދިންނަށް. ސުވާލުތަކާއެކު)
*އިންޑިޔާ ދަތުރު (ވާހަކައެއް. އިންޑިޔާގެ މަޝްހޫރު ތަންތަނާބެހޭ މަޢުލޫމާތާއެކު. ގްރޭޑް 2 ން މަތީ އުމުރުފުރާއަށް)
*ޢިބްރަތްތެރި ވާހަކަތަކެއް. ބިގް ބުކް 1،2،3 (ގްރޭޑް 1 ގެ ކުދިންނަށް ޚާއްޞަ 3 ފޮތް)
ދިވެހިބަހުން ލިޔަން ކިޔަން ނޭނގޭ ކުދިން އިތުރުވުން ބޮޑު ކަންބޮޑުވުމަކަށް
ޙުސްނާ މިސް ވިދާޅުވިގޮތުގައި، ކުޑަ ކުދިންނަށް އަމާޒުކުރައްވައިގެން ފޮތްލިޔުއްވުމުގެ ޚިޔާލުފުޅު އުފެދުނީ މީގެ 10 ވަރަކަށް އަހަރުގެ ކުރިންނެވެ. އެއީ ކަލާފާނު ސްކޫލުގައި ލީޑިންގ ޓީޗަރަކަށް އުޅުއްވިއިރުއެވެ. އެ ސްކޫލްގެ ގްރޭޑް1 ން 4 ށް އަދި ބައެއް އަހަރު ގްރޭޑް 5 ވެސް ހިމެނޭގޮތަށް ކުދިންގެ ދިވެހި މާއްދާ ވިލަރެސް ކުރެއްވުމާ ހަވާލުވެ އުޅުއްވި ހިސާބުންނެވެ. އެ ދުވަސްވަރު އެ ސްކޫލްގެ ގްރޭޑް 1 ށް އަންނަ ކުދިން ދިވެހިބަހުން ލިޔަންކިޔަން ނޭނގި ތިބޭ އަދަދު އެއް އަހަރުން އަނެއް އަހަރަށް ގިނަވަމުންދާކަން ފާހަގަކުރެވި، އެކަމާ ކަންބޮޑުވުން އޮތްލެއް ބޮޑުކަމުން ޙުސްނާ ކުރައްވަން ފެއްޓެވި މަސައްކަޔްޕުޅެއްގެ ނަތީޖާއެވެ.

ހުސްނާ މިސް ދެކެވަޑައިގަންނަވާ ގޮތުގައި، ގްރޭޑް1 އަށް އަންނައިރު ލިޔަންކިޔަން ނޭނގިފައި ތިބޭ ގިނަ އަދަދެއްގެ ކުދިންނަށް ވީހާ އަވަހަކަށް ލިޔަން ކިޔަން ދަސްކޮށްދެވިގެން މެނުވީ ގްރޭޑް ލެވެލްގައި ދިވެހި އަދި އިސްލާމް މި މާއްދާތަކުން އެ ކުދިން ކުރަންޖެހޭ މަސައްކަތްތަކެއް ނުކުރެވޭނެއެވެ. އެހެންކަމުން ވީހާ އަވަހަކަށް ލިޔަންކިޔަން ނޭނގޭ ކުދިން ގްރޭޑް ލެވެލަށް ގެނައުމަށް ޓަކައި ލިޔަންކިޔަން ދަސްކޮށްދޭން އެބަޖެހެއެވެ. އެކަމަށް ޓަކައި ކުރައްވަން ފެއްޓެވި މަސައްކަތުގެ ތެރޭގައި ކުދިން ޝައުޤުވެރިވާނޭ ފަދަ ގޮތްގޮތަށް ވިސްނަވައިގެން ފުރަތަމަ ކުރައްވަން ފެއްޓެވިކަމަކީ، ކިޔަވައިދިނުމުގެ އެހީ ތައްޔާރު ކުރައްވަން ފެއްޓެވުމެވެ.
ގްރޭޑް1 ގެ އިތުރުން ޙުސްނާ ވިލަރެސް ކުރައްވަމުންގެންދެވި އެހެނިހެން ގްރޭޑް ތަކުގެ ކުދިން ވެސް ދިވެހި މާއްދާއަށް ދޭ ސަމާލުކަމާއި ބަހަށް ހުންނަ ޝައުޤުވެރިކަން ކުޑަކަން ޙުސްނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ކުދިން ވެސް ޝާމިލުވާނޭ ގޮތަށް ވިސްނަވައިގެން ފިލާވަޅުތަކާ ގުޅޭގޮތުން ކިޔަވައިދިނުމުގެ އެހީތައް ތައްޔާރުކުރައްވަމުން ގެންދެވިއެވެ. އެގޮތުން ތައްޔާރުކުރެއްވި ކިޔަވައިދިނުމުގެ އެހީތައް ގިނަވެ އަތްޕުޅުގައި ޖަމާވެފައި ހުންނަން ފެށުމުން އެ ތަކެތި ފޮތެއްގެ ސިފައިގާ ނެރެވިއްޖެނަމަ އޭގެ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެކަމުގެ ޚިޔާލުފުޅު އުފެދުނީއެވެ. އެކަން އެގޮތަށް ކުރައްވަން ގަސްތު ކުރެވުނީ ބަހަވީ ޢިލްމުވެރިން ވެސް ވިދާޅުވާގޮތުގައި ބަސް ދަސްކުރަން އެންމެ ފައިދާހުރި އެއް ގޮތަކީ، ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ފޮތްތައް ކަމަށްވުމެވެ. އެއީ އެ ތަކެތި ގެއްލިގެން ނުގޮސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާކުރެވުމުގެ ފުރުޞަތު ވެސް އޮންނާނެތީއެވެ. އަދި އަންނަން އޮތް ޖީލްތަކަށް ވެސް ފޮތްތައް ފޯރުކޮށްދޭން ފަސޭހަވާނެތީއެވެ. އެހެންކަމުން އިތުރު އެހެނިހެން މަސައްކަތްތައް ވެސް ހިމަނުއްވައިގެން، ޙަވާލުވެ ހުންނެވި ގްރޭޑްތަކަށް އަމާޒުކުރައްވައި، ފޮތް އެކުލަވާލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވީކަމަށް ޙުސްނާ ވިދާޅުވިއެވެ. އަދި އެ ދުވަސްވަރަކީ ޙުސްނާގެ ފުރަތަމަ މާމަ ދަރިފުޅު އަޖްނާ ވެސް ބަސް ދަސްކުރާ އުމުރު ފުރަޔަށް އަޅައިގަތް ދުވަސްވަރު ކަމަށް ވާތީ އެ ދަރިފުޅަށް ވެސް އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި ވިސްނުންފުޅުގައި ހުރިކަމަށް ވިދާޅުވިއެވެ.
އަރާކުރި ސީރީޒް- މުދައްރިސެއްގެ އަގު ނުކުރެވޭ ބޮޑު މަސައްކަތެއް
"އަރާކުރި ސީރިސް" ގެ ހުރިހާ ފޮތެއް އެއްކޮށް ބަލައިލުމުގެ ފުރުޞަތު ލިބުމުން އެ ފޮތްތަކުގެ ކޮލިޓީއާ މެދު ވިސްނުން ހިންގައިލެވުނެވެ. އެއީ ވަރަށް ފެންވަރު ރަނގަޅު އުފެއްދުންތެރި، ތަފާތު ގިނަގުނަ މަސައްކަތްތަކެއް ހިމެނޭ ފޮތްތަކެކެވެ. ގްރޭޑް 1 ގެ ކުދިންނަށް ޚާއްޞަ ކުރެވިފައިވާ ދޭހަތަކުން ފެށިގެން ގްރޭޑް 6 އަދި 7 ގެ ކުދިންނަށް ޚާއްޞަ ދޭހަތަކަށް ހަމައެކަނި ނަޒަރު ހިންގައިލުމުން ވެސް ކުދިންނަށް ޚާއްޞަ ކުރެވިފައިވާ މަސައްކަތްތައް ރާވައިލެވިފައިވާލެއް ފުރިހަމަކަން ފާހަގަވެގެން ދިޔައެވެ. ދޭހައިގެ ސުވާލުތައް އެކި ފެންވަރުގެ ކުދިން ޖަވާބުދެވޭނޭ ގޮތަށް ރަނގަޅު ނުބައި، ހުސްތަން ފުރުމުން، މާނައާއި ޖުމުލަ ގުޅުވުމުން ފެށިގެން އެކި ފެންވަރުގެ ސުވާލުތައް އުމުރު ފުރާތަކަށް އެންމެ އެކަށޭނަ ގޮތަށް ހިމަނުއްވާފައި ހުރިކަން ފާހަގަކޮށްލެވުނެވެ. އަދި ގިނަ ފޮތްތަކުގައި ހިމެނޭ މަސައްކަތްތަކުގެ ޖަވާބުތައް ވެސް ލިޔުއްވާފައިވެއެވެ. "އަރާކުރި ސީރިޒް" ގެ ހަމަ ކޮންމެ ފޮތަކީ ވެސް ދަރިވަރުންނަށް މުހިންމު ބޭނުންތެރި ފޮތެއްކަން ފާހަގަކުރެވިގެންދިޔައެވެ.

އެކިއެކި އުމުރުފުރާތަކަށް އަމާޒު ކުރައްވައިގެން ލިޔުއްވާފައިވާ މަސައްކަތު ފޮތްތަކަކީ ވެސް، އަމާޒުކުރައްވާފައިވާ އުމުރު ފުރާތަކާ ގުޅޭ ޝައުޤުވެރިވާ އުސްލޫބަކުން މުޅިން ކުލަކޮށް ތައްޔާރުކުރައްވާފައި ހުރި ފޮތްތަކެކެވެ. އަދި އެ ފޮތްތަކުގައި ދިވެހިބަހުގެ ޤަވާއިދުގެ ބައިތައް ވެސް ދަސްކުރަން ފަސޭހަ ގޮތްގޮތަށް ގުޅޭ ފޮޓޯތައް ވެސް ހިމަނުއްވާފައި ހުރުމަކީ، ދަރިވަރުން މި ފޮތްތަކާ މެދު އިތުރަށް ޝައުޤުވެރިކަން އުފައްދާނެ ސަބަބެއްކަމަށް ބެލެވެއެވެ. އަދި ކުދިންނާ އެކަށޭނަ ދަސްކުރަން ފަސޭހަ އުސްލޫބަކުން ބަސްކޮށާރު މުއްސަނދި ކޮށްދިނުމަށާއި، ޕެރެގްރާފު ލިޔުމާއި ވާހަކަ ލިޔުމުގައި ކުއްޖާގެ ވިސްނުމާއި ޚިޔާލު އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވެއެވެ.
މާލީ ގޮތުން ބުރައެއް، އެކަމަކު ޝައުޤުވެރިކަން މާ ބޮޑު
ކިޔަވާ ކުދިންގެ ޝައުޤުވެރިކަން ދަމައިގަނެވޭނެފަދަ އުސްލޫބަކުން އެކި އުމުރުފުރާތަކަށް ފައްތައިގެން މުހިންމު 40 ފޮތް އާންމުންނާ ހަމަޔަށް ނެރުމަކީ އެއީ ކުޑަ މަސައްކަތެއް ނޫނެވެ. ފޮތެއް ނެރުމަށްވުރެ އޭގެ ކޮލިޓީއާއި ކުދިންނާ ގުޅޭ ގޮތަށް ފޮތުގައި ހިމެނޭ ބައިތައް އެއް ފޮތް އަނެއްފޮތާ ތަފާތުވާނޭ ގޮތަށް ފަރުމާ ކުރުމަކީ އަދި ވަކިން އުނދަގޫ ކަމެކެވެ.
ޙުސްނާ މިސް ވިދާޅުވީ، އެކި ގުރޭޑްތަކަށް އަމާޒުކޮށް ލިޔުއްވާފައި ހުރި އެތައް ފޮތްތަކެއް ޗާޕް ނުކުރެވި އެބަހުރި ކަމަށެވެ.
"މި މަސައްކަތުގައި ހުރި ގޮންޖެހުންތައް ވަރަށް ގިނަ. އެންމެ ބޮޑު ގޮންޖެހުމަކީ ޗާޕްކުރުން. ކޮންމެ ފޮތެއްގެ ޗާޕަށް ވަރަށް ބޮޑު ޚަރަދު ކުރަންޖެހޭ. ފޮތް ޗާޕު ކުރާއިރު މަދު އަދަދެއް ޗާޕުކޮށްފިނަމަ، އެ ފޮތްތައް ވިއްކަންޖެހޭ އަގު ވަރަށް ބޮޑުތަނުން ބޮޑުވެގެންދޭ. އެހެންކަމުން އާންމުންގެ އަތްފޯރާފަށުގައި އަގުތައް ބެހެއްޓުމަށް ޓަކައި ވަރަށް ބޮޑަށް ވިސްނަންޖެހޭ" ޙުސްނާ މިސް ވިދާޅުވިއެވެ.
" ކޮންމެ ފޮތެއް ވެސް ޗާޕުކުރާއިރު ބޮޑު އަދަދެއް ޗާޕުކޮށްގެން މެނުވީ މިހާރު މި ވިއްކާ އަގުތަކުގައި ނުވިއްކޭނެ. އެހެންކަމުން ފޮތެއް ޗާޕުކުރާއިރު ގިނަ އަދަދެއްގެ ކޮޕީ ކޮންމެ ފޮތަކުން ވެސް ޗާޕުކުރަންޖެހޭ. ވީމާ އެކަމަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ބޭނުންވޭ. އެއީ ވެސް މާލީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް. އަދި އަޅުގަނޑު ބޭނުންވަނީ ފޮތްތައް ކުލަކޮށް ޗާޕުކުރަން. އެއީ ކުދިން ވެސް ބޮޑަށް ޝައުޤުވެރިވަނީ ކުލަކޮށް ފޮތްތައް ހުރީމާކަމަށް ވާތީ. ގިނަ ފޮތްތަކުގައި ހިމަނާ ފޮޓޯތައް ވެސް ކުރައްސަނީ ވަރަށް އަގުބޮޑުކޮށް. އަދި ކުލަކޮށް ޗާޕުކުރީމާ ވަރަށް އަގު ބޮޑުކޮށް ޗާޕު ކުރެވެނީ. ކަޅާއި ހުދުން ޗާޕު ކޮށްފިނަމަ ބޮޑުތަނުން އަގުހެޔޮވާނެ. އެކަމަކު ވެސް އަޅުގަނޑު މިހާތަނަށް ނެރުނު ހުރިހާ ފޮތެއް ވެސް ހުންނާނީ ކުލަކޮށް ޗާޕުކޮށްފައި." ޙުސްނާ ވިދާޅުވިއެވެ. އޭގެ ބޭނުން ވެސް ހުސްނާ މިސް ފާހަގަކޮށްދެއްވިއެވެ.
"ބޭނުމަކީ، ފޮތްތައް ރީތި، ކޮލިޓީ، ފޮތްތަކެއްގެ ގޮތުގައި ބެހެއްޓުން." އަދި އޭގެ ބޭނުން ހިފާ ކުދިން އެ ފޮތްތަކުގެ ބޭނުން ހިފަން ޝައުޤުވެރިވުން. އޭގެ ސަބަބުން ދިވެހިބަހަށް ކުދިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެދުން."
ހުސްނާ މިސް ވިދާޅުވި ގޮތުގައި ފޮތެއް ލިޔުއްވައި ޗާޕްކުރުމަކުން އަދި ނުނިމެއެވެ. އެ ފޮތްތައް ރައްކާތެރިކަމާއެކު ބެހެއްޓުމަކީ ވެސް ގޮންޖެހުމެކެވެ. އެކަމަށް ޓަކައި ގޭގައި ނުވަތަ އެހެންތަނެއްގައި ނަމަވެސް ގުދަނެއް ފަދަ ތަނެއް ހުންނަންޖެހެއެވެ. އެފަދަ ތަނެއް ކުއްޔަށް ހިފާނަމަ އެއީ ވެސް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެކެވެ.

" 40 ފޮތުގެ އެތައް ހާސް ކޮޕީއެއް މެދުކެނޑުމެއްނެތި އަބަދު ޗާޕުކުރަމުން ދާއިރު، ހުރިހާ ފޮތެއް ޖަމާކޮށްފައި ބެހެއްޓުމަށް ޓަކައި ގުދަނެއް ހުންނަން މަޖުބޫރުވޭ. މި ހުރިހާ ގޮންޖެހުންތަކެއް ހުންނާތީކަންނޭނގެ ރާއްޖޭގައި ދިވެހިބަހުގެ އެތައް އެތައް ފަންނީ ޢިލްމުވެރި ބޭފުޅުންނެއް އުޅުއްވާއިރު ވެސް މި މަސައްކަތަށް އަހަންމިއްޔަތު ދެއްވާ ބޭފުޅުން މަދުވަނީ." ޙުސްނާ ވިދާޅުވިއެވެ.
ފޮތްތައް ވިއްކައިދޭތީ، ފޮތް ފިހާރަތަކަށް ވެސް ކޮންމެވެސް އުޖޫރައެއް އޮންނަންޖެހޭ ކަމަށް ޤަބޫލުކުރެވޭކަމަށް ޙުސްނާ މިސް ވިދާޅުވިއެވެ. ފިހާރަތަކަށް އާންމުކޮށް ނަގަނީ ފޮތެއް ވިއްކާ އަގުގެ 20 އިންސައްތައެވެ. އެއާއެކު ޖީއެސްޓީއަށް 8 އިންސައްތަ ކަނޑައިދިނުމުން ފޮތް އުފައްދާ ފަރާތަށް ފައިދާގެ ގޮތުގައި ލިބެނީ ނިސްބަތުން ކުޑަ އެއްޗެކެވެ.
" ފޮތް ލިޔުމުގެ މަސައްކަތަކީ، ލިބޭ ފައިދާ އަށް ވުރެ މިކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުވީމާ ކުރާ މަސައްކަތެއް" ޙުސްނާ މިސް ވިދާޅުވިއެވެ.
" ވަރަށް ބޮޑު ހިތްހަމަޖެހުން ލިބޭކަމެއް މިއީ. މި ކަމަށް މި ކުރާ ޚަރަދު ކޮންމެ ވެސް އެހެން ވިޔަފާރިއަކަށް ކޮށްފިނަމަ ލިބޭނެ ފައިދާ މާ ބޮޑުވާނެކަން ގަބޫލު ވެސް ކުރެވޭ. މިއީ ދިވެހިބަހަށާއި ގައުމަށް ކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ދެކެނީ. ދިވެހިބަހާ މެދު މުޅި މުޖުތަޢު ފަރުވާކުޑަ ކުރެވެމުން އަންނަ ދުވަސްވަރަކު ކޮންމެ ވެސް ބަޔަކު ދިވެހިބަސް ނަގަހައްޓަން ދެމެހެއްޓެނިވި ޚިދުމަތެއް މިހާރުންމިހާރަށް ކުރަންޖެހޭ ކަމަށް ގަބޫލުކުރެވެނީ. އިރާދަ ކުރެއްވިއްޔާ މުޅި އުމުރަށް ވެސް މި މަސައްކަތުގައި ދެމި ހުންނާނަން" ޙުސްނާ މިސް ވިދާޅުވިއެވެ.
ޙުސްނާ ވިދާޅުވަނީ، ފޮތް ލިޔުމަކީ ކަމުގެ ބާވަތުން ވަރަށް ބުރަ ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތަކީ " ކެތްތެރިކަމާއި، ސާބިތުކަމާއެކު ފޫހިކަމެއް ނެތި ވިސްނުންތެރި ގޮތެއްގައި ކުރަންޖެހޭކަމެއް. އެހެންކަމުން މިކަމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުރެގެން ނޫނީ ސާބިތުކަމާއެކު ދެމި ހުންނަން ދަތިކަމެއް މިއީ."
ޙުސްނާ މިސްގެ އުފަލަކީ އޭނާ ލިޔުއްވާ ފޮތްތައް މިހާރު ވެސް ރާއްޖޭގެ ކަންކޮޅުތަކުގައި އެތައްއެތައް ދަރިވަރުންނެއް ބޭނުންކުރަމުންދާތީ ލިބޭ ހިތްހަމަޖެހުމެވެ. އާންމުން މި ފޮތްތަކުގެ ބޭނުން ކުރައްވާކަން އެނގެނީ ނެރޭ ކޮންމެ ފޮތެއް ވެސް އެތައް ފަހަރަކު ޗާޕްކުރެވިފައިވާތީއެވެ. މިހާތަނަށް 40 ފޮތެއް ނެރެވިފައިވާއިރު 60،000 (ފަސްދޮޅަސް ހާސް) އަށްވުރެ ގިނަ ކޮޕީ ޗާޕްކުރެވިފައިވެއެވެ. މިއީ ގައުމުގެ ކިޔަވާ ކުދިންގެ އާބާދީގެ ނިސްބަތުން ފޮތްތަކަށް ލިބިފައިވާ ބޮޑު ތަރުޙީބެއްކަމަށް ޙުސްނާ ފާހަގަކުރައްވައެވެ.
މިއީ،އަމިއްލަ ފަރުދެއް، އަދި މުދައްރިސެއްގެ އަގު ނުކުރެވޭނެ ބުރަ މަސައްކަތެކެވެ. އަދި މި ޚިދުމަތަކީ އެތައް ޖީލަކަށް އޭގެ ފައިދާ ލިބެމުން ދާނޭ ދެމެހެއްޓެނިވި އަގުހުރި މަސައްކަތެއްކަން ވެސް ގަބޫލުކުރެވެއެވެ. ޙުސްނާ މިސްއަށް އޮތް ހިތްހަމަޖެހުމަކީ ވެސް އެއީއެވެ. ޙުސްނާގެ މި ފޮތްތައް ވޭތުވެ ދިޔަ 7 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދެމުންދާ ތިރީހަކަށް ސުކޫލްގެ ލައިބުރަރީތަކަށް ހަދިޔާކުރައްވާފައި ވެސް ވެއެވެ. ބޭނުންފުޅަކީ ވީހާވެސް ގިނަ ފަރާތްތަކަކުން ފޮތްތަކުގެ ބޭނުން ހިފާ އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަތުމެވެ.
"އަރާކުރި ސީރީސް" ގެ ފޮތްތަކަށް އާންމުންގެ ފަރާތުން ލިބޭ ތަރުޙީބު ވަރަށް ބޮޑު
އެއް ދުވަހުން އަނެއް ދުވަހަށް ފޮތްތަކަށް ލިބޭ ތަރުޙީބު އިތުރުވަމުން ދާކަން ފާހަގަކުރެވޭ. އަލްޙަމްދު ލިއްލާހި!" ޙުސްނާ އުފަލާއެކު ވިދާޅުވި. "މި ފުރުޞަތުގައި އަޅުގަނޑު ފޮތްތަކަށް ލޯބިކުރައްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ފޮތް ވިއްކުމުގައި އެހީތެރިވެދެއްވާ ފޮތް ފިހާރަތައް ކަމަށްވާ "ރާދަ ބުކްޝޮޕް، ރައުންޑުވަން ބްކްޝޮޕް، އިރާއީ ބްކުޝޮޕް، އަސްރަފީ ބްކްޝޮޕް، ނޮވެލްޓީ ބްކްޝޮޕް، އެމް ސެވަން ބްކްޝޮޕް، ޗާންދަލިޔާ ބްކްޝޮކް، ނާސަރީ ބްކްޝޮޕް އަދި ރެޕްލިކޭޓް ބްކްޝޮޕުގެ ވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މި މަސައްކަތުގައި ތާއަބަދު އަޅުގަނޑަށް އެހީތެރިވެދެއްވަމުން ގެންދަވާ އަޅުގަނޑުގެ ލޮބުވެތި ފިރިމީހާ މުޙަންމަދު ނިޒާރަށާއި އަޅުގަނޑުގެ ދަރިންނަށާއި އަދި އަރާކުރި ސީރީޒުގެ ހުރިހާ ފޮތެއްގެ ލޭއައުޓް ހައްދަވައިދެއްވި ޢަބްދުﷲ ޒަޢީމަށް އަދި ނޮވެލްޓީ ޕުރިންޓާސްއިން "އަރާކުރި ސީރީޒް" ގެ ފޮތްތައް ޕުރިންޓްކޮށް ދެއްވުމުގައި ދެއްވާ ޚާއްޞަ ސަމާލުކަމަށް ޓަކައި އެ ފަރާތަށް ވެސް ފަށްފަށުން ޝުކުރު ދަންނަވަން." ޙުސްނާ މިސް ވިދާޅުވިއެވެ.
" ބުނެލަން ބޭނުންވަނީ "އަރާކުރި ސީރީސް ފޮތްތައް މިހާރު ނާސަރީން ފެށިގެން ގްރޭގް6,7 ގެ ކުދިންނާހަމަޔަށް ތައްޔާރު ކުރެވިފައި ހުނާނެ, ކުދިންގެ ދިވެހިބަހުގެ 4 ހުނަރު ކުރިއަރުވަން ބޭހުން ހިފިދާނެ ވަރަށްގިނަ މަސައްކަތްތަކާއި މަޢުލޫމާތުށްލިބެން ހުންނާނެ. މި ފޮތްތަކުގެ ބޭނުން ކުދިންނަށް ހިފޭގޮތް ބެލެނިވެރިން ހައްދަވައި ދެއްވައިފި ނަމަ ހަމަޔަގީނުން ވެސް ކުއްޖާ މަތީ ގްރޭޑްތަކަށް ދާއިރު ދިވެހިބަހަށް ދައްވެގެން ހިތާމަކުރައްވަން ޖެހިވަޑައެއް ނުގަންނަވާނެ. އިންޝާﷲ"
advertisment
ހިޔާލު