ނޯޓު: މިއީ އިންޑިއާއަށް އުފަންވި ނިކަމެތި އަންހެނެއްކަމަށްވާ، ރާޖިޔާ ބޭގަމްގެ ހަޔާތާބެހޭގޮތުން “ވަގުތު” ނޫހުގައި ޝާއިޢުކުރި ލިޔުމެއް ކިޔާލުމުން ހިތަށް ވެރިވި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔުނު ޚިޔާލީ ވާހަކައެކެވެ.
މެންދަމުން އަލިވެ ދޭން ޖަހައިފިއެވެ. ރަށުގެ ހަމަހިމޭން މަގުތަކަށް ވެރިވެފައިވާ ކަނު އަނދިރިކަމުގެ ތެރޭގައި، އަހަރެން ހިނގަމުން އައީ ފަރިތަކަމާއެކުގައެވެ. މި ހިސާބުގެ ކޮންމެ މަގެއް، ކޮންމެ ގޯޅިއެއް އަހަރެން ހިތުދަހެވެ. މި ކަހަލަ އަނދިރި ކިތަންމެ ރެއަކު، މި މަގުތަކުން އަހަންނަށް ވަނީ ހިނގިފައެވެ. ބައެއް ރޭރޭ ފަހަތުން މީހުން އަޅުވާލައެވެ. “އަނިޔާ” ލިބިފައި ވެސް އެބަހުއްޓެވެ.
ޖިފުޓީގެ ފުޅަލިގަނޑު އެއްފަރާތްކޮށްލުމަށްފަހު ގެއަށް ވަންއިރު، އަހަރެންގެ ނުވަ އަހަރުގެ ދަރިފުޅު އޮތީ ހޭލައެވެ. އަހަންނަށް އެކަން އެނގުނީ، ލައިގެން ހުރި ޖިންސްގެ ޖީބުން، ފައިސާކޮޅު ނަގައި ގުނަން އިންދާ، އޭނާ ބޯ ހިއްލައިލައިފައި ބަލައިލުމުންނެވެ.
“މަންމަ މިރޭ ވެސް ތި އައީ ވަޒީފާއަށް ގޮސްފައިތަ؟” އެ ސޮރުގެ އަޑުގައި ރިހުމެއް އެކުލެވިފައި ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ.
“ހޫނ!” އަހަރެން އަވަސް އަވަހަށް ތެދުވީ، އެ ސޮރުގެ ފަރާތުން އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން ގިފިއްޔަށް ވަދެވޭތޯއެވެ.
“މަންމަ މަސައްކަތްކުރާ އޮފީސް އަބަދުވެސް ހުޅުވަނީ ދަންވަރުތަ؟”
“މިހާއިރު ވަންދެން ދަރިފުޅު ނުނިދާ ކީއް ތި ކުރަނީ؟” ދަރިފުޅުގެ ސުވާލަށް އަހަރެން ޖަވާބު ނުދިނީ ގަސްދުގައެވެ. އެއީ އަހަންނަށް ވަރަށް އުނދަގޫވާ ސުވާލެކެވެ. އެހެނަސް ދަރިފުޅު ވަރަށް ގިނައިން ކުރާ ސުވާލެކެވެ.
“ނުނިދޭ މަންމާ! ދެރަވަނީ؟” ދަރިފުޅުގެ އަޑު ތުރުތުރުއަޅައިގަތެވެ.
“ކޮން ކަމަކާ؟” އަހަންނަށް ދަރިފުޅުގެ މޫނަށް ބަލައިލެވުނެވެ. އޭރު އެ ސޮރުގެ ދެ ލޮލުން ކަރުނައިގެ އަސަރު ފެންނާން ހުއްޓެވެ.
“ކުލާހުގައި އިންނަ ޔަޒީދު ބުނީ މަންމައަކީ ވަރަށް ނުލަފާ މީހެކޯ! އެހެންވެ…. ވަރަށް ދެރަވޭ!”
ދަރިފުޅުގެ އެ ވިހަގަދަ ޖުމުލަ ކަންފަތުގައި ޖެހުމާއެކު، އަހަރެންގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން އަޅައި ވިހެލިހެންނެވެ. ދެ ލޮލުން ކަރުނަ އޮހިގަތުމުގެ ކުރީން އަވަސް އަވަހަށް ގޮސް ގިފިއްޔަށް ވަނީމެވެ. ދަރިފުޅަށް ދޮގު ހަދައިގެން އަހަންނަށް މިހެން ކިހާ ދުވަހަކު އުޅެވިދާނެ ބާވައެވެ؟ މިހާރު އޭނާއަށް އެވަނީ ނުވަ އަހަރު ފުރިފައެވެ. ދިހަ އަހަރު ފުރެނީއެވެ. އަހަރެންގެ ޙަޤީޤަތް އޭނާއަށް އެނގޭ ދުވަހު، އޭނާއަށް ވާނީ ކިހިނެއްބާވައެވެ؟ ބުނާނީ ކީކޭބާވައެވެ؟
އަހަންނަށް ގިފިލީ ފުޅަފުގައި ލައްގަނެވުނެވެ. ހާމައަށް ފެންނާން އޮތް އުޑަށް ބަލައިލެވުނެވެ. އުޑުމަތީގައި ވިދަވިދާ ހުރި ތަރިތައް އަހަންނަށް މަލާމާތް ކުރަމުން ގެންދާ ކަހަލައެވެ. ބުނާ ކަހަލައެވެ! މިހިރަ ފާފައިގެ ހާއްޔާއެވެ؟ ތިޔަ ނުލަފާ އުޅުން ދޫކޮށް، އިސްލާޙުވާނީ ކޮން ދުވަހަކުންހެއްޔެވެ؟ މަރުވާނޭކަން ހަނދާންވޭ ހެއްޔެވެ؟ ދެން އަނެއްކާ ވެސް ބުނަންވީ މަޖުބޫރޭ ހެއްޔެވެ؟ ކޮން މަޖުބޫރެއް ހެއްޔެވެ؟ ތިޔައީ އީމާންތެރިކަމެއް ނެތުމުން، އުޅޭ ނުބައި ނުލަފާ އުޅުމެވެ. ފާފައިން ކަޅިވެފައިވާ ތިޔަ ހަށިގަނޑުގައި އޮތީ ކޮން އަގެއްހެއްޔެވެ؟ ތިޔަ ނަޖިސް ހަށިގަނޑު ތޯހިރުކުރާށެވެ! ފާހިޝް ޢަމަލުތަކުން އެއްކުރާ ފައިސާއިން ދަރިފުޅަށް އަލިފާން ކާންނުދޭށެވެ!
“މަންމާ!” އަހަރެން ސިހުނީ ގިފިލީ ދޮރުގައި ޖަހައިލަމުން، ދަރިފުޅު ގޮވައިލި އަޑަށެވެ. ދެ ލޮލުން އޮހެމުން ދިޔަ ކަރުނަ ފޮހެލަމުން ގޮސް ދޮރު ހުޅުވީމެވެ.
ދަރިފުޅު ހުރީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ. އަހަންނަށް ދަރިފުޅާ ހަތަރުކަޅި ހަމަކުރާކަށް ފަސޭހައެއް ނުވިއެވެ. ކުށްވެރިއަކު ފަދައިން އިސް އޮބައިލެވުނީ ބޭއިޚުތިޔާރުގައެވެ.
“ދެން ގޮސް އަވަހަށް ނިދާ!” އަހަރެން މަޑުމަޑުން ބުނެލީމެވެ.
“ޔަޒީދު އެ ބުނީ ތެދެއްތަ؟ މަންމައަކީ ވަރަށް ނުލަފާ މީހެއްތަ؟”
ދަރިފުޅު ސުވާލު ތަކުރާރު ކުރިއެވެ. އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ އަމިއްލަ ދަރިފުޅުގާތު ނުލަފާ މީހެއް ކަމަށް އެއްބަސްވާންވީ ހެއްޔެވެ؟ އެ ފަދަ ހިތްވަރެއް އަހަންނަކަށް ނުލިބޭނެއެވެ. އަހަންނަށް ދަރިފުޅުގެ ގައިގައި ބައްދައިގަނެވުނެވެ. އެއާއެކު ރޮއިގަނެވުނެވެ.
“ދަރިފުޅު ދެކެ މަންމަ ވަރަށް ލޯބިވޭ! ދުވަހަކު ވެސް ދަރިފުޅު ދެރަވާނެ ކަމެއް މަންމަ ނުކުރަމެއްނު! ދަރިފުޅަށް އެނގެއެއްނު މަންމައަކީ ނުލަފާ މީހެއް ނޫންކަން!”
އަހަރެން ރޯން ފެށުމާއެކު ދަރިފުޅަށް ވެސް ރޮވިއްޖެއެވެ. ދަރިފުޅު ހަމަޖެއްސުނީ، އެތައް އިރަކު އެތައް ވާހަކައެއް ދައްކައިގެންނެވެ. އަހަންނަށް ހަށިގަނޑު ދަމާލެވުނުއިރު، މެންދަމުން އަލިވެ ތިނެއްޖަހައި ބޮޑުވެއްޖެއެވެ. އެއިރުވެސް އަހަރެންގެ ދެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. ބޮލަށް ވަނީ ބަރުވެފައެވެ. ހިތް ނުތަނަވަސް ވަނީ މާ ބޮޑަކަށެވެ. މާޒީގެ ހިތި ދުވަސްތައް މި ފަދަ ގޮތަކަށް އައިސް އަހަރެންގެ ކަރުގައި ހިފައިފާނޭ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރަމެވެ.
ޅަފަތުގައި މައިން ބަފައިން ނިޔާވެ، ޔަތީމު މިސްކީނު ހާލުގައި، އެއް ގެއިން އަނެއް ގެއަށް ސަލާން ޖަހައިގެން، އާދޭސްކޮށްގެން، ބަނޑުފުރާނަ މުއްތިކުރަމުން އައީ ފަހަރެއްގައި ވެސް، މި ދުވަހަށް އުއްމީދުކޮށްގެނެއް ނޫނެވެ. ވައްކަމެއް ނުކޮށް، ގޭގޭގައި ގުލާނުކޮށްގެން ހަށިގަނޑަށް ޒުވާންކަން ގެނައީ، އެ ހަށިގަނޑުގެ ބޭނުން، މި ފަދަ ގޮތަށް ހިފުމުގެ ނިޔަތުގައެއް ވެސް ނޫނެވެ.
އިންސާނުންގެ ތެރޭގައި ވެސް ޝައިތާނުން އުޅޭކަން އަހަންނަށް އެނގުނީ، މީގެ ދިހަވަރަކަށް އަހަރުކުރީން، ތަޖުރިބާކުރަން ޖެހުނު ރަޙުމެއްނެތް، ހިތި ހާދިސާއަކާ ހަމައިންނެވެ. އޭނާއަށް އަހަރެންގެ ހަށިގަނޑުން އުފާ ހޯދުނީ، ރައްކާތެރިކަމެއް ނެތް ބޮޑު އަށްޓެއްގައި ނިދަން އޮންނަން ޖެހުމުންނެވެ. ދަރިއަކަށް ބަލިވެއިންކަން އެނގުމާއެކު، އެ ބޮޑުއަށީގެ އެހީއިން ވެސް މަޙުރޫމްވާން ޖެހުނީއެވެ. މައިން ބަފައިންގެ ޖިފުޓިގަނޑަށް ބަދަލުވާން ޖެހުނީ، ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ މީހަކު ނުވީމައެވެ.
ނާސިކުޅިއަށް ހެއްލުންތެރި ވެވުނީ، ރަށަށް އަރުވާލާފައި ހުރި މީހެއްގެ ސަބަބުން އެކަންޏެއް ނޫނެވެ. ފައިސާ ފޮއްޗެއް ދޭނޭ މީހަކު، ވަޒީފާއެއް ދޭނޭ މީހަކު ނުވީމައެވެ. ހަށިގަނޑުގައި ރައްކާކުރާނެ އިތުރު އެއްޗެއް ނެތީމާ ވެސް މެއެވެ. އަރުވާލިމީހާ ދެއްކި މަގުން ފުރަތަމަ ހިނގާލި ރޭ ވެސް، ސަތޭކަރުފިޔާ ލިބުނެވެ. ހާދަ ބޮޑު އެއްޗަކަށް ވިއެވެ. އެ މަގުން ހިނގަން ހިތް ޖެހުނެވެ. ހަރާން ފައިސާއިން ދަރިފުޅު ބޮޑުވަމުން، އަހަރެންގެ ޒުވާންކަން ފުރިހަމަވަމުން އައެވެ. މިހާރު އަހަރެންގެ އުމުރުން ސައްބީސް އަހަރެވެ. އެހެނަސް މިއަދު މި ހަށިގަނޑަކު ޒުވާންކަމެއް ނެތެވެ. ހިތަށް ލިބޭ ހަމަޖެހުމެއް އަމުދުން ނެތެވެ. ހަ ފަރާތުގައި މަލާމާތާއި ފުރައްސާރައެވެ. ވޭނާއި ރިހުމެވެ.
އަހަރެން ތެދުވީމެވެ. ގިފިއްޔަށް ވަދެ ފެންވަރަން ފެށީމެވެ. ފާފައިން ނަޖިސްވެފައިވާ ހަށިގަނޑު ޠާހިރުކުރެވޭތޯ އެތައް އިރަކު ފެންވެރީމެވެ. ދެ ފިނި އެކުވެ، ހަށިގަނޑު ތުރުތުރުއަޅަމުން ގޮސް ގަނޑުވާ ހިސާބަށް ދިޔައިރު ވެސް، ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ފަތިސްނަމާދަށް ގޮވީ ވެސް ފެންވަރާން ހުއްޓައެވެ.
ނަމާދެއް ނުކުރާތާ ވީ ދުވަހެއް ބުނާކަށް ނޭނގެއެވެ. ނަމާދުކުރާކަށް އަމުދުން ނުވެސް އެނގެއެވެ. އެހެންނަމަވެސް ފަތިސްނަމާދަށް ގޮވާއަޑު ކަންފަތުގައި ޖެހުމާއެކު، ހިތަށް ވެގެންދިޔަ ގޮތް ބުނެދޭކަށް ނޭނގެއެވެ. ބޭނުންވީ ނަމާދު ކުރާށެވެ. ކިޔާ އެއްޗެއް ނޭނގުނަސް، ހިތުނިޔަތްގަނެގެން ހުރިހައި ހަރަކާތެއް ކުރީމެވެ. ރުކޫޢާއި ސަޖިދައެވެ. މި ކުށްފާފަތަކުން ސަލާމަތް ކުރައްވާތޯ ރޮމުން ﷲ އަށް އާދޭސް ދެއްނެވީމެވެ.
ޖެހިގެން އައި ދުވަހެވެ. މެންދުރުކުރީގެ ވަގުތެވެ. އަހަރެން ހުރީ ގޭކައިރީގައި ހުރި ދުނބުރި ގަހެއްގައި ލެނގިލައިގެންނެވެ. މިއަދު ދަރިފުޅު ސްކޫލަށް ފޮނުވީ ސައި ނުދީއެވެ. އަތުގައި ތިން ހާހެއްހައި ރުފިޔާ އޮތެއް ކަމަކު، އެ ފައިސާއިން އެއްޗެއް ގަނެ ދަރިފުޅަށް ކާންދޭން ބޭނުންނުވީއެވެ. އަހަރެން މި ވާ ބަނޑުހައި ދަރިފުޅު ވެސް ވާނެއެވެ. އިންޓަވަލް ގަޑީގައި ހުރިހައި ކުދީން އެކި އެއްޗެހި ކަމުން ގެންދާއިރު، އޭނާ އިންނާނީ ކާނެ އެއްޗެއް ނެތިފައެވެ. ހުސްބަނޑާއެވެ. މި ޚިޔާލުތަކުން ހިތަށް ދަތިކަން ލިބޭން ފެށުމާއެކު ރޮވޭން ފަށައިފިއެވެ. އަތުގައި ހުރި ފައިސާއިން “އަލިފާން” ގަނެގެން އަނެއްކާ ވެސް ދަރިފުޅަށް ކާންދޭންވީ ބާވައެވެ؟ ނޫނެކެވެ. އަހަންނަށް މާ ބޮޑަށް ރޮވޭން ފަށައިފިއެވެ.
“އައްސަލާމް ޢަލައިކުމް!”
އަހަންނަށް ސިހިފައި ބަލައިލެވުނެވެ. އަހަންނާ ދާދި ގާތުގައި، ފުރޮޅުލީ ގޮނޑިއެއްގައި އިނީ، އަހަރެން ދަންނަ މީހެއް ނޫނެވެ. ސަލާން ޖެހިއެއްކަމަކު، އަހަރެންގެ އަތަކު އޭނާއަށް ދޭނެ އެއްޗެއް ނެތެވެ. ދެ ލޯ ފޮހެލަމުން އަހަރެން މަޑުމަޑުން އޭނާގާތަށް ދިޔައީމެވެ.
“އަހަރެންގެ އަތަކު ނެތް އެކައްޗެއް ވެސް. މި އިންނަނީ ދަރިފުޅަށް ދޭނެ އެއްޗެއް ވެސް ނެތިފަ”
އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހިގަތެވެ. އޭނާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު، ގަމީހުގެ ޖީބުން ފަންސާސްރުފިޔާ ނަގައި އަހަންނަށް ދިނެވެ.
“ދަރިފުޅަށް ކޮންމެވެސް އެއްޗެއް ގަނެގެން ކާންދީ!”
އެ ފަންސާސް ރުފިޔާގައި އަހަންނަށް ހިފުނީ، ދަރިފުޅަށް ޓަކައެވެ. އޭނާ ގޮސް އޮބާލަންދެން، އެ ހުރި ފިޔަވަޅު މަތީގައި އަހަންނަށް ހުރެވުނެވެ. އެއީ ހާދަ މާތް އިންސާނެކެވެ. ހަޔާތުން ހޭދަވެގެން ދިޔަ ސައްބީސް އަހަރުގައި، އަހަރެންގެ ކިބައިން ކަމަކަށް ނޭދި، އެއްޗެއް ދިއްކޮށްލި ހަމައެކަނި އިންސާނަކީ އެއީއޭ ބުންޏަސް ފާފައަކަށް ނުވާނެއެވެ.
ޖެހިގެން އައި ދުވަހު ވެސް އޭނާ އަހަންނަށް ފަންސާސް ރުފިޔާ ގެނެސްދިނެވެ. ދަރިފުޅަށް އެއްޗެއް ގަނެގެން ކާންދޭށޭ އެ ދުވަހު ވެސް ބުންޏެވެ. މި ގޮތުގައި ހަފުތާއެއްހައި ދުވަސްވީއިރު، އަހަރެންގެ ހިތުގައި އޭނާއަށް ވަރަށް ޚާއްޞަ ޤަދަރެއް ދެވިއްޖެއެވެ. މީހަކު ދެކެ ލޯބިވުމަކީ އަހަންނަށް މިހާތަނަށް ކުރެވުނު ތަޖުރިބާއެއް ނޫނެވެ. އެހެންނަމަވެސް މިހާރު އެ އިހުސާސް އެބަ ކުރެވެއެވެ. އެންމެ އުފާވަނީ، ދަރިފުޅާއި އޭނާއާ ދެމެދު އުފެދެމުން ދިޔަ ގާތް ގުޅުމަށް ޓަކައެވެ.
އެއީ އެހެން ރަށެއްގެ މީހެކެވެ. ނަމަކީ ސަމީހެވެ. މި ރަށަށް އައީ ދަތުރުވަރަކުއެވެ. އެ ދުވަހު އޭނާ އަހަންނަށް ސަލާން ގޮވައިލީ މިސްކިތް ހުންނަތަން އޮޅުން ފިލުވުމަށެވެ. އެކަން އެނގުނީ ފަހުން އޭނާ ބުނުމުންނެވެ. އަހަރެން ވެސް، އަހަރެންގެ މާޒީ އޭނާއަށް ކިޔައިދިނީމެވެ. އޭނާ އަހަންނަށް ވަރަށް ގިނަ ނަސޭޙަތް ދިނެވެ. އޭނާ ބުނިގޮތަށް އަހަރެން ތައުބާވީމެވެ. ނަމާދުކުރަން ދަސްކުރީ އޭނާގެ ގާތުންނެވެ.
ސަމީހު ރަށަށް ފުރީ އަހަރެންނާއި އަހަރެންގެ ދަރިފުޅު ގޮވައިގެންނެވެ. އަހަރެމެން ދެ މީހުންގެ ކައިވެންޏަށް މިހާރު ހަމަހެވެ. ބަނޑަށް ތިން މަހެވެ. އަތްމަތި ކިތަންމެ ދައްޗަސް، އަޅުކަމުގައި އުޅޭންފެށުމުން، މާޔޫސްކަމާއި ނުވަނަވަސްކަން ފިލައި ހިނގައްޖެއެވެ. ދަރިފުޅުގެ މޫނުމަތީން ވެސް އުފާވެރިކަން ފެނެއެވެ. އެހެނަސް ހިތަށް އަރައެވެ. އެ ފަދަ ގޮތަކަށް ނޫޅެވުނު ނަމަ ކޮންފަދަހެއްޔެވެ؟
ހިޔާލު