ދަރިވަރުން ގޭގައި، އަޅުގަނޑުމެން މުދައްރިސުން މިވަގުތު ކުރަންވީ ކޮންކަމެއް؟

އާދެ، މިވަގުތަކީ އަޅުގަނޑުމެންގެ މުޅި ހަޔާތުގައިވެސް ހީނުކުރާފަދަ އަދި ތަސައްވުރަށްވެސް ނުގެނެވޭފަދަ އުނދަގޫ ނުތަނަވަސް ވަގުތެކެވެ. މުޅި ޤައުމު އަދި މުޅި ދުނިޔެވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ކަންބޮޑުވުންތައް ނުހަނު ގިނައެވެ. ދަރިވަރުންނާ ވަކިން ހޭދަވެގެންދާ ކޮންމެ ހިނދުކޮޅަކީ އަޅުގަނޑު އެ ދަރިވަރުންނާ ދޭތެރޭ ވިސްނައި ދެން ކަންތައް ކުރާނެ ގޮތަކާމެދު ޚިޔާލީ ތަސައްވުރު ކުރަހަމުންދާ ވަގުތުތަކެވެ. އެކުދިންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން އަޅުގަނޑަށް އެނގޭ. ގިނަކުދިންތަކަކަށް ބޭރަށް ނުނިކުމެވި އެކުދިން ގޭތެރޭގައި ބަންދުވެފައި ތިބެންޖެހުމަކީ ކިހާ އުނދަގޫ ކަމެއްކަން ޤަބޫލު ކުރެވެއެވެ. ބެލެނިވެރިންގެ ތެރޭގައި މިފަދަ އުނދަގޫ ދަނޑިވަޅަކާ ކުރިމަތިލުމުގެ ހިތްވަރު ހުންނާނީ ކިހާވަރަކަށް ކަން އިހުސާސްކުރެވެއެވެ. މިކަންތައް އަޅުގަނޑަށް އެނގެނީ ވޭތުވެދިޔަ 19 ވަރަކަށް އަހަރު ދުވަހު ތަޢުލީމީ ދާއިރާގައި މިކަންތައް ތަޖުރިބާކުރެވިފައި ވުމުންނެވެ. ތަޢުލީމު އުގެނުމާއި އުނގަންނައިދިނުން މިއީ އަޅުގަނޑަށް އެކަމަކާ ނުލައި ޙަޔާތުން އެންމެ ދުވަހެއްވެސް ވޭތުކުރަން އުނަދަގޫ ކަމެކެވެ. މިވަގުތު ތަޢުލީމީ ދައިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޚިޔާލު މިވަނި ދެކަފިވެފައެވެ. މިވަގުތު ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދަންޖެހޭތޯ ނޫންތޯ މިވަނީ ސުވާލު އުފެދިފައެވެ؟ މިކަމުގައި އަޅުގަނޑުގެ ރައުޔު ހާމަ ކުރުމުގެ ކުރިން ދެ ތިން ކަމައެއް ފާހަގަ ކޮށްލާނަމެވެ.

ތަޢުލީމު އުނގެނުމަކީ ކޮބައިތޯ؟

ތަޢުލީމީ ދާއިރާގެ ފުންނާބުއުސް ބޭފުޅެއް ކަމުގައިވާ އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ ޢަބްދުލް ކަލާމް ވިދާޅުވެފައިވާ ގޮތުގައި ތަޢުލީމު އުނގެނުމަކީ މަޢުލޫމާތު ހޯދައި ދެނެގަތުމުގެ ނިމުމެއްނުވާ ދަތުރެކެވެ. އެބޭފުޅާ ވިދާޅުވެފައިވާ ގޮތުގައި ތަޢުލީމު އުނގެނުމުގެ ތެރެއިން އިންސާނާ އަނދިރިކަމުން އަލިކަމަށް ވާޞިލުވާހިނދު އެންމެ މުހިންމު ކަމަކީ އެމީހެއްގެ ހިނިތުންވުމާއި އުފާވެރިކަން ނުގެއްލި އެމީހަކު ދިރިއުޅުމުގެ މައިދާނަށް ތައްޔާރުވުމެވެ. އިންސާނާ ދުނިޔޭގައި އުޅުމުގައި ބޭނުންކުރާނެ ރީތި އަދަބުތަކާއި އުޞޫލުތައް ދަސްކޮށް ޢަމަލީ މައިދާނަށް ތައްޔާރުވުމެވެ.
އަޅުގަނޑު ތަޢުލީމު އުނގެނުން ސިފަކުރަނީ އިންސާނާ އޭނާގެ ދިރިއުޅުމުގެ ކޮންމެ ސިކުންތެއް ހޭދަކުރާ ކުރުމުގައި ދަސްކުރަމުންދާ ދަސްކުރުންތަކެއްގެ ގޮތުގައެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި މީހަކު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ތަޢުލީމު ހާޞިލުކޮށްފިނަމަ އެމީހެއްގެ ދިރިއުޅުމުން ބަދަލެއްފެނިގެން ދާނެއެވެ. އެބަދަލު ނުފެންނަނަމަ ކިތަންމެ ގިނަ ސަނަދެއް ޙާސިލުކުރިކަމުގައި ވިއަސް ތަޢުލީމު އުނގެނުނު ކަމަކަށް ނުވާނެއެވެ. އަޅުގަނޑުގެ ލެކްޗަރާ އަކު އަޅުގަނޑުމެންނަށް "ސަރޓިފިކޭޓެޑް" އާއި "އެޑިއުކޭޓެޑް" ގެ ތަފާތު ކިޔާދެއްވި ހަދާން ދުވަހަކުވެސް ނުނެތޭނެއެވެ. އެހެނަސް އެވާހަކަ އެހެން ފަހަރަކަށް ބާއްވާލަނަމެވެ.
ތަޢުލީމީ ދާއިރާގެ ކޮންމެބޭފުޅަކުވެސް އުނގަންނައިދިނުމުގެ ވާހަކަ ދައްކަވާއިރު މިވަގުތު ރިޢާޔަތް ކުރައްވާނީ މިކަންކަމަށް ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ދަރިވަރުން ގޭގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ މިދަނޑިވަޅު ގޭގައި ތިބެގެން ޢާންމު ދިރިއުޅުމާ ގުޅޭ ކަންތައްތަކެއް ދަސްކުރުމުގެ ފުރުޞަތު އޮތް ކަމާމެދު އަޅުގަނޑުވެސް އަދި މިދާއިރާގެ އެއްވެސް މީހަކު ޝައްކެއް ނުކުރާނެކަން ޔަޤީނެވެ. އެހެންނަމަވެސް ސުވާލަކީ ދަރިވަރުން ގޭގައި ތިބެގެން މިކަންތައް ކުރަނީ ކިހާ މިންވަރަކަށްތޯއެވެ. މިފުރުޞަތު މައިންބަފައިންނަށް ހޯދައި ދެވެނީ ކިހާވަރަކަށްތޯއެވެ؟

ދަރިވަރުން ގޭގައި ކުރަނީ ކީއްހެއްޔެވެ؟ ކިޔެވުމުގެ އެއްވެސް މާނައެއްގައި އެއްވެސް ކަމެއް ކުރިޔަށް ދޭ ބާވައެވެ؟

އެއްވެސް ޝައްކެއްނެތް ގޮތުގައި ދަރިވަރުން ސްކޫލަށް ނުދެވި، ގިނަވަގުތު ގޭގައި ތިބެންޖެހިފައި މިވާ ދުވަސްތަކަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ނުހަނު އުނދަގޫ ދުވަސްތަކެކެވެ.. އަދި މިއުނދަގޫ އެކިދަރިވަރުން ތަޙައްމަލު ކުރާނީ އެކި ވަރަށެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިއީ ގޭތެރޭގެ މާޙައުލުން ކަންތައް ދަސްކޮށް ޢަމަލީ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމަށް ވަރަށްވެސް ރަނގަޅު ފުރުޞަތެކެވެ. އެކަން އެގޮތަށް ކުރެވޭނީ އެފަދަ މާޙަޢުލެއް ގޭތެރެއިން ފަހިކޮށްދީގެންނެވެ. ސުވާލަކީ މިފުރުޞަތު އޮތީ ކިހާ ޢަދަދެއްގެ ކުދިންނަކަށް ލިބޭތޯއެވެ؟
ޝައްކެއްނެތް ގޮތުގައި މިވަގުތަކީ ގިނަ ޢާއިލާތަކަށް ހުރިހާގޮތަކުން ވެސް އުނދަގޫ ވަގުތަކަށް ވުމުން ކުދިން ލައްވައި ގޭތެރޭގެ އެކިއެކި މަސައްކަތްކުރުވަން ޖެހިލުންވެއެވެ. އަޅުގަނޑާ ވާހަކަ ދެކެވުނު ބައެއް ބެލެނިވެރިން ފާހަގަކުރައްވާ ގޮތުގައި ކުދިން ލައްވައި ގޭތެރޭގެ އެކި ކަންކަން ކުރުވުމުގެ ސަބަބުން ތަކެތި އިސްރާފުވުމާއި ކުރަންޖެހޭ މަސައްކަތް ގިނަވުމުން އެބެލެނިވެރިންނަށް ބޮޑަށް ބުރަވެވެނީ އަމިއްލަޔަށް އެމަސައްކަތްތައް ކޮށް އަވަހަށް ނިންމާލުމަށެވެ. ކުނިކަހަން ނުވަތަ މޮޕްޖެހުން ފަދަ ކަންކަން ކުދިންލައްވާ ކުރުވުން އެއީ ވެސް ބައެއް ބެލިނިވެރިންނަށް އެހާ ފަސޭހަކަމެއް ނުވެއެވެ. ގޭގައި ހެއްދޭނެ ތަފާތު ކްރާފްޓް މަސައްކަތް ފަދަ ކަންކަން ކުރުމަށް ތަކެތި ހޯދުން މިވަނީ ގިނަ ބެލެނިވެރިންނަށް މާލީ ގޮތުންވެސް ކުރުން އުނދަގޫ ކަމަކަށްވެފައެވެ. އަދި އެފަދަ ފުއްދުންތެރިކަމެއް ހުރިކަމުގައި ވިޔަސް ޑެލިވަރީ އަށް ބަރޯސާވާންޖެހޭ މިދަނޑިވަޅުގައި އެކަންވެސް މިވަނީ ނުއުފުލޭ ވަރުގެ ބުރަޔަކަށް ވެފައެވެ. އިންޓަނެޓް ބޭނުންކޮށްގެން ކުރެވޭނެ ފައިދާ ހުރި ގިނަ ކަންތައްތަކެއް ހުރިކަމާމެދު ޝައްކެއްނެތެވެ. އަދި މިދަތި ދުވަސްތަކާ ދިމާކޮށް އެފަދަ ގިނަ ކަންތައްތަކެއް ހިލޭ ލިބޭނެ ގޮތް ގިނަ ދިމަދިމާއިން ހަމަޖައްސައި ދީފައިވާކަންވެސް ޔަޤީނެވެ. އެކަމަކު މިމަޢުލޫމާތު އެނގެނީ ކިތައް ބެލެނިވެރިންނަށް ބާއެވެ؟ އަދި އެނގުނު ކަމުގައިވިޔަސް އޭގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ކުރެވޭނީ ކިތައް ބެލެނިވެރިންނަށް ބާއެވެ؟ މި ސުވާލުގެ ޖަވާބުދޭން އެއްވެސް ޓީޗަރަކަށް އުނދަގޫ ނުވާނެކަން ޔަޤީނެވެ. އަޅުގަނޑުމެންގެ ގެދޮރުވެރިކަމުގެ ޙާލަތު ހުރި ގޮތުން ރަށްރަށުގައިވެސް ގިނަ މީހުން އުޅެންޖެހިފައިވަނީ ކޮންމެ ކޮޓަރިޔަކީ ވަކި ގެއެއްކަމުގައި ބަލައިގެންނެވެ. ނަތީޖާއަކީ އެންމެންގެ މަސްލަހަތަށްޓަކައި ކުދިންކޮޅު ކޮޓަރިތެރޭގައި އަބަދު ބައިތިއްބަން މަޖުބޫރުވުމެވެ. ދެން ސުވާލަކީ މިޙާލަތުގައި ކުދިން ގިނަވަގުތު ހޭދަކުރާނީ ސްކްރީނެއްގެ ކައިރީގައިތޯއެވެ؟ ނުވަތަ ޢަމަލީ ގޮތުން ކަންކަން ދަސްކުރުމުގައިތޯއެވެ؟ އެ ސުވާލު އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލާނީ ވަށައިގެންވާ މާޙައުލަށް ބެއްލެވުމަށްފަހު ގޮތެއް ނިންމެވުމަށެވެ.

ހުރިހާއެންމެންވެސް ނަފްސާނީ ގޮތުން އުނދަގޫދުވަސްތަކެއްގެ ތެރޭގައި

އަޅުގަނޑު ތަޢުލީމީ ދައިރާގައި ހޭދަކުރި ދުވަސްތަކަކީ ގިނަ ދަރިވަރުންނާ އަދި ބެލެނިވެރިންނާ ތަފާތު ކަންކަމުގައި ވާހަކަދައްކަން ފުރުސަތު ލިބިފައިވި ދުވަސްތަކެކެވެ. އެހެންކަމުން ދިރާސާއެއް ހަދާފައި ނެތްކަމުގައިވިޔަސް އަޅުގަނޑަށް ޤަބޫލުކުރެވޭ ޙަޤީގަތަކީ ކޮވިޑް19ގެ ދަތި ދުވަސްތައް އައުމުގެ ކުރިންވެސް ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭގޮތުން، އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބައެއް، ދަނީ ނަފްސާނީ ގޮތުން ދިމާވާ ތަފާތު އުނދަގޫތައް ތަހައްމަލު ކުރަމުންކަމެވެ. މިފަދަ ކަންކަމަށް ފަރުވާ ހޯދޭނެ މަގު އަތޮޅު ތެރޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފަހިވެފައި ނެތުމަކީ މިކަމުން އަރައިގަތުމަށް ހުރި ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލުކުރެވެއެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި މިވަގުތަކީ އަޅުގަނޑުމެން އެންމެންވެސް ބަޔާންކުރަން ނޭނގޭ ފަދަ މާޔޫސްކަމަކާއި ބިރުވެރިކަމެއް ތަޙައްމަލު ކުރަމުންދާނެ ވަގުތެކެވެ. މާދަމައަކަށް އަލިވިލޭއިރު ކޮވިޑް19ގެ ހާލަތު ބަދަލުވެގެންދާނެ ގޮތް ނޭގޭ ހާލު، އެކަމާމެދު ކަންބޮޑުވެ އެކަމާ ގުޅޭ ޚަބަރުތައް ކިޔައި، މިބަލީގެ ވާހަކަ އަބަދުމެ ދެކެވި، އެކަމާމެދު ވިސްނުން މިވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ އާދަޔަކަށްވެފައެވެ. މީގެ އިތުރުން ގިނަބައެއްގެ ވަޒީފާ ގެއްލި، ޢާއިލާއާއި ދުރުގައި ދުނިޔޭގެ އެކިދިމަދިމާގައި ތާށިވެފައި ތިބެންޖެހުމާއި، ވަޒީފާގައި ގިނަ ވަގުތުތަކެއް ބުރަކޮށް ހޭދަކުރަމުން ދިޔަ ފަރާތްތަކެއް މިވަގުތު ވަޒީފާގެ މަސްއޫލިއްޔަތާއި ދުރުގައި ގޭގައި ތިބެންޖެހުން ފަދަ ތަފާތު ސަބަބުތައް މިވަނީ މިއުނދަގޫތައް އިތުރުވެ ތަޙައްމަލު ކުރަން އުނދަގޫ ހިސާބަށް ދިޔުމުގެ ސަބަބަކަށް ވެފައެވެ.
މިހުރިހާ ވަހަކައެއް ލިޔުމުގެ، އަޅުގަނޑުގެ އަސްލު މަޤްސަދަކީ "މިހާލަތުގައި އަޅުގަނޑުމެން ޓީޗަރުން ކުދިން ދޫކޮށްލާނީތޯ ނުވަތަ ކޮންމެވެސް ކަމެއް އެކުދިން ލައްވައި ކުރުވޭތޯ ބަލާނީތޯ" މިސުވާލަށް ތަންދިނުމަށެވެ. އިޖުތިމާޢީ ވިއުގަތަކުން ފެންނަ ގިނަ ޕޯސްޓުތަކުގައި ވާގޮތުން މިވަގުތަކީ ދަރިވަރުންނާއި ބެލެނިވެރިން އެއްގޮތަކަށްވެސް މުދައްރިސުން ދެއްވާ މަސައްކަތްކުރަން ވަގުތު ދެވޭނެ ޙާލަތެއް ނޫނެވެ. އެއަށްވުރެ އެންމެންގެ ހާލަތުވެސް ގޯހެވެ. އަޅުގަނޑު ފަދައިން މިދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ކުރިމަތިކުރުވާ ސުވާލަކީ މިޙާލަތުގައި އަޅުގަނޑުމެން ދަރިވަރުން އަދި ބެލެނިވެރިން ހަމަ ދޫކޮށްލާނީތޯއެވެ؟

މިވަގުތު އަޅުގަނޑުމެން މުދައްރިސުންނަށް ކޮށްދެވޭނީ ކޮންކަމެއް؟

ހަމަގައިމުވެސް މިއީ އަޅުގަނޑުގެ އެކަނި ޚިޔާލު ކަމުގައިވިޔަސް އަޅުގަނޑުމެންގެ ލޯބިވާ ދަރިވަރުން އަދި ބެލެނިވެރިން މިވަގުތު އެކަނި ދޫކޮށްލުމަކީ އަޅުގަނޑު ޤަބޫލުކުރާ އުސޫލެއް ނޫނެވެ. އަޅުގަނޑުމެން މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައި މިވަގުތު ދެކެންވީ ވީވަރަކުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވަގުތު ދީ އެފަރާތްތަކަށް މިވަގުތު ދިމާވެފައިވާ ތަފާތު އުނދަގޫތައް ވީވަރަކުން ހައްލުކޮށްދިނުމުގައި އެހީތެރިވުމެވެ.
ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ގިނަގިނައިން ދަރިވަރުންގެ ހާލުބަލައި ބެލެނިވެރިންނާ ވާހަކަ ދައްކާލުން މިއީ އަޅުގަނޑުމެން މުދައްރިސުންނަށް މިހާލަތުގައި ކުރެވިދާނެ ކަމެކެވެ. އެކުދިންގެ، ދުވަހުގެ ކަންކަން ރޭވުމަށް އެހީތެރިވެދީ، ޙާލަތާ ގުޅޭ ގޮތުން ބެލެނިވެރިންނަށްވެސް ދަރިވަރުންނަށް ކޮށްދެވިދާނެ ކަންތައް ކިޔައިދީ، ދިމާވާ ދަތި ޙާލަތްތަކުގައި ހިތްވަރުދީ ހެދުން މިއީ އަޅުގަނޑުމެން ކޮންމެ މުދައްރިސަކަށް ކުރެވިދާނެ ކަމެކެވެ.

އަޅުގަނޑުމެންގެ ލޯބިވާ ދަރިވަރުންނަށް އުނގަންނައިދިނުމާއިގެން ކުރިޔަށްދަމާ

އެއްވެސް ޝައްކެއްނެތް ގޮތުގައި އުނގަންނައިދިނުމަކީ ހަމައެކަނި ޤައުމީ މަންހަޖުގައިވާ ފިލާވަޅުތައް އެކަނި ބުނެދިނުމެއް ނޫނެވެ. އެހެންނަމަވެސް ޙާލަތާއި ގުޅިގެން ސްކޫލާ ދުރުގައި ދަރިވަރުން ހޭދަކުރަންޖެހޭ ދުވަސްތައް ދިގު ދެމިގެންދާ ގޮތަށް ބަލާއިރު އެއީވެސް އަޅުގަނޑުމެންނަށް އެއްކޮށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫނެވެ. މަންހަޖުން ބައެއްނަމަވެސް މިވަގުތަށް އެކަށިގެންވާ މިންވަރެއް ކަނޑައަޅައިގެން ދަރިވަރުންނާ ހަމަޔަށް ވާސިލްކޮށްދިނުމަކީ ކޮންމެހެން ކުރަނޖެހޭ ކަމެކެވެ. އަދި މިއީ މިވަގުތު ދުނިޔޭގެ އެހެން ޤަޢްމު ތަކުގައިވެސް މިކަން ކުރަމުންދާ ގޮތެވެ. އަދި މިކަން މިހެންކުރަންޖެހޭ ކަމާމެދު މިދާއިރާގެ އެއްވެސް ބޭފުޅަކު ދެބަސް ނުވާނެކަންވެސް ޔަޤީނެވެ.
އަޅުގަނޑު ކުރީގައި ފާހަގަ ކުރި ހުރިހާ ކަމަކަށް ވިސްނާލާއިރު މިއީ އަޅުގަނޑުމެންގެ ދަރިވަރުންނަށް އަޅުގަނޑުމެންގެ އެހީތެރިކަން އެހެން އެއްވެސް ދުވަހަކު ބޭނުންނުވާ ވަރަށް ބޭނުންވާނެ ވަގުތެކެވެ. އެހެންކަމުން ލިބެންހުރި ވަސީލަތްތަކަކާ، ލިބިހުރި ހުނަރެއްގެ ބޭނުންކޮށްގެން މިވަގުތާ ހާލަތާ އެންމެ ގުޅޭގޮތަށް ދަރިވަރުންނަށް އެހީ ފޯރުކޮށްދިނުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުދައްރިސެއްގެ ކިބައިގައިވެސް ހުންނާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރަމެވެ.
މިދާއިރާގައި އަޅުގަނޑާއެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ކަމެއް ޙާސިލުކުރަން ބޭނުންވެގެން މަސައްކަތެއް ކޮށްފިނަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ. އެހެންކަމުން ހުއްޓާނުލާ ދަރިވަރުންނަށް އުނގަންނައިދިނުމަށް އާހިތްވަރަކާ އާ ޢަޒުމަކާއެކު ފަށައިގަންނަމާ ހިނގާށެވެ. އުނގެނުމާ އުނގަންނައިދިނުން އެއީ ދުވަހަކުވެސް ހުއްޓޭނެ އަދި ހުއްޓާލެވޭނެ ކަމެއްނޫނެވެ. އަޅުގަނޑުގެ ދުޢާ އަކީ މިވަގުތު ދިމާވެފައި މިވާ ޙާލަތުން އަރައިގަނެ އަވަސް މުސްތަޤުބަލެއްގައި އަޅުގަނޑުމެންގެ ލޯބިވާ ދަރިވަރުންނާއި އޯގާތެރި ބެލެނިވެރިންނާއެކު އާ ޢަޒުމަކާއެކު ސްކޫލްތައް ފަށައި ދަރިވަރުންގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ ތައުފީޤު މިންވަރު ކުރެއްވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *