އާ ދުވަހަކަށް އިރު އަރަން އުޅޭކަން އިޢުލާންކުރުމުގެ ގޮތުން، ތަފާތު ކުލަތަކުން އުދަރެސް ފެވެމުން ދިޔައެވެ. ރަތާއި ރީނދުލުންނެވެ. ރަތްރީދުލާއި އޮރެންޖުންނެވެ. ޖައްވަށް ވެރިވެފައިވަނީ ފިނިކަމެވެ. ހަމަހިމޭންކަމެވެ. މާލޭގެ ގިނަ ގޭގޭގެ މީހުން ތިބީ ރަޖާތަކުގެ ދަށުގައި ކަންނެތްކަމާއެކު މަރު ނިދީގައެވެ. އެހެންނަމަވެސް އާޔާ ތަފާތެވެ. އޭނާ އިނީ ފަތިހުގެ މީރު ނިދިކޮޅު ޤުރުބާން ކޮށްފައި، ތެދުވެ މުސައްލަމަތީގައެވެ. ފަތިސްނަމާދުގެ އަޅުކަމަށްފަހު، ދުޢާއަށް އަތް އުފުލައިގެންނެވެ. އެ ގޮތަށް އޭނާ އިންނަތާ ދިހަވަރަކަށް މިނެޓް ވެދާނެއެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. ނަފުސާއި ރޫޙު ވަނީ، ﷲ ގެ ޙަޟުރަތަށް ކުއްތަން ކުރެވިފައެވެ.
އާޔާއަކީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ، ދެމަފިރިއެއްގެ އެންމެ ދޮށީ ދަރިފުޅެވެ. އޭނާގެ ހަގަށް ދެ ކޮއްކޮ ތިބެއެވެ. އެ އާއިލާ ދިރިއުޅެނީ މާލޭގައެވެ. ދެ ކޮޓަރީގެ ކުޑަކުޑަ އެޕާޓުމެންޓެއްގައި ކުއްޔަށެވެ. ރަށުގައި ހުރި އަމިއްލަ ގެ، ވީރާނާވާން ދޫކޮށްލާފައެވެ. ރަށުން އެންމެ އެދެވޭ ތަޢުލީމެއް، ޞިއްޙީ ފަރުވާއެއް ލިބޭން ނެތީމައެވެ.
އާޔާގެ ބައްޕައަކީ ކަނޑުމަތީގައި، ލޯ ބޯ ފިއްސައިގެން އާމްދަނީ ހޯދަމުން އަންނަ، ހީވާގި ދަތުރުވެރިއެކެވެ. މަންމަގެ ވަޒީފާއަކީ، ލިބިފައި ތިބި ދަރިންކޮޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމެވެ. މަންމަގެ ވަޒީފާ މަންމަ އަދާކުރެއެވެ. އެ ދެމަފިރިންގެ ތިން ދަރީން ބޮޑުވަމުން އައީ، އިސްލާމްދީނުގެ ފުރިހަމަ ތަރުބިއްޔަތުގެ މަތީގައެވެ. ބައްޕަގެ ވަޒީފާ ބައްޕަ ވެސް ފުރިހަމައަށް އަދާކުރެއެވެ. އެހެންނަމަވެސް ލިބޭ ޢާމްދަނީއާ ނުބައްދަލު ޚަރަދުކުރަން ޖެހިފައި އޮންނާތީ، ދިރިއުޅުމުގެ ކަންކަން ހުންނަނީ، ސަހަލު ގޮތަކަށެވެ. ދެކޮޅުޖެހޭ ފަހަރާއި ނުޖެހޭފަހަރެވެ.
ތިން ކުދީން ގޮވައިގެން އެ ދެމަފިރީން މާލެއަށް ބަދަލުވީ، އާޔާ ގުރޭޑު 8 އަށް ވެއްދުމަށެވެ. މި އަހަރަކީ އާޔާގެ އޭލެވެލްގެ ފަހު އަހަރެވެ. އެހެންކަމުން ރޭގަނޑުގެ ފުރިހަމަ ނިންޖާއި އެހެނިހެން އުފާތައް ޤުރުބާންކޮށްފައި، ހުރިހައި ވަގުތެއް ކިޔެވުމަށް އާޔާ ވަނީ ހުސްކޮށްފައެވެ. މޮޅު ޑަކުޓަރަކަށް ވުމަށް ޓަކައި ދެކެމުން އަންނަ ހުވަފެން ހާޞިލުވާން އޮތީ، ރަނގަޅު ނަތީޖާއެއް ލިބިގެންނެވެ. އާއިލާގައި އެ ފަދަ ތަނަވަސްކަމެއް ނެތީމައެވެ.
“ދަރިފުޅާ!” އާޔާ ކޮޓަރީގައި ފިލާވަޅު ދަސްކުރާން އިންދާ، ބައްޕަ އައިސް ކޮޓަރީ ދޮރުމައްޗަށް އަރާފައި ގޮވައިލި އަޑަށް، އޭނާ އިސްއުފުލައި ބަލައިލިއެވެ. ބައްޕަގެ އަތްވަށް އަނދާފައިވާ މޫނުމަތީން ފެންނާންހުރީ ވަރުބަލިކަމެވެ. ދެ ހަފުތާއެއްހައި ދުވަހު ކަނޑުމަތީގައި އުޅެފައި، ބައްޕަ މާލެއަށް އައީ މިއަދު އިރު އޮއްސޭންވެފައި ހުއްޓައެވެ.
“ލައްބަ.” އާޔާ ތެދުވިއެވެ. ބައްޕައާއި މަންމައަށް އިޙުތިރާމްކުރުމަކީ، އާޔާގެ ކިބައިގައި އެންމެ ކުޑަ އިރުއްސުރެ ހަރުލާފައި ހުންނަ ވަރަށް ރީތި އާދައެކެވެ.
“އިށީންދޭ ދަރިފުޅާ!” ބައްޕަ އައިސް އާޔާގާތު ހުއްޓި، ބުރަކަށީގައި ފިރުމައިލިއެވެ. “މަންމަ ބުނި ދަރިފުޅުގެ ޓެސްޓު ވަރަށް ކައިރިވި ވާހަކަ.”
“ލައްބަ! މި މަހު 20 ގައި ފެށޭނެ.”
“އެހެންވީމަ މިހާރު މި އޮތީ ދެ ހަފުތާއެއްހައި ދުވަސް ދޯ!” ދުވަސްތައް ގުނާލާފައި ބައްޕަ ބުނެލިއެވެ. “ކޮންމެވެސް ދެ މާއްދާއަކުން ދަރިފުޅު ތަންކޮޅެއް ދަށްކޮށް އުޅޭ ވާހަކަ މަންމަ ބުނި. ދަރިފުޅު ބޭނުންތަ ޓިޔުޝަން ނަގަން؟”
އާޔާއަށް އިސް އޮބައިލެވުނެވެ. ހަޤީޤަތުގައި އެ ދެ މާއްދާއިން ޓިޔުޝަން ނަގާން އާޔާ ބޭނުންވެއެވެ. އެހެންނަމަވެސް އެ ފަދަ ޚަރަދެއް ބައްޕައަށް ނުކުރެވޭނޭކަން އޭނާއަށް އެނގެއެވެ. އެއީ ބޮޑު ޚަރަދަކުން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެ ވަރަށް ބައްޕައަކަށް ފައިސާއެއް ނުލިބެއެވެ. މަހަކު ފަނަރަހާސް ކުއްޔަށް ދައްކާފައި، ބިލްތަކާއި ކެއުމާއި އެހެނިހެން ޚަރަދުތައް ކޮށްފައި އެއްޗެއް ބާކީ ނުކުރެވެއެވެ.
“ޓިޔުޝަން ނުނެގިޔަސް އަޅުގަނޑަށް ކިޔެވޭނެ! އިންޝާﷲ! ފާސްވެސްވާނެ!”
“އެކަމަކު ދަރިފުޅު ދެކެމުން އަންނަ ހުވަފެން ހަޤީޤަތަކަށްވާން ބައްޕަ ވަރަށް ބޭނުން. ބައްޕަ މި ޤަސްދުކުރަނީ އޮޑިވެރިމީހާ އަތުން ވިއްސަކަށް ހާސް ރުފިޔާ ދަރަންޏަށް ނަގަންކަމަށް.”
“ނޫން ބައްޕާ!” އާޔާއަށް ފުންމައިގެން ތެދުވެވުނެވެ. ދަރަންޏަށް ފައިސާ ނަގައިފި ނަމަ، ދެން ވާނެ ގޮތް އާޔާއަށް ވިސްނެއެވެ. ލިބޭ އެއްޗަކުން ފުދެމުން ނުފުދެމުން އަންނައިރު، އެ ދަރަނި ބައްޕައަށް އޮންނާނީ އަދާ ނުކުރެވިފައެވެ. ނޫނީ އެ ދަރަނި އަދާކުރުމަށް ޓަކައި އެހެން ދަރަންޏެއް ބޮލުގައި އަޅަން ޖެހިދާނެއެވެ.
“ޓިޔުޝަން ނުނެގިޔަސް ހުރިހައި މާއްދާއަކުން ފާސްވާ ވަރަށް އަޅުގަނޑު ކިޔަވާނަން. ނޭނގޭ އެއްޗެހި ކުލާސް ކުދީންގާތު އަހައިގެން އޮޅުންފިލުވާނަން. ބައްޕަ ދަރަންޏަށް ފައިސާ ނުނަންގަވާތި!” އާޔާގެ އަޑު ތުރުތުރުއަޅައިގަތެވެ. އެވަގުތު ބައްޕަގެ ދެ ލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު އާޔާއަށް ފެނުނެވެ.
އިމްތިހާނު ފެށިއްޖެއެވެ. އިމްތިހާނު ފެށޭ ދުވަހު މާލޭގައި ހުރެވޭތޯ ބައްޕަ ވަރަށް ބެލިއެވެ. އެހެންނަމަވެސް ކަންދިމާކުރީ އެހެނެއް ނޫނެވެ. އެ ދުވަހު ވެސް ބައްޕައަށް އުޅެންޖެހުނީ ކަނޑުމަތީގައެވެ. ފޯނުން ވާހަކަ ދެކެވުނެވެ. ނަސޭޙަތްދިނެވެ. ހިތްވަރުލައިދިނެވެ. އިމްތިޙާނަށް ދިޔުމަށް ޓަކައި އާޔާ ގެއިން ނިކުތީ، މަންމައާއި ބައްޕަގެ ހިތްވަރާއި ނަސޭޙަތުން ހިތް ފުރާލައިގެންނެވެ.
އިމްތިހާން ނިމިއްޖެއެވެ. ނަތީޖާ ދޫކުރާ ދުވަސް އައިސް ކުރިމަތިވެއްޖެއެވެ. ހެނދުނު ހެނދުނާ އާޔާ ގެއިން ނިކުތެވެ. ނަތީޖާ ކަރުދާސްކޮޅުގައި ހިފީ، ތުރުތުރު އަޅަމުން ދިޔަ އަތަކުންނެވެ. ނަތީޖާ ފެނުމާއެކު އޭނާގެ ދެ ލޯ ފެންކަޅިވިއެވެ. ތުންފަތްމައްޗަށް ހިނިތުންވުމުގެ އަސަރެއް ވެރިއެއް ނުވިއެވެ. ނަތީޖާ ބުނަމުން ގެންދިޔައީ، ގަދަ ދިހައަކުން ފުރުސަތު ނުލިބޭކަމަށެވެ. ސަރުކާރުން ދޭ އިސްކޮލަރުޝިޕުން މަޙުރޫމުވެއްޖެ ކަމަށެވެ.
ގެއަށް ވަނުމާއެކު އާޔާއަށް ރޮވުނެވެ. އެ ދުވަހަކީ ބައްޕައަށް ވެސް މާލޭގައި ހުރެވުނު ދުވަހެއްކަމުން، މަންމައާއި ބައްޕަ އާޔާއަށް ހިތްވަރުދިނެވެ. ގަދަ ދިހައެއްގައި ނުހިމެނުނަސް، ހުރިހައި މާއްދާއަކުން ވެސް ރަނގަޅު ނަތީޖާއެއް ލިބިފައިވާތީ، ﷲ އަށް ޙަމްދުކުރުމަށް ހަނދާންކޮށްދިނެވެ. ކޮންމެ ކަމަކީ ވެސް ﷲ ގެ މިންވަރުފުޅާއެކު ހަމަޖެހިގެންދާނެ ކަމެއްކަން ވިސްނައި ދިނެވެ. ދެރަނުވާށެވެ. އުއްމީދު ނަގައިނުލާށެވެ. ހިތްވަރާއެކު މަސައްކަތްކުރާށެވެ.
މަންމައާއި ބައްޕަގެ އަގުހުރި ނަސޭހަތުގެ ހިޔާވަހިކަމުގައި އާޔާ ދުވަސްތައް ހޭދަކުރާން ފެށިއެވެ. ﷲ ތަޢާލާއަށް ވަކީލުކޮށްގެން، ދުވަސްތައް ގުނާންފެށިއެވެ. މި ގޮތުގައި އެއް އަހަރު މާޒީވެ ހިނގައްޖެއެވެ. މިހާރު އޭނާގެ މައިގަނޑު މަސައްކަތަކީ، އަޅުކަން ކޮށްލައިގެން، ގޭތެރޭގައި މަންމައަށް އެހީތެރިވެދިނުމެވެ. މިވީ އަހަރެއްހައި ދުވަހުގެ ތެރޭގައި މީރުކޮށް ކަންކަން ދަސްވެއްޖެއެވެ. ގޭތެރޭގެ މަސައްކަތްތައް އިންތިޒާމްކުރާނެ ގޮތާއި، ތަރުތީބުކުރާނެ ގޮތް ވަރަށް މޮޅަށް ކިޔަވައިފިއެވެ. އެދުރަކީ މަންމައެވެ.
މިއަދަކީ އާޔާގެ އޭލެވެލް ނަތީޖާ ލިބުނުތާ އެއް އަހަރު ފުރި، ދެ ވަނަ ދުވަހެވެ. ހެނދުނު ނުވައެއް ނުޖަހައެވެ. ރީތިވެލައިގެން އާޔާ ގެއިން ނިކުތީ، ހަގު ކޮއްކޮ މިއަދު އިސްކޫލަށް ދާއިރު ގެންދާންޖެހޭ ވޫލް ބޮނޑިއެއް ގަންނާށެވެ. ގޭ ކައިރީ ފިހާރައިގައި ވޫލް ނެތުމުން، އާޔާ މިސްރާބުޖެހީ މަޖީދީމަގުގައި ހުރި ބޮޑު ފިހާރައަކަށެވެ. ގޭކައިރި ފިހާރައިން އެއްޗެއް ނުލިބުނިއްޔާ، އޭނާ ގިނަ ފަހަރަށް ދަނީ އެ ފިހާރައަށެވެ. އެ ތަނުން ހުރިހައި އެއްޗެއް ވެސް ލިބޭން ހުންނާތީއެވެ.
ކަންދިމާކުރި ގޮތުން އެ ދުވަހު އާޔާއަށް ދެވުނީ، އެ ފިހާރަ ހުޅުވި ވަގުތުއެވެ. އޭނާ ވީ އެ ދުވަހު އެ ފިހާރައިގެ ފުރަތަމަ ކަސްޓަމަރަށެވެ. ފިހާރައަށް ވަނުމާއެކު، އޭނާ ދިޔައީ ސިއްސައިގެންނެވެ. އަތްތިލަބަޑީގެ އަޑާއި ތަހުނިޔާގެ އަޑުން ފިހާރަތެރެ ގުގުމައިލިއެވެ. އޭނާގެ ކުރިމަތީގައި ތިބީ ފިހާރައިގެ މުވައްޒަފުންގެ އިތުރުން، ކޯޓުފަޓުލޫނުގައި ތިބި ހަތަރު މީހެކެވެ. އާޔާއަށް ހުރެވުނީ، ބުނާނެ އެއްޗެއް ނޭނގިފައެވެ. ވާނުވާ އޮޅުންނުފިލާފައެވެ.
ވީ ގޮތް އޮޅުންފިލީ އެ މީހުން ކިޔައިދިނުމުންނެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރާކަށް އާޔާއަކަށް ފަސޭހައެއް ނުވިއެވެ.
“މީ ހަމަ ޙަޤީޤަތް! ކަނބުލޮ ބޭނުން ޤައުމަކުން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ތި ވަނީ ލިބިފަ. ކަނބުލޮ ބޭނުމިއްޔާ، އެހެން މީހަކު ވެސް ފޮނުވިދާނެ!”
އާޔާއަށް އުފަލުން ރޮވުނެވެ. ދެ ލޮލުން ކަރުނަ އޮހިގަތެވެ. ވަގުތުން ޝުކުރުގެ ސަޖިދައަކަށް ތިރިވާން ބޭނުންވިއެވެ. ހީވެސް ނުކުރާ ފަދަ ގޮތަކަށް އޭނާގެ ދުޢާ ﷲ ޢިޖާބަކޮށްދެއްވީތީއެވެ. ނަތީޖާ ލިބުނު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އޭނާ އެ އަންނަނީ، ޑޮކްޓަރުކަން ކިޔެވުމުގެ މަގު ނަތަވަސްކޮށްދެއްވާތޯ، ﷲ އަށް ދުޢާ ދަންނަވަމުންނެވެ. އެ ފިހާރައިގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެ މީހުން ހުޅުވާލި ނަސީބުވެރިއަކު ހޮވުމުގެ ފުރުސަތު، އޭނާއަށް ﷲ ތަނަވަސްކޮށްދެއްވީއެވެ. އަލްޙަމްދުލިﷲ!
ނިމުނީ
މިއީ ދާދިފަހުން ދުބައީގައި ހިނގި ހާދިސާއެއް ކަމަށް ބުނެ “މިއަދު” ނޫހުގައި ލިޔެފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ކުރުވާހަކައެކެވެ.
“ތެދުވެރިކަމުގައި ހުރެ އުއްމީދާއެކު ﷲ ތަޢާލާއަށް ދުޢާކުރުން މަތީގައި ހުންނަ ނަމަ، ﷲ ތަޢާލާ މިންވަރު ކުރައްވާފައިވާ ވަގުތު ޖެހުމުން، ކޮންމެވެސް ގޮތަކުން އެ ކަމަށް މަގުފަހި ކުރައްވާނެތެވެ. ބޯޅަ އޮތީ ހަމަ އަހަރެމެންގެ އަތުގައެވެ.” ލިޔުން ނިންމާލަމުން “މިއަދު” ނޫހުގައި ލިޔެފައި އޮތް އިބާރާތްކޮޅަކީ މިއެވެ.
ހިޔާލު