އޯލެވެލް އިމްތިޙާން ފަސްކުރަން ނިންމައިފި

ކޮވިޑް19އާ ގުޅިގެން މި އަހަރު ބާއްވާ އޯލެވެލް އިމްތިހާން ފަސްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ " މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށްއެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ/ ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސާ،އެސް.ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖެހިފައިވާ" ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބުނެފައި ވަނީ ބީޓެކް ގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
" މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް" ބަޔާނުގައި ބުނެފިއެވެ.

ގްރޭޑް 11 އާއި 12ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރު ބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ޓެލިކިލާސްތަކާއި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކުލާސްތައް ވަނީ ހުއްޓާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *