ކާކުބާ؟

ގަޑިން ރޭގަނޑު އެގާރަގަޑި ބައިވެ ބާރާ ޖަހަނީއެވެ. މާލޭގެ ހަލަބޮލި މަގުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުމުގެ ކޮޅުމަތި ފެންނާން ފަށައިފިއެވެ. އަހަރެން ހުރީ ވަރުބަލިވެ ދެވަރުން އެއްވަރުވެފައެވެ. ބޭނުވަނީ އަވަހަށް ނިދައިލާށެވެ. މިހާރަކަށް އައިސް ކޮންމެ ރެއަކު ވެސް ނިދެނީ އެހައި ލަސްވާ ފަހުންނެވެ.

ޖީބުން ތަޅުދަނޑި ނަގައި ކޮޓަރީގެ ތަޅަށް ޖަހާލުމަށްފަހު ހުޅުވާލައިފީމެއެވެ. ސްވިޗު ޖައްސާލުމާއެކު ހޮޅިބުރީގެ ހުދު އަލި ކޮޓަރިތެރެއަށް ވެރިވެއްޖެއެވެ. އަހަރެން އަވަސްވެގަތީ ފާހާނާއަށް ވަދެ، ފިނި ފެން ފޮދެއްގައި ޖެހިލުމަށެވެ. މާދަމާއަކީ ވެސް މަސައްކަތް ލުއި ދުވަހެއް ނޫނެވެ. އަނގައާއި އަތާ މިދިމާވަނީ ހާދަ ދަލެއް އޮހޮރުވައިގެންނެވެ. އަންހެނުންނާއި ދަރިފުޅާ މާލެ ނުގެނެވިގެން މި އުޅެނީ ވެސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިދާނެތީއެވެ.

ފެންވަރައިލުމުން ވީ އަރާމާއެކު އައިސް އެނދުގައި ޖައްސައިލީމެއެވެ. ނިދާލުމަށެވެ. އެހެނަސް އެވަގުތު ހަނދާނަށް އައީ އަންހެނުންނާއި ދަރިފުޅުގެ މަތިންނެވެ. އެ ދެމައިން ނުފުންނަތާ ހަ މަސްވަނީއެވެ. މިހާރު އެސޮރު ހުންނާނީ ވަރަށް ލޯބި ވަރަކަށެވެ. ހާދަ ދެކިލާހިތް ވެއެވެ.

މިކަހަލަ ފިކުރެއްގައި އޮއްވާ ކުއްލިއަކަށް ކޮންމެވެސް މީހަކު ކޮޓަރީ ދޮރުގައި ޓަކިޖަހައިލި އަޑު އިވިއްޖެއެވެ. ކުޑަކޮށް ސިހުނެވެ. ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. ބާރަގަޑި ބައިވަނީއެވެ. ހިތަށް އެރިއެވެ. މިހާ ދަން ގަޑިއަކު އެއީ އަނެއްކާ ކާކުބާވައެވެ؟ ދެވަނަފަހަރު ޖަހާލާތޯ އެދިމާއަށް ކަންފަތް ދީގެން އަހަރެން އޮތީމެވެ. ހަބަރެއް ނުވިއެވެ. ޔަގީނެވެ. އެއީ އަހަންނަށް ހީވި ހީވުމެކެވެ. ނޫނީ މަގު ހިނގާ ލާނެއް ސޮރެއްގެ އަތްމުނިމުނި ކެވުމެކެވެ. އަހަރެން އެނދުގައި ހަމަޖެހިލީމެއެވެ. ގައިމަތީ އަޅާފައި އޮތް ބެޑުޝީޓުގަނޑު ހެޔޮކޮށްލުމަށްފަހު ލޯމަރައިލީމެއެވެ.

އަނެއްކާ ވެސް ޓަކިޖަހާލައިފިއެވެ. ހީވީ ބަލަންހުރެފައި ޓަކި ޖަހާލިހެނެވެ. ތިންވަނަ ފަހަރު ޖަހައިލުމުން އަހަރެން ތެދުވެއްޖައީމެވެ. ކޮންމެވެސް ރައްޓެއްސަކަށް ވެދާނެއެވެ. އެކަމަކު މިއީ އަދި މިހާތަނަށް ވީކަމެއް ނޫނެވެ. ރަށު ދޯންޏެއް ވެސް އައިހެއް ނެތެވެ.

ތެޅިތެޅި އޮތް ހިތާ އެކު އަހަރެން ދޮރާ ދިމާއަށް ހިނގައިގަތީމެއެވެ. ޖެހިލުންވެ ހުރެއެވެ. މިއަދުގެ ހާލަތު ހިތަށް އަރައިފައެވެ. މިއީ ހަނި ގޯޅިގަނޑަކަށް ދޮރު ހުންނަ ކޮޓަރިއެކެވެ. ކޮންމެފަދަ މީހަކު ވެސް ހުރެދާނެއެވެ. އެހެނަސް ތެދުވެގެން ހިނގައިގަތީ ކޮންމެވެސް މުހިންމުކަމެއް ޖެހިގެން ރައްޓެއްސަކު އައީ ކަމަށް ނިންމައިގެންނެވެ.

ދޮރުކައިރިއަށް ގޮސް ހުއްޓިފައި ވެސް އިރުކޮޅަކު މަޑުކޮށްލެވުނެވެ. އަނެއްކާ ވެސް ޖަހާލައިފިއެވެ. ތީ ކާކުހޭ އަހައިލުމުން، ޖަވާބު ލިބުނީ ވެސް ޓަކިޖަހާލުމަކުންނެވެ. ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް، އަހަރެން ނިންމީ ދޮރު ހުޅުވާށެވެ. ތަޅުތަނޑި ޖަހަން އުފުލާލި އަތް ތުރުތުރުއަޅާކަމުގެ އިހުސާސްއެއް ކުރެވުނެވެ. ތަޅު ހުޅުވާލުމާއެކު އަތް ގަނޑުގައި ހިފާ އަނބުރާލީ ބޭރުންނެވެ. ދޮރު ހުޅުވާލުމާއި ވަނުމާއި ދޮރުލެއްޕުމާ ދިޔައީ ދާދި އެކުއެކީގައެވެ. ކުރިމަތީގައި ހުރީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. އެއްޗެއް ބުނާނޭ ފުރުސަތެއް ނުލިބުނެވެ. ރޯން ފަށައިފިއެވެ.

“ތީ ކާކު؟” ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައިހުރެ، އަހަންނަށް އަހއިލެވުނެވެ.

އަންހެން ކުއްޖާ ޖަވާބެއް ނުދެއެވެ. މޫނުނަތީގައި އަތް އަޅައިގެންހުރެ ރޮނީއެވެ. ގިސްލަ ގިސްލާފައެވެ. ކޮންމެވެސް ގޮތަކަށް ވަރަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކުއްޖެއްހެން ހީވެއެވެ.

“ތިޔަހެން ރުޔަކަސް ވާނުވާއެއް ނޭނގޭނެ! ރުއިން ހުއްޓާލާފައި ވެގެންތި އުޅޭ ގޮތެއް ކިޔައިދީބަލަ!” ނުވެސް ދަންނަ ކުއްޖަކު އެގޮތަށް އައިސް ކޮޓަރިއަށް ވަނުމުން އަހަރެންހުރީ ހިތްހަމަ ނުޖެހޭ ގޮތް ވެފައެވެ.

އަންހެން ކުއްޖާ މޫނުމަތިން އަތް ނަގައި އަހަރެންގެ މޫނަށް ބަލައިލިއެވެ. ދެ ލޯ ވަނީ ކަރުނައިން ފޯވެފައެވެ. ހުއްޓާ ލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު ހަމަ ރޮވެނީއެވެ.

“ތަންކޮޅެއް ހަމަޖެހިލައިގެންހުރެ ވެގެން ތިޔަ އުޅޭގޮތެއް ކިޔައިދޭންވީނު.” އޭނާގެ ކަރުނަ އޮހެމުންދާ ދެ ލޯ ފެނުމުން އަހަރެންގެ ހިތުގައި އޭނާއާމެދު ހަމްދަރުދީ އުފެދުނެވެ.

“އަހަރެން މިރޭ މިކޮޓަރީގައި ބާއްވާލަދީ!”

“ކީކޭ؟” އަންހެން ކުއްޖާގެ ގިސްލުމުގެ އަޑާ އެކުވެގެން ނިކިތް އާދޭހުގެ ޖުމްލަ އިވިފައި އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. “ތިޔަކަމެއް ނުވާނެ!” އަހަންނަށް އަވަސް އަވަހަށް ބުނެވުނެވެ. “ތީ ކޮން ގެއަކު، ކޮން ކުއްޖެއްކަމެއް ވެސް މަށަކަށް ނޭނގެ.”

“ތިޔަހެން ނަހަދާ! އާދޭސް ކޮށްފަ މިބުނީ!”

“އެކަމަކު……” އަހަރެންގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ.

“އަހަރެންނަކީ ވަރަށް ނިކަމެތި ހާލު ޖެހިފައި ހުރި ކުއްޖެއް.” އޭނާގެ އަޑު ތުރުތުރު އަޅައެވެ.

“ކޮންކަމެއް ދިމާވެގެން ތިއުޅެނީ؟” އޮޅުން ފިލުވުމުގެ ގޮތުން އަހަރެން އެހީމެވެ.

“ތިކަހަލަ ވާހަކަ ދައްކާކަށް އަހަންނަކަށް ފަސޭހައެއް ނޫން!” އަޑު ތުރުތުރު އަޅާވަރުން ވާހަކަ ދައްކަން ވެސް އޭނާއަށް ދަތިވެގެން އުޅޭހެން ހީވެއެވެ.

“އެހެން ވިއްޔާ ތީ ކޮން ގެއަކު ކުއްޖެއް؟ މައިން ބަފައިން ކޮބާ؟”

“އަމިއްލަ ގެދޮރާ މައިންބަފައިން ތިބިނަމަ، މިހާލުގައި އުޅޭކަށް ނުޖެހޭނެ!”

“ދެން……؟ މިއޮތް ހުރިހައި ދުވަހު ކޮންތާކު އުޅުނީ؟ ކާކު ގެންގުޅުނީ؟” މި އަރަތެއް ކަހަލަ ކުއްޖާއާ ދޭތެރޭ އަހަރެންގެ ހިތުގައި ވަނީ ހުސް ސުވާލެވެ.

“ހެޔޮނުވާނެ! އަހަރެންގެ ހިތަށް އިތުރަށް އަނިޔާ ދޭން މަސައްކަތް ނުކޮށްފާނަންތަ؟ ކަމެއް ކޮށްދެންޏާ މިރޭ އިރުއަރަންދެން އަހަރެން މިތާބާއްވާލަދީ! އިރު އެރުމުން އަހަރެން ނިކުމެގެން ހިނގައިދާނަން.” އަންހެން ކުއްޖާ އާދޭސް ކުރަމުން ގެންދިޔައިރު، އޭނާގެ ނިކަމެތިކަމާއި މަޢުޞޫމުކަން މޫނުމަތީން ފެންނާން ހުއްޓެވެ.

“އެކަމަކު ތިކަމެއް މަށަކަށްނުވާނެ! ތީ ކޮން ކުއްޖެއްކަން ނޭނގޭހައި ހިނދަކު ނުކެރޭނެ ތިކަން ކޮށްދޭކަށް.”

“މަގުމަތިވެފައިހުރި ނިކަމެއްޖެއް ކަމަށް ހީކޮށްލާ!”

“އެކަމަކު ވެސް………” އަހަންނަށް ހުރެވުނީ އަންހެން ކުއްޖާއާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

“އަހަރުމެން ކަހަލަ ނިކަމަށްޗަކަށް އަޅައިލާނޭ މީހަކު މި ދުނިޔެއަކުން ނުލިބޭނެ!” އަންހެން ކުއްޖާ އަނެއްކާ ވެސް ގިސްލަ ގިސްލައިފާ ރޯން ފަށައިފިއެވެ.

“އެހީ ނުވާކަށް ނޫން! އެކަމަކު ނިކަން ވިސްނާލަބަލަ! މިއީ އަހަރެން ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް. ބަޔަކަށް އެނގިއްޖެއްޔާ ދެކޭނީ ވަރަށް ގޯސްކޮށް.”

އަންހެން ކުއްޖާ އިތުރަށް ވާހަކައެއް ނުދައްކައެވެ. ރޮއިރޮއި ހުރީއެވެ. އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނައިން އަހަރެންގެ ހިތް ފޯވަމުން ދާކަހަލައެވެ. ކަމަކީ ނާޒުކު ކަމެކެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. އެކަމަކު ނިކަމެތި ހާލު ޖެހިފައިވާ މީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަ ދީގެން ވާނެ ގެއްލުމެއް އޮންނާނެބާއެވެ؟ މައްސަލައަކީ ކޮން ކުއްޖެއްކަން ނޭނގޭތީއެވެ. އޭނާގެ ޢާމިލާގެ މީހުން މިހާރު އުޅޭނީ އޭނާ ހޯދަން ކަނނޭނގެއެވެ. ނުފެނިއްޖެއްޔާ އަންގާނީ ފުލުހުންނަށެވެ. މިތަނުން ފެނިއްޖެއްޔާ އަހަރެން ވެސް ހައްޔަރުކުރާނެއެވެ.

މި ޚިޔާލުތައް ވެރިވާން ފެށުމާއެކު އަހަރެންގެ ހިތް ބިރުވެރިކަމާއެކު ތެޅިގަތެވެ. ގައިން ހީބިހި ނަގައިގަތެވެ. ކުރިމަތީގައި ހުރި ކުއްޖާގެ މޫނަށް ބަލައިލެވުނެވެ.

އިރުކޮޅަކުން އެހެން ހުރެފައި އަންހެން ކުއްޖާ ދެ ލޯ ފޮހެލިއެވެ. އަހަރެންގެ މޫނަށް ބަކައިލިއެވެ. ހިތާމައާއި ހިތްދަތިކަމުން ފުރިފައިވާ ބަލައިލުމެކެވެ. އިރުކޮޅަކުން ހިނގައިގެންފިއެވެ. ދޮރާދިމާއަށެވެ. އަހަންނަކަށް ނުހުރެވުނެވެ.

“ކޮންތާކަށް ތިދަނީ؟”

“ކަނޑަށް އެރި މަރުވާން.” އޭނާގެ ޖަވާބު ކުރެވެ.

“ކީކޭ؟” އަހަންނަށް އަވަސް އަވަހަށް އަހައިލެވުނެވެ. ކަންފަތަށް އިތުބާރު ނުކުރެވިގެންނެވެ.

“އަހަރަމެން ކަހަލަ ނިކަމެތިންނަކަށް މި ދުނިޔެއަކުން ޖާގައެއް ނޯންނާނެ!” އެނބުރި އަހަރެންގެ މޫނަށް ބަލައިލުމަށްފަހު، އޭނާ އަނެއްކާވެސް ދޮރާދިމާއަށް ހިނގައިގެންފިއެވެ.

އަހަންނަށް ހީވީ މީހަކު އަހަރެންގެ ހިތަށް ފިތަންފެށިހެންނެވެ. ކޮންމެވެސް މީހަކު އަހަރެންގާތު ބުނަންފެށި ކަހަލައެވެ. ތިޔައީ ހާދަ ހިލަ ހިތެއްގެ ވެރިއެކެވެ. ނިކަމެތި އަންހެންކުއްޖަކު އައިސް ރޮއި އާދޭސްކުރާއިރު ތިޔަ ހިތަށް އެއްވެސް އަސަރެއް ނުކުރޭ ހެއްޔެވެ.؟ އޭނާ ގޮސް މަރުވެއްޖެ ނަމަ، އެމަރުގެ ޒިންމާ ކަލޭ އުފުލަން ޖެހޭނެއެވެ! ބިރެއް ނުގަނޭހެއްޔެވެ؟

“މަޑުކުރޭ!” އޭނާ ނުކުމެ ނުކުމެ ހުއްޓާ އަހަންނަށް އަވަސްއަވަހަށް ބުނެވުނެވެ. އެހެން ގޮތެއް ނެތީއެވެ.އެނގިހުރެ މީހަކު އަމިއްލައަށް މަރުވާން ދޫކޮށްލާކަށް ނުވާނެއެވެ.

އަންހެން ކުއްޖާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އެރިއެވެ. އެނބުރި ބަލައިލިއެވެ. ހީވަނީ އަހަރެންގެ ޖުމުލަ އޭނާއަށް ޤަބޫލު ނުކުރެވިފައި ހުރިހެންނެވެ. އަހަރެން ޖުމްލަ ތަކުރާރު ކޮށްލީމެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. އަހަންނާ ހަތަރު ކަޅި ހަމަކޮށްލީ ޝުކުރުވެރިކަމާއެކުގައެވެ.

“މިރޭ އެއްޗެއް ކައިގެންތަ ތި އުޅެނީ؟” އަހަރެން އަހައިލީމެވެ.

“ނެތް ކާހިތެއް.” އޭނާގެ އަޑުގައި އެއްވެސް ދިރުމެއް ނެތެވެ.

“ނޫނޭ! ނުކައި ނިދާކަށް ނުވާނެ!”

އޭނާ ގާތު ފެންވަރާށޭ ކިޔާފައި އަހަރެން ދިޔައީ ހޮޓަލަކަށެވެ. ހެދިކާއާއި ސައި ގަނެގެން އައިއިރު އޭނާ އިނީ އެނދުގަ އެވެ. ފެންވަރައިލައިގެންނެވެ. ސައި ބޯންފެށީ އެތައް ވަރަކަށް ކިޔައިގެންނެވެ. އޭނާއާ ބައިވެރި ވުމުގެ ގޮތުން އަހަރެން ވެސް ސައިބޯންފެށީމެވެ.

“ކޮންނަމެއް ކިޔަނީ؟” ސައި ބޯން އިނދެފައި އަހަރެން އަހައިލީމެވެ.

“އައިޝާ.” އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ހަގީގަތް އެނގޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ސުވާލުކުރަން ފަށާއިރަށް ރޮވެނީއެވެ. ކޮންނަން ކުރި މަސައްކަތަށް ހުރަސް އެޅުނު ސަބަބަކީ އެއީއެވެ.

ސަޔަށްފަހު އޮތީ ނިދުމެވެ. ކޮޓަރީގައި ހުރީ އެއްމެ އެނދެކެވެ. އެއީ އަންހެން ކުއްޖެކެވެ. އޭނާ ތަޅުންގަނޑުމަތީގައި ބާއްވާފައި، އެނދުގައި އޮންނާކަށް އަހަންނަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ އެނދުގައި ބާއްވާފައި އަހަރެން އޮތީ ރަތަފާލު މަތީގައެވެ. އޭނާ ކިތަންމެ ވަރަކަށްވެސް އެކަމަށް އިންކާރު ކުރިއެވެ. އެކަމަކު އަހަރެން ގޮތްދޫނުކުރުމުން އެންމެފަހުން އޭނާ ހަތިޔާރު ބަހައްޓާފައި އެނދުގައި އޮށޯތީއެވެ.

އޮށޯވެ އޮތްއިރު، އަހަރެންގެ ހިތް ތެޅެއެވެ. ހިތަށް އަރަމުން ދެއެވެ. އަނެއްކާ މި ކުރެވެނީ ރަނގަޅު ކަމެއްބާވައެވެ؟ މިއީ ކޮންކަހަލަ ކުއްޖެއްބާވައެވެ؟ މީނާގެ ސަބަބުން އަހަންނަށް ގެއްލުމެއް ނުލިބޭނެ ބާވައެވެ؟ މިހެން ދަންވަރު އައިސް ކޮންމެފަދަ އެއްޗެއް ވެސް ކޮޓަރިއަށް ވަދެފާނެއެވެ. މިއީ އަނެއްކާ އިންސާނެއްބާވައެވެ؟ މިހެން ހިތަށްއެރުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އަދި މާބާރަށެވެ. އަވަސް އަވަހަށް ބޯ އުފުލައިލައި އެނދަށް ބަލައިލެވުނެވެ. ރީތިކޮށް ދިގު ދެމިލައިގެން އައިޝާ އޮތެވެ. ލޯ މަރާލައިގެންނެވެ. ނިދީ ކަންނޭނގެއެވެ. އަހަރެން އަނެއްކާވެސް ހަމަޖެހިލައިފީމެވެ.

އިރުކޮޅަކުން އަހަންނަށް ވެސް ނިދިއްޖެއެވެ. ހޭލެވުނީ ފަތިހުއެވެ. ލޯ ހުޅުވާލުމާއެކު ސިހޭގޮތް ވިއެވެ. ތަރަފާލު މަތީގައި އޮވެވުމުންނެވެ. އެހެނަސް ހަމަ އެވަގުތު ވީގޮތް ހަނދާން އަތުވެއްޖެއެވެ. އަހަރެން ތެދުވީމެވެ. އައިޝާ މަތިން ހަނދާންވެގެން ނެވެ. އެނދު ހުރީ ހުހަށެވެ. ބާލީސްތައް ހުރިގޮތުންނާއި ބެޑުޝީޓު އޮތްގޮތުން، އެތަނުގައި މީހަކު ނިދާފައިވާކަން އެނގެއެވެ. އަހަރެން ގަޑިއަށް ބަލައިލީމެވެ. ހައެއް ޖަހަނީއެވެ.

އަނެއްކާ އައިޝާ ކޮބައިބާވައެވެ؟ ފަހަރެއްގައި ފާޚާނާގައި ވެދާނެއެވެ. އަހަރެން މަޑުކޮށްލީމެވެ. އަޑެއް ބަޑެއް ނީވެއެވެ. ދިހަވަރަކަށް މިނެޓު ވެއްޖެއެވެ. ފާޚާނާގައި މީހަކު އުޅޭކަމާމެދު ޝައްކުވެގެން އަހަރެން ތެދުވެ ފާޚާނާ ދޮރުގެ ތަޅުގައި ހިފައިލީމެވެ. އެކަކުވެސް ނެތެވެ. ފާޚާނާ ހުރީ ހުހަށެވެ. އަހަރެން އަވަސް އަވަހަށް ކޮޓަރީގެ އެކިދިމަދިމާއަށް ނަޒަރު ހިންގައިލީމެވެ. އަލަމާރި ތެރެއަށް ދާންދެން ބެލުނެވެ. ފަހުން ހިނިވެސް އައެވެ. އަލަމާރިތެރެއަށް މީހަކު ވަދެ އޮވެދާނެ ހެއްޔެވެ؟ ބޭރު ދޮރު ތަޅުހުޅުވާފައި ހުރުމުން އޭނާ ދިޔައީ ކަން ޔަޤީންވިއެވެ.

ކޮންމެއަކަސް އަހަންނަށް އަހަރެންގެ ވާޖިބު އަދާކޮށްދެވިއްޖެއެވެ. ނިކަމެތި އަންހެން ކުއްޖަކަށް އެހީރެތި ކަމުގެ އަތެއް ފޯރުކޮށް ދެވިއްޖެއެވެ. އޭނާ ކަންތައް އެކުރީ އޭނާ ބުނިގޮތަށެވެ. އިރު އެރުމުން އަހަންނަށް އިތުރު އުނދަގުލެއް ނުކޮށް ނިކުމެގެން ދިޔައީއެވެ. އަހަރެން އެންމެ ދެރަވީ އެއީ ކޮން ކުއްޖެއްކަން އޮޅުން ފިލާގޮތް ނުވީމައެވެ.

ދެން އެކަމާ ވިސްނަން ހުރުމުގެ ބޭނުމެއް ނެތެވެ. އަހަރެން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރައި ތައްޔާރުވެލީ މަސައްކަތު ދިއުމަށެވެ. ސައިބޯން ދިޔުމަށްޓަކައި ވޮލެޓު ނަގަން އަލަމާރި ހުޅުވާލުމާއެކު ލިބުނީ ކުއްލި ސިހުމެކެވެ. ރޭ އައިޝާއަށް ހެދިކާ ގަންނަން ގޮސްފައި އައިސް، ވޮލެޓް ބޭއްވީ އަލަމާރީގެ މަތީ ވަތްގަނޑުގައެވެ. މިހާރު އެތާކު ވޮލެޓެއް ނެތެވެ. އޮތީ ކަރުދާސް ކޮޅެކެވެ. އަހަރެން އެ ކަރުދާސްކޮޅު ނަގައި ބަލައިލީމެވެ. ލިޔެފައި އޮތެވެ.

“މިހާރު އަހަންނަކީ ކާކުކަން އެގިއްޖެ ދޯ!”

އަހަންނަށް ދަތްކުނޑި ވިކައި ގަންނަމުން ކަރުދާސްގަނޑު ބޮނޑިކޮށްލެވުނެވެ. އަތުގެ ކޮޅަށް ހޫރައި ލެވުނެވެ. ކޮޓަރިން ނިކުންނަށް ހިނގައިގަތްއިރު، ހިތަށް އަރަމުން ދިޔައެވެ. ހީލަތްތެރި ނުލަފާ މީހުން އުޅެއެވެ. އެކަމަކު މިވަރުގެ ކަމެއް ފެންނާނެ ބާވައެވެ؟

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *