އެ ހަނދާން ތަކުން މިއަދު ވެސް މަގޭ ހިތަށް ކަށިހެރެއެވެ. އެއީ ހިތްދަތި ވޭންގަދަ ހަނދާން ތަކެކެވެ. އެ ޚިޔާލުތައް އާވެގެންދާ ކޮންމެ ފަހަރަކު މެއަށް ތަދުވެއެވެ. ހިތުން ލޭ ކަރުނަ އޮހިގަނެއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ. ޙަޤީޤަތުގައި ވެސް އަހަންނަކީ ކުށްވެރިއެކެވެ. އެ ފާފައިގައި އަންނަށް ވަނީ ބައިވެރިވެވިފައެވެ. އެކަމުގެ އަދަބު މި ދަނީ ލިބެމުންނެވެ.
މިއަދު އަހަރެންގެ “ކޮޓަރި” ކަމަށްވާ އަވަނެއް ފަދަ މި ކުޑަކުޑަ ޖާގައިގައި އޮށޯވެ އޮންނަތާ ގަޑިއެއްހައި އިރު ވަނީއެވެ. ލޮލަކަށް ނިންޖެއް ނާދެއެވެ. މިއީ ހަމަ ކޮންމެ ރެއެއްގެ ވެސް ހާލެވެ. މިހެން ސިކުނޑިއަށް ބުރަބޮޑުވެފައި، އެތައް އިރަކު އޮވެގެން ނޫނީ ނުނިދެއެވެ. މިއީ ވެސް ކުޑަ ވޭނެއް ނޫނެވެ.
“މަރީ…..”
އަހަންނަށް ސިހިފައި ލޯ ހުޅުވައި ލެވުނެވެ. އެއީ ޝާނީގެ އަޑެވެ. އެ އަޑު އިވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ތެޅިގަނެއެވެ. ޝާނީ ވަކިވެ ދިޔަފަހުން މިހާރު ދެ އަހަރު ފުރި ތިން އަހަރު ހަމަވާން އުޅެނީއެވެ. އެހެންނަމަވެސް ޝާނީގެ އަޑުން އަހަރެންގެ ހިތަށް ލޮޅުންނާރާ ރެއެއް މަދުވާނެއެވެ.
ޝާނީއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެންނަމަވެސް އެ އަޑު އެގޮތަށް އައިސް ކަންފަތުގައި ޖެހުމުން، އަހަރެން ގަންނަނީ ބިރެވެ. ގައިން ހީބިހި ނަގައެވެ. އިސްތަށިތައް ކޮޅަށް ޖެހެއެވެ. ދެވަނަ ފަހަރަށް ލޯ މަރައިލަން ޖެހިލުންވެއެވެ. ގިނަ ފަހަރަށް އެ އަޑު އިވޭނީ ނިދިޖެހިލާ ވަގުތުގައެވެ.
އަހަރެން އޮތީ ލޯ މަރަން ނުކެރިފައެވެ. އެހެން އޮއްވާ، އަހަރެން ގޮވައިގެން ސިކުނޑި ދަތުރަށް ފަށައިފިއެވެ. އުފަލާއި ހިތާމައިން ކުލަޖެހިފައިވާ އަހަރެންގެ މާޒީގެ ތެރެއަށެވެ.
ފަތިހުގެ ތެތްފިންޏާއެކު ޖައްވު ހިނިތުންވަމުން ދިޔައިރު، ކޮޓަރިތެރެއަކުން އެކަމުގެ އަލާމާތެއް ނުފެނެއެވެ. ފަތިސްނަމާދުގެ ދެ ރަކުޢަތް އަދާކޮށްލައިގެން އަހަރެން ނިކުތީ ބެލްކަންޏަށެވެ. ޝާނީ ފާޚާނައިގައި އުޅޭތީއެވެ. ބެލްކަނީގެ ފާރުބުރިމަތީގައި އަތް ބާއްވާލައިގެން، މާހައުލުން ފެންނަ ފަތިހުގެ މަންޒަރުތަކަށް ކަޅި ހުއްޓާލައިގެން ހުރި އިރު، ސިކުނޑި ނުތަނަވަސްކުރަމުން ގެންދިޔައީ، ބޯމަތިވެފައި އޮތް ޓެސްޓާއި ނިންމަން ހުރި އެސައިންމަންޓުތަކުގެ ފިކުރުތަކެވެ. މިއީ ޓީޗިން ޑިގުރީގެ ފަހު ސެމްއެވެ. ކޯސް ނިންމާފައި ރަށަށްދާ ދުވަހު، މަންމަމެންގެ މޫނުމަތިން ފެންނާނެ އުފާވެރިކަން މިހާރުވެސް ހިތަށް ވަޒަން ކުރެވެއެވެ. މުދައްރިސަކަށް ވެގެން ސްކޫލަށް ވަންނަ ދުވަހު އެހެން މީހަކު ނުރުޔަސް، މަންމަ އުފަލުން ރޯނެއެވެ. ހުރިހައި ޝުކުރެއް ޝާނީއަށެވެ. ޝާނީއާއި އަހަރެން ރާއްޖޭގެ ދެ ކޮޅަށް ނިސްބަތްވި ނަމަވެސް، ދެ މީހުން އެކުގައި އުޅޭތާ ތިން އަހަރު ވަނީއެވެ.
މެންދުރު ކުރީގެ ވަގުތެވެ. ޔުނިވަރސިޓީގެ ކުތުބުޚާނާގެ ހަމަހިމޭން މާޙައުލުގައި އަހަންނާއި ޝާނީ ތިބީ ކިޔެވުމުގެ މަސައްކަތުގައެވެ. އަންނަ ހަފުތާގައި ސައިކޮލޮޖީގެ އެސައިންމަންޓު “ޑިއު” ވާތީ އެ މަސައްކަތުގައެވެ. ޝާނީއަކީ އޭނާގެ އަމިއްލަ މަސައްކަތަށްވުރެ، އެހެން ކުދީންގެ މަސައްކަތަށް އަބަދުވެސް އިސްކަންދޭ ކުއްޖެކެވެ. މިއަދު އޭނާ ވަގުތު ހުސްކޮށްފައި އެވަނީ އަހަންނަށެވެ. އޭނާއަކީ ކުލާހުގެ އެންމެ މޮޅު ކުއްޖާއެވެ. ތޫނު ކުއްޖެކެވެ. އަތްމަތި ހަލުއްވެވެ. ދެ ބަހަށް ވެސް އެހައިމެ މޮޅެވެ.
މެންދުރު “ބްރޭކް” ގަޑީގައި ޝާނީ ކުލާހުގައި މަޑުކުރީއެވެ. އަހަރެން އައީ ގެއަށެވެ. ކޮންމެހެން ގެއަށް އަންނަން ޖެހިގެންނެވެ. ގެއަށްވަދެ ފެންވަރައި ނަމާދުކޮށް ނިންމާލިތަނާ ހުސީ ގުޅައިފިއެވެ. އޭނާގެ ފުރިހަމަ ނަމަކީ ހާރޫން ހުސައިނެވެ. އަހަރެމެން ކުލާހުގެ ހުރިހައި ކުދީން ވެސް އޭނާއަށް ކިޔާނީ ހުސީއެވެ. އެއީ ކުލާހުގެ ރޫހެވެ. އަބަދުވެސް އުޅޭނީ ކޮންމެވެސް ސަކަރާތެއް ނުޖެހިގެންނެވެ. ޖެއްސުންކުރުން ވެސް އޮންނާނީ އިންތިހާގައެވެ.
“ކީކޭ ހުސީ؟”
“ވަރަށް ބޮޑު ކަމަކު މި ގުޅީ.”
“ކިހިނެއްވީ؟”
“މި ވީކެންޑުގަ ތި ކޮޓަރި އަހަރެމެންނަށް އެބަ ޖެހޭ ގަޑިއެއްހައި އިރަށް ދޭން!”
“ކޮޓަރިއޭ؟” އަކުރުތަކަށް ދަމާލަމުން އަހަންނަށް އަހައިލެވުނެވެ. ހިތަށް ވެސް ނާރާ ކަހަލަ އެއްޗެއް ހުސީ ބުނުމުންނެވެ.
“އާނ! ކޮޓަރި. ޓޮކަރިއެއް ނޫން!”
“ކިހިނެއްވީ؟” އަހަރެންގާތަށް ހިނިއައެވެ. “ކޮން އަހަރެމެންނެއް؟”
“މަށާ ރިލޭއާ ދާނީ.”
“ޗީ….” އަހަރެން ހަމަ ގަސްދުގައި އެހެން ބުނެލީ ހުސީއާ ދިމާކޮށްލާށެވެ.
“ހެޔޮ ޗީ ވިޔަސް. އެކަމަކު ޝާނީއަށް އަންގައިގެން ނުވާނެ! މަރީ ޖެހޭނީ ޝާނީ ގޮވައިގެން ކޮންމެވެސް ތާކަށް ދާން!”
“އަސްލު ކީއްކުރަން ތި އުޅެނީ؟”
“ފަހުން.”
ހުސީއަކީ ސަކަރާތުގެ ބޮޑެކެވެ. އޭނާގެ އެ ލާނެތްކަމުގައި ބައިވެރިނުވެ ވެސް ވާކަށް ނޯވެއެވެ. އެހެންކަމުން ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރު، ޝާނީ ގޮވައިގެން އަހަރެން ނިކުމެއްޖައީމެވެ. ހުސީގެ އަތަށް ކޮޓަރީގެ ތަޅުދަނޑި ދީފައެވެ. ޝާނީއަކަށް ކަނޑެއް ފަޅެއް ނޭނގޭނެއެވެ.
އަހަރެމެން ފުރަތަމަ ދިޔައީ އާޓިފިޝަލް ބީޗަށެވެ. އަތިރިމަތީގައި ހުރި ހިލަ ގޮނޑީގައި ދެ މީހުން އަމިއްލަ އެކިއެކި ވާހަކައިގައި ތިއްބާ ފަސްގަޑި ބައިވެއްޖެއެވެ.
“ހިނގާ ގެއަށްދާން!” ޝާނީ ގަޑިއަށް ބަލައިލަމުން ބުންޏެވެ.
ހުސީ އޮތީ ހަގަޑި ބައިގެ ކުރީން ގެއަށް އައިސްގެން ނުވާނެ ކަމަށް ބުނެފައެވެ. އަހަރެން މަސައްކަތްކުރީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން މަޑުކުރެވޭތޯއެވެ.
“އިރުއޮއްސޭ ގަޑީގައި އަތިރިމަތީގައި ނީންނަން ބައްޕަ އޮންނަނީ އަހަންނަށް އަންގާފަ.” ހައެއް ޖަހަން ކައިރިވިތަނާ ޝާނީ މަޑުމަޑުން ބުނެލިއެވެ. އޭރުވެސް އަހަރެމެން ތިބީ އެ ހިލަ ގޮނޑީގައެވެ.
“އެއީ ކީއްވެ؟”
ސަބަބުން ކިޔައިދޭން ޝާނީ ފެށިއެވެ. އެއީ އޭނާ ރަށުގައި އުޅުނު ދުވަސްވަރުގެ ކަމެކެވެ. މީގެ ފަނަރަވަރަކަށް އަހަރު ކުރީގެ ޙާދިސާއެކެވެ. އޭރު ޝާނީއަށް ވާނީ ފަސްއަހަރެވެ. އެދުވަހު މަންމަ ބަށިކުޅެން ދިޔައީ ޝާނީ ގޮވައިގެންނެވެ. އެ ރަށުގެ ބަށިކޯޓު އޮންނަނީ އަތިރިމަތީގައެވެ. މަންމަ ކުޅެން އެރީ ކުޑަކުޑަ ޝާނީ ކޯޓުން ބޭރުގައި ބަހައްޓާފައެވެ. ކުޅެ ނިމިގެން ބަލައިލިއިރު، ޝާނީއެއް ނެތެވެ. އޭރު ހައެއްޖަހައި ބޮޑުވެއްޖެއެވެ. މަންމަ ހާސްވެ ކަންބޮޑުވެގެން ހޯދަންފެށިއެވެ. އެތައް ބަޔަކު ނިކުމެ ހޯދަނިކޮށް ފެނުނީ، އެ ރޭ އަށެއް ޖަހަންވެފައި ހުއްޓައެވެ. ކާނިގަހެއްގެ ދަށުގައި ވެއްޓިފައި އޮއްވައެވެ. ޝާނީ ރަނގަޅުވީ އެތައް މަސައްކަތެއް ކޮށްގެންނެވެ.
“އޭގެފަހުން ކުޑަކުޑަ ކަމެއް ދިމާވިޔަސް ވަރަށް ހިތްބިރުގަންނާނެ. ކުދިކުދި ކަންކަމާ ވެސް ވަރަށް ސިހޭނެ!”
“ފާޚާނާގައި ހުއްޓާ ކަރަންޓު ދިޔަރޭ ވެސް އެހައި ބިރުން އުޅުނީ އެހެންވެ ދޯ!” ޝަނީގެ މަޢުޞޫމު މޫނަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އަހަރެންގެ ހިތް ނުތަނަވަސްކުރަމުން އަންނަކަން އިޙުސާސް ކުރެވެއެވެ.
“އާނ! އެ ރޭ ވެސް ނޭނގެ ވީ ގޮތެއް ވެސް. އެކަހަލަ ކަމެއް ވާއިރަށް ވަރަށް ބާރަށް ހިތް ވެސް ތެޅޭނެ.”
“ހިނގާދާން އެހެންވިއްޔާ.”
އަހަރެން ތެދުވީމެވެ. އަހަރެންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަންނާން ފަށައިފިއެވެ. ބޭނުންވީ ހުސީއަށް ގުޅާށެވެ. ޝާނީއަށް ނާންގާ ގުޅޭކަށް ވެސް ނެތެވެ. އެކަމަކު ގުޅަން ބޭނުމެވެ. އަހަރެން ފޯނު ނެގީމެވެ. ހުސީގެ ފޯނަށް ގުޅައިލީމެވެ. ފޯނު އޮތީ ނިވާލާފައެވެ.
“ހާދަ ކަންބޮޑުވެފަ.” މަޖީދީމަގަށް ނިކުމެފައި ޝާނީ ހިނިތުންވެލަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. “އެއީ މާ ކުރީގެ ވާހަކައެކޭ.”
“ކަންބޮޑެއް ނުވޭ!” އަހަރެން ވަގުތުން ހިނިތުންވެލީމެވެ.
އަހަރެމެންނަށް ގެއާ ހަމައަށް ދެވުނުއިރު އިރުއޮއްސިއްޖެއެވެ. ބިންމަތި އަނދިރިވެއްޖެއެވެ. ހުސީއާއި ރިލޭ މަގުމަތީގައި ތިއްބެވެ. އަހަރެން ފެނުމާއެކު ލާނެތް ފާޑަށް ދިމާކުރަންފެށިއެވެ.
“ހުސީގެ ސަކަރާތުގައި ބައިވެރިވާކަށް މިހާރަކު ނުހުރެވޭނެ! ފާޚާނާއަށް ވަންނަން އެބަޖެހޭ.”
ޝާނީ ދޮރޯއްޓާ ދިމާއަށް ހިނގައިގަތެވެ. އަހަރެން އުޅުނީ ޝާނީގެ ފަހަތުން ހިނގައިގަންނާށެވެ. ވާ ގޮތެއް ނޭނގެއެވެ. އަހަރެންގެ ހިތް ހަމަ ނުތަނަވަސްވަނީއެވެ. ކޮންމެވެސް ކަމެއް ވާން އުޅޭހެން ހީވަނީއެވެ.
އަހަރެންގެ މަގަށް ހުސީ ހުރަސް އެޅިއެވެ. ޝާނީއާއެކު ފާޚާނާއަށް ނުވަނަސް ރަނގަޅުވާނޭ ކިޔައިފައި އަހަރެންގެ އަތުގައި އޭނާ ހިފެހެއްޓިއެވެ. ޝާނީ މަޑެއް ނުކުރެއެވެ. އެ ދިޔަގޮތަށް ގޮސް ދޮރާށި ހުޅުވާލައިފިއެވެ. ދޮރޯށި ހުޅުވާލުމަށްފަހު ކޮޓަރިއަށް ވަންނާކަށް މާ ގިނައިރެއް ނުނަގާނެއެވެ. ހައެއްކަ ފިޔަވަޅު އަޅައިލުމާއެކު ކޮޓަރިއަށް ވެދެވޭނެއެވެ.
ޝާނީ އެތެރެއަށް ވަދެއްޖެއެވެ. ދޮރާށި ލެއްޕިއްޖެއެވެ. ގިނައިރެއް ނުވެއެވެ. ކުއްލިއަކަށް އިވުނީ ބިރުވެރި އަޑުފަށްގަނޑެކެވެ. ބިރުވެރި ފިލްމަކުން އިވޭކަހަލަ ނާމާން އަޑުފަށް ގަނޑެކެވެ. އެއާއެކު ޝާނީ ހަޅޭއްލަވައިގަތް އަޑު ވެސް ކަންފަތުގައި ޖެހުނެވެ. ހުސީއާއި ރިލޭ ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ. އަހަންނަށް ތެޅިގެންފައި ދުއްވައި ގަނެވުނީ ދޮރާށްޓާ ދިމާއަށެވެ. އޭރުވެސް އެ ނާމާން އަޑުފަށްގަނޑު އިވިއިވި ހުއްޓެވެ. އަހަރެން އެ ދިޔަ ގޮތަށް ގޮސް ދޮރާށި ހުޅުވައިލީއެވެ. އޭރު އެ ގޭގެވެރި ފަޒީނައްތަ ދެ ލޯ ބޮޑުކޮށްގެންހުރެ ސިޑިން ފައިބައިގެން ދުވެފައި ކަހަލަ ގޮތަކަށް އަންނަތަން ފެނެއެވެ.
“ކިހިނެއްވީ؟ ކޮން އަޑުފަށް ގަނޑެއް؟”
އަހަންނަށް ކޮޓަރިއަށް ބަލައިލެވުނެވެ. ފެނުނީ ކޮޓަރި ތެރެއިން ވިދަވިދާ ހުރިތަނެވެ. ސިކުންތަކުން ދެ ސިކުންތުން ގަދަފަދަ އަލިގަނޑެއް އަރައިގަންނަ ތަނެވެ. ނާމާން އަޑުފަށްގަނޑާއި، އެ ވިދުވަރުގެ އަލި އެކުވުމުން އަހަރެންގެ ހިތަށް ވެސް ވެރިވީ ބިރުވެރިކަމެވެ. އެ މަންމަޒަރު ފެނިފައި ފަޒީނައްތަގެ ފިޔަވަޅަށް ވެސް ހުއްޓުން އެރިއެވެ.
“ކިހިނެއް އެ ވަނީ؟” ފަޒީނައްތަގެ ހިތުގައި ބިރުވެރިކަން އުފެދިފައި ހުރި މިންވަރު އޭނާގެ އަޑުން އެނގުނެވެ.
ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ޝާނީއެވެ. އޭނާ ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ދެއްކި ވާހަކަތަކެވެ. އަހަންނަށް ބޭ އިޚުތިޔާރުގައި ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނެވެ.
ކޮޓަރިއަށް ވަނުމާއެކު އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ކޮޓަރީތެރެއަށް އަނދިރިކަން ވެރިވެފައި އޮތް ނަމަވެސް، އިރުއިރުކޮޅުން ވިދާލާ ވިދުވަރުން ކޮޓަރިތެރެ އަލިވެގެން ދެއެވެ. އެ ގޮތަށް އަލި އަރައިގަތް ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރީތެރެއަށް ބަނޑުވަތަށް ކަހަލަ ގޮތަކަށް ވެއްޓިފައި އޮތް ޝާނީއެވެ. އޭނާގެ ބޮލާ ދިމާއިން ލޭގެ ރޮނގެއް ދެމެމުން ދެއެވެ.
މި މަންޒަރު ފެނިފައި އަންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ރޮއިގަނެވުނެވެ. ޝާނީއާ ދިމާއަށް ދުއްވައިގަނެވުނީ އިޚުތިޔާރަކާ ނުލައެވެ. އެ ވަގުތު ކޮޓަރީގެ ބޮކި ދިއްލިއްޖެއެވެ. އަހަރެން ގޮސް ވެއްޓިފައި އޮތް ޝާނީގެ ގައިގައި ބައްދައިގަތް ވަގުތު، ފަޒީނައްތަ ކޮޓަރިއަށް ވަދެގެން އަންނަތަން ފެނުނެވެ.
“މަރީ……” ޝާނީގެ އަޑަށް އަހަރެން ސިހުނެވެ. ބުރަކަށީގައި އަތްއަޅައި، މާޒީގެ ހިތި ސަފުޙާތަކާ ދުރަށް ކޮއްޕާލި ކަހަލައެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ބޭރުކޮށްލެވުނީ ފުން ނޭވާއެކެވެ.
ހުސީއާއި ރިލޭ ވެސް ތޭރިތަކުގެ ބިތްދޮށުގައި ދުވަސްތައް ހޭދަކުރަމުން ގެންދާއިރު، އެ މީހުންގެ ހިތުގައި މި އުދާސްތައް އުތުރި އަރާނެބާވައެވެ؟ އެ ދެ މީހުން ބޭނުންވީ ޝާނީ މި ދުނިޔެއާ ވަކިކޮށްލަންކަމަށް ނުވިޔަސް، އެ ނިކަމެތި ކުއްޖާ އަނދައިގެން އެ ދިޔައީ އެ ދެމީހުންގެ ހިތުގައި އުފެދުނު ހަސަދައިގެ އަލިފާނުންނެވެ. ކުލާހުގައި އިން އެންމެ މޮޅު ކުއްޖާއަށް ޝާނީ ވީތީއާއި ކޯހުން އެއްވަނަ ޝާނީއަށް ލިބޭނޭކަން އެނގޭތީ، ބޭނުންވީ ޝާނީގެ ސިކުނޑިއަށް ރަނގަޅު ޝޮކެއް ދޭށެވެ. އެ މީހުން ހުރީ ކޮޓަރީ ދޮރު ހުޅުވައިލާއިރަށް އެ އަޑުފަށްގަނޑާއި އަލިގަނޑު އަރައިގަންނަ ގޮތަށް “ސެޓަޕް” ހަދާފައެވެ. ލައިޓާއި އިސްޕީކަރު ބޭނުންކޮށްގެންނެވެ.
ހިތާމައަކީ އަހަންނަށް އެވަރު ނުވިސްނި އެ ކަމުގައި ބައިވެރި ވެވުނީމައެވެ. އެ ފަދަ އޯގާވެރި، ތެދުވެރި ރަޙުމަތްތެރިއަކު “ކަތިލާލަން” ބަޔަކު ވަޅި ހަނުލަމުން ދިޔައިރު، ހަނު ދަމައި ދިނުމުގައި އަހަންނަށް މި ވަނީ ބައިވެރި ވެފައެވެ. މިއަދު މި ލިބެނީ އެ ކުށުގެ ސަޒާއެވެ.
(ނުނިމޭ)
ހިޔާލު