އެ ދުވަސް

މިއީ 2020 ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަހާ ގުޅިގެން، ދިވެހިބަހުގެ އެކެޑަމީ އިން ބޭއްވި، “މާލޭ އަދަބީ ޢީދު” ގައި، “އެބައުޅޭ މިބައުޅޭ” މި އައިޓަމްގައި، ސީއެޗުއެސްއީގެ ދަރިވަރު ހުށަހެޅުމަށް ލިޔުނު ކުރު ވާހަކައެކެވެ.ކުދީންނޭ! މިއަދު އަޅުގަނޑު ތިޔަ ކުދިންނަށް ކިޔައިދޭން މި އުޅެނީ، ރާއްޖޭގެ ރަށެއްގެ ބަޔަކަށް ދިމާވި ވަރަށް ތަފާތު ވާހަކައެއް. ހުރިހައި ކުދީން ވެސް ވަރަށް ކަނުލައި މި ވާހަކަ އަޑު އަހާން ތިބެއްޗޭ!

މިއީ މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރީގައި، މެދު ރާއްޖެތެރޭގެ ރަށެއްގައި ހިނގާފައިވާ ހާދިސާއެއްގެ ވާހަކަ. މިއަދު ދިވެހިރާއްޖެ މި ދެކޭ ތަރައްޤީއާއި ކުރިއެރުން އޭރު ދިވެހިރާއްޖެއަކު ނެތް. އަނެއްކޮޅުން ބޭރު ދުނިޔެއާ ދިވެހިންނާ ދެމެދު، މި އަދު މި އޮތް ކަހަލަ ބަދަހި ގުޅުމެއް ވެސް އޭރަކު ނެތް. އޭރުގެ ދިވެހީންނަކީ، މާ ބޮޑު ތަހުޒީބެއް ލިބިފައި ތިބި ބަޔެއް ނޫން! ކަންކަމަށް ހޭލުންތެރިވެ ލޯ ހުޅުވިފައިވާ ބަޔެއް ވެސް ނޫން!

ދަންބެރަށްވުރެ ތަގުޑި ދިގު ނުކޮށް ވާހަކައައިގެން އަވަހަށް ކުރިއަށް ދަމާ ހިނގާ! ވާހަކަ ފެށެނީ އެއް ދުވަހެއްގެ ފަތިހުގެ ވަގުތު. ކޮންމެ ދުވަހަކު ވެސް ފަތިހު ފިނީގައި ހިނގާލަން ދިޔުމަކީ، އެ ރަށު ކަތީބުގެ އަނބި ހައްވާ މަނިކެއާއި އޭނާގެ ކޮއްކޮ އައިޝާ މަނިކެގެ އާދައިގައި އޮންނަ ކަމެއް. އެ ގޮތުން މި އަދުވެސް، އެ ދެބޭން ފަތިހުފަތިހާ ހިނގާލަން ނިކުމެއްޖެ. މިއަދު އެ ދެބޭން މިސްރާބު ޖެހީ، އެހެން ދުވަސްދުވަހާ ޚިލާފަށް ރަށުގެ ފުއްޓަރު ފަރާތު އަތިރި މައްޗާ ދިމާއަށް.

ގޮނޑުދޮށަށް ފޭބުމާއެކު އެ ދެ ބޭންގެ ހަށިގަނޑުގައި ފަތިހުގެ ފިނިފިނި ވައިރޯޅި އައިސް ބީހިލައިފި. ހަށިގަނޑު ތާޒާ ވެއްޖެ. ނާރުތައް ހޭލައި، ފިޔަވަޅުތަކަށް އިތުރު ބާރެއް ލިބުނު ކަހަލަ. އިރަށް ދޮންކުރަމުން ދިޔަ އުދަރެސް ހީވަނީ…….. ކީކޭ ބުނާނީ……. ހަމަ ހީވަނީ ރަންފަތް ގަނޑެއްހެން.

ކޮންމެއަކަސް ހައްވާ މަނިކެއާ އައިޝާ މަނިކެ، ކަނޑިކި ކޮށިކޮށްލައިގެން ތިބެ، ހޭޅިފަށް ކައިރިން ކަކުނި ހަރުތައް ފުނޑުފުނޑު ކުރަމުން، ރާޅުފެނުން ފަސްގަނޑު އޮބަމުން، ކުރިއަށް އެބަހަރަ ދޭ! ދެ ބެއިން ދައްކަމުން އެ ދަނީ ކޮން ވާހަކައެއް ކަން ނޭނގުނަސް، ފިސާރި ފުށް ކުދި. އެއް ފަހަރު ހައްވާ މަނިކެ ހިނިތުންވެލައި ފިއްޔާ، އަނެއް ފަހަރު އައިޝާ މަނިކެ ހީނގަންނާނެ.

މި ކަހަލަ ގޮތަކަށް ހިނގަމުން ހިނގަމުން ގޮސް، ވަކި ހިސާބަކަށް ދިޔަ ތަނާ، ކުއްލިއަކަށް އައިޝާމަނިގެ ލޮލުގައި މި އަޅައިގަންނަނީ، މޫދުން އެއްގަމަށް ދެމިފައިވާ ފަލަ ރޮނގެއް ކަހަލަ ކުރެހުމެއް. އެ ކުރެހުން ގޮސް ނިމިފައި އޮތީ، ހަމަ ސީދާ ހޭޅިއަށް. ހީވަނީ ކޮންމެވެސް އެއްޗެއް އެއްގަމަށް އަރާފައި އޮތް ރޮނގެއްހެން. އެ ޒަމާނުގައި މި ގޮތަށް ރަށްރަށަށް އަރާނީ ވެލާ ކަހަނބު ކަހަލަ އެއްޗެހި. އެކަމަކު މިހާރު އެ ފެންނަ ކުރެހުމަކީ ވެލައެއް ކަހަނބެއް ކަހަލަ އެއްޗެއްގެ ކުރެހުމެއް ނޫންކަން އައިޝާމަނިކެއަށް އެނގިއްޖެ. އެހެންކަމުން މި ކުރެހުން ފެނުމާއެކު އޭނާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފި. ކައިރީގައި ހުރި، ދައިތަގެ ލިބާހުގެ ފަސްބައިގައި ބާރަށް ހިފެހެއްޓުނު. ދައިތާއޭ ކިޔައި، ވައި އަޑުން ހައްވާ މަނިކެއަށް ގޮވައިލަމުން، އެއްކަލަ ކުރެހުމާދިމާއަށް އިޝާރާތްކޮށްލި.

އެ ވަގުތު ހައްވާ މަނިކެއަށް ވެސް އެ ދިމާއަށް ބަލައިލެވުނު. އޭނާ ހަމަޖެހިލާފައި މި ބުނަނީ، އެ އޮތީ ރަށަށް ވެލައެއް އަރާފައޭ. މިހެން ކިޔައި، އައިޝާމަނިކެގެ އަތުގައި ހިފައިގެން އެ ދިމާއަށް ހިނގައިގެންފި.

ގަސްތަކާ ހަމައަށް ދިޔަ ތަނާ ފެނުނީ………. މާތްކަލާކޯ! އެއީ ވެލައެއް ނޫން! ކަހަނބެއް ވެސް ނޫން! ދުވަހަކު ނުދެކޭ ޒާތުގެ ބޮޑު އެއްޗެއް. ކުޑަ މޫނަކާ ބިޔަ ހަށިގަނޑެއް އޮތް ބިރުވެރި އެއްޗެއް. މި އެތި ފެނުމާއެކު ގަތް ބިރެއްގެ ބޮޑުކަމުން، ކަނޑިކި ނަގައި އަރުވައިޖަހަމުން، އަޅައި އިތިކޮށް، އެނބުރި އައިކޮޅަށް އެ ދެ ބޭން ދުއްވައިގެންފި.

ދުވަމުން ތެޅެމުން ފޮޅެމުން ގޮސް، ކަތީބުގެއަށް ދެ ބޭން ވަންއިރު، ކަތީބު އިންނެވީ ބޮޑުއަށިމަތީގައި ސޮލަވާތްފުޅު ކިޔުއްވަން. އެ ދެ ބޭން، ދެ ލޯ، ދެ ކާށި ކިބަހެން ހަދައިގެން، މާނޭވާ ލެވިފައި ތިބެ، އައިސް ވަންތަން ފެނިފައި، ކަތީބަށް ވެސް ފުންމައިގެން ތެދުވެންނެވުނު. ކިހިނެއްވީހޭ އަނބި ހައްވާ މަނިކެގާތު އައްސަވައިލެއްވުމާއެކު، އޭނާއަށް ބުނެވުނީ ފު…. ފު…. ފުރޭ… ފުރޭތައެކޭ

މި އަޑު އިވިފައި ކަތީބަށް ވެސް ތެޅެގަނެވުނު. ބޮޑު ފުރޭތައެއް ރަށަށް އަރައި އެބަ އޮތޭ ބުނެވުނު އިރު، އައިޝާ މަނިކެ ހީވަނީ މަރަށް ތެޅެމުން ދިޔަ ރޯމަހެއްގެ ނަގޫފަތެއްހެން

އެ ދެ ބޭން އައިސް ދެއްކި ވާހަކައަކުން، ކަތީބުގެ ދެ ލޯ ބޮޑުވެ، މޭ ނެގިނެގިފައި ޖެހޭން ފަށައިފި. ވާނީވެސް އެހެންތާ! އެ ބުނީ ރަށަށް ބޮޑު ފުރޭތައެއް އަރައިގެން އުޅޭ ވާހަކަ ވިއްޔަ! އެއީ މީހުން ރޮލާހިފައި ކައި އުޅޭ، ނުލާހިކު ބިރުވެރި އެއްޗެއް.

ފުރޭތަ އަރައި އޮތީ ކޮން ދިމާއަކަށްތޯ ކަތީބު އެއްސެވުމާއެކު، ފުއްޓަރުފަރާތަށޭ ހައްވާމަނިކެ ބުނެފި. އެ ވަގުތު ނަގޫޖެހިތާ ބޯ ޖަހާފައި، ކަތީބު އަވަހަށް ދުއްވައިގެންނެވީ އޮފީހާ ދިމާއަށް. އެ ދުރުވި ބާރު މިނުގައި ދުރުވެ، އޮފީހު މޭޒުމަތީގައި އޮތް ސަންގު ނަންގަވައި، އަލިފާން ސަންގު ފުންމަވަން ފައްޓަވައިފި.

އަލިފާން ސަންގަކީ ކޮބައިކަން ތިޔަ ކުދީންނަށް އެނގޭތަ؟ އެއީ ވަރަށް އަވަސް އަވަހަށް، ކުރުކުރުކޮށް ފުމޭ ސަންގަކަށް ކިޔާ ނަމެއް. މި ސަންގު އެ ޒަމާނުގައި ފުމެނީ، ބޮޑެތި ކަންކަން ރަށަށް ދިމާވާ ހާލަތްތަކުގައި، ވީހާވެސް އަވަހަށް ރައްޔިތުން އެއް ތަނަކަށް އެއްކުރުމަށް.

ކޮންމެއަކަސް ކަތީބު ސަންގު ފުންމަވައި ނިމުނުއިރު، ރަށުގެ ފައި އިނދޭ ފުރައިން، މީހުން ވަނީ އޮފީސް ދޮށަށް ޖަމާވެފަ. އެއީ ހެނދުނުގެ މާއިރާ ވަގުތުކަމުން، ގިނަ މީހުން އައިސް ތިބީ، އެނދުން ފުންމާލި ގޮތަށް. ރަނގަޅަށް ނިދި ނުފިލާ އެތައް ލޮލެއް ފެންނާން ތިބި. އެހެންނަމަވެސް، އެ މީހުން އެއްކޮށްފައި ކަތީބު ބުނުއްވި ބިރުވެރި ވާހަކަ ކަންފަތުގައި ޖެހިފައި، އެއްކަލަ ނިދިފައި ތިބި ލޯތަކުން ނިދި ފިލައި، ދެ ކާށިކިބަ ވަރަށް ބޮޑުވެއްޖެ. ކަތީބު އެ މީހުންނަށް އެންގެވީ، ވީ އެންމެ އަވަހަކަށް އެ ފުރޭތަ މަރާލުމަށް ޓަކައި، އެ މީހެއްގެ އަތުގައި ޖެހުނު އެއްޗެއް ހިފައިގެން ރަށުގެ ފުއްޓަރު ފަރާތަށް ދިޔުމަށް.

ކަތީބުގެ މި އެންގެވުމާއެކު ދެނަކާ ދެނެއްނެތް. އެކި މީހުން އެކި ދިމާއަށް، އެކި ކޮޅުކޮޅަށް ދުއްވައިގެންފި. އެ މީހެއްގެ އަތުގައި ޖެހުނު އެއްޗެއް ހިފައިގެން، ފުރޭތައާ ހަނގުރާމަ ކުރުމަށް ޓަކައި ދުއްވައިގެންފި. ބައެއް މީހުން ބޮޑެތި ލަޓިބުރި ހިފައިގެން ތިބި އިރު، ގޯތިގޯތީގައި ކާށި ހެހެން ޖަހާފައި ހުރި ފޭރާ ލުހެލައިގެން ދުއްވައިގަތް މީހުން ވެސް މަދެއް ނޫން. އެއް ބަޔަކު އަތަށް ކަތިވަޅި ހެޔޮވަރުކޮށްލާފައި ހުރި އިރު، އަނެއް ބަޔަކުގެ ކޮނޑުމަތީން ފެންނަނީ ފުރޮލާއި އޮޑާ ފަދަ ތަކެތި.

ކަތީބުގެ އެންގެވުމަށް ހަނގުރާމައިގެ ލަޝްކަރު ހަތިޔާރާއެކު، ފުއްޓަރު ފަރާތަށް ޖަމާވިއިރު، ދުވަހުގެ އިރު ހުރީ ދަމަކަށް އަރާފަ. އޭރު ހޭޅިފަށުގައި ހުރި ކުރެދިގަހެއްގެ ދަށުގައި އެ ބުނާ ފުރޭތައެއް ނިދާ މަރުވެފައި އޮތް. ފުރޭތަ ފެނުމާއެކު އެންމެންނަށް ވެސް ލިބުނީ އިތުރު ބިރުވެރިކަމެއް. ބޮޑެތި ކަތިވަޅި ހިފާފައި ތިބި ބައެއް ފިނޑިން، އެނބުރި އައިކޮޅަށް ދުއްވައި ވެސް ގަތް.

ކޮންމެއަކަސް އެއްވި މީހުންގެ އަޑުފަށްގަނޑު އިވިފައި ފުރޭތައަށް ހޭލެވިއްޖެ. އޭތި ބޯ ހިއްލައިލައި، ކަރު ދަމާލައި، އެއްވެފައި ތިބި މީހުންނާ ދިމާއަށް ބަލައިލައިފި. އެއާއެކު މީހުންތައް ބިރުން ފަހަތަށް ޖެހޭން ފަށައިފި. އެއްކަލަ ފުރޭތަ އިރުކޮޅަކު ބަލާން އޮވެފައި، މަޑުމަޑުން އެނބުރި، މޫދާ ދިމާއަށް ދާން ފަށައިފި. އޭރު އެ ތަނަށް އެއްވެފައި ތިބި އެންމެން، ކައިރިވާން ނުކެރި، ވިއްސަކަށް ތިރީހަކަށް ފޫޓު ދުރުގައި، ދެ ލޯ ބޮޑުކޮށްގެން ބަލާން ތިބި. ކައިރިވާ ކޮންމެ މީހަކު ވެސް ކައިލާނޭކަން ޔަޤީން ވާތީ، އެންމެނަށް ވެސް ތިބެވުނީ، އޭތި މޫދަށް ފައިބައިގެން ދާތަން ބަލަން.

އެންމެން ބިރުން މިހެން ތިއްބާ، ފުރޭތަ ރާޅުފެނާ ހަމައަށް ހިނގައްޖެ. އޭރު ރަށުގެ މާވަޑިބޭ ފުރޮއެއް ހިފައިގެން ކަޅިޖަހައި ނުލައި، ފުރޭތައާ ދިމާއަށް ބަލަން ހުރި. އެ ފުރޭތަ އެ ގޮތަށް ސަލާމަތުން ދާން ދޫކޮށްލައިފި ނަމަ، މިރޭ އަނެއްކާ ވެސް ރަށަށް އަރާނެކަމާއި ދެން އަރާ ފަހަރު، ރަށުގެ މީހުން ރޮލާހިފައި ކާނޭކަމަށް މާވަޑިބޭގެ ހިތް ބުނާން ފަށައިފި. މި ރޭ ރަށަށް އަރައި ކައިލާނީ، މާވަޑިބޭ ކަމެއް، މާވަޑިބޭގެ އަންހެނުން ކަމެއް، ނޫނީ ދަރިއެއް ނޫން ކަމެއް ވެސް ނޭނގެ.

މި ކަހަލަ ޚިޔާލުތަކެއް މާވަޑިބޭގެ ސިކުނޑީގައި އުފެދި، ސިކުނޑި ހާސްކުރަން ފެށުމާއެކު، އޭނާއަކަށް ނުހުރެވުނު. ފުންމައިގެން އެ ދިޔަ ގޮތަށް ގޮސް، ރާޅުފެނުގައި އޮތް ފުރޭތައިގެ ކަރުމަތީގައި ފުރޮއިން ތަޅައިގެންފި. ނޭވާއަކަށް ވެސް މަޑުކޮށްލުމެއް ނެތި، އެ ތެޅިތެޅީނުން ފުރޭތަގެ ބޮލާއި ހަށިގަނޑު ވަކިކޮށްލައިފި. ފުރޭތައިގެ ލެއިން އެ ހިސާބު ރަތްވެގެން ދިޔަ. އޭރު މާވަޑިބޭ ހުރީ، ވަރުބަލިވެ މާނޭވާލެވި ދެވަރުން އެއްވަރުވެފަ. ހަތަރެސްފައި ރޫރޫ އަޅާވަރުން ކޮޅަށް ހުންނަން ވެސް ދަތިވެފައި.

ފުރޭތަ މަރާލުމުން، ލިބުނު އުފަލާއެކު އެންމެން އައިސް، މާވަޑިބޭ އުރާލައިގެން އުފާފާޅުކުރަން ފަށައިފި. ބޮޑު ނުރައްކަލަކުން ރަށުގެ ރައްޔިތުން ސަލާމަތްކޮށްދިނީތީ، މާވަޑިބެއަށް ބަޠަލެއްގެ ދަރަޖަ ދެވިއްޖެ.

އެންމެން މި ގޮތަށް އުފާކުރާން ތިއްބާ، އެ ތަނަށް މި ވަޑައިގަންނަވަނީ މާލޭން އެ ރަށަށް ވަޑައިގެން އުޅުއްވާ އިއްޒަތްތެރި ބޭފުޅެއް. އޭނާ ވަޑައިގެން، މަރާލާފައި އޮތް ފުރޭތައާ ދިމާއަށް ރަނގަޅަށް ބައްލަވައިލައްވާފައި ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވި ވާހަކަފުޅެއްގެ ސަބަބުން އެންމެން ބަސްހުއްޓި، މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ.

އޭނާ މަލާމާތުގެ ގޮތަކަށް ހިނިފުޅުވަޑުވާފައި ވިދާޅުވީ، ކަލޭމެން ތި އުފާކުރަނީ ފުރޭތައެއް މަރާލެވިގެން ދޯއޭ. ރަށު މީހުން އާދޭހޭ ދެންނެވުމުން އޭނާ ދެން ވިދާޅުވީ ކީކޭކަމަށް. ވިދާޅުވީ، ކަލޭމެން ފުރޭތައެއް މަރާލެވިގެން މި ތަން ތިޔަ ފެންކުރަނީ، އަމުދަކުން އެއީ ފުރޭތައެއް ނޫނޯ! އެއީ “ސީލް” ނަމަކަށް ކިޔާ މަންމަލި ޖަނަވާރެކޯ. ފުރޭތައެއް ކަމަށް ހީކޮށް ރަށުގެ ރައްޔިތުން ހަނގުރާމައިގެ ބޮޑު ފައުޖެއްހެން އެއްވެ ތިޔަ ތިބީ، ބަލިކަށި، ފޮއްބަރު ސީލްއަކާ ހަނގުރާމަ ކުރާށޯ.

އޭނާގެ މި ވާހަކަފުޅު އިވިފައި، އެންމެން އިޒަތް ދިން، މާވަޑިބެއަކާ މާވަޑިބެއެއް ދޫކޮށްލައިފައި، ގަންނާކުރެއްވި ލަދެއްގެ ބޮޑުކަމުން، އެއް ބަޔަކު ރަކި ފާޑަކަށް ހެމުން، އަނެއް ބަޔަކު އިސްއުފުލައިލަން ނުކެރި، އެނބުރި އައިކޮޅަށް ހިނގައިގެންފި. އަނެއް ބަޔަކު ކުރެވުނު މޮޅު ކަންތަކުގެ ވާހަކަ ދައްކަމުން، އެ މީހަކު އެ މީގެއްގެ ގެއަށް ގޮސް އަވަދިވެއްޖެ.
ނިމުނީ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *