ސަތީރާގެ ވިސްނުން ބަދަލުކޮށްލީ އެމްއެންޔޫގެ ލެކްޗަރާއިން

އޯލެވެލްއާއި އޭލެވެލްގެ ގަދަ ދިހައެއްގައިވެސް ލައްވައެއް ނުލި، އެކަމަކު ޑިގްރީއާއި މާސްޓަރސް ކޯހުން ހޯދީ އެއްވަނަ

ޤައުމީ ޔުނިވަރސިޓީގެ މާސްޓަރސް އޮފް ލޯ ކޯހުން އެއްވަނަ ހޯދާ، ސެޓްފިކެޓާއި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިނާމް ހިފައިގެން ދިޔައިރު އެހެން ދަސްވެނީންނަށްވުރެ ބޮޑު އުފަލެއް އާއިޝަތު ސަތީރާ މުހައްމަދަށް ލިބުނެއެވެ. އޭނާގެ އެ އުފާ އެތައް ގުނައެއް އިތުރުވީ ސަބަބުތަކެއް ހުރީމައެވެ. އެ އުފާ ހޯދަން އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ދައްޗާއި އުދަނގުލާއި ހިތްދަތި އެތައް ކަމެއްގެ ތެރެއިން އޭނާ ހޯދީ ކިޔެވުމުގެ ހަޤީޤީ އުފަލެވެ.

" ހަޤީޤީ އުފާ ލިބެނީ، ދައްޗާއި އުނަދަގުލާއި ހިތްދަތި އެތައް ކަމެއްގެ ތެރެއިން ހޯދޭ ކާމިޔާބީން" އޭނާގެ އެ އުފަލުގައި ވަނީ ހަޤީޤީ ހިނިތުންވުމެވެ. އޭނާގެ އަޑުގައި ވަނީ ބުނަން ނޭނގޭ އިހުސާސެކެވެ.
ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އިން އެއްވަނަ ހޯދުމުން ރައީސްގެ ޚާއްޞަ އިނާމް، އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފަޒުނާ އަޙްމަދު ސަތީރާއާ ހަވާލުކޮށްދެއްވަނީ- ފޮޓޯ: އެމްއެންޔޫ

ކިޔެވުމަށް ހިތްޖައްސައި، ކުރިމަގުގެ ޗާޓް ކުރެހީ ޤައުމީ ޔުނިވަރސިޓީން

ދިހަ ވަނަ ގުރޭޑަށް ދިޔައިރު ވެސް މަތީ ވަނައެއް ހޯދާކަށް ސަތީރާގެ ޢަމާޒެއް ނެތެވެ. ދާނެ މިސްރާބެއް ވެސް ނެތެވެ. އޭރު ވިސްނުން ގެންގުޅުނު ގޮތުން ކިޔެވުމަށް ޝަޢުޤުވެރިކަމެއް ވެސް ނެތީއެވެ. އެކަމަކު މުދައްރިސުން ދެއްވަމުން ގެންދިޔަ ނަސޭހަތާއި އިރުޝާދާ، އެމީހުންގެ ލޯތްބާއި އެހީތެރިކަމާއެކު ސ. ހިތަދޫ ސްކޫލުން އޯލެވެލް ނިންމާލީ، ގަދަ ދިހައެއްގައި ނުހިމެނުނަސް ހުރިހާ މާއްދާއަކުން ފާސްވެ ރަނގަޅު ނަތީޖާއަކާއެކުއެވެ. ދެން ކުރިމަތިލީ އޭލެވެލްއާއެވެ. ނަތީޖާ ނެރެން އައްޑޫ ހައި ސްކޫލުން ގިނަ ކަތްތައްތަކެއް އޭނާއަށް ފަހިކޮށްދިނެއެވެ. އެކަމަކު އާއިލީ ސަބަބުތަކާހުރެ އޭލެވެލްގައި ވެސް މާ ރަނގަޅު ނަތީޖާއެއް ނުހޯދުނެވެ.

އޭލެވެލްއަށްފަހު އަހަރެއްހާ ދުވަހު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އޭގެ ފަހުން މަތީ ތަޢުލީމް ޙާސިލްކުރަން ބޭނުންވެ ކިޔަވާނެ ދާއިރާއަކާމެދު ވިސްނަން ފެށިއެވެ. މަދަރުސީ ދައުރުގައި އަދަބީ ހަރަކާތްތަކުގެ ތެރެއިން ވާހަކަ ދެއްކުމަށް ހުރި ޝަޢުޤުވެރިކަމުގެ ސަބަބުންނާއި ފިރިމީހާ ވެސް، ޤާނޫނީ ދާއިރާއިން ކިޔަވަމުން ދިޔުމާއެކު، ވަކީލްކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ފިރިމީހާވެސް އިރުޝާދުދީ ހިތްވަރު ދިނެވެ. އެންމެފަހުން ޤާނޫނީ ވަކީލެއްގެ ގޮތުން ކުރިއަށް ދާން ނިންމީއެވެ. ނަސީބު ދިމާކުރިގޮތުން، ޑިގްރީގެ ފުރަތަމަ ސެމިސްޓަރ ނިމުނުތަނާހެން، ހިލޭ ޑިގްރީގެ ދަށުން ކިޔެވުމުގެ ފުރުޞަތު ސަތީރާއަށް ލިބިގެންދިޔައެވެ.

ކޯހުގައި ކިޔަވަމުން ދިޔައިރު ކޯޓް ރޫމުގެ ޓްރެޔަލް ޝަރީއަތެއްގެ ތެރެއިން-

ސަތީރާ ބުނިގޮތުގައި ޤައުމީ ޔުނިވަރސިޓީގައި ކިޔަވަން ފެށުމާއެކު އޭނާގެ ވިސްނުމާއި ފިކުރަށް ބޮޑު ބަދަލެއް ގެނުވިއެވެ. ކުރިއަށްދާނެ ޓާގެޓެއް ކަނޑައެޅިއެވެ. ކޯހުން އެއްވަނަ ހޯދަން އަޒުމް ކަނޑައެޅިއެވެ. އެ ހުރިހާ ކަމެއް ބަދަލުކޮށްލީ ކިޔަވައި ދެއްވި ލެކްޗަރާއިންނެވެ.

" ވިސްނުމާއި ފިކުރު އަދި ކުރިއަށް ދާންވީ މިސްރާބު ކަނޑައަޅައި އަމާޒު ހިފަންވީ އެންމެ މައްޗަށް ދިއުމަށްކަން އެ ލެކެޗަރާއިން ވިސްނައިދިން"

އެ ހިސާބުން ކިޔެވުމާމެދު އޭނާ ފުންކޮށް ވިސްނަން ފެއްޓިއެވެ. އަޒުމަކާއެކު ކުރިއަށް ދާން ދަތުރުފެއްޓިއެވެ.

" އޭރު ހިތަށް އެރީ، ކުރިއަށްދާން ލިބޭނެ އެންމެ ރަނގަޅު ފުރުޞަތަކީ މިއީއޭ. އާއިލާއާއި މައިންބަފައިންނަށް ވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ތަޢުލީމީ ގޮތުން ރަނގަޅު މީހަކަށް ވެވިގެންނޭ. ރަނގަޅު ވަޒީފާއެއް ވެސް ލިބޭނީ އޭރުންނޭ"
ޕީޖީސީއެލް ސާކް އިންޓަރނޭޝަނަލް މޫޓް ކޯޓް ކޮމްޕެޓިޝަންގައި ސަތީރާގެ ޓީމުގެ ބައިވެރިން- މި މުބާރާތުން "ބެސްޓް ސްޕިރިޓް އޮފް ދަ ކޮމްޕަޓިޝަން" ގެ މަގާމް ވަނީ ހޯދާފައި-

ސަތީރާ ބުނީ، ފަސްޓް ޑިގްރީގެ ފަހު ސެމިސްޓަރއާ ހަމައަށް ދިޔައިރުވެސް ވަޒީފާއަކަށް ދިއުމުގެ ޚިޔާލެއް ނުގެންގުޅޭ ކަމަށެވެ. އޭނާ ގެންގުޅުނީ ކިޔެވުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުމެވެ. ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެން މަސައްކަތް ކުރުމުގެ ޢަޒުމެވެ. އެ ވިސްނުން ބަދަލުކޮށްލީ، ޕީޖީސީއެލް ސާކް އިންޓަރނޭޝަނަލް މޫޓް ކޯޓް ކޮމްޕެޓިޝަންގައި ބައިވެރިވެ ލިބުނު ތަޖުރިބާއިންނެވެ. އެ މުބާރާތުން "ބެސްޓް ސްޕިރިޓް އޮފް ދަ ކޮމްޕަޓިޝަން" ސަތީރާމެންގެ ޓީމަށް ލިބުނެވެ.

" އެއިން ދަސްވި އެއްޗަކީ ފޮތުން ކިޔަވާ އެއްޗަކުން ހަމައެކަނި ނުފުދޭނެކަން. ވަޒީފާގެ މާހައުލުގައި ކަންތައްތައް ދަސްކުރުންވެސް މުހިންމޭ. އެކްސްޕީރިއަންސް ހުންނަންޖެހޭނޭ"

ފެމެލީ ކޯޓްގެ ކޯޓް އޮފިސަރެއްގެ މަގާމަށް އޭނާ ކުރިމަތިލީ އެ ހިސާބުންނެވެ.

ސަތީރާ ބުނީ ޑިގްރީ ހަދަމުން ދިޔައިރު މާސްޓަރސްއަށް ދިއުމާމެދު ވިސްނަމުން ގެންދިޔަކަމަށެވެ. އޭނާ ބޭނުންވީ  ސްކޮލަރޝިޕެއްގެ ދަށުން ކިޔެވޭނެ ފުރުޞަތަކަށެވެ. ކޯހުން އެއްވަނަ ހޯދަން މިސްރާބު ހިފީވެސް އެ ސަބަބަށްޓަކައެވެ.

" އެމްއެންޔޫގެ ސްކޮލަރޝިޕަށް ޓާގެޓްކުރީ. އެހެންވެ ކޯހުން އެއްވަނަ ހޯދަން ގަދައަޅައި މަސައްކަތް ކުރީ"

ސަތީރާކުރި މަސައްކަތާއި އޭނާ ދެކުނު ހުވަފެނުގައި ކުލަޖެހިގެން ދިޔައީ 2022 ވަނަ އަހަރު، ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އިން އެއްވަނަ ހޯދާ ރައީސްގެ ޚާއްޞަ އިނާމް ލިބުމުންނެވެ. އަދި އެމްއެންޔޫގެ ސްކޮލަރޝިޕް ހަމަޖެހުމުންނެވެ.

" ހަމައެކަނި ޓިއުޝަން ފީ ސްކޮލަރޝިޕަށް އަޅުގަނޑު ކުރިމަތިލީ. އެއީ ވަޒީފާ އަދާކުރަމުންވެސް ލިބެން އޮތް ފުރުޞަތަކަށް ވީމާ. މިއީ ކިޔެވުމާއިގެން ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް " ސަތީރާ ބުންޏެވެ.

އާއިލީ ޒިންމާގެ ތެރެއިން ދަތި އުނދަގޫ ވަގުތުތަކެއް

ސަތީރާގެ އާއިލާގައި އަށް މެމްބަރުންތިބެއެވެ. ސަތީރާއަކީ ތިންވަނައެވެ. ދޮށީ ދެ ވަނަ ދައްތައަކީ އަޑުއިވުމުން މަހްރޫމްވެފައިވާ މީހެކެވެ. އެންމެ ހަގު ކޮއްކޮއާއި ދައްތަގެ ދަރިފުޅަކީ ވަރަށް މަދުން ޖެހޭ، ޖޯބަރޓް ސިންޑްރަމް ބަލި ހުންނަ ކުދިންނެވެ.

މާސްޓަރސްގެ އެންމެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދަނިކޮށް، ކޮއްކޮ ވަރަށް ބޮޑަށް ބަލިވެގެން އިންޑިޔާއަށް ގެންދަން ޖެހުނެވެ. ކޮއްކޮމެން ގޮވައިގެން މަންމަ އާއި ބައްޕަ ދާންޖެހުމުން އާއިލީ ޒިންމާއާއި ކިޔެވުމަށް ވަގުތު ހޯދުމުގެ ގޮތުން އެ ދުވަސްވަރާ ދިމާކޮށް އޮފީހުން ޗުއްޓީ ނެގިއެވެ.

ކިޔެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހުނު ވަގުތު އޭނާއާ ކުރިމަތިވީ ދަތި އުނދަގޫ ހާލަތެކެވެ. އެ ހާލަތުގައި ކިޔެވުމަށް ސަމާލުކަން ނުދެވެއެވެ. ދާންވީ ކުރިއަށް ކަމެއް ނޫނީ ފަހަތައް ކަމެއް ނުވިސްނޭ ހާލަތަށް މީހާ ވެއްޓުނެވެ.

" ވަރަށް އުނދަގޫ ހާލަތަކަށް ދިޔައީ. ދަތުރަށް ތައްޔާރުވުމަށް ގިނަ ކަންތަކެއް ކުރަން ޖެހުނު"

އެ އުނދަގޫ ހާލަތުގައި އޭނައަށް އެހީވީ ކައިރީގައި ތިބި ޢާއިލާ މެމްބަރުންނާއި ގާތް އެކުވެރިންނެވެ.

" އެންމެ އުނދަގޫވި ވަގުތު އެހީތެރިވީ އޭރު ކައިރީގައި ތިބި ޢާއިލާ މެމްބަރުން އަދި ގާތް އެކުވެރިން. އެމީހުން ވަރަށް ހިތްވަރުދިން، ނަތީޖާ ނެރެވޭނެއޭ ހިތްވަރުކުރާށޭ، މަސައްކަތް ކުރާށޭ، ވާނެއޭ ބުނި"

އެމީހުންގެ އެހީތެރިކަމާއި އަމިއްލަ ހިތްވަރާއެކު ސަތީރާ ތެދުވިއެވެ. ކިޔެވުމާއިގެން ކުރިއަށް ފިޔަވަޅުއެޅިއެވެ. އޭނާގެ އުއްމީދާއި ޓާގެޓަށް މިސްރާބު އަލުން އަމާޒުކުރިއެވެ. އެ އަމާޒުގައި އައު ހިތްވަރަކާއެކު ކިޔެވުން ފަށާ ކޯހުން އެއްވަނަ ވެސް ހޯދީއެވެ.

މިހާރު ފެމިލީ ކޯޓުގެ ލީގަލް އޮފިސަރއެއްގެ ގޮތުގައި މަސައްކަތްކުރާ ސަތީރާ ބުނިގޮތުގައި އޭނާގެ ކާމިޔާބީގައި ވަޒީފާ އަދާކުރަމުންދާ ފެމިލީ ކޯޓުގެ ވެސް ހިއްސާ އެބަ އޮތެވެ. އެ ކޯޓަކީ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާ މާހައުލެއް އޮތް ތަނެއް ކަމަށް ވެސް ސަތީރާ ބުންޏެވެ.

" އިމްތިހާނެއް އޮވެއްޖެއްޔާ ލުއިދޭ. ފެމެލީ ކޯޓަކީ މުވައްޒަފުންގެ ކިޔެވުމަށް އިސްކަންދޭ ތަނެއް. އެ ރޫޙް އެތަނުގައި އޮންނަނީ"

ސަތީރާގެ މިހާރުގެ އުއްމީދަކީ ވަޒީފާގެ މާޙައުލުން ތަޖުރިބާ ޙާޞިލްކުރުމަށްފަހު ރާއްޖެއިން ބޭރުން ޕީއެޗްއެޑީއަށް ކިޔަވަންދާނެ ސްކޮލަރޝިޕެއް ހޯދުމެވެ. އޭނާގެ އާއިލާއާއި މަންމައާއި ބައްޕަގެ ވެސް އުއްމީދަކީ އެއީވެ. އެ ދުވަސް ދެކެން އެ ދެ މީހުން ތިބީ ކެތްމަދުވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *