އަފްރާހު: ކޮންމެ ކޯހަކުން ވެސް ހޯއްދަވަނީ އެއްވަނަ

މާސްޓަރސް އޮފް ޕަބްލިކް ހެލްތް ކޯހުން އެއްވަނަ ހޯއްދެވުން އަފްރާޙަށް އިނާމް، އުއްތަމަފަނޑިޔާރު ހަވާލުކޮށްދެއްވަނީ: އަފްރާހު ދަނީ ބައިވެރިވާ ހުރިހާ ކޯހަކުން ވެސް އެއްވަނަ ހޯދާ ނަމޫނާ ދައްކަވަމުން- ފޮޓޯ: ޤައުމީ ޔުނިވަރސިޓީ

ޤައުމީ ޔުނިވަރސީޓީން ހެއްދެވި ތިން ކޯހަކުން އެއް ވަނަ ހޯއްދެވިއިރު، އެމްއެންޑީއެފްގެ އެތެރޭގައި ހިންގި ދެ ކޯހަކުން ވެސް އެއް ވަނަ ހޯއްދެވި

ބައިވެރިވާ ކޮންމެ ކޯހަކުން އެއްވަނަ ހޯދުމަކީ އެއީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. އެއީ ވަރަށް މަދު މީހަކަށް ނޫނީ ލިބޭނެ ޝަރަފެއް ވެސް ނޫނެވެ. އެކަމަކު ޤައުމީ ޔުނިވަރސިޓީން އެންމެ ފަހުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން، މާސްޓަރސް އޮފް ޕަބްލިކް ހެލްތް ކޯހުން އެއްވަނަ ހޯއްދެވި މުހައްމަދު އަފްރާޙަށް އެއީ އައު ކަމެއް ނޫނެވެ. އެ ކޯހުން އެއްވަނަ ހޯއްދަވައި، ރައިސުލްޖުމުހޫރިއްޔާގެ ޢިނާމް ހޯއްދެވިއިރު، މީގެ ކުރިން އޭނާ ވަނީ ޤައުމީ ޔުނިވަރސީޓީގެ އިތުރު ދެ ކޯހަކުން ވެސް އެއް ވަނަ ހޯއްދަވާފައެވެ. ޤައުމީ ދިފާއީބާރުގެ މެޑިކަލް ކޯގެ ޕޮލިސީ އެންޑް ޕްލޭނިންގެ އެސިސްޓެންޓް ޑައިރެކްޓަރުގެ ގޮތުގައި ހުންނެވި އަފްރާހު، އެމްއެންޑީފްގެ އެތެރޭގައި ހިންގި ދެ ކޯހަކުން ވެސް އެއްވަނަ ހޯއްދެވިއެވެ. ދެވަނަ ވަޒީފާއެއްގެ ގޮތުގައި މެޑިކަލް ކޯގެ ސާޖަން ޖެނެރަލްގެ އެގެޒެކެޓިވް އެސިސްޓެންގެ ގޮތުގައި ވެސް އަފްރާޙު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

" އަބަދުވެސް ޓާގެޓް ކުރަނީ އެއްމެ މައްޗަށް. ވިސްނުމާއި ފިކުރުވެސް ބަހައްޓަނީ އެ ދިމާލަށް. އެގޮތަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ" ދަރިވަރުނޫހާ ވާހަކަ ދައްކަވަމުން އަފްރާޙް ވިދާޅުވިއެވެ.

2000 ވަނަ އަހަރު، އޯލެވެލް ނިންމެވި ގޮތަށް ތިން އަހަރުގެ ބޮންޑަކާއެކު އަފްރާހު ވެންނެވީ އެމްއެންޑީއަށެވެ. ކުރިއަށް ދާން އޭރު ބޭނުންފުޅުވީ އިންޖިނިއަރިންގ ދާއިރާއިންނެވެ. ނަމަވެސް ފުރުޞަތު ލިބިވަޑައިގެންނެވީ އެމްއެންޑީއެފްގެ މެޑިކަލް ކޯ އިންނެވެ.

އޯލެވެލް ނިންމާފައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިވި ނަމަވެސް އާއިލީ ސަބަބުތަކާއި ހުރެ އެކަން ކުރެއްވޭގޮތެއް ނުވިއެވެ.

އޭގެ ފަހުން އެމްއެންޑީއެފްގެ ސްކޮލަރޝިޕެއްގެ ދަށުން އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ސައިކޭޓްރިކް ނާސިންގ ކޯހެއް ރާއްޖެއިން ބޭރުން ހެއްދެވުމުގެ ފުރުޞަތު އަފްރާހަށް ލިބިވަޑައިގެންނެވިއެވެ. އެ ކޯހަށްފަހު، މެޑިކަލް ޑޮކްޓަރަކަށް ވުމަށް އޭނާ އުއްމީދު ކުރެއްވިއެވެ. އެ އުއްމީދުގައި ބޭރުގެ ޔުނިވަރސިޓިއަކުން ޕްލޭސްމަންޓް ވެސް ހޯއްދެވިއެވެ. ނަމަވެސް ކިޔަވަންދާން ބޭނުންވާ ފައިސާ ހަމަނުޖެހިގެން އެ އުއްމީދުގައި ކުރިއަށް ވަޑައިނުގެންނެވުނެވެ.

ކިޔެވުމަށް އަބަދުވެސް ޚާއްޞަ ސަމާލުކަމެއް އަފްރާހު ދެއްވިއެވެ. 2009 ވަނަ އަހަރު، ސިއްހަތާ ގުޅުން ހުރި ދާއިރާއިން އެޑްވާންސް ލެވެލްއަށް ކިޔަވަން ފެއްޓެވިއެވެ. އެ ކޯހުގެ ފުރަތަމަ ސެމިސްޓާއިން ލިބުނު މާކްސް 80 އިންސައްތައަށްވުރެ މަތިވުމުން، ޕްރައިމަރީ ހެލްތް ކެއަރ އިން ޑިޕޮލަމާއެއް ހެއްދެވުމުގެ ފުރުޞަތު ޤައުމީ ޔުނިވަރސިޓީން ލިބިވަޑައިގެންނެވިއެވެ. ދެ އަހަރާއި ބައިން އެ ކޯސް ނިންމާލެއްވީ އެ ކޯހުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައެވެ.

އޭގެ ފަހުން، ޕްރައިމަރީ ހެލްތް ކެއަރގެ ދާއިރާއިން ބެޗްލާސް ޑިގްރީ 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހެއްދެވިއެވެ. އެ ކޯހުން އެއްވަނަ ލިބުނު ނަމަވެސް މިހާރު ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމެއް ލިބޭ އިންތިޒާމެއް ނޯވެއެވެ.

އަފްރާހު ވިދާޅުވީ ރިސަރޗްގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ކޮލެޖަކުން ލިބިވަޑައިގެންނެވި ކަމަށެވެ. ކުރިން އެ ކޮލެޖުގައި ކިޔެވި ދަރިވަރުންގެ ފީޑްބެކާއި ކޯހުގެ ޚަރަދަށް ބަލާފައި އޭނާ ޚިޔާރު ކުރެއްވީ ޤައުމީ ޔުނިވަރސީޓީ ކަމަށް އަފްރާޙް ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތް ކެއަރއިން މާސްޓަރަސްއަށް ކިޔަވަން ފެއްޓެވީ އޭގެ ނުވަ އަހަރު ފަހުންނެވެ. އެމްއެންޑީއެފްގެ ސްކޮލަރޝިޕެއްގެ ދަށުން އެ ކޯސް އަފްރާޙް ނިންމާލެއްވީ އެންމެ ފަޚުރުވެރި ދަރިވަރުގެ ގޮތުގައެވެ.

" އަޅުގަނޑުގެ ކުރީގެ ތަޖުރިބާއަށާއި ދަރިވަރުން ދިން ފީޑްބެކާ އަޅާބަލާއިރު ބުރެވެވުނީ ޤައުމީ ޔުނިވަރސީޓީއާ ދިމާލަށް. ކޯހެއްގެ އެންމެ މުހިންމު ކަމަކީ ކޯހުގެ ކޮލިޓީ. އެ ކޮލިޓީ ހިފަހައްޓަން ޤައުމީ ޔުނިވަރސިޓީން ބޮޑު އިސްކަމެއް ދެއްވާ. އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަންތައް" ޤައުމީ ޔުނިވަރސިޓީގެ ފަޚުރުވެރި ދަރިވަރެއްގެ ތާޖުއަޅުއްވައިގެން ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަފްރާހު ވިދާޅުވިއެވެ.

ފުރަތަމަ ޓާގެޓް، ވަގުތައް ކަންކަން ނިންމުން

އަފްރާވިދާޅުވި ގޮތުގައި އޭނާ ބައިވެރިވެވަޑައިގަންނަވާ ކޮންމެ ކަމެއްގައި ވެސް އެންމެ މަތީ ހަރުފަތަށް ވަޑައިގެންނެވުމަށް އިޚްލާސްތެރިކަމާއެކު އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ. މަސައްކުރައްވާ ތަނަށާއި ބައިވެރިވާ ކޯސްތަކުން ވެސް އެކަން އޭނާ ގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ.

އަފްރާޙްވިދާޅުވީ، ކާމިޔާބީއާ ހަމައަށް ދިއުމަށް އޭނާ ގެންގުޅޭ އުޞޫލުތަކެއް ހުންނަ ކަމަށެވެ. އެ އުޞޫލުތަކުގެ ސަބަބުން ކިޔެވުމުގައި ވެސް ކުރިއަށް ވަޑައިގެންނެވުމަށް ދައްޗެއްނެތެވެ.

" އަޅުގަނޑު ވިސްނުމަކީ އަބަދުވެސް އެސައިންމަންޓެއް ހަވާލުކުރާ ދުވަހު ފެށުން. ވޯޑް ފައިލެއް ކުރިއޭޓް ކޮށްލާފައި ސުރުޚީތައް އަޅަން ހަވާލުކުރާ ދުވަހު. ނިންމަން އޮންނަ ތާރީޚަށްވުރެ މާކުރިން ނިންމަން. އެއްވެސް ކަމެއް ކުރަން ފަހަށް ނުބަހައްޓަން. އަބަދުވެސް ރާވާލައިގެން ދުރާލާ މަސައްކަތް ކުރަނީ" ހދ. ވައިކަރަދޫއަށް އުފަން އަފްރާހު ވިދާޅުވިއެވެ.

އަފްރާހު ވިދާޅުވީ ޔުނިވަރސިޓީގައި ކިޔަވާ ގިނަ ދަރިވަރުންގެ ވިސްނުން ގެންގުޅޭ ގޮތުން އެ ދަރިވަރުންނަށް ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެއެއްވޭ ކަމަށެވެ. އޭގެ ސަބަބުވެސް އަފްރާޙް ވިދާޅުވެދެއްވިއެވެ.

" ގިނަކުދިން ފަށައިގަންނަނީ ވެސް މުޅި އެސައިންމަންޓަށް ފޯކަސްކޮށްގެން. އަދި ތެޅިގަންނަނީ ވެސް އެސައިންމަންޓްގެ އެންމެ ފަހުވަގުތު ޖެހުނީމާ. އަވަސްއަރުވާލައިގެން ހަދަން ޖެހުމުން އެންމެ ރަނގަޅަކަށް ނޫން އެސައިންމަންޓްތައް ހެދިފައި ހުންނަކީ ވެސް. އަޅުގަނޑު ފޯކަސް ކުރަނީ އެސައިންމަންޓްގެ ވަކިވަކި ބައިބަޔަށް"

އާއިލާގެ އެހީތެރިކަން ކާމިޔާބީ ހޯދަން ލިބުނު އެންމެ ބޮޑު ހިތްވަރު

އަފްރާގެ ހިފެހެއްޓުމެއް ނެތް ޝުކުރު އޮތީ އާއިލާއަށެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އަނބިކަނަބަލުންގެ ވެސް އާއިލާއަށެވެ. ކާމިޔާބީގައި އަނބިކަނބަލުންގެ ދައުރު ވަކިން ކުޑައެއް ނޫނެވެ. ޒިންމާދާރު ވަޒީފާއެއްގައި 22 އަހަރު މިހާތަނަށް ހޭދަކުރެއްވިއިރު، މަދަދުގާރެއްގެ ގޮތުގައި އެންމެ ކައިރީގައި ހުންނެވީ އަނބިކަނބަލުންނެވެ. ދަރިންގެ ކަންތައްތަކުގައި އެންމެ އިސްރޯލެއް އަދާކުރެއްވީ އޭނާއެވެ.

އަފްރާހު، އާއިލާއާއެކު: ކާމިޔާބު ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި އާއިލާގެ ހިއްސާބޮޑު- ފޮޓޯ: އަފްރާހުގެ އާއިލާ
" މިވީ 22 އަހަރު ދުވަހުގެ ތެރޭގައި ވަޒީފާގެ ގޮތުން އާއިލާއަށް އެންމެ އެދެވޭ ގޮތުގައި ވަގުތެއް ނުދެވޭ. އާއިލާއަށްވުރެ ބޮޑަށް ވަގުތު ދެވެނީ މަސައްކަތަށް. އޮފީހަށް. އެކަން ފޫބެއްދުމުގައި ހުރިހާ ޒިންމާއެއް އަދާކުރީ އަންހެނުން" ތިން ކުދިންގެ ބައްޕަ އަފްރާހު ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވާ ގޮތުގައި މިހާރުގެ އުއްމީދަކީ ޕީއެޗްޑީއާ ވަޑައިގެންނެވުމެވެ. އެކަމަކު ކުރިއަށް ވަޑައިގަންނަވާނެ ވަކި ދާއިރާއެއް އަދި ނުނިންމަވައެވެ.

އަފްރާހު ވިދާޅުވީ އޭނާގެ ބައްޕައަކީ އެސްޓީއޯގެ ފާމަސީގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވެފައި، އަދި އަނބިކަނބަލުންނަކީ ލެބޯޓަރީ ޓްކްނޮލޮޖިސްޓަކަށް ވުމުން ސިއްޙީ ދާއިރާއަށް ޚާއްޞަ ލޯތްބެއް އެބައޮތް ކަމަށެވެ. އެހެން ނަމަވެސް މެޑިކަލް ޑޮކްޓަރަކަށް ވުމަށް އޭނާ ދެކުނު ހުވަފެނުގައި އަލުން ކުލަޖައްސަން މުސްކުޅިވެއްޖެ ކަމަށް އަފްރާޙް ގަބޫލު ކުރައްވައެވެ.

" މެޑިކަލް ޑޮކްޓަރަކަށް ވާން މިހާރު މުސްކުޅިވެއްޖެ. އެކަމަކު ޕީއެޗްޑީއަށް ދިއުމުގެ އުއްމީދުގައި މި ހުރީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *