ނިމިގެންދިޔަ ސާނަވީ އިމްތިޙާނުގައި އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ އެންމެ ކާމިޔާބު އެއް ދަރިވަރަކީ ނޫރާން ބިންތި މުޙައްމަދެވެ. ސާނަވީ އިމްތިޙާނުގައި ބައިވެރިވެ، އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި، މި އަހަރު އެ ސްކޫލުން ހިމެނުނު ހަމައެކަނި ދަރިވަރަކީ ވެސް އޭނާއެވެ.
ނޫރާންއަކީ އަބަދުވެސް ކިޔަވަން އިސްކަންދޭ ދަރިވަރެކެވެ. ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގެ އިތުރުން ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން ގަޑިއިރު ފިލާވަޅުތައް ދަސްކުރުމާއި މުޠާލިޔާ ކުރުމުގައި އޭނާ ވަގުތު ހޭދަކުރެއެވެ. ހަވީރުގެ ވަގުތު ތަކުގެ ތެރެއިން ހަފްތާއަކު ތިން ދުވަހު ޚާއްޞަ ކުރަނީ ބެޑްމިންޓަން ފަރިތަ ކުރުމުގައެވެ.
" ކުޑައިރުއްސުރެ ކިޔަވަން ޝަޢުޤު ހުރޭ. ކިޔަވަނީ މީހަކު ބުނެގެންނޫން. ކިޔަވަން ބޭނުންވެގެން" ނޫރާން ދަރިވަރު ނުހަށް ބުންޏެވެ.

ނޫރާންގެ ދުވަހީ ތާވަލް ފަށަނީ މެންދަމުން އަލިވެ ތިނެއް ޖަހާއިރުއެވެ. ދަމުނަމާދަށްފަހު އަވަސްވެގެންނަނީ ފިލާވަޅުތައް ދަސްކުރާށެވެ. ފިލާވަޅުތައް ކިޔައިގެން ދަސްކުރުމުގެ ބަދަލުގައި ދެތިން ފަހަރަކު ކިޔާލުމަށްފަހު، ދެން ލިޔަނީ ކޮންމެ ފިލާވަޅަކަށް ބިނާކޮށް ކުރު ނޯޓްސްތަކެކެވެ.
"ކިޔައިގެން ދަސްކުރުމަށްވުރެ ލިޔެގެން ދަސްކުރަން ފަސޭހައީ. ދެތިން ފަހަރަކު ކިޔާފައި ކުރު ނޯޓްސް ލިޔުނީމާ ދަސްކުރަން މާ ފަސޭހަ. އެ ނޯޓް ތަކުގެ ބޭނުން ފަހުން ވެސް ކުރެވޭ" އައްޑޫ ހައި ސްކޫލުން އޭލެވެލްއަށް މިހާރު ކިޔަވަމުންދާ ނޫރާން ބުންޏެވެ.
ނޫރާން ދެކޭގޮތުގައި ކިޔަވާކުއްޖަކަށް ނިދި ވަރަށް މުހިންމެވެ. އެހެންވެ ކޮންމެ ރެއަކުވެސް އަވަހަށް ނިދަން އޭނާ ސަމާލުކަން ދެއެވެ.
" ރޭގަނޑު ދިހައެއްގެ ފަހުން ކިޔެވުމެއް ނޯންނާނެ. ލަސްވެގެން ދިހައެއްޖަހާއިރު، ނިދާލެވޭތޯ ބަލަން"
ދިވެއްސާއި ފިޒިކްސް އުނދަގޫ ވިޔަސް، ސާނަވީ ނިންމާލީ ޓިއުޝަނަކާ ނުލައެވެ. މަދުފަހަރެއްގައި ނޫނީ ގުރޫޕް ސްޓަޑީއެއް ނަހަދައެވެ. ގުރޫޕްސްޓަޑީއަށްވުރެ ބޮޑަށް އިސްކަން ދިނީ އެކަނި އިނދެ ކިޔަވުމަށެވެ. އެއިރުން ފިލާވަޅަށް ދޭންޖެހޭ ސަމާލުކަން އިތުރުވެފައި ބޭކާރު ވަގުތު ހޭދަނުކޮށް ކިޔެވުމާއިގެން ކުރިއަށްދާން ފަސޭހައެވެ.

ކިޔެވުމާއެކު އިތުރު ހަރަކާތްތަކުގައި ވެސް ނޫރާން ބައިވެރިވިއެވެ. ފާއިތުވި އަހަރު ހިތަދޫ ސްކޫލްގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން، ޕްރިފެކްޓެއްގެ އިތުރުން ކުޅިވަރު މުބާރާތްތަކުގައި ވެސް ބައިވެރިވިއެވެ.ނޫރާންގެ "ފޭވެރިޓް"އަކީ ބެޑްމިންޓަނެވެ. ގުރޭޑް އަށެއްގައި ކިޔަވަމުން ދިޔައިރު ބެޑްމިންޓަނަށް ލޯބިޖެހި އައްޑޫ ސިޓީގައި ހުރި ބެޑްމިންޓަން އެކަޑަމީއަކުން ފުރުޞަތު ހޯދައި އެތަނުން ތަމްރީނުވާން ފެށިއެވެ. އެ ތަމްރީނުތަކުގެ ސަބަބުން އެންމެ ފަހުން ބޭއްވި އެޓޯލްސް ބެޑްމިންޓަން މުބާރާތުން ސިންގަލްސްއާއި ޑަބަލްސްއިން ދެ ވަނަ ނޫރާންއަށް ލިބުނެވެ.

" ކުރިއަށް އޮތް ތަނުގައި ވެސް ބެޑްމިންޓަނުން ފެންނާނެ. އެއީ މިހާރު ލެޔާ ގުޅިފައިވާ ކުޅިވަރެއް" ހިނިތުން ވެލަމުން ނޫރާން ބުންޏެވެ.
ކުރެހުމަކީ ވެސް ކުޑައިރުއްސުރެ އޭނާ ކުރަމުން އަންނަ ކަމެކެވެ. ބައްޕަގެ އެހީތެރިކަމާއެކު ކުރެހުމުގެ ތެރެއަށް ވަދެވުނު ނޫރާން، ކުރަހަނީ ހޮބީއަކަށެވެ. މުބާރާތެއްގައި ބައިވެރިވީ އެންމެ ފަހަރަކުއެވެ. އޯޒޯން ދުވަސް ފާހަގަކުރަން ހުސްވި އަހަރު ބޭއްވި ބައިނަލްއަޤްވާމީ ކުރެހުމުގެ މުބާރާތުގައި، ޒުވާނުންގެ ކުރެހުމުގެ ބައިން އެއްވަނަ ލިބުނެވެ. އޭނާގެ ކުރެހުން ރީޖަނަލް މުބާރާތަށް ހޮވި، އެމުބާރާތުން ރަނަރަޕަށް ދިޔައެވެ. އެއީ ނޫރާންއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ނޫރާން ބޭނުންވަނީ މެޑިސިންގެ ދާއިރާއިން ކުރިއަށްދާށެވެ. އެއީ ކުޑައިރުއްސުރެ އޭނާ ދެކޭ ހުވަފެނެކެވެ. ޑޮކްޓަރެއްގެ ގޮތުން ޤައުމަށް ޚިދުމަތް ކުރުމެވެ.
" ކުޑައިރުއްސުރެ ޑޮކްޓަރަކަށް ވާހިތްވޭ. ހިއެއް ނުވޭ އެހެން ދާއިރާއަކުން ފެންނާނެހެން"
ނޫރާންގެ ކާމިޔާބީގެ މަންމައާއި ބައްޕަ އަދި އާއިލާގެ އިތުރުން ސްކޫލާއި މުދައްރިސުން ހިމެނެއެވެ. ކޮންމެ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް މަންމައާއި ބައްޕަ ދޭއިރު، ހިތްވަރު ދިނުމުގައި އާއިލާގެ ރޯލު ވަކިން ކުޑައެއް ނޫނެވެ. ޓީޗަރުން ކޮށްދިން މަސައްކަތަކީ އޭނާގެ ކާމިޔާބީގެ އެންމެ މުހިންމު ބައެކެވެ. ކިޔެވުމުގައި ޔަގީންކަމާއި އެ ޝަޢުޤު އުފައްދައި ދިނީ މުދައްރިސުންނެވެ. އެހެންވެ އެ ހުރިހާ ފަރާތްތަކަށް އޭނާގެ އޮތީ ޚާއްޞަ ޝުކުރެކެވެ.
advertisment
ހިޔާލު