ކޮވިޑް19އާ ގުޅިގެން ދަރިވަރުންނަށް ނަފުސާނީ ގޮތުން އަސަރުކުރޭ: އެޑިއުކޭޝަން މިނިސްޓަރު

ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން އަސަރުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑް19އާ ގުޅިގެން މައުލޫމާތު ދިނުމަށް ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސްކޫލް ހުޅުވަން ވާއިރަށް ސްކޫލްތަކުގެ ކައުންސިލަރުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

" މުދައްރިސުންނަށާއި ދަރިވަރުންނަށް ނަފުސާނީ ގޮތުން އަސަރު އެބަކުރޭ. އެހެންވެ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސިލަރުންގެ ކެޕޭސިޓީ ބިލްޑް ކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ކުރިން އެކަމަށް ހެލްތް މިނިސްޓްރީން ތައްޔާރުވާން ފެށުމާއެކު އެކަމަށް އެ މިނިސްޓްރީން ތައްޔާރުވާން ފެށިކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގުރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް ޓެލިކިލާސް މިހާރު ކުރިއަށް ގެންދާ ކަމަށާއި އަންނަ ހަފުތާއިން ބާކީ ހުރި ގުރޭޑްތަކަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.

" އެކި މީޑިއަމްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދެމުން މިގެންދަނީ. އޭގެ ތެރޭގައި ގޫގަލް ކުލާސްރޫމާއި، ޓެލިކިލާސްތައް ހިމެނޭ. މީގެ އިތުރުން ވޯކްޝީޓް ފޮނުވައިގެންވެސް ދަރިވަރުންނަށް ކިޔަވައި ދިނުމުގެ މަސައްކަތް ސްކޫލްތަކުން ކުރިއަށް ގެންދޭ"
މިނިސްޓަރު ވިދާޅުވީ މި ހާލަތުގައި ސިލަބަސް ކަވަރު ކުރުމަށްވުރެ ބޮޑަށް ބަލަނީ ދަރިވަރުން ކިޔެވުމުގައި މަސްއޫލު ކުރުމަށް ކަމަށެވެ.

" އަޅުގަނޑުމެން ބޭނުން ވަނީ ސިލަބަސް ކަވަރު ކުރުމަށްވުރެ ބޮޑަށް ދަރިވަރުން ކިޔެވުމުގައި އިންވޯލް ކުރުވަން" މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *