ފާއިތުވި އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރު، މުޙައްމަދު ފާހިމް އިބްރާހިމް ކިޔެވުޔުމުގައި އިސްކަންދިނީ އެހެން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްދާށެވެ. އޭގެ ސަބަބުން އޭނާއަށް ލިބުނީ ކިޔެވުމާއިގެން ކުރިއަށްދާނެ އިތުރު ހިތްވަރެއެވެ.
ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރު ވެސް ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ފާހިމް ޓިއުޝަން ދިނެއެވެ. އޭނާގެ ކައިރިއަށް ޓިއުޝަނަށް އައި އެއްވެސް ކުއްޖެއްގެ އަތުން އުޖޫރައެއް ނުނަގައެވެ. ހިލޭ ސާބަހަށް އެކަން ކުރީ ކުރާހިތުންނެވެ. ތިމާ ކުރިއަރައި ދާއިރު އަނެކާ ވެސް ކުރިއަރައި ދިއުމަށް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ގޮތުން ވެސް މެއެވެ.

" ޓިއުޝަން ދިނުމުން ފައިދާ ވަނީ އެ ކިޔަވާ ކުއްޖާއަށް އެކަންޏެއް ނޫން. ކިޔަވައިދޭ މީހާއަށް ވެސް އޭގެ ފައިދާ ކުރާނެ. ކުދިން ކުރާނެ ސުވާލުތަކަށް ފަސޭހަކަމާއެކު ޖަވާބުދެވޭ ވަރަށް ތައްޔާރުވުމަކީ އެއީ ކުރިއަށްދާން ލިބުނު ހިތްވަރެއް" ބައޮލޮޖީއާއި ކެމިސްޓްރީން ޓިއުޝަން ދިން ފާހިމް ބުންޏެވެ.
ފާއިތުވި އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަން ކަމުގެ މަސްއޫލިއްޔަތު އަދާކުރި ފާހިމްއަށް، ސާނަވި ނިންމާ އިމްތިޙާނުން ފަސް އޭ ސްޓަރ އާއި ތިން އޭ ލިބުނެވެ. އޭ ލިބުނީ ދިވެއްސާއި އިސްލާމާއި އިނގިރޭސި މާއްދާއިންނެވެ. ދެން ހުރި މާއްދާތަކުން ލިބުނީ އޭ ސްޓަރއެވެ. ފާހިމް ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ.
އިންޑިއާއަށް އުފަންވި ފާހިމްގެ ތަޢުލީމީ ހަޔާތް ފެށި ވެސް އިންޑިޔާއިންނެވެ. ގުރޭޑް 6އާ ހަމައަށް އިންޑިއާގައި ކިޔެވުމަށްފަހު، ގުރޭޑް 7 ނިންމީ ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލުންނެވެ. ސާނަވީ މަރުޙަލާ ނިންމީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.

އެހާ ގިނަ ދުވަހު އިންޑިޔާގައި ކިޔަވަން ޖެހުމުން، ދިވެހި މާއްދާވީ ފާހިމްއަށް ބޮޑު ގޮންޖެހުމަކަށެވެ. ސާނަވީ މަރުޙަލާ ނިންމާލިއިރު ޓިއުޝަން ނަގަން ޖެހުނު ހަމައެކަނި މާއްދާއަކީ ވެސް އެއީއެވެ.
ފާހިމް ބުނީ، ދިވެހި މާއްދާއިން އޭނާގެ އެދުރަކީ ކިޔަވައިދިން މުދައްރިސުންނެވެ. ސްކޫލުގައި ކިޔަވައި ދިނުމަށްފަހު، ހިލޭ ސާބަހަށް ޓިއުޝަން ދެއްވީ ދިވެހި މުދައްރިސް އާމިނަތު ވަހީދާ މިސްއެވެ. ދިވެހިން އޭ ލިބުމާއެކު ހުރިހާ ޝުކުރެއް ފަށްފަށްކޮށްލީ ކިޔަވައި ދެއްވި ޓީޗަރުންނަށެވެ.
ކިޔެވުމަށް އިސްކަންދިނަސް އެހާ ގިނައިރު ވަންދެން ކިޔަވަން އެއްތަނެއްގައި އިންނަން ފާހިމްއަށް ފަސޭހައެއް ނޫނެވެ. އެއްތަނެއްގައި މާގިނައިރު އިށީދެގެން އިނުމުގެ ބަދަލުގައި ހުސްވަގުތު ހޯދަމުން ކިޔެވުމަށް ފޯކަސްކުރުމުން ފިލާވަޅާމެދު ވިސްނަން މާ ފަސޭހަވެއެވެ.

" އެއްތަނެއްގައި މާގިނައިރު އިނދެގެން ކިޔެވުމުގެ ބަދަލުގައި ބަލަނީ ބްރޭކްތަކެއް ނަގަމުން ކިޔަވަން. އޭރުން ކިޔަވާ ގަޑީގައި މާ ރަނގަޅަށް ފިލާވަޅުގެ ތެރެއަށް ވަދެވި ދަސްކުރަން ފަސޭހަ" ފާހިމް ބުންޏެވެ.
ސީއެޗްއެސްއީގައި މިހާރު މަތީ ސާނަވީއަށް ކިޔަވަމުން އަންނަ ފާހިމް ބުނީ، ސާނަވީއަށްވުރެ ބޮޑަށް މަތީ ސާނަވީގެ ވާދަވެރިކަން ބޮޑުކަމަށާއި މޮޅެތި ކުދިންނާއެކު ކިޔަވަން ފުރުޞަތު ލިބުމުން ކުރިއަށް ދިއުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަން ކުރަން ހިތްވަރު ވެސް ލިބޭ ކަމަށެވެ.
" ސީއެޗްއެސްއީއަށް އައީމާ މި އެނގެނީ މޮޅެތި ކުދިންނާއެކީގައި މަސައްކަތް ކުރުމުގެ ފައިދާ. އެކުދިންގެ ތެރޭގައި އޮތް ވާދަވެރިކަމުގެ ތެރެއިން ރަނގަޅު ނަތީޖާއެއް ހޯދަން މާ ބޮޑަށް ވެސް ހިތްވަރު ލިބޭ. އަދި ޓީޗަރުންނާއި އެކުވެރިންގެ ފަރާތުން ވެސް އެހީތެރިކަން ލިބޭ" ފާހިމް ބުންޏެވެ.
" އުއްމީދު ކުރަނީ ރަނގަޅު ނަތީޖާއެއް އޭލެވްގައިވެސް ހޯދޭނެ ކަމަށް"
އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވިޔަސް، އޭނާގެ ކުރިމަގު ބައްޓަން ކުރާނެ ދާއިރާއެއް އަދި ނުނިންމައެވެ. މަތީ ސާނަވީ މަރުހަލާ ނިމުމުގެ ކުރިން އެ މުހިންމު ނިންމުން ނިންމޭނެ ކަމަށް ފާހިމް ޤަބޫލު ކުރެއެވެ.
advertisment
ހިޔާލު