ޕްރިންސިޕަލެއްގެ ގޮތުގައި 18 އަހަރު ޖަމާލުއްދީނަށް ޚިދުމަތް ކުރެއްވުމަށްފަހު ހަސަން މުޙައްމަދު އެ ސްކޫލާ ދުރަށް ވަޑައިގަންނަވައިފިއެވެ.
ދިމާވި ސިއްޙީ ސަބަބުތަކަށްޓަކައި ހަސަން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.
ހަސަންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޖަމާލުއްދީން ސްކޫލުން ވަނީ ފެއަރވެލް ޕާޓީއެއް ރޭ އެ ސްކޫލުގައި ބާއްވާފައެވެ. ހަސަން ބައިވެރިވެވަޑައިގެންނެވި ޚާއްޞަ އެސަމްބްލީއެއް ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް މިއަދު ހެނދުނު ބާއްވާފައިވާއިރު، ގުރޭޑް 5ން ދަށުގެ ކުދިންނަށް ވެސް އެފަދަ އެސަމްބްލީއެއް މިއަދު ހަވީރު، ބާއްވަން ވަނީ ނިންމާފައެވެ.

ހަސަނަކީ ތަޢުލީމީ ދާއިރާގައި 32 އަހަރު މަސައްކަތް ކުރައްވާފައިވާ ހިންގުންތެރި ޕްރިންސިޕަލެކެވެ. ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 9 ޖޫން 1990ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓްރޭނީ ހެޑްމާސްޓަރެއްގެ ވަޒީފާއިންނެވެ. ފުރުއްވި ބައެއް އެހެން މަގާމުތަކުގެ ތެރޭގައި، ތަޢުލީމާއި ތަމްރީނު ދިނުމުގެ ކުޑަކުދިންގެ ޚާއްޞަ މަރުކަޒުގެ މުދީރުކަމާއި، މުޙްޔިއްދީން ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްކަން ހިމެނެއެވެ. 8 ޖޫން 2006ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޖަމާލުއްދީން ސްކޫލްގައެވެ. ޕްރިންސިޕަލަކަށް ވެވަޑައިގަތުމުގެ ކުރިން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ޙަސަން ކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއަށް ހަސަން ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރައްވައި، ތަޢުލީމީ ދާއިރާއިން، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ ޢިނާމް 2020 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.
ޙަސަންގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޚިދުމަތަކީ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް، އެމީހުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް އަދާކުރައްވަމުން ގެންދަވާ މުހިންމު ދައުރެވެ. މިގޮތުން، އެފަދަ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރެއްވުމާއި، ފުދުންތެރި ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވުމާއި، ކުޑަކުދިންނަށް ރައްކާތެރި މުޖުތަމަޢެއް ޤާއިމުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމާއި، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އިޖުތިމާޢީ އާދަތައް އަށަގަންނަވައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުން ހިމެނެއެވެ.

މިކަންކަމުގެ ތެރޭގައި އުފެދުނު "މޯލްޑިވްސް ޑެފް އެސޯސިއޭޝަން" ވުޖޫދުވުމުގެ އެންމެ މުހިންމު އެއް މޭސްތިރިއަކީ ޙަސަން މުޙައްމަދެވެ. މި ޖަމުޢިއްޔާ ހިންގުމުގައި، މާލީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ. މިގޮތުން، އެ ޖަމުޢިއްޔާގެ މެންބަރުންނަށް ސައިން ލޭންގުއޭޖް ކްލާސްތައް ހިންގެވުމާއި، އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންނާ ދޭތެރޭގައި މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމުގެ މަސައްކަތްވެސް ޙަސަން މުޙައްމަދު ވަނީ ކުރައްވައިފައެވެ. އަދި އެފަދަ ކުދިންގެ ހުނަރުވެރިކަން އިތުރުކުރެއްވުމުގެ ގޮތުން، މަސައްކަތްތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދެވުމާއި، އެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމުގައިވެސް ޙަސަން މުޙައްމަދު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ރާއްޖޭގައި ފުރަތަމަފަހަރަށް ސައިން ލޭންގުއޭޖް ޑިކްޝަނަރީއެއް އެކުލަވައިލެއްވުމުގައި އެންމެ އިސްކޮށްހުންނަވައިގެން އެކަމަށް ބޭނުންވާ ފަންނީ ލަފާ ދެއްވަމުން ގެންދެވި އެއްބޭފުޅަކީވެސް ޙަސަން މުޙައްމަދެވެ. މީގެއިތުރުން، "ބޭސިކް ލިޓްރަސީ ޕްރޮގްރާމް ފޮރ ދަ ޑެފް"ގެ ނަމުގައި ޑެފް އެސޯސިއޭޝަންގެ މެންބަރުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ ޕްރޮގްރާމާއި، ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމް ހިންގަވައިދެއްވައިފައިވެއެވެ.

ޙަސަން މުޙައްމަދަކީ، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށާއި، އެ ޙައްޤުތަކުގެ ކަށަވަރުކަން ހޯއްދަވައި ދެއްވުމަށާއި، އެފަދަ ފަރާތްތަކުގެ ފައިދާއާއި މަންފާއަށް އަޑުއުފުއްލަވައި އަދި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.
ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވައިގެން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސާނަވީ ތަޢުލީމާ ހަމަޔަށް ކިޔަވައިދެއްވުމުގައި އަދާކުރެއްވި ދައުރާއި، އެފަދަ ކުދިންނަށް ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމުގައި ކުރެއްވި މަސައްކަތްޕުޅު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ގިނަބަޔަކަށް ޙަސަން، އެނގެން ފެށީވެސް ޕްރިންސިޕަލުންގެ ތެރެއިން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތު ޕްރޮގްރާމްތައް ހިންގަވާ ޚިދުމަތްތެރި ޕްރިންސިޕަލެއްގެ ގޮތުންނެވެ.
advertisment
ހިޔާލު