މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮވިޑް19 ރާއްޖެއާ ހަމައަށް ފޯރައި، ކުރިމަތިވި ސިއްޙީ ނުރައްކަލުގެ ހާލަތާއެކު ސްކޫލްތައް އެއް ހަފްތާއަށް ވަނީ ބަންދުކޮށްފައެވެ. މި ފަދަ ނާޒުކު ދަނޑިވަޅެއްގައި އައްޑޫސިޓީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙަންމަދު ދީދީ ވަނީ ބެނިވެރިންނާއި ދަރިވަރުން އަމަލުރަންޖެހޭނެ ގޮތުގެ ޚާއްޞަ އިރުޝާދު ތަކެއް ދެއްވާފައެވެ.
ފަރުދީ ޒިއްމާއެއްގެ ގޮތުގައި ޑރ. އާސިޔަތު އިރުޝާދު އޭނާގެ ފޭސްބުކްގައި ދެއްވާފައި ވަނީ އާންމު ކުރި ވީޑިޔޯއެއްގައެވެ.
ޑރ. އާސިޔަތު އެދިވަޑައިގެންފައި ވަނީ މި ދުވަސްވަރު، ޕާކުތަކަށާއި ރެސްޓޯރަންޓްތަކާއި ޕާޓީތަކަށް ކުދިން ނުފޮނުއްވުމަށެވެ. އެފަދަ ކަންތައްތަކުން ކުދިން ދުރުކުމަށެވެ. އަދި ގެއަށް ގެންނަ މެހުމާނުން މަދުކުރުމާއި، އަންނަ މެހުމާނުންނަށް ރައްކާތެރި ކަމާއެކު މުއާމަލާތް ކުރަން ދަސްކޮށް ދިނުމަށެވެ.
" ބޮޑެތި ކުދިންނަށް ޑަބްލިއުއެޗްއޯއާއި އެޗްޕީއޭއިން ދޭ އިރުޝާދުތައް ބަލައި އެއަށް އަމަލުކުރަން ބާރުއަޅާން ވާނެ. ކުޑަކުދިންނަށް މި ބަލިން ދުރުވާން، ރަނގަޅު އާދަ ކިޔައިދީ އަމަލުން އެކަން ކުރުމަށް ބާރުއަޅަންވާނެ" ބެލެނިވެރިންނަށް އަމާޒުކޮށް ޑރ. އާސިޔަތު ވިދާޅުވެފައިވެއެވެ. " ރަނގަޅު ގޮތުގައި ގިނަގިނައިން އަތް ދޮވުމާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ބަންދުކުރުމާއި މީހުންނާއި ބައްދަލުކުރާ އިރު، ތިން ފޫޓް ދުރުގައި ތިބެ އަނގަބަހުން ސަލާމް ކުރުމާއި ގެއިން ބޭރަށް ނުގޮސް ތިބެންޖެހޭ ސަބަބު ކިޔައިދޭންޖެހޭ"
ކުދީން ސްކޫލަށް ނުގޮސް ގޭގައި ތިބޭއިރު، ހަމައެކަނި އިސްކުރީން ބޭނުން ކުރުމުގެ ބަދަލުގައި އެ ކުދިންނަށް ރަނގަޅު ގޮތުގައި ވަގުތު ހޭދަކުރެވޭނެ ގޮތްތައް މަގުފަހިކޮށްދޭންޖެހޭ ކަމަށާއި، ސްކޫލްގެ ޓީޗަރުން ދޭ އިރުޝާދުތަކަށް ބަލައި ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއް ކިޔެވުމަށް ކަނޑައަޅައި އެ ގަޑިތަކުގައި ކިޔެވުމަށް ބާރުއަޅާން ވާނެ ކަމަށްވެސް ޑރ. އާސިޔަތު ވިދާޅުވެފައިވެއެވެ.
" ގަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވަން ބާރުއަޅައި، ޒިކުރުކުރުމާއި ދުޢާކުރުން ގިނަ ކުރަން ވެސް ބާރުއަޅާން ޖެހޭ. އަޅުގަނޑުމެންގެ އެކެއްގެ ރައްކާތެރިކަން ގުޅިފައި ވަނީ އެންމެންގެ ރައްކާތެރިކަމާ. ގުޅިގެން ފަރުދީ ޒިންމާ އަދާ ކުރަމާ" އެ ވީޑިޔޯ މެސެޖް ނިންމާލައްވަމުން ޑރ. އާސިޔަތު ވިދާޅުވެފައިވެއެވެ.
އާސިޔަތު ދަނީ ކޮވިޑް19އާ ގުޅިގެން ހޭލުންތެރި ކުރުވުމަށް ކޮންމެ ދުވަހަކު ވެސް ތަފާތު މައުލޫމާތު އާންމުކުރައްވަމުންނެވެ.
ކޮވިޑް 19އާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން ފިލާވަޅުތައް ޕީއެސްއެމްގެ ޗެނަލުންނާއި ޔޫޓިއުބު މެދުވެރިކޮށް ގެނެސް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު