ކޮވިޑް19: ޔޫއޭއީގެ ސްކޫލުތައް ބަންދުކޮށް ގޭގައި ކިޔަވައިދޭން ފަށަނީ

2019 އަހަރުގެ ފަހުކޮޅުގައި ޗައިނާއިން ފެތުރެންފެށި ކޮރޯނާވައިރަސްގެ ނުރައްކާ އެކުވެރި އަރަބި އިމާރާތް ނުވަތަ ޔޫއޭއީގައިވެސް ދަނީ ފެތުރެމުންނެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން، އެގައުމުގެ ސްކޫލުތަކާ ޔުނިވަރސިޓީތަކުގެ ކިޔެވުން އެއް މަސްދުވަހުގެ މުއްދަތަށް ވަނީ މިހާރު ބަންދުކޮށްފައެވެ. އަދި ސްކޫލުތަކާ، ޔުނިވަރސިޓީތަކާ، އާންމުން ދަތުރުކުރާ ބަސްތައް ހިމެނޭގޮތަށް ސްޓެރިލައިޒް ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމުގައި އެގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

ސްކޫލް ބަންދަށްފަހުވެސް ގޭގައި ތިބެގެން ކުދިންނަށް އޮންލައިންކޮށް ކިޔަވައިދޭނެ ޕްރޮގްރާމެއް ފަށަން ޔޫއޭއީ އިން މިހާރުދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސަރުކާރު ސްކޫލުތަކުގެ ކުދިންނަށް ޚާއްސަކޮށް "ހޯމް ޓީޗިންގ" ޕްރޮގްރާމެއް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ޕްރައިވެޓް ސްކޫލުތަކުގައިވެސް، އޮންލައިންކޮށް "ގޫގުލް ކްލާސް ރޫމް" ނުވަތަ "ކްލާސް ޑޯޖޯ" ފަދަ ޕްރޮގްރާމެއް ބޭނުންކޮށްގެން ނަމަވެސް ކިޔަވައިދިނުމުގެ މަސައްކަތް ކުރުމަށް އެގައުމުގެ ސަރުކާރުން ދަނީ ބާރުއަޅަމުންނެވެ.

ޔޫއޭއީގެ ތައުލީމާ ބެހޭ އޮފިޝަލުން ސްކޫލުތަކުގެ ސްޓާފުންނާ ކުދިންގެ ބެލެނިވެރިންނަށް، މިކަމަށް އަހުލުވެރިވެ ތިބުމަށްވަނީ އަންގާފައެވެ. މިގޮތުން ކުދިންނަށް އުނދަގޫ ނުވާނެގޮތަކަށް ކިޔަވާނެ ވަކި ޖާގައަކާ، ކޮމްޕިއުޓަރާ ރަނގަޅު އިންޓަރނެޓް ލިބޭނެގޮތް ހަމަޖެއްސަންވަނީ އަންގާފައެވެ. ސްކޫލުތަކުންވެސް އޮންލައިންކޮށް ކިޔަވައި ދިނުމަށް ފިލާވަޅުތައް ތައްޔާރު ކުރަމުންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީންވަނީ މަޢްލޫމާތު ދީފައެވެ.

ވަރޗުއަލް ކްލާސް ރޫމެއްގައި ޓީޗަރާ ކުދިން ތިބެގެން ކިޔެވޭނެ މި ޕްރޮގްރާމް ޓެސްޓްކުރުމަށް ބޭއްވި ޓްރައިލް ރަނގަޅުކަމަށް ފާހަގަކޮށް، މިގޮތަށް ކިޔަވައިދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރަނގަޅު ފެންވަރުގެ އިންޓަރނެޓުގެ ޚިދުމަތެއް ލިބުންކަމަށް ކަމާބެހޭ އެގައުމުގެ ޗީފް އެގްޒެކަޓިވް އޮފް ސްކޫލް އޮޕަރޭޓަރ އެމްބަސެޑަރ އެޑިޔުކޭޝަން މރ. ކަމާލް ކަލްވާނީ ބުނެފައިވެއެވެ. އޮންލައިންކޮށް ކުދިންނަށް ކިޔަވާދޭނެ ޕްރޮގްރާމަށް ތައްޔާރުވާތާ މިހާރު ދެ ހަފްތާ ވެއްޖެކަމަށާ، އެކަމަށް ބޭނުންވާ އާލާތްތަކާއެކު މިހާރު ސްކޫލުތައް ތައްޔާރު ކަމަށްވެސް މރ. ކަމާލް ކަލްވާނީ ވިދާޅުވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *