2019 ވަނަ އަހަރުގެ އިނގިރޭސި ވިލާތުގެ ސެކަންޑަރީ ސްކޫލް ޕަރފޯމަންސް ރޭންކިންގެ 1 ވަނަ މުސްލިމު ކުދިން ކިޔަވާ ސްކޫލަކުން ހޯދައިފިއެވެ. މި މަގާމު ހޯދާފައިވަނީ، އެ ގައުމުގެ އަންހެން ކުދިންނަށް ހާއްސަކޮށް ކިޔަވައިދޭ، "ތައުހީދުލް އިސްލާމް ގާރލްސް ހައި ސްކޫލް" އިންނެވެ.
އިނގިރޭސި ވިލާތުގެ ބްލެކްބާން ސިޓީއަށް ނިސްބަތްވާ މި ސްކޫލުންވަނީ "ޕްރޮގްރެސް – 8 ސްކޯރ" އިން ވެސް އެގައުމުން 1 ވަނަ ހޯދާފައެވެ. "ޕްރޮގްރެސް – 8 ސްކޯރ" އަކީ އެގައުމުގެ ޕްރައިމަރީ ސްކޫލު ނިންމާ ކުދިންނާއި ސެކަންޑަރީ ސްކޫލު ނިންމާ ކުދިން، ކުރިއަރާފައިވާ މިންވަރު ވަޒަންކޮށްދެވޭ މާކުހެކެވެ.
އިނގިރޭސި ވިލާތުގެ މުސްލިމް ސްކޫލުތަކަށް އޮންނަ ނުރަނގަޅު ވިސްނުންތަކާ އެކުވެސް ތައުހީދުލް އިސްލާމް ގާރލްސް ހައި ސްކޫލުން ހޯދާފައިވާ މި ކާމިޔާބީ ފާހަގަކޮށް "މުސްލިމް ކައުންސިލް އޮފް ބްރިޓެއިން" އިން އެސްކޫލުގެ ކުދިންނަށާއި މެނޭޖްމަންޓް އަދި ބެލެނިވެރިންނަށް މަރުހަބާ ކިޔުއްވާ ބަޔާނެއް ނެރުއްވާފައިވެއެވެ. މި ބަޔާނުގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ފާހަގަކޮށްފައިވާ ގޮތުގައި، ތައުހީދުލް އިސްލާމް ގާރލްސް ހައި ސްކޫލުގެ ނަތީޖާއިން ދައްކާދެނީ، ޝައުގުވެރިކަމާ ބުރަ މަސައްކަތް ކޮށްފިނަމަ، ކޮންމެ ނަސްލަކުން އައިސް ހުރި ކުއްޖަކަށްވެސް ކާމިޔާބީ ހާސިލް ކުރެވޭނެ ކަމެވެ.
2019 ވަނަ އަހަރު އިނގިރޭސި ވިލާތުގެ އެންމެ މޮޅު 10 ސްކޫލުގެ ތެރެއިން 5،6 އަދި 10 ވަނައަށްވެސް ހޮވިފައިވަނީ މުސްލިމް ކުދިންނަށް ހާއްސަކޮށް ކިޔަވައިދޭ ސްކޫލުތަކެކެވެ. އެއީ 5 ވަނައަށް "ބޯލްޓަން މުސްލިމް ގަރލްސް ސްކޫލް" ، 6 ވަނައަށް "އެޑެން ގަރލްސް ސްކޫލް ކޮވެންޓްރީ" އަދި 10 ވަނައަށް "ތައުހީދުލް އިސްލާމް ބޯއީސް ހައި ސްކޫލު" އެވެ.
6 ޓީޗަރުންނާ 96 ކުދިންނާއެކު 1984 ގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށި ތައުހީދުލް އިސްލާމް ގާރލްސް ހައި ސްކޫލް ގައި މިހާރު 800 އަށްވުރެ ގިނަ ދަރިވަރުން ކިޔަވައެވެ.
advertisment
ހިޔާލު