ރަށު ސްކޫލުން ކިޔަވައިގެން ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދުމަކީ ކުޑަ ފަޚުރެއް ނޫނެވެ. އަދި އެއަށްވުރެ ބޮޑު ފަޚުރަކީ މާއުނގޫދޫ ސްކޫލަށް މި އަހަރު 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރާއިރު، އެ ސްކޫލްގެ އެންމެ ޝަރަފުވެރި ދަރިވަރަށް ވުމެވެ.
ކުޑައިރުއްސުރެ އަހުމަދު ރިޝްވާން ހިސާބަށް ފޯރި ހުރެއެވެ. މަތީ ގްރޭޑްތަކަށް ދިއުމުން ހިސާބުގެ އުނދަގޫ ބޮޑެތި ނަންބަރުތައް ހައްލުކުރުން، އެއީ އޭނާ ވަރަށް ކުރާހިތްވި ކަމެކެވެ. އެކަން ކުރަން އޭނާ ފޫއްސެއް ނުވެއެވެ. ކިތަންމެ ގިނަ ވަގުތެއް ވެސް އޭނާ އެ ކަމުގައި ހޭދަކޮށްފާނެއެވެ. އޭގެ ނަތީޖާ ވެސް ފިސާރި ފޮންޏެވެ.
" އެހެން މާއްދާތަކަށް ވުރެ މާ ބޮޑު ސަމާލުކަމެއް ހިސާބަށް ދެވުމުގެ ނަތީޖާ މި ފެނުނީ" ރިޝްވާން ބުންޏެވެ.

އެ ދުވަސްވަރު ކިޔަވައި ދިނީ ކޮމާސް ސްޓްރީމާއި ސައިންސް ސްޓްރީމް އެއްކޮށްލައިގެންނެވެ. އޭގެ ތެރެއިން އަށް މާއްދާ އޭލެވެލްގައި ރިޝްވާން ހެދިއެވެ. މި ހުރިހާ މާއްދާއަކުން ވެސް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދައި، 2013 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ގައުމީ ގަދަ ދިހައެއްގެ ފަސް ވަނައިގައި ރިޝްވާން ހިމެނުނެވެ. އަދި ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދިއެވެ. އެ އަހަރު ދުނިޔެއިން އެއްވަނަ ހޯދީ އެންމެ ހަތަރު ކުދިންނެވެ. ހިސާބުން އެންމެ ދެ ކުދިންނެވެ. އޭގެ ތެރޭގައި އޭނާ ހިމެނުމަކީ މަންމަމެންގެ ކައިރީގައި ހުރެ، ރަށު ސްކޫލުން ކިޔަވައިގެން އޭނާ ހޯދައިދިން އެންމެ ގަދަރުވެރި ޝަރަފެވެ. އެ ޝަރަފާމެދު މިހާރުވެސް އޭނާ ފަޚުރުވެރިވެއެވެ.

އެ އަހަރު މާއުނގޫދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދައި، އޭނާ ދަނީ އެ ސްކޫލަށް ޚިދުމަތް ކުރަމުންނެވެ. އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ ސަބަބުތަކެއް ހުރީމައެވެ.
" މައިންބަފައިންނަކީ މާލީ ގޮތުން ތަނަވަސް ބަޔަކަށް ނުވާތީ، ރަށުގައި ހުރެ ވަޒީފާއެއް އަދާކުރަމުން ކިޔަވަން ބޭނުންވީ" މިހާރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފަސްޓްޑިގްރީއަށް ކިޔަވަމުންގެންދާ ރިޝްވާން ބުންޏެވެ.
ރިޝްވާން ދަނީ މިހާރު ވެސް ޓިއުޝަން ދެމުންނެވެ. ސްކޫލުން އެދިގެން ބައެއް ކޫލާސްތައް ވެސް އޭނާ ނަގައިދެއެވެ. އެކަން އޭނާ ކުރަނީ ރަށާއި ސްކޫލަށް ޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައެވެ. ކިޔަވާ ދަރިވަރުންގެ ކުރިމަގަށް ޓަކައެވެ.

" އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑު މި ހޯދި ފަދަ ކާމިޔާބީއެއް އެއަށްވުރެ މަތިން ހޯދުން. އެއީ ނުވާނެ ކަމެއް ނޫން. މިހާރުވެސް މޮޅެތި ކުދިން ކިޔަވަމުންދޭ. އެފަދަ ދަރިވަރުންތަކެއް މާއުނގޫދޫ ސްކޫލުން ވެސް އެބަ ފެނޭ" ރިޝްވާން ބުންޏެވެ.
advertisment
5 Responses
މުޅި އާއިލާއާއި ރަށާއި އަތޮޅު ފަހުރުވެރިވާ ދަރިއެއް
މުޅި އާއިލާއާއި ރަށާއި އަތޮޅު ފަހުރުވެރިވާ ދަރިއެއް
ސުކޫލް ގެ ތާރީހް އެކަންޏެއް ނޫނޭ މުޅިރާއްޖޭގެ ތާރީހް ވެސް ބަދަލުކޮށްލި ފަހުރުވެރި ދަރިވަރެއް. އަހަރެމެން ރިޝްވާން އަށް ކާމިޔާބީއަށް އެދެން
ކިޔެވުމަކީ އުފަލަކަށް ހަދައިގެން ކިޔަވާ ކޮންމެ ކުއްޖަކަށް މިސާލެކެވެ.
މުޅި ރަށާއި އާއިލާ ފަހުރުވެރިވާ ދަރިޔެއް. އަދިމުޅި ރަށަށް ހޯދައިދިން ރީތި ނަމެއް.