މަދަރުސީ ޙަޔާތް: ޑރ. އަބުދުﷲ ރަޝީދުގެ ޢިލްމީ ދަތުރު

މަދަރުސީ ތަޢުލީމު ގުޅިފައި ވަނީ އުފަން ރަށް، ފުވައްމުލަކުގައި ހުރި އުނގަންނައިދޭ ތަންތަނާއެވެ. އެ ތަންތަނުން ކިޔެވުނު އެންމެ މައްޗަކަށް ރަށު ތަޢުލީމު ނިންމާލި އިރު، އޭރު އޯލެވެލް ހެދޭކަށް ނެތެވެ. އޭލެވެލްއާ ހަމައަށް ދެވޭނެ ގޮތެއް ވެސް ނޯވެއެވެ. ގިނަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އޭރު ނިންމާލަނީ އިތުރު ގޮތްތަކެއް ފަހިވެފައި ނެތުމުންނެވެ. ޑރ.ޢަބުދުﷲ ރަޝީދަށް ވެސް އެކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް ޢަބުދުﷲ ރަޝީދު ހޯއްދެވީ އެހެން ގޮތެވެ. ނެރުއްވީ އިތުރު ހިތްވަރަކާއި އާ ޢަޒުމެކެވެ. ނިންމެވީ އަމިއްލަފުޅަށް ކިޔަވައި ވިދާޅުވާށެވެ.

" އަޅުގަނޑުމެން ކުޑައިރު ފުވައްމުލަކުގައި ރަސްމީ ތަޢުލީމުދޭ ސްކޫލެއް ނެތް. އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ ނިޔާވި. ބައްޕަގެ ސިފަ ހަނދާނެއް ވެސް ނެތް. ނަމަވެސް ބައްޕަ ދުނިޔޭގައި ބައްޕަ ސްކޫލެއް ހިންގެވިކަން އެނގޭ. ނާޒިރެއްގެ ހައިސިއްޔަތުން. ބައްޕަ ނިޔާވުމާއެކު އެ ސުކޫލު ވެސް ހުއްޓުނީ." ޅަފަތުގެ ތަޢުލީމީ ހަޔާތުގެ ވާހަކަ ޢަބުދުﷲ ރަޝީދު ފެއްޓެވީ ބައްޕަގެ މާޒީންނެވެ.

" އަޅުގަނޑު އެންމެ ފުރަތަމަ އެދުރުގެއިން ގުރުއާން ކިޔެވީ. އެއީ މިސްކިތް މަގުގައި ހުންނަ މަކުތަބެއް. އަދި މާދަނޑު އަވަށުގައި ޢަބުދުﷲ ސަޢީދު ހިންގެވި މަކުތަބުން ވެސް ކޮންމެ ވެސް ވަރަކަށް ކިޔެވިން. އަތޮޅު ތެރެއަށް ތަޢުލީމު ފުޅާވެ ފުވައްމުލަކުގައި މިހާރު އަތޮޅުގެ ގޯތިތެރޭ ފަނުން އަތޮޅު މަދަރުސާއެއް އެޅި. ފަހުން ތަޢުލީމު ހާޞިލުކުރީ އެ ތަނުން" ޢަބުދުﷲ ރަޝީދު ވިދާޅުވީ އަތޮޅު މަދަރުސާގައި ކިޔަވާވިދާޅުވި އިރު ކިޔެވުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނުކަމަށެވެ. ޢަބުދުﷲ ރަޝީދު އަތޮޅު މަދަރުސާގައި ތަޢުލީމު ހާޞިލުކުރެއްވި ދުވަސްވަރަކީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒު ފުވައްމުލަކުގައި ހުޅުވުނު ދުވަސްވަރެވެ.
" މަރުކަޒު އުފެދުމުން ޚާއްޞަ ކުލާސްތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ތަޢުލީމު ދިން. ރިޕީޓް ކުލާސްތަކެއް ކުރިއަށް ގެންދިޔަ. ކަނޑައެޅުނު މުގައްރަކަކަށް އެ ކުލާސްތަކުގައި ކިޔަވައިދެމުން ދިޔައީ. އެ ހިސާބުން މަދަރުސީ ތަޢުލީމު ނިމުމަކަށް އައި. ރަށުން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔެވުނު" މަދަރުސީ ތަޢުލީމު ނިންމެވި ގޮތް ޢަބުދުﷲ ރަޝީދު ހިއްސާކުރެއްވިއެވެ.

އެހިސާބަށް ދިޔައިރު ޢަބުދުﷲ ރަޝީދު ދެން ކުރައްވަންވީ ކޮން ކަމެއްކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަތެވެ. ދިރިއުޅުމަކީ ކޮބައިކަމާއި ކަންކަން ކުރައްވަންވީ ކޮން ގޮތަކަކަށް ވެސް އެނގިވަޑައިގަތެވެ. އެ ކަންކަން ދަސްކޮށްދެއްވީ އޭނާ އުނގެނިވަޑައިގެން ސްކޫލުންކަން ޢަބުދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ.
"ސްކޫލުއުޅުނުއިރު އަމަލީ މަސައްކަތް ކުރެވުނު. މި ހިސާބަށް އާދެވި ކަންކަމުގައި އަމިއްލައަށް ކުރިމަތިލައިގެން ކަންކަން ކުރަން ދަސްވީ ސްކޫލު ތެރެއިން. އޭރު އޮންނަ ގޮތަކީ ހެދުނު ދަނީ ކިޔަވަން. މެންދުރު ފަހު އޮންނަނީ ކުޅުމާއި ސްކޫލު މަސައްކަތްތައް ކުރުމާއި ގަސްތަކަށް ފެންދިނުން ފަދަ ކަންކަން. ފަތިހު ވެސް ސްކޫލަށް ގޮސް ވޮލީކުޅުންފަދަ ކަންކަން ކޮށް އުޅުނިން. ސްކޫލުތެރޭގައި އެކި ވައްތަރުގެ ދޫނި ގެންގުޅުމާއި ބެލެހެއްޓުމާއި ކުޅިއަށް ގޮސް މަސްބާނައިގެން ގެނެސް ދޫނިތަކަށް ކާންދިނުން ފަދަ ވަރަށް ގިނަ ކަންކަން ކުރެވުނު. އެ ކަންކަމުން އެނގުނީ ހަޔާތަކީ ވަރަށް މާނަފުން ކަމެއްކަން. އެއީ މަސައްކަތްކޮށްގެން ކާމިޔާބު ކުރެވޭނެ ކަމެއްކަން." އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޑރ. ޢަބުދުﷲ ރަޝީދުގެ ގަބޫލުކުރައްވާ ގޮތް ހިއްސާކުރެއްވިއެވެ.

ޓީޗަރަކަށް ހުންނަވާ އުނގެނުމަށް ކުރެއްވި މަސައްކަތް

ރަށުން ތަޢުލީމު ހާޞިލުކުރެއްވުމަށްފަހު ޑރ. ޢަބުދުﷲ ރަޝީދު ނިންމެވީ ޕްރައިމަރީ ޓީޗިން ހައްދަވާށެވެ. އެ ނިޔަތުގައި 1985 ން 1986ށް ކުރިއަށް ގެންދިޔަ ދަސްކުރާ މުދައްރިސުންގެ 10 ވަނަ ބުރުގެ ކިޔެވުން ފެއްޓެވިއެވެ. އެ މަރުޙަލާގައި ވެސް ޢަބުދުﷲ ރަޝީދު ގެންދެވީ އުނގެނުމުން ލިބިވަޑައިގަންނަވާ މިންވަރު އިތުރުކުރައްވަމުންނެވެ. ރަނގަޅު ނަތީއެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ކޯހުން 1 ވަނަ ދަރަޖައިގައި ފާސްވި 5 ދަރިވަރުންގެ ތެރޭގައި ޑރ.ޢަބުދުﷲ ރަޝީދު ހިމެނިވަޑައިގަތެވެ. ނަމަވެސް އެވަރުން ކިޔެވުނީކަމަކަށް ޢަބުދުﷲ ރަޝީދު ގަބޫލުފުޅެއް ނުކުރެއްވިއެވެ. އަދިވެސް އިތުރަށް ކިޔަވާވިދާޅުވާން ބޭނުންފުޅުވިއެވެ.

" މުދައްރިސް ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ދެން ގުޅުނީ ޏ. އަތޮޅު ތަޢުލީމާ މަރުކަޒާ. އެތަނުގައި ކިޔަވައިދެމުން ގެންދިޔަ އިރު ވެސް ވިސްނުން ހުރީ އިތުރަށް ކިޔެވުމަށް. އެހިސާބުން އަމިއްލައަށް ކިޔަވަން ފެށިން. ސްކޫލުގައި ކިޔަވައިދޭން ތިބި ޓީޗަރުންގާތުން ކިޔަވަން ފެށީ. ކޮންމެ ރެއަކުހެން ކިޔަވަމުން ދިޔައިން. އިނގިރޭސި، އެކައުންޓިން ކިޔެވިން. އަދި ކޮމާސް ވެސް އަމިއްލައަށް ކިޔެވިން. އޯވެލެވެލް ވެސް ހެދިން ނަތީޖާ ވެސް ރަނގަޅު" ކިޔަވައިދެއްވަމުން އިތުރަށް ކިޔަވާވިދާޅުވަމުން ގެންދެވި އަބްދުﷲ ރަޝީދުވަނީ އޯލެވެލް ހައްދަވައި ރަނގަޅު ނަތީޖާއެއް ވެސް ހޯއްދަވާފައެވެ.
އަބްދުﷲ ރަޝީދު ގަބޫލުފުޅު ކުރެއްވީ ޓީޗަރެއްގެ ގޮތުގައި ހުންނަވާއިރު އަދި އިތުރަށް އުނގެނިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށެވެ. އެ ގަބޫލުކުރެއްވުމާއެކު ކުރިއަށް އެޅުއްވީ މުހިންމު ފިޔަވަޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް ހެޑްމާސްޓަރުން ތަމުރީނު ކުރުމަށް ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ފޮނުއްވި ފުރަތަމަ ބެޗްގައި ހިމެނިވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާއެކު އެފުރުޞަތުގެ ބޭނުން ހިއްޕެވިއެވެ.

" އެ ފުރުޞަތުގައި ހެދީ ސްކޫލު މެނޭޖްމަންޓްގެ ޑިޕްލޮމާއެއް. ނަމަވެސް އެކަން ކުރަމުން ދިޔައިރު އެފުރުޞަތުގައި އިތުރަށް ކިޔެވޭނެ ގޮތެއް ފަހިވޭތޯ ބެލިން. އެގޮތުން އަޅުގަނޑު ދިޔައީ އަމިއްލަގޮތުން ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހަދަމުން. އޭލެވެލްގެ އިނގިރޭސި ވެސް ހަދަމުން ދިޔައިން. އަނެއްހެން ބުނާނަމަ ތިން ކޯހެއް އެއް ފަހަރާ ދިޔައީ ހަދަމުން" މަތީ ތަޢުލީމުގެ އެ ހަރުފަތަށް ފަހު ވެސް ޢަބްދުﷲ ރަޝީދުގެ ޚިދުމަތް ކުރައްވަމުން ގެންދެވެނީ ތަޢުލީމީ ދާއިރާއަށެވެ.

ހުވަފެން ހަގީގަތަކަށް – ޚާއްޞަ ޝަރަފެއް

ޓީވީ ން ފެންނަމުން ދިޔައީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރާއްޖޭއަށް ރީތިނަން ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ އިނާމު ދެއްވާ މަންޒަރެވެ. އެ މަންޒަރު ބައްލަވަން ޢަބުދﷲ ރަޝީދު އިންނެވިއެވެ. އެއީ ހާދަ ބޮޑު ޝަރަފަކާއި ފަޚުރެކެވެ. ރާއްޖެއަށް ރީތި ނަމެއް ހޯދައި ދިނުމަކީ ކުޑަކަމެއް ނޫނެވެ. އެ ޝަރަފު ހޯއްދަވަން ޢަބުދުﷲ ރަޝީދު ވެސް ބޭނުންފުޅު ވިއެވެ. ވިންދުތަކުން އެ ޝުޢޫރު ޖަހަން ފެށިއެވެ. އެ ޢަޒުމް ހިތުގައި ދިރެން ފެށިއެވެ. އެ ހުވަފެނާއެކު މަތީ ތަޢުލީމުގައި ކުރިއަށް ވަޑައިގަތެވެ.

ޢަބުދުﷲ ރަޝީދު މެލޭޝިއާއަށް ކިޔަވަން ވަޑައިގަތީ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރާއި ހުވަފެނަކާ އެކުއެވެ. "އަޅުގަނޑުގެ ޑްރީމެއް އޮތް. ރައީސުލް ޖުމްހޫރިއްޔާ އެ ދެއްވާ އެވޯޑާއި ފަޚުރާއި ޝަރަފު ހޯދަން ބޭނުންވި. އެ ހުވަފެން ހާސިލުކުރުމަށް ވަރަށް މަސައްކަތްކުރީން. ފުރަތަމަ އަހަރު 14 މޮޑިއުލް ކިޔެވިއިރު އެ ހުރިހާ މާއްދާއަކުން ޑިސްޓިންގޝަން ހޯދުނު. 2 ވަނަ އަހަރު 3 ވަނަ އަހަރު ނިންމާލި އިރު ދެ މެރިޓެއް ނޫނިއްޔާ މުޅިން ވެސް ހޯދީ ޑިސްޓިންޝަން ނުވަތަ ހައި ޑިސްޓިންގޝަން. އެހިސާބުން ދާން ބޭނުންވާ ދިމާއަށް ދެވޭކަން ޔަގީންވި" މެލޭޝިޔާގެ ބައިނަރީ ޔުނިވަރސިޓީ ކޮލެޖުގައި، ޖަނަވަރީ 2004 ން ޑިސެންބަރު 2006 ށް ހިންގި އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިޔާގެ ބެޗްލަރ ކޮމާރސް ކޯހުން ޑރ. ޢަބުދުﷲ ރަޝީދު ފަޚުރުވެރި 1 ވަނަ ހޯއްދެވިއެވެ.

މުޅި ފެކަލްޓިން 1 ވަނަ އަދި މުޅި ޔުނިވަރސިޓީން ވެސް 1 ވަނަ ހޯއްދެވިއެވެ. އެ ޝަރަފާއެކު މެލޭޝިއާ ޔުނިވަރސިޓީން އެކަޑެމިކް އެކްސެލެންސް އެވޯޑް ލިބިވަޑައިގަތެވެ. އޮސްޓްރޭލިއާގެ ޓެސްމޭނިއާ އިން ޑީންސް ރޯލް އޮފް އެކްސެލެންސް އެވޯޑް ވެސް ލިބިވަޑައިގަތެވެ.
އޭގެ އިތުރުން ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު 2007 ވަނަ އަހަރު ޢަބުދުﷲ ރަޝީދަށް ލިބިވަޑައިގަތެވެ. ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން އެ ޝަރފު ލިބިވަޑައިގަތުމަށް ދުށް ހުވަފެން ސީދާ ކުރެއްވިއެވެ. ވަކިކަމެއް ހާސިލުކުރުމަށް ހުވަފެނެއް އޮވެގެން ގަދައަޅައި މަސައްކަތް ކުރާނަމަ އެކަން ކާމިޔާބު ކުރެވޭނެކަން އަބުދުﷲ ރަޝީދުގެ މަސައްކަތުން ސާބިތު ކޮށްދެއްވިއެވެ.
ޢަބުދުﷲ ރަޝީދުގެ ކިޔަވާވިދާޅުވުން އެހިސާބުން ނިންމައެއް ނުލައްވައެވެ. އޭނާ ވަޑައިގަތީ ކުރިއަށެވެ. "އަބަދުވެސް އެންމެ އުފާވާކަމަކީ ކިޔެވުން. ކިޔަވަން ފޫއްސެއް ނުވާނެ. ވަރުބައްޔެއް ވެސް ނުވާނެ. މާސްޓަރސް ނިންމާފައި މަޑުނުކޮށް ޕީއެޗްޑީއަށް ކިޔަވަން ފެށިން. އެއީ ވެސް ވަރަށް ބޮޑު ޑްރީމެއް. އިރާދަކުރެއްވިއްޔާ އެކަން ވެސް ފުރިހަމަވި." އިންސްޓްރަކްޝަނަލް ލީޑަރޝިޕުން ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމަކީ މުޖުތަމަޢަށް ކުރެވޭނެ އެންމެ ބޮޑު އެއް ޚިދުމަތެވެ.
" ހަގީގަތަށް ދަންނަވާނަމަ ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމަކީ މުޖުތަމަޢަކަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތް. ކިޔަވައިދިނުމަކީ ރަނގަޅަށް ކުރެއްވިއްޖެނަމަ ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް. ވަރަށް މާތްކަމެއް ވަރަށް ބުރަކަމެއް" މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ޓީޗަރ އެކްސެލެންސް އެވޯޑް ތަޢާރަފުކުރައްވައި އެންމެ ފުރަތަމަ ހޮއްވެވި އެންމެ ރަނގަޅު ޕްރިންސިޕަލްގެ މަގާމު ލިބިވަޑައިގަތް ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *