ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ސަމާލުވޭ: އެޗްޕީއޭ

ކޮވިޑް 19 ފެތުރެމުންދާތީ، ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އެދިއްޖެއެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރުން ނުވަތަ ނުކުރުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމުގައި އެޗްޕީއޭއިން ވަނީ ހަދާން ކޮށްދީފައެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކުން، ބޭރަށް ދަތުރު ކުރުމުގެ ކުރިން، ދަތުރުކުރާ ޤައުމުގައި ބަލީގެ ހާލަތު ރަނގަޅަށް ދެނެގަތުމަށާއި، ބަލި ފެތުރޭ ޤައުމުތަކަށް ދަތުރު ނުކުރުމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ފަރުވާކުރާ ބަލިތައް ހުންނަ ފަރާތްތަކުން، ކޮންމެހެން ކުރަންޖެހިގެން މެނުވީ މިދުވަސްވަރު ރާއްޖެއިން ބޭރަށް ދަތުރު ނުކުރުމަށެވެ.

ދަތުރު މަތީގައި އުޅޭއިރު، ހުމާއި، ކެއްސުމާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކާއި ގާތްވެ ނޫޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން، ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުންކުރުން އަދި ދަތުރުމަތީގައި އުޅޭއިރު ހޭންޑް ސެނިޓައިޒަރ ހިފައިގެން އުޅުމަށާއި، މޫނާއި، ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ކާބޯތަކެތި، ޚާއްސަކޮށް އެއްގަމުމަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށާއި، ޖަނަވާރު ގެންގުޅޭ ތަންތަނަށް އަދި އެއްގަމުމަސް ވިއްކާ ބާޒާރު (ވެޓް މާރކެޓް ތަކަށް ނުދިއުމަށާއި، ކޮންމެހެން ދާން ޖެހިގެން މެނުވީ ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ނުދިއުމަށާއި، ކެއްސާ ކިނބިހި އަޅާނަމަ އަނގައާއި ނޭފަތް ރަނގަޅަށް ނިވާކުރުން، އަދި ވަގުތުން ޓިޝޫ ޑަސްބިނަށްލުން އަދި އަތް ދޮވުމަށްވެސް އިރުޝާދު ދީފައި ވެއެވެ.

ދަތުރު ކުރާ ގައުމުތަކުން އަންގާ އިރުޝާދުތަކަށް އަމަލުކުރުމަށް ބާރު އަޅަމުން އެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް 19 ގެ އަލާމާތެއް ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރަށް ނޫނީ ހޮސްޕިޓަލަށް ނުގޮސް އެފަދަ މީހުން ތާނެ ތަނެއް ކަނޑައަޅާފައިވާނަމަ އެތަނަކަށް ދިއުމަށެވެ.
ރާއްޖެއިން އަންނަ ފަރާތްތަކުންވެސް 14 ދުވަސްތެރޭގައި ހުންއައިސް ރޯގާ ޖެހުމާއި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސް ނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް ދަތުރުކުރައްވާ ފަރާތްތަކުންވެސް ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށާއި، ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ، ރަނގަޅަށް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި ޓިޝޫ ޑަސްބިނަށްލުމަށްފަހު އަތްދޮވުމަށް އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *