އައްޑުއަތޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު 1975 ވަނަ އަހަރު ފުރިހަމަ ކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1 ފެބުރުވަރީ 1975 ގައި، ޕްރައިމް މިނިސްޓަރ އޮފީހުގެ އިނގިރޭސި ކާތިބު ކަމުގެ މަގާމުންނެވެ. ތަޢުލީމީ ދާއިރާއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމާއެކު، ޕްރައިމަރީ ޓީޗިންގެ އިތުރުން "ދިވެހި މާއްދާ" ކިޔަވައިދިނުމުގެ ސަނަދު ހާސިލުކުރެއްވުމަށްފަހު، 19 ޖުލައި 1975 ގައި، މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި އެ ކިޔަވައިދެއްވަން ފެއްޓެވިއެވެ.

އިންޑިއާގެ މައިސޫރުން 1976 ވަނަ އަހަރު، ޕްރައިމަރީ ޓީޗިންގ ޑިޕްލޯމާ ހާސިލުކުރައްވައި، 1981 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެޑިންބަރާގެ މޯރޭ ހައުސް ކޮލެޖް އޮފް އެޑިޔުކޭޝަނުން ހިސްޓްރީ އެންޑް ފިލޯސޮފީ އޮފް އެޑިޔުކޭޝަންގެ ރޮނގުން ސެޓުފިކެޓު ހާސިލުކުރައްވައި އަދި ހަމަ އެ އަހަރު އެ ކޮލެޖުން އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ރޮނގުން ޑިޕްލޯމާ ހާސިލުކުރެއްވިއެވެ. އަދި 1990 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމް އިން މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރެއްވިއެވެ. ޕީއެޗްޑީ ހާސިލުކުރެއްވީ، 2004 ވަނަ އަހަރު އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަރސިޓީންނެވެ. ޕީއެޗްޑީ ތީސީސް ބިނާކުރެއްވީ، ސްކޫލް މަންހަޖު އެކުލެވުމުގެ މައްޗަށެވެ. ޕީއެޗްޑީ ހާސިލުކުރައްވައިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑޮކްޓަރ މުޞްޠަފާއަށް 2004 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ.
ފުރަތަމަ ދިރާސާ ތާނަ ޓައިޕްރައިޓަރުގެ ފެށުން
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ. އޭރު ހިންގެވި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުގައި 31 ޖަނަވަރީ 1977 ގައި ޚިދުމަތް ފެށްޓެވި ހިސާބުން ފެށިގެން ކިޔަވައިދެއްވުމަށް މީހުން ބިނާކުރެއްވުމުގައި ޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެ މަނިކުފާނު އަދާކުރެއްވިއެވެ. އޭރު ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން ފެށުނު މި ދެންނެވި ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވަން ޖެހިވަޑައިގެންނެވީ، ރާއްޖޭގައި އޭރު ނުކުތް ނޫސްތަކުގައްޔާއި، މަޖައްލާތަކުގައްޔާއި، ފޮތްތަކުގައި ލިޔެފައި ހުންނަ އެކި ލިޔުންތަކާއި މަޒުމޫނުތަކުގައި ބޭނުންކޮށްފައި ހުންނަ އަކުރުތަކުގެ އަދަދުތަކާއި، އެންމެ ގިނައިން ބޭނުންކުރެވޭ އަކުރަކީ ކޮބައިތޯ ބެއްލެވުމުގެ މަސައްކަތެވެ. ޙަޤީޤަތަށް ދަންނަވާނަމަ، އެއީ ތާނަ ޓައިޕްރައިޓަރު އުފެއްދެވުމުގެ މަސައްކަތުގެ ފެށުމެވެ. ޓައިޕްރައިޓަރުގެ ކީބޯޑުގެ އަކުރުތައް ތަރުތީބު ކުރެއްވީ، މި ދިރާސާގެ އަލީގައެވެ.

މުދައްރިސުން ތަމްރީނު ކުރެއްވުމަށް އިސްކަން ދެއްވި
ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި، އަމީނިއްޔާ ސްކޫލްގެ މުދައްރިސް ގަލޮޅު ނޫރީފެހި އަޙްމަދު ޝަހީމްގެ ލަފާގެ މަތިން ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވުމަށް އޭރު އަތޮޅުތަކުން ގެންނެވި ފަނަރަވަރަކަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭރު އިސްކަންދެއްވީ، ކިޔަވައިދިނުމުގެ ހުނަރަށެވެ. ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވަމުން ގެންދެވީ، ރޭގަނޑުގެ ވަގުތުގައި އަމީނިއްޔާ ސްކޫލްގައެވެ. ހެނދުނު ކުރައްވަނީ، ކިޔަވައިދިނުމަށް ބޭނުންކުރާނެ ޓީޗިންގ އެއިޑްސްއާއި ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރެއްވީ، އޭރު އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް ހިންގަމުން ގެންދިޔަ އަތޮޅުފިހާރައިގެ މަތީބުރީގައެވެ. މެންދުރުފަހު ޚާއްޞަކޮށްފައި އޮންނަނީ، ޓީޗިންގ އެއިޑްސް ބޭނުންކޮށްގެން ކުލާހުގައި ހުނަރު ޕްރެކްޓިސްކޮށް ތަޖުރިބާ ކުރުމަށެވެ. ފުރަތަމަ އެ މަސައްކަތް ފެށްޓެވީ، ދިވެހި މީޑިއަމަށް ކިޔަވައިދޭގޮތަށެވެ. މާލޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުން ގެންދާތީ، މި ދެންނެވި ޓީޗަރުންނަށް އެ ސްކޫލްތަކުގައި ޕްރެކްޓިސް ދެވެން ނެތުމާއެކުގައި، މާލޭގައި އޭރު ސްކޫލަކަށް ނުދާ ވިއްސަކަށް ކުދިންގެ ކްލާހެއް ހައްދަވައިގެން އަތޮޅުތަކުން ގެނެވުނު މީހުންނަށް، އަމީނިއްޔާ ސްކޫލްގައި ކޮންމެ ދުވަހަކު ހަވީރުގެ ވަގުތުތަކުގައި ތަމްރީނުތައް ކުރިއަށް ގެންދެވިއެވެ.

ކަރިކިއުލަމްގެ މަސައްކަތްތައް އޭރު ފެށިފައި ވުމާއެކު، "ދިވެހި" މާއްދާ ކިޔަވައިދޭނެ ފޮތްތައް ލިޔުއްވުމުގެ މަސައްކަތް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވިއެވެ. އެ މަސައްކަތް ފެށްޓެވުމުގެ ކުރިން، ފޮތްތަކުގައި ކުރެހުންތައް ހިމަނަންޖެހޭތީ، މީހުންނަށް ކުރެހުންތަކާއި ނިޝާންތަކުގެ މާނަ އެނގޭތޯ ބެލުމަށް އޭރު ކުރެވުނު މަސައްކަތުގައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ ނިޝާންތައް އެނގެނީ ކިހާ މިންވަރަކަށްތޯ ބެއްލެވުމަށް ކުރެއްވި މަސައްކަތުގައި، ގަބޫލުކުރައްވަން ދަތިފުޅުވި އެތައް ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ގިނަ ސްކޫލްތަކެއްގެ ހެޑްމާސްޓަރު
އަތޮޅު ތެރެއަށް ތަޢުލީމު ފުޅާ ކުރުމުގެ ގޮތުން ފެށި މަޝްރޫއުގެ ދަށުން ކޮމިއުނިޓީ ސްކޫލް ފުރަތަމަ ހުޅުވީ ބ. އޭދަފުށީގައެވެ. އޭދަފުށީގައި ހުޅުވި ކޮމިއުނިޓީ ސްކޫލްގައި ފުރަތަމަ ފިލާވަޅު ނަންގަވައި ދެއްވީ ޑރ. މުސްތަފާ ލުތުފީއެވެ. އޭގެ ފަހުން ދެވަނަ ކޮމިއުނިޓީ ސްކޫލް ހދ. ކުޅުދުއްފުށީގައި ހުޅުވި ކޮމިއުނިޓީ ސްކޫލްގެ ޕްރިންސިޕަލްގެ ހައިސިއްޔަތުން އުނގަންނައިދެއްވުމުގެ އިތުރަށް، ކުޅިވަރާއި ކަސްރަތާއި، މަސައްކަތްތެރިކަން ހިމަނުއްވައިގެން، ވަށާޖެހޭ ތަޢުލީމެއް ދެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ސްކޫލްގެ ގޯތިތެރޭގައި ކުދިންނަށް ހިތްހަމަޖެހޭފަދަ މާޙައުލެއް ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ނުވަތަ ޕީޓީއޭ ފުރަތަމަފަހަރަށް އުފެދިގެންދިޔައީ ވެސް ޑރ މުސްތަފާގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ކޮމިއުނިޓީ ކުލަބެއް އުފައްދަވައި، އެ ކުލަބުގެ ރައީސްގެ ހައިސިއްޔަތުން އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ކޮމިއުނިޓީ ކުލަބުގެ ގޮފިތައް އުފައްދަވައި ބޮޑެތި މީހުންނަށް ކިޔަވައިދެއްވުމަށް ޚާއްޞަ ކުލާސްތަކެއް ފެށްޓެވިއެވެ.
އެ ދުވަސްވަރަކީ، ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތްވެސް ނުލިބޭ ދުވަސްވަރަކަށް ވުމާއެކު، އޭރު ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ގިރާކުރައްވައި، ރޭގަނޑު ފާނޫޒާއި ބިގަރުގެ އަލީގައިވެސް ކުލާސްތައް ކުރިއަށް ގެންދެވިއެވެ. އޭރު ފާނޫޒަށާއި ބިގަރަށް ތެޔޮއަޅައިދެނީ، ކިޔަވަން އަންނަ މީހުން، އެ މީހުންގެ އަމިއްލަ ޚަރަދުގައެވެ.
ޑރ. މުސްތަފާ ވަނީ، ބ. އަތޮޅު އޭދަފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ހދ. އަތޮޅު ކުޅުދުއްފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ރ. އަތޮޅު މީދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ޅ. އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ހެޑްމާސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ތަޢުލީމީ ޙާލަތާއި، ތަޢުލީމީ ގޮތުން ސްކޫލް މަދަރުސާތައް ކުރިއަރައިފައިވާ މިންވަރު ދެނެގަނެ، ދިރާސާތައް ކުރެއްވުމުގެ މަސައްކަތްތައް، އިސް ބޭފުޅެއްގެ ގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ މަސައްކަތް ކުރެއްވިއެވެ. މިގޮތުން، ސްކޫލްތައް ސުޕަވައިޒް ކުރުމުގެ ނިޒާމު ޤާއިމުކުރައްވައި، ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު މަތިކުރައްވައި، ފެންވަރު ހިފެހެއްޓެވުމަށް އެ މަނިކުފާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
ދެވޭ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރެއްވުމުގެ ގޮތުން ސުޕަވިޜަން ކޯހެއް ފަރުމާ ކުރައްވައި، ސްކޫލްތަކަށް ސުޕަވައިޒަރުން ތަމްރީނުކޮށްދެއްވިއެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައްޔާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި ސަރުކާރުން، ޚަޠީބުން ތަމްރީނު ކުރުމުގެ ކޯސްތައް ހިންގެވިއިރު، އެ ކޯހުގައި މެނޭޖްމަންޓްގެ ބައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ނަންގަވައި ދެއްވައިފައި ވެއެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ހެޑްމާސްޓަރުގެ މަގާމުގެ އިތުރުން، ތަޢުލީމީ ދާއިރާގައި އެމަނިކުފާނު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ޖަމާލުއްދީން ޕްރައިމަރީ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާ ކަމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.
ކޮންމެ ދިހަ އަހަރަކުން އެއް އަހަރު އެކުލަވައިލާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގެ މަސައްކަތް، 1995 ވަނަ އަހަރު ފެށްޓެވިއިރު، އެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެކުލަވައިލެއްވި ފަންނީ ކޮމިޓީގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. އެ ކޮމިޓީން ވަނީ ކުރީގެ މާސްޓަރ ޕްލޭން ރިވިއުކުރައްވައި، އާ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި އެއްކުރައްވަންޖެހޭ ތަފާސްހިސާބުތައް އެއްކުރައްވާފައެވެ.

އަތޮޅުވެރިކަމުން ސިޔާސީ ދާއިރާއަށް
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ފުވައްމުލަކު އަތޮޅުވެރިކަމަށް ޢައްޔަން ކުރެއްވީ، 9 ސެޕްޓެންބަރު 1993 ގައެވެ. ރާއްޖެތެރެ ތަރައްޤީވުމަށް އެޅޭ ހުރަހަކީ، ތެދުވެރި، އަމާނާތްތެރި، ޤާބިލް ބޭފުޅުން އަތޮޅުވެރިކަމަށް ލިބިވަޑައިނުގަތުން ކަމަށްވާތީއާއި، އަދި އެ މަގާމަށް ބޭނުންވަނީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވޭފަދަ ތަޢުލީމާއި ތަޖުރިބާއާއި، ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށްވާތީ، ޑޮކްޓަރ މުޞްޠަފާއަކީ އަތޮޅުވެރިކަމަށް ޤާބިލް ބޭފުޅެއް ކަމަށް އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވާތީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އަތޮޅުވެރިކަމަށް ވަޑައިގަތެވެ. އެ ދުވަސްވަރަކީ، ޒުވާން ތަޢުލީމީ ބޭފުޅުން، އެހެން އަތޮޅުތަކުގެ އަތޮޅުވެރިކަމަށްވެސް ޢައްޔަން ކުރެއްވި ދުވަސްވަރެކެވެ.
އޭގެ ފަހުން 15 ސެޕްޓެންބަރު 2004 ގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލް ޤައްޔޫމުގެ ހިމެނިވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަމުގެ ބޮޑު ޒިންމާއާ ހަވާލުވެ ވަޑައިގެންނެވިއެވެ. އޭގެ ފަހުން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ތަޢުލީމީ ވަޒީރަކަށް އިސްކުރެއްވީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ. ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން، ސްކޫލް މަންހަޖު ރިވައިސް ކުރެއްވުމާއި، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތަޢުލީމެއް ދިނުމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، ޑޮކްޓަރ މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުވެސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ފުރުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުގައި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމު ޑޮކްޓަރ މުޞްޠަފާ ފުރުއްވަމުން ގެންދަވަނީ، 27 ނޮވެންބަރު 2018 އިން ފެށިގެންނެވެ. އިޖުތިމާޢީ ރޮނގުން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައްޔާއި، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ލަފާފުޅާއި އަދި އެކަމުގައި ވިސްނުންފުޅު ހުރިގޮތް ޑޮކްޓަރ މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އެންމެފަހުން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައްޔާއި، މިހާރުތިބި މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި، އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކަމާބެހޭ ތަޖުރިބާކާރު ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައްވައިގެން، އަދި އެކަމުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ދިރާސާ ރިޕޯޓެއް އެކުލަވައިލެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅެވެ.
ވާހަކަ ލިޔުއްވުމުގެ ފަންނުގައި ކުރިއަށް
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ތަޢުލީމީ ދާއިރާގެ ބައެއް ފޮތްތައްވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. ލިޔުއްވި ފޮތްތަކުގެ ތެރޭގައި، ސެކަންޑަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "އުޖާލާ ދިވެހި" މި ފޮތާއި، ޕްރައިމަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "ދިވެހި ލިޔުންތެރިކަމަށް މަގެއް" މި ފޮތާއި، ގްރޭޑް 3ގެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން، ލިޔުއްވި ޕްރެކްޓިކަލް އާޓްސް ޓީޗަރސް ގައިޑް ފޮތް ހިމެނެއެވެ. މީގެއިތުރުން، ރެފަރެންސް ފޮތުގެ ގޮތުގައި އެކުލަވައިލެއްވި "ދިވެހިރާއްޖޭގެ ސްކޫލް މަންހަޖާއި ތަޢުލީމު" މި ފޮތަކީވެސް އެ މަނިކުފާނުގެ މުހިންމު މަސައްކަތްޕުޅެކެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، އަދަބީ ރޮނގުންވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ޚާއްޞަކޮށް، ވާހަކަފޮތް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ލިޔުއްވި ފޮތްތަކުގެ ތެރޭގައި، "ޝާމް 2030″ އާއި "ސަރިޔަތް" އާއި "ކެމްޕޭން" އާއި "ސަންފައާއި މޫސަ" އާއި "ކުޅި ހުވަފެން" އަދި ވާހަކަ ލިޔުމުގެ ފަންނާ ގުޅޭގޮތުން ވެސް އެ މަނިކުފާނު ވަނީ 2014 ވަނަ އަހަރު ފޮތެއް ލިޔުއްވައިފައެވެ.
ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޒަވާޖީ ޙަޔާތެއް ފެށްޓެވީ، 1975 ވަނަ އަހަރުއެވެ. އަނބިކަނބަލުންނަކީ، މައްޗަންގޮޅީ ވިކްޓްރީ ޙަފީޡާ އާދަމެވެ. ޑޮކްޓަރ މުޞްޠަފާއަށް ލިބިވަޑައިގަތީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. ކޯވިޑް-19ގެ ތެރޭގައި، ކޯވިޑުގެ ޙާލަތާ ގުޅޭގޮތުން ކޮންމެ ރެޔަކުހެން މަޢުލޫމާތު ދެއްވަމުން ގެންދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއްބޭފުޅަކީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ ދަރިކަނބަލުން، ޑޮކްޓަރ ނަޒްލާ މުޞްޠަފާއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި އަދި އެނޫން އެހެން ރޮނގުތަކުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ޝަރަފުގެ ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅެވެ. އެމަނިކުފާނަށް އެރުވީ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތެވެ.
advertisment
ހިޔާލު