ށ. މާއުނގޫދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލާ ގުޅުވައިގެން " ޓައިމް ކެޕްސޫލް" އެއް ވަޅުލަން އެ ސްކޫލުން ނިންމައިފިއެވެ. އެ ސްކޫލަށް 50 އަހަރު ފުރޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޞަލާހު ވިދާޅުވީ ރަންޔޫބީލް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "ޓައިމް ކެޕްސޫލް"އެއް ވަޅުލަން ނިންމައި އެކަން އިއުލާންވެސް ކޮށްފައިވާ ކަމަށެވެ. އެ ޓައިމް ކެޕްސޫލްގައި އެއްޗެއް ހިމަނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް މި ކެޕްސޫލަށް އެއްޗެއް ލުމުގެ ފުރުޞަތު ދޭން. ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނަށްވެސް، އަދި އަޅުގަނޑުމެންނަށް ހެޔޮއެދޭ ފަރާތްތަކަށްވެސް އެ ފުރުޞަތު ދޭނަން. އަޅުގަނޑުމެން ސްކޫލްގެ ފަރާތުން، މިހާރު ކިޔަވަމުންގެންދާ ހުރިހާ ކުދިންގެ ގުރޫޕް ފޮޓޯއެއް ލާން ނިންމާފައި އޮންނާނީ. ކެޕްސޫލްގައި މިމަނަން ބޭނުންވާ ތަކެތި ކަލެޓްކުރަން އަޅުގަނޑުމެން ވާނެ ސްކޫލްގައި މިކަމަށް ޚާއްޞަ ފޮއްޓެއްވެސް ބަހައްޓާފައި" ޞަލާހު ވިދާޅުވިއެވެ.
މާއުނގޫދޫ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ކެޕްސޫލުގައި ހިމަނަން ބޭނުންވާ ތަކެތި މިމަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން ހަވާލުކުރަން ޖެހެއެވެ.
ޞަލާހު ވިދާޅުވީ ރަންޔޫބީލާ ގުޅިގެން ގިނަ ހަރަކާތްތައް ހަފްތާއަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށާއި، ޚާއްޞަ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ 23 ވަނަ ދުވަހު ކަމަށެވެ. އެ ރަސްމިއްޔާތުގައި އެ ސްކޫލަށް ޚިދުމަތް ކޮށްދެއްވި ބޭފުޅުންނާއި އެ ސްލޫލަށް ރީތި ނަން ހޯދައިދިން ކުރީގެ ދަރިވަރުންނަށް ޚާއްޞަ އެވޯޑެއް ދޭން ނިންމާފައިވާ ކަމަށެވެ.
advertisment
ހިޔާލު