ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލައިފި

ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސަރކިއުލަރގައި ވިދާޅުވީ ކޮވިޑް19 ރާއްޖެ އައުމުގެ ބިރު އޮތުމާއެކު ދަރިވަރުންގެ ބަލިތަކުން ރައްކާތެރި ކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެޗްޕީއޭގެ ލަފާގެ މަތިން ކަރިކިއުލަމުން ބޭރުން ސްކޫލްތަކުގައި ހިންގާ އިތުރު ހަރަކާތްތައް އަންނަ މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މަޑުޖައްސާލަން ނިންމީ ކަމަށެވެ.

އެ ސާކިއުލާގައި މަޑުޖައްސާލަން އަންގާފައި ވަނީ އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތައް އަދި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ. މީގެ ތެރޭގައި ސްކޫލު ފެއާތަކާއި އެކްޓިވިޓީ ކަލަންޑަރުގައި މާޗު މަހުން މެއި މަހުގެ ނިޔަލަށް ހިމަނާފައިވާ ހަރަކާތްތައް ވެސް ހިމެނެއެވެ.

ސަރކިއުލާގައި ވިދާޅުވެފައި ވަނީ ހިމަބިހިވެސް ރާއްޖޭގައި ފެތުރެމުންދާއިރު ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށްވެސް މި ބަލި ޖެހިފައިވާތީ، ހިމަބިހި ކޮންޓްރޯލު ކުރުންވެސް އިތުރު ހަރަކާތްތައް ހުއްޓާލަން އެންގި ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސަރކިއުލަރގައި ފާހަގަކުރައްވާފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *