ލާމަސީލު ލާމު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލ. އަތޮޅު މަދަރުސާގެ އާމިނަތު މާނާ ނާޒިމް ކުރިއަށް ދާން ބޭނުން ވަނީ ކުޅިވަރާއި ފިޓްނަސްއާ ކުޅުން ހުރި ދާއިރާއަކުންނެވެ. މާނާ ފަދަ އެތައް ކުދިންނަށް ތަޢުލީމީ ދާއިރާގެ ތެރެއިން ބޭނުންވާ ރޮނގަކުން ކުރިއަށް ދެވެން މިއަދު އެބަތޮވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ދެވަނަ އިންޓޭކަށް ހުޅުވާލި ބެޗްލަރ އޮފް އެޑިއުކޭޝަންއިން، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ކޯހަކީ އެއީ ވަޒީފާގެ މާހައުލަށާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން އެތައް ފުރުޞަތު ތަކެއް ލިބިގެންދާނެ ކޯހެކެވެ. ޞިއްޙީ އަދި ޖިސްމާނީ ތަޢުލީމުގެ ދާއިރާއިން ކިޔަވައިދިނުމުގެ ކެރިއަރ ފަށަން ޝައުޤުވެރިވާ ފަރާތްތަކަށާއި، ކިޔަވައިދިނުމުގެ ޤާބިލުކަމާއި ހުނަރު ތަރައްޤީ ކުރަން ބޭނުންވާ ފަރާތްތަކަށް ޕްރައިމަރީ ލެވެލްގައި މިބާވަތުގެ ކޯހެއް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ފިޒިކަލް އެޑިއުކޭޝަން ނެޝަނަލް ކަރިކިއުލަމަށް ދާދި ފަހުން ގެނައި އިސްލާހާއެކު މުދައްރިސުން ތަމްރީނު ކުރުމަށް ވެސް މި ކޯސް ވަނީ ފައްކާ ކޮށްފައެވެ. މި ކޯހުގައި ޞިއްޙީ އަދި ޖިސްމާނީ ތަޢުލީމުގެ ޢިލްމާއި ހުނަރު ހުރި މުދައްރިސުން ތަމްރީނުކޮށް ތައްޔާރު ވެސް ކުރާނެއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައި ދަސްވެނިންނަށް ފިޒިކަލް އެޑިއުކޭޝަނާއި ފިޒިކަލް ފިޓްނަސްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. އަދި ޕްރައިމަރީ އަދި ސެކަންޑަރީ ލެވެލްގައި ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދިނުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށާއި މި ކުއަލިޓިފިކޭޝަންގެ ސަބަބުން ޓާޝަރީ ލެވެލްގައި ވެސް ކިޔަވައިދިނުމުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި ކޯހުން ދަސްވެނިވާ ދަސްވެނީންނަށް މާސްޓަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެ ކަމަށެވެ.

ކޯހުގެ ވަނުމުގެ ޢާންމު ޝަރުޠުތައް:
ބެޗެލަރ އޮފް އެޑިއުކޭޝަންއިން، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ކޯހަށް ވަނުމުގެ ޢާންމު ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ:
- ޖީސީއީ އޭލެވެލް/އެޗްއެސްސީ ނުވަތަ އެއާ އެއްވަރުގެ ދެ ފާސް އަދި ޖީސީއީ އޯލެވެލް/އައިޖީސީއެސްއީއިން ތިން ފާސް
- ޓީޗިންގ ކޮލިފިކޭޝަނަށްފަހު ކިޔަވައިދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ އާއެކު ލެވެލް 4 ގައި އެކްރެޑިޓެޑް ޓީޗިންގ ކޮލިފިކޭޝަނެއް ލިބިފައިވުން.
- ފައުންޑޭޝަން ސްޓަޑީޒް (ސީ4 ލެވެލް) އިން ފާސް ވެފައި ވުމެވެ.
އަދި ފިޒިކަލް އެޑިއުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، 25 އަހަރު ފުރިފައިވާ ފަރާތްތަކަށް މި ކޯހުގައި ކިޔެވުމުގެ ފުރުޞަތު ދޭން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ކޯހުގައި ކިޔެވުމަށް، އިނގިރޭސި ބަހުން ސެޓިފައިޑް ޕްރޮފިސިއެންސީ (ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އިންގްލިޝް ފާސް/ އެމްއެންޔޫ އިންގްލިޝް ލެންގުއޭޖް ކޮމްޕިޓެންސީ ޓެސްޓް) ނުވަތަ އެއާ އެއްވަރުގެ ޓެސްޓަކުން ފާސްވެފައި އޮންނަން ޖެހެއެވެ.
ޤައުމީ ޔުނިވަރސިޓީން ހުޅިވާލާފައިވާ މިފަދަ ފުރުޞަތުގެ ބޭނުން މާނާ ފަދަ އެތަކެއް ދަރިވަރުންނަށް މިއަދު ބޭނުން ހިފެން އޮތީ ތަފާތު އެކި ފީލްޑްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮތީމައެވެ. ސަރުކާރުން އިއުލާން ކޮށްފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން ތިން އަހަރުގެ ޑިގްރީއަށްފަހު، ކިޔަވައި ދިނުމުގެ ދާއިރާއިން ނޫނީ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ކުރިއަށް ދިއުމުގެ ފުރުޞަތު މިއަދު ލިބެން އެބައޮތެވެ. އިތުބާރާއި ޔަގީންކަމާއެކު އެންމެ ކޮލިޓީ ތަޢުލީމެއް ފޯރުކޮށް ދިނުމަކީ އެއީ ދިވެހި ޤައުމީ ޔުނިވަރސިޓީން ފޯރުކޮށްދޭ ފަހި ފުރުޞަތެކެވެ.
އެމްއެންޔޫ އެފްއޭގެ ބެޗްލަރ އޮފް އެޑިއުކޭޝަންއިން، ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 25 ވަނަ ދުވަހެވެ.
އެމްއެންޔޫގެ ފަށާ އިތުރު ކޯސްތަކާ ގުޅޭ މައުލޫމާތު https://courses.mnu.edu.mv/ އިން އިތުރު ކޯސްތަކާބެހޭ މައުލޫމާތު ލިބެން އެބަހުއްޓެވެ.
advertisment
ހިޔާލު