ލީސް: ނުވާނެ ކަމަށް އޮތް ބިރު ކަނޑާލާފައި، ހޯދީ ކުރިއަށް ދާނެ މަގެއް

އިރުޝާދިއްޔާއިން އެއްވަނަ ހޯދައި، ކުލަޖައްސާދިނީ މަންމަ ދެކުނު ހުވަފެނުގައި

އައިޝަތު ލީސް އަބްދުލް ހާދީ ސާނަވީ ނިންމާލީ، ކަނޑައެޅި ޓާގެޓް ޙާޞިލްކޮށް ސްކޫލްގެ އެންމެ ފަޚުރިވެރި ދަރިވަރުގެ ގޮތުގައެވެ. އެ ޓާގެޓް އޭނާ ކަނޑައެޅީ ސަބަބެއް އޮވެގެންނެވެ. އެއީ އޭނާއާއެކު މަންމަ ވެސް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ހަޤީގަތަކަށް ހެދުމަށް އޭނާ ގިނަ މަސައްކަތް ކުރިއެވެ. ނަތީޖާ ވެސް ފޮންޏެވެ. ފާއިތުވި އަހަރު އައްޑޫ ސިޓީގައި ހުންނަ އިރުޝާދިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުނީ އޭނާ އަށެވެ.

" އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެ ފިކުރެއްގައި ހުރީ، އެއްވަނަ ލިބޭނެ ބާވައޭ. އެންމެ އުފާވީ އެއްވަނަ ލިބި މަންމަގެ ހުވަފެން ހަޤީޤަތަކަށް ހަދައި ދެވުނީމާ" ލީސް ބުންޏެވެ.

ލީސްއަކީ ކިޔެވުމާ އެއްވަރަށް ގިނަ ހަރަކާތްތަކުގައި ވެސް ބައިވެރިވި ދަރިވަރެކެވެ. ފާއިތުވި އަހަރު އިރުޝާދިއްޔާ ސްކޫލްގެ ކެޕްޓަނެވެ. ޕްރިފެކްޓަރެއްގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ ކާމިޔާބު ހޯދިއެވެ.

ކުޅިވަރެއްގެ ގޮތުގައި ލީސްގެ ފޭވަރިޓަކީ ނެޓްބޯޅައެވެ. އިނގިރޭސިއާއި ދިވެހި އަދަބީ މުބާރާތްތަކުން ހައުސް ފެންވަރުގައި ވަނަތައް ހޯދިއެވެ. މީގެ އިތުރުން  އިންޓަރނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެ  ފާހަގަކޮށްލެވޭ  ކާމިޔާބީތައްވެސް ލީސްވަނީ ހޯދާފައެވެ.

ސައިންސް ސްޓްރީމަށް ކިޔެވި ލީސް ހިމެނުނީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައިގައެވެ. ފަސް މާއްދާއިން އޭ ސްޓަރ ލިބުނެވެ. ހިސާބުން އޭ އެއް، ދިވެހި މާއްދާއިން ލިބުނީ ސީ އެކެވެ.

ލީސް ބުނީ، ދިވެހިން ދަށްވީ އިންތިޙާނު ހަދަނިކޮށް ދިމާވި ސިއްޙީ ކުއްލި މައްސަލައަކާ ހުރެ އެންމެ ރަނގަޅަށް އިމްތިޙާން ނުހެދިގެން ކަމަށެވެ.

ސާނަވީ އިމްތިޙާނަށްފަހު، ލީސް ކިޔަވަމުންދަނީ ޔުނައިޓެޑް ވޯލްޑް ކޮލެޖްސް (ޔޫޑަބްލިއުސީ)ގެ ސްކޮލަރޝިޕެއްގެ ދަށުން ނޯވޭގައި ހުންނަ ޔޫޑަބްލިއު ސީ ރެޑް ކްރޮސް ނޮޑިކް ކޮލެޖްގައި އިންޓަނޭޝަނަލް ބެކްލޮރޭޓް ޑިޕްލޮމާއެވެ. އެއީ އޭލެވެލް ފެންވަރުގެ ކޯހެކެވެ.

ޔުނައިޓެޑް ވޯލްޑް ކޮލެޖްސް (ޔޫޑަބްލިއުސީ) އަކީ ސުލްހައާއި ދެމެހެއްޓެނިވި މުސްތަގުބަލަކަށް ޓަކައި އިންސާނީ ވަޞީލަތްތައް އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. މި ޖަމާއަތުގެ ގޮއްޕެއް ޔޫޑަބްލިއުސީ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ވެސް ހިންގައެވެ. ކޮންމެ އަހަރަކު ވެސް ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ޔޫޑަބްލިއުސީން ދެއެވެ.

ލީސް ބުނީ، ޔޫޑަބްލިއުސީގެ ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ޚިޔާލު ދިނީ ތިއްތަ ކަމަށެވެ. އެކަމަކު ލީސްއަށް ފުރަތަމަ އެކަމާ ކުރިމަތިލާން ހިތްބިރުގަތެވެ. ޖެހިލުންވިއެވެ.

" ސްކޮލަރޝިޕަށް އެޕްލައިކުރަން ޖެހިލުންވެ ބިރުގަތީ އެކަނިމާ އެކަނި ބޭރު ޤައުމަކަށް ދާން ރެޑީއެއް ނޫނޭ ހިތަށްއަރާތީ" ލީސް ބުންޏެވެ.
" ތިއްތަ ބުނީ ކޯހަށް އެޕްލައި ކުރާށޭ، އެޕްލައި ކުރުމަކީ ވެސް އެކްސްޕީރިއަންސެކޭ. ފަހުން ޔުނިވަރސިޓީއަށް ދާއިރު ޔުނިވަރސިޓީއަށް އެޕްލައި ކުރަން ވެސް ލިބޭ އެކްސްޕީރިއަންސަކަށް އެކަން ވާނެއޭ"

ތިއްތަ  އެހެން ބުނުމުން ކިޔަވަން ފެށީމާ ބިރުކަނޑާލާފައި އެކަމާ ކުރިމަތިލާން ލީސް ނިންމިއެވެ.

ގިނަ އަދަދެއްގެ ކުދިން ކޯހަށް ކުރިމަތިލިއެވެ. އޭގެ ތެރެއިން ފުރުޞަތު ލިބުނު ތިން ކުދިންގެ ތެރޭގައި ލީސް ހިމެނުނެވެ.

" ފަހުން ހިތަށް އެރީ އެޕްލައި ނުކުރިނަމަ މި ފުރުޞަތު ނުލިބުނީއޭ"

ސްކޮލަރޝިޕްގެ ދަށުން ދާނެ ތިން ޤައުމެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ލީސް އަށް ލިބުނެވެ. އިންޑިޔާއަށް ދާން ބޭނުން ނުވީ އާއިލާއާ އެކު ގިނައިން ދެވޭ ތަނަކަށް ވުމާއެކު ކުޑައިރުވެސް އިންޑިޔާގައި ކިޔެވުމުގެ ފުރުސަތު ލިބިފައިވާތީއެވެ. އަދި ތަފާތު އެހެން ޤައުމެއް ގައި ކިޔެވުން ތަޖްރިބާކޮށްލަން ބޭނުންވާތީއެވެ.

އެހެން ކަމުން ޖަޕާނާއި ނޯވޭގެ ތެރެއިން ލީސްގެ ޗޮއިސްއަކަށް ހެދީ ނޯވޭއެވެ.

ލީސް ބުނިގޮތުގައި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާއިރު އޭނާއަށް އެތައް ކަމެއް ދަސްވެއްޖެއެވެ. އެކަނި އުޅުމާއި މީހުންނާއި ގުޅިގެން އުޅުމާއި މުއާމަލާތް ކުރުމާއި ތިމާވެއްޓަށް އޮތް ލޯތްބެވެ. އެކިއެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާތަކަށް ހޭނި ދުނިޔެއަށް މީހާ ލޯ ހުޅުވިއްޖެއެވެ.

" ކުރިން އަމިއްލައަށް އެކަނި ދަތުރެއް ވެސް ނުކުރަން. ނޯވޭއަށް ފުރަތަމަ ދިޔައީ ޕޭރަންޓާއެކު. ޓްރާންސިޓް ކުރުމަށްފަހު، 22 ގަޑިއިރުގެ ދަތުރަކަށްފަހު ދެވުނީ. ވިންޓަރގައި ލިބުނު ޗުއްޓީގައި އައީ އެކަނި. ފުރަތަމަ ފަހަރަށް އަމިއްލައަށް އެކަނިމާ އެކަނި ދަތުރުކުރަން ޖެހުނީމާ އަމިއްލަ މިނިވަންކަން އިހުސާސް ކުރެވި އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވި"

ލީސް ބުނީ، ނޮވޭގެ ސްކޫލްގައި ކިޔެވުން ރާއްޖެއާ އަޅާބަލާއިރު މާ ބޮޑަށް ވެސް ތަފާތު ކަމަށެވެ.

" ޓީޗަރުންގެ ކިޔަވައި ދިނުމުގެ ސްޓައިލާއި ޓީޗަރާއި ދަރިވަރާ ދޭތެރޭގައި އޮންނަ ޑައިނަމިކް ވެސް ތަފާތު" ލީސް ކިޔައިދިނެވެ.

ލީސް ބުނީ، އެކި ޤައުމުތަކުން އެތައް ސަތޭކަ ކުދިން ކިޔަވަމުންދާއިރު އެ ކުދިންގެ ފަރާތުން ފެނިގެން ދިޔައީ ކޮންފިޑެންސާއެކު ވާހަކަ ދެއްކުމާއި ކަންކަމުގައި އިސްނެގުމުގައި ޖެހިލުން ނުވާ ކަމަށެވެ.

ލީސް ބުނީ "މޯލްޑިވްސް"އޭ ބުނީމާ އެކުދިންނަށް އެނގިފައި އޮންނަނީ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައެވެ. އަދި ދައްކަނީ ވެސް ރާއްޖޭގެ ރީތި ކަމުގެ ވާހަކައެވެ.

" ރާއްޖޭގެ ވާހަކަ އެމީހުން ދެއްކީމާ ވަރަށް އުފާވޭ. އެ ރީތިކަން ފެންނަނީ ޤައުމުން ބޭރުގައި، ނޯވޭގައި އުޅެފައި އައީމާ"

ދެ އަހަރުގެ ދުވަހުގެ ކޯހުގެ ފަހު އަހަރުގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާނެއެވެ. ކޯސް ނިންމާފައި ވެސް ލީސްގެ ވިސްނުން ހުރީ ޔޫޑަބްލިއުސީގެ އިތުރު ސްކޮލަރޝިޕެއްގައި މަތީ ތަޢުލީމް ފުރިހަމަ ކުރުމެވެ. އޭނާ މަސައްކަތް ކުރަނީ އިރުޝާދިއްޔާ ސްކޫލުގައި ހޯދި ފަދަ ކާމިޔާބެއް އެ ކޯހުން ހޯދުމެވެ.

ނިންމާލަމުން ކިޔަވާ ދަރިވަރުންނަށް ލީސް ދިން މެސަޖަކީ" ކޮންމެ ކަމެއް ކުރާއިރުވެސް ނުވާނެ ކަމުގެ ބިރު ދޫކޮށްލައި ފުރުޞަތު ހޯދަން މަސައްކަތް ކުރުމެވެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *