މަދަރުސީ ޙަޔާތް: ޕްރިންސިޕަލް ހަސަން އާދަތަކާއި އުސޫލުން އަރުތައަށް

އިސްކޫލު ދަރިވަރެއްގެ ދުވަހުގެ ތާވަލު އޮންނަނީ ކިހިނެއް ހެއްޔެވެ؟ ފަތިހު ހަތަރު ގަޑި ތިރީސް ހައި އިރު ހޭލަމު ހެއްޔެވެ؟ އިރު އެރުމުގެ ކުރިން ކަސްރަތު ކުރާން މޫދަށް ދަމު ހެއްޔެވެ؟ ގަޑި ޖެހުމުގެ ކުރީން ސްކޫލަށް ދަމު ހެއްޔެވެ؟ ރޭގަނޑު ދިހަ ގަޑި ތިރީހުގެ ކުރީން ނިދަމު ހެއްޔެވެ؟ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ސުވާލުތަކަށް "އާނއެކޭ" ބުނެ ޖަވާބު ދޭނީ ކިތައް ކުދީންކަމެއް ނޭނގެއެވެ. ނަމަވެސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. އެއީ އެތައް ދަރިވަރުންތަކެއްގެ ލޯބި ހޯއްދަވާފައިވާ، ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދުގެ ދުވަހީ ތާވަލު ރާވާލައްވާފައިވާ ގޮތް ކަމެވެ.

ޕްރިންސިޕަލް ޙަސަން މުޙައްމަދު ކޮންމެ ދުވަހެއް ވެސް ފައްޓަވަނީ ފަތިހުގެ ހިމޭން ވަގުތުގައެވެ. ފަތިސް ނަމާދުގެ އަޅުކަމާއެކުގައެވެ. އެއަށް ފަހު ފަތިހުގެ ފިނީގައި މޫދަށް ވަޑައިގަތުމަކީ އާދަފުޅެކެވެ. ދަރިވަރުންނާއި މުވައްޒަފުން ސުކޫލަށް ހާޒިރުވުމުގެ ކުރިން ހަސަން ހުންނަވާނީ ސްކޫލުގައެވެ. އުޅުއްވާނީ މަސައްކަތްޕުޅުގައި އަވަދިނެތިއެވެ. މި އާދަތަކަށް ހަސަން ލޯބިކުރެއްވީ އިއްޔެއަކު މިއަދަކު ނޫނެވެ. މާކުރީން ވެސް މިފަދަ ރީތި އާދަތަކަށް ހަސަން ލޯބިކުރެއްވިއެވެ. މިއީ ތަޢުލީމީ ހަޔާތުން ހަސަނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ފިލާވަޅުތަކުން ބައެކެވެ.

16 ދަރިވަރުން ކިޔެވި، ބާނުވާ ޓެކްސްޓް ފޮތް

ހަސަން ގަބޫލުފުޅުކުރައްވާ ގޮތުގައި ތަޢުލީމުގެ ފޮނި ކާމިޔާބު ގުޅިފައިވަނީ އަމިއްލައަށް ކުރާ މަސައްކަތާއެވެ. ކަންކަން ހާޞިލުކުރުމަށް ލާ ހިތްވަރާއެވެ. އެ ހިތްވަރާ ނުލައި މޮޅާއި ކުރިއެރުމެއް ނުލިބޭނެއެވެ. މިސާލެއްގެ ގޮތުން ހަސަން ނެންގެވީ އޭނާ ތަޢުލީމު ހާޞިލުކުރެއްވި ދުވަސްވަރު ކަންކަން ހިނގި ގޮތެވެ.

"އަޅުގަނޑުމެން ކުޑައިރު ސަރުކާރު ސްކޫލުތަކަށް ވަނުމަކީ އުނދަގޫ ކަމެއް. އޭރު ހުންނަނީ ތިން ސްކޫލެއް. އެއީ އަމީނިއްޔާ، މަޖީދިއްޔާ އަދި އިސްކަންދަރު. އެއިން ސްކޫލެއްގައި ކިޔެވުމުގެ ފުރުޞަތު އަޅުގަނޑަކަށް ނުލިބުނު. އެހެންވެ އަޅުގަނޑު ކިޔަވަން ވަނީ އީޕީއެސް ސްކޫލަށް. 10 އަހަރު ވެސް ހޭދަކުރީ އެ ސްކޫލުގައި. އޭރު ކިޔަވާ އެއްޗެއް ކިޔެވޭނީ ކުލާސް ރޫމުގައި. ކިޔަވައިދެއްވާ ޓީޗަރު ކުލާހުގައި ކިޔަވައިދެއްވާ އެއްޗެއް އެކަނި. ގޭތެރެ ފިޔަވާ ވަށައިގެން އޮންނަ އެއްވެސް ދިމާއަކީ އެއްޗެއް ކިޔަވަން އޮތް މާހައުލެއް ނޫން" ތަޢުލީމީ ދާއިރާގައި 29 އަހަރު ހޭދަކުރައްވާފައިވާ ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ސްކޫލުގައި ތަޢުލީމު ހާޞިލުކުރައްވަމުން ގެންދެވި އިރު، އިތުރަށް މަޢުލޫމާތު ހޯއްދަވާނެ މާގިނަ ގޮތްތަކެއް އޭރު ނުހުންނަ ކަމަށާއި ކުލާހުގައި މުދައްރިސް ވިދާޅުވާ މިންވަރު އެއީ ލިބެން އޮތް އެންމެ މަތީ މިންވަރުކަމަށެވެ.
" އޭރު ލައިބްރަރީ ހުރި ނަމަވެސް އެތަނަކު މާގިނަ ފޮތްތަކެއް ނުހުރޭ. އަދި އެ ތަނަށް ގެންދާނީ ވެސް ހަފުތާއަކު އެއްފަހަރު. އަޅުގަނޑު ހަނދާން އެބަ ހުރި ބައެއް ފަހަރު ފިހާރަ ފިހާރައިން އެއްޗެހި ގަތީމާ ދޭ ނޫސްކަރުދާސް ހޯދައިގެން އެ ވެސް ކިޔައި އުޅުނު ހަނދާން. އެއީ ދެން ވަރަށް ބޮޑުވަރު" ހަސަން ގަބޫލުކުރައްވާ ގޮތުގައި ވަސީލަތްތަކުގެ ދަތިކަން އޭރު އިންތިހާއަށް އޮތެވެ.

" މިހާރު ވެސް ހަނދާން އެބަހުރި. އަޅުގަނޑު ގްރޭޑް 8 ގައި ކިޔެވި އެއް ފޮތަކީ 16 ވަނައަށް އަޅުގަނޑަށް ލިބުނު ފޮތެއް. މާނައަކީ އެކި މީސްމީހުން ބޭނުން ކުރަމުން ކުރަމުން އައިސް އަޅުގަނޑަކީ 16 ވަނައަށް އެ ފޮތް ބޭނުންކުރި ފަރާތޭ. އެހާވެސް އޭރު ރިސޯސަސް ދަތި. އެއީ އޭރުގެ ހާލަތު. އެ ފޮތް ބާވަގެންނެއް ނޫޅެން. އެ ފޮތްފޮތުން ކިޔަވައިގެން މި ހިސާބަށް މި އާދެވެނީ" ހަސަން އާކުރެއްވީ އޭނާގެ މާޒީއެވެ.

ކަރަންޓުގައި ޖެހުން– ޒިންމާގެ ނަމޫނާއެއް

ހަސަން ކިޔަވާ ވިދާޅުވި ދުވަސްވަރު އިންޓަރ ސްކޫލު ޙަރަކާތްތަކެއްގެ ގޮތުގައި އޮންނަނީ ކުޅިވަރުތަކެވެ. އަދަބީ މުބާރާތްތަކާއި އެހެނިހެން ޙަރަކާތްތައް އޭރަކު ނޯވެއެވެ. ނަމަވެސް ސްކޫލު ފެންވަރުގައި ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިޔަކަން ހަސަން ފާހަގަކުރެއްވިއެވެ.

" ކުޅިވަރަށް ބަލާނަމަ އޭރު ކޯޗަކު ވަރަށް ނުހުންނާނެ. ގްރޫޕު ހަދައިލައިގެން އަތިރިމަތީގައި ކުޅެނީ. އެހެންވީމާ ވަރަށް ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު. އޭރު މި އޮންނަ ގޮތަކީ ކޮންމެ މުބާރާތެއް ފެށުނީމާ އެ ދުވަސްވަރު އަތިރިމަތީގައި އޮންނާނީ އެ ކުޅިވަރެއް. ބެޑްމިންޓަން މުބާރާތް ފެށިއްޖެއްޔާ އޮންނާނީ ބެޑްމިންޓަން. ކްރިކެޓް މުބާރާތް ފެށިއްޖެއްޔާ ހުރިހާ ކުދީން ވެސް ކުޅޭނީ އެ ކުޅިވަރު. ފުޓްބޯޅަ ވެއްޖެއްޔާ ހަމަ ފުޓްބޯޅަ. ފުޓްބޯޅަ ނޫން އެހެން ކުޅިވަރުތައް މޫސުމީ ކުޅިވަރުތަކަކަށް ބަދަލުވެގެންދޭ. ފުޓްބޯޅަ އަބަދުވެސް ކުޅޭ" އީޕީއެސް ސްކޫލުގެ 19 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ކްރިކެޓް ޓީމުގައި ހިމެނިވަޑައިގެންވި ހަސަން ވިދާޅުވިއެވެ. ހަސަން ގަބޫލުކުރައްވާ ގޮތުގައި އެ ދުވަސްވަރު ކުދިން ބޮޑުވަމުން ދިޔައީ މުޖުތަމަޢުގެ ޒިންމާތަކާއެކުއެވެ. ކުޅުނަސް ކިޔެވިޔަސް އަދި އެހެން ކަމެއް ކުރިޔަސް ބޮޑެތި މީހުންގެ ބެލެހެއްޓުންތެރިކަން އޭރު އޮންނަކަން ހަސަން ގަބޫލުފުޅު ކުރައްވައެވެ. އެކަމަށް ބާރުދެއްވަމުން ހަސަން ނެންގެވީ މިސާލެކެވެ.

" މާލެ ހިއްކަމުން ދިޔަ އިރު އެއް ދުވަހު ހަވީރު އަޅުގަނޑު ކުޅެން ނިކުމެ އުޅެނިކޮށް ކަރަންޓްގައި ޖެހުނު. އަޅުގަނޑަކަށް ނޭނގޭނެތާ ޖެހުނު ކަމެއް. ދެން ވީގޮތެއް ނޭނގުނު. އެތަނަށް އަޅުގަނޑު ވެއްޓުނުކަމަށް ވަނީ. އަޅުގަނޑަށް އެހީތެރިވީ އެތަނުގައި ތިބި މީހުން. އަވައްޓެރީން. އަޅުގަނޑު ނަގައިގެން ގެއަށް ގެންދިޔައީ އެ މީހުންކަމަށް ވަނީ. އަޅުގަނޑަށް ހޭވެރިކަން ވީއިރު ވަށައިގެން މީހުން ތިބި" ހަސަން ވިދާޅުވީ އެ ދުވަހުގެ އެ ހާދިސާއިން މާ ބޮޑު ގެއްލުންތަކެއް ލިބިވަޑައިނުގަތީ ވަށައިގެން އުޅޭ އަވައްޓެރީންނާއި އެހީތެރީންގެ މަސައްކަތުން ކަމަށެވެ. ދަރިވަރުންގެ ކަންކަން ކުރިއަށްދާ ގޮތް ބަލަހައްޓާނެ ވަކި ބަޔަކު އޭރު ކަނޑައެޅިފައި ނެތަސް މުޖުތަމަޢުން އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ގޮސްފައިވާކަން ހަސަން ފާހަގަ ކުރެއްވިއެވެ.

ނަތީޖާ ދަށްވި ވާހަކައިން ލިބުނު އަދަބު

އެކުގައި ކިޔަވާ ވިދާޅުވި އެހެން ދަރިވަރުންނެކޭ އެއް ފަދައިން ހަސަން ވެސް ކުޅިވަރަށް ލޯބިކުރެއްވިއެވެ. ކޮންމެ ދުވަހެއްގެ ހަވީރު ކުޅިވަރަށް ހުސްކުރެއްވިއެވެ. ނަމަވެސް އެ ޝައުގުވެރިކަންވީ އެހެން މައިންބަފައިން ވެސް އަދަބުދިނުމަށް ބޭނުން ކުރާ ހަތިޔާރަކަށެވެ. އެ ހަތިޔާރުގެ ބޭނުން ހަސަންގެ މައިންބަފައިން ވެސް ހިފިއެވެ.
" އޭރު ދޭ އެންމެ ބޮޑު އަދަބަކީ ކުޅެން ދިއުން ހުއްޓުވުން. އެއީ މައިގަނޑު އަދަބު. ކިޔެވުން ދަށްވެއްޖެ ނަމަ ކުޅެންދާ ގަޑި އެ ކެންސަލްވީ. ކުޅެން ނުދެވިއްޖެނަމަ ވަރަށް ދެރަވާނެ. އެއީ އޭރު ހިތްހަމަ ޖައްސާލާން އޮންނަ ހަމައެކަނި ކަންތައް. ބައެއް ފަހަރު އެބަ ހުރި ކުޑަކޮށް ދަށްވެލުމުން ހަފުތާއަކަށް ކުޅެން ނުފޮނުވާ ވެސް" ހަސަން ހިއްސާކުރެއްވީ އެފަދަ ހިތި ތަޖުރިބާއެކެވެ.

" އެއް ފަހަރަކު ވީ ގޮތަކީ ގޭގައި އުޅެމުން ދިޔަ ކުދިންނާ ތަންކޮޅެއް ރައްޓެހި ޓީޗަރަކު ގެއަށް އައި. އައިސް މަންމަމެން ގާތުގައި ބުނެފި އަޅުގަނޑު ފާހެއް ނުވެޔޭ. އޭރު އަދި ޓެސްޓުތަކުގެ ނަތީޖާއެއް ނުދޭ. އެ ވާހަކަ އަޑު އިވުނު ހިސާބުން އަދަބު ކަނޑައެޅިއްޖެ. ކުޅެން ދިއުން ހުއްޓުވައިފި. ނަމަވެސް ނަތީޖާ ލިބުނު އިރު އަޅުގަނޑަށް ވަރަށް މަތިން ލިބުނު. މީހަކު ބުނިބުނުމަކަށް އަޅުގަނޑަށް އަދަބު ލިބި ހުރިހާ އުފާތަކެއް މަނާވި. އެކަމަކާ ހިތްހަމަ ވެސް ނުޖެހުނު"

މޮޓޯއަކަށްވި ބައްޕަގެ ނަސޭހަތް

ހަސަން ގަބޫލުފުޅުކުރައްވާ ގޮތުގައި އޭނާގެ ހަޔާތަށް ތަފާތު ހެޔޮ ބަދަލުތައް އައުމަށް މެދުވެރިވީ ތަޢުލީމީ އެކި ހަރުފަތްތަކުގައި އުނގަންނަވާ ދެއްވި މުދައްރިސުންނާއި މައިންބަފައިންގެ ސަބަބުންނެވެ. އެހެންކަމުން އެ މުދައްރިސުންނަށް ހަސަން އަރުވަނީ ޚާއްޞަ ގަދަރެކެވެ. ވެވަޑައިގަންނަވަނީ ޚާއްޞަ ލޯތްބެކެވެ. އެއާއެކު މައިންބަފައިންގެ ފަރާތުން ލިބިފައިވާ ނަސޭހަތްތަކުގެ މަތީން މިއަދުވެސް ހަސަން ހަނދާން ކުރައްވައެވެ. އެގޮތުން ހަސަންގެ ބައްޕަ ދެއްވި އެއް ނަސޭހަތަކީ "ފަސޭހައާއި ރަނގަޅާ އެއްގޮތެއް ނުވާނޭކަމަށް" ވިދާޅުވެ ހަސަނަށް އެރުވި ނަސޭހަތެވެ. މިއަދު އެއީ ހަސަންގެ އެއް މޮޓޯއެވެ.
" ބައްޕަ ބުނި ދަރިފުޅާއޭ! ފަސޭހައާއި ރަނގަޅާ އެއްގޮތެއް ނުވާނޭ. އޭގެ މާނައަކީ ކަންކަން ފަސޭހަކޮށްލާފައި އެ ކަމެއް ކުރަން އުޅޭނަމަ އަސްލު އެ ކަމެއް ފުރިހަމައެއް ނުވާނޭ. މިހާރު ވެސް ކަންކަން ކުރާއިރު އެ ނަސޭހަތުގައި ހިފޭ. އަދި ވަރަށް ހަނދާން ވެސް ހުރޭ" ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލްކަމުގައި 15 އަހަރު ހޭދަކުރައްވާފައިވާ ހަސަން ވިދާޅުވިއެވެ.

އާދަތަކާއި އުސޫލުން އެންމެ އުހަށް

ޙަސަން މުޙައްމަދަކީ ތަފާތު އާދަތަކެއް ގެންގުޅުއްވާ ޝަޚުޞިއްޔަތެކެވެ. ގަވައިދުގައި ހިފަހައްޓަވައި އުސޫލުތަކަށް އިޙުތިރާމުކުރައްވާ ނަމޫނާ ޕްރިންސިޕަލެކެވެ. ތަޢުލީމީ ހަޔާތްޕުޅުން ހަސަނަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ހަދިޔާއަކީ ވެސް އެއީއެވެ.

" އަޅުގަނޑަކީ ގަވައިދުތައް ގިނަ މީހެއް. ނިދާ ގަޑި، ހޭލާ ގަޑި ބަދަލެއް ނުކުރަން. 10 ޖަހާއިރު ނިދަން، ފަތިހު 4:30 ގައި ހޭލެވޭތޯ ބަލަން. ބަންދު ދުވަހެއް ވިޔަސް މި ގަޑި ބަދަލެއް ނުކުރަން. ކިރިޔާ ވެސް ފުރުޞަތެއް ލިބިއްޖެނަމަ މެންދުރު ފަހުގެ ވަގުތުކޮޅެއްގައި ރެސްޓްކޮށްލަން. މިއީ ދިރިއުޅުމުގެ އާދަތަކެއް ކަމަށް ބަލަނީ. ރައްޓެހިންނެއް ނުގުޅާނެ ރޭގަނޑު 10ގެ ފަހުން އަޅުގަނޑަކާ. ވަރަށް ބޮޑުކަމެއް ދިމާވެގެން ނޫނީ 10ގެ ފަހުންނެއް ތިމާގެ މީހުންނެއް ވެސް ނުގުޅާނެ" ހަސަން ވިދާޅުވިއެވެ.

ހަސަން ގަބޫލުކުރައްވާ ގޮތުގައި ގަޑިއަށް ފަރުވާތެރިވުމަކީ އެތައް ކަމެއްގެ ހައްލެވެ. އެކަން އާދަވެއްޖެނަމަ ވަރަށް ގިނަ ކަންކަން ކާމިޔާބު ކުރެވޭނެކަމަށް ހަސަން ގަބޫލުފުޅު ކުރައްވައެވެ.

" އެއީ ހަމައެކަނި އޮފީހަށް އަންނަން ޖެހޭ ގަޑިއަށް އައުމެއް ނޫން. މަސައްކަތްތައް ގަޑިއަށް ނިންމުމަކީ ވެސް ފަރުވާތެރިވުން. ޓާގެޓެއް ކަނޑައަޅައިގެން އެކަން ކުރުން އެއީ ގަޑިއަށް ފަރުވާތެރިވުން. ގަޑިއެއް ކަނޑައަޅައިފި ނަމަ އެ ގަޑިއަކަށް އެ ކަމެއް ވަރަށް ފުރިހަމައަށް ނިމިފައި އޮންނަން އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑުގެ ޓީމަށް ވެސް އެކަން އެނގޭނެ" ހަސަންގެ ވާހަކަފުޅު ތެދެވެ. ހަސަންގެ ޓީމުން އެކަން އެ ދަނީ ދައްކަވަމުންނެވެ. ހަސަންގެ ލާމަސީލު ހަޔާތްޕުޅުން އެކަން އެ ދަނީ ސާބިތު ކޮށްދެއްވަމުންނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރިންސިޕަލުންގެ ތެރޭގައި ހަސަން މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. އެންމެ ކާމިޔާބު ސްކޫލުތަކުގެ ތެރޭގައި ހަސަންގެ ޖަމާލުއްދީން ސްކޫލު ހިމެނޭނެއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ހަސަންގެ އާދަތަކާއި ގެންގުޅުއްވާ އުސޫލުތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *