ލާމަސީލު ލާމު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތަކީ ލ. އަތޮޅު މަދަރުސާގެ އާމިނަތު މާނާ ނާޒިމަށް އެތައް ގޮތަކުން މުހިންމު މުބާރާތަކެވެ. އެއީ ސްކޫލްގެ ހަތަރު ފާރުގެ ތެރެއިން ބޭރުވެ އޭނާގެ ހުނަރު އިންޓަރސްކޫލް ފެންވަރުގައި ދައްކާލަން ލިބުނު ފުރަތަމަ މުބާރާތެވެ.
11 ނަމްބަރު ޖާޒީގައި، ކެޕްޓަން ބޭންޑް އަޅައިގެން ނުކުތީ ތަށި ހޯދުމުގެ ޢަޒުމުގައެވެ. އެއް ރޫހެއްގައި ޓީމުލައްވައި ކުޅުވަމުން، އެންމެ ގިނަ ލަނޑުޖަހައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދީ އޭނާއެވެ. އިދިކޮޅު ޓީމުތައް އެންމެ ޖެހިލުންވީ ގޯލާ ވެސް އޭނާ ރައްޓެހި ކަމުންނެވެ. މުޅި މުބާރާތުގައި 25 ލަނޑު ޖެހިއެވެ. އޭގެ ތެރޭގައި އިސްދޫ ސްކޫލް ކޮޅަށް ޖެހި 17 ލަނޑުގެ ތެރެއިން 10 ލަނޑާއި ފައިނަލުގައި ޙަމަދު ސްކޫލް ކޮޅަށް ޖެހި ހަތް ލަނޑު ހިމެނެއެވެ.
ކުޑައިރު ވެސް މާނާ އުޅުނީ ކުޅިވަރުގެ ތެރޭގައެވެ. އެތްލެޓިކްސްގައި ބައިވެރިވި ނަމަވެސް ޝަޢުޤު ހުންނަނީ ވޮލީއާއި ހޭންޑް ބޯޅައަށެވެ.
މާނާ ބުނީ މަދު ދުވަހެއް ފިޔަވައި ކޮންމެ ދުވަހެއްގެ ހަވީރު ޚާއްޞަ ވެފައި އޮންނަނީ ކުޅިވަރަށެވެ. ހޭންޑް ބޯޅަ އާއި ވޮލީގެ ޕްރެކްޓިސް އަށެވެ.
" އަބަދުވެސް ކުޅިވަރުގެ ތެރޭގައި އުޅެވެނީ ޚާއްޞަކޮށް ވޮލީއާއި ހޭންޑް ބޯޅަ" މާނާ ބުންޏެވެ.

ދިރާސީ އާ އަހަރާއެކު ގުރޭޑް 10ގައި ކިޔަވަން ފަށާ މާނާ ބުނީ، އިންޓަރ ހައުސް މުބާރާތްތަކުން، އަތޮޅު މުބާރާތްތަކުގައި ކުޅެވުމުން ދެން ބޭނުންވަނީ ޤައުމީ ލެވެލްގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާށެވެ. މާނާ ބުނީ ޤައުމީ މުބާރާތުގައި ބައިވެރި ވޮލީޓީމަކުން ފުރުޞަތު ލިބުނު ކަމަށެވެ. އަމިއްލަ ގޮތުން އޯލެވެލް ހަދަން ބޭނުންވާތީ އެ ފުރުޞަތު އޭނާ ދޫކޮށްލީއެވެ.
" ކުޅިވަރުގެ ތެރޭގައި ހިތް އޮންނާތީ ކުޅިވަރުގެ ދާއިރާއާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާން ޝަޢުޤު ހުންނަނީ"
މާނާ ބުނީ ވޮލީއާއި ހޭންޑް ބޯޅައިން ކުރިއަށް ދިއުމަށް މިހާރު ހުރި ހުނަރު ތަރައްޤީ ކުރަން ވާދަވެރި ގިނަ މެޗްތަކެއް ކުޅެން ބޭނުންވާ ކަމަށެވެ. އިންޓަރސްކޫލް މުބާރާތްތަކުގައި ވެސް ކުޅެން އޭނާ ހުރީ ކެތްމަދުވެފައެވެ. ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފަން ހުރީ ނިންމައިގެންނެވެ.
މާނާ އަބަދުވެސް ދެކޭ ހުވަފެނަކީ ވޮލީ ނޫނީ ހޭންޑް ބޯޅަ ޤައުމީ ޓީމުގައި ހިމެނުމެވެ.

" އަބަދުވެސް ދެކޭ ހުވަފެނެއް، ޤައުމީ ޓީމަށް ކުޅުން"
މާނާއަކީ އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާގެ ހުނަރާއި އެކަމަށް އޮތް ޝަޢުޤުން ކުރިމަގުގައި ޤައުމީ ޓީމުން ފެނުމުގެ ފުރުޞަތު ބޮޑެވެ.
މާނާ ވަނީ ގުރޭޑް ނުވައެއްގައި އުޅެމުން ބައޮލޮޖީ ދިވެހި އިނގިރޭސި މާއްދާއިން ސާނަވީ އިންތިޙާން ނިންމާފައެވެ. އިންތިޒާރު ކުރަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ލިބޭ އެ އިމްތިޙާނުގެ ނަތީޖާއަށެވެ.
ކިޔެވުމުގައި މާނާގެ ފޯކަސް ހުރީ ކުޅިވަރާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާށެވެ.
މާނާ ބުނީ ހޭންޑް ބޯޅައައި ވޮލީގައި ވެސް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަންމައާއި ބައްޕަގެ އިތުރުން ކޯޗް ފަޞާޙް ސަރއާއި ސަމްހާޒު ސަރގެ ފަރާތުންނެވެ. އެހެންވެ އެ ފަރާތްތަކަށް އޭނާ ޚާއްޞަ ޝުކުރެއް އަދާކުރިއެވެ.
ކުޅިވަރަށް ހިތް ދެވުނަސް ކުރެހުމަކީ މާނާގެ ހޮބީއެކެވެ. ލިބޭ ހުސްވަގުތު ކުރާ ކަމަކީ ކުރެހުމެވެ. ތަފާތު މަންޒަރު ތަކެވެ.

ކުރެހުމުގެ ހުނަރު މާނާ ދަސްކުރަނީ ޔޫޓިއުބުންނެވެ. ސްކޫލުގައި މުބާރާތްތަކުން ވަނަތައް ލިބެއެވެ. ސްކޫލުގެ ބޭރުން ކުރެހުމުގައި މުބާރާތެއްގައި އަދި ބައިވެރިއެއް ނުވެއެވެ. އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ އޭނާ ހުރީ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ކުރެހުމަކީ އެއީ އެންމެ ކުޑައިރުއްސުރެ އަމިއްލައަށް އޭނާ ތަރައްގީ ކުރި ހުނަރެކެވެ.

advertisment
ހިޔާލު